ނަމާދުގައި، ކީރިތި ޤުރުއާން އިސްފަސްކޮށްގެން ކިޔެވުން















ސުވާލު:
ނަމާދުގައި ކީރިތި ޤުރުއާން ކިޔަވާއިރު، ސޫރަތްތަކާއި އާޔަތްތައް ކިޔަވަން ޖެހޭނީ ކީރިތި ޤުރުއާނުގައިވާ ތަރުތީބުންތޯ އެވެ؟ މިސާލަކަށް، ފުރަތަމަ ރަކުޢަތުގައި ސޫރަތުލްކައުޘަރު ކިޔެވުމަށްފަހު، ދެވަނަ ރަކުޢަތުގައި ކިޔަވަންވާނީ، ފުރަތަމަ ކިޔެވި ސޫރަތަށްވުރެ ފަހަތުގައިވާ ސޫރަތުއްނަޞްރު ފަދަ ސޫރަތެއްތޯ އެވެ؟ އަދި ފުރަތަމަ ރަކުޢަތުގައި، ސޫރަތުލްބަޤަރާ ގެ 50 ވަނަ އާޔަތުން 60 ވަނަ އާޔަތުގެ ނިޔަލަށް ކިޔެވުމަށްފަހު، ދެވަނަ ރަކުޢަތުގައި އެ ސޫރަތުގެ 10 ވަނަ އާޔަތުން ފެށިގެން 20 ވަނަ އާޔަތުގެ ނިޔަލަށް ކިޔެވިދާނެތޯ އެވެ؟
ޖަވާބު:
އިސްފަސްކޮށްގެން ނުވަތަ ތަރުތީބު އޮޅުވާލައިގެން ކިޔެވުމާ ބެހޭ މައްސަލަތަކާބެހޭ ގޮތުން ޢިލްމުވެރިން ވަނީ ވާހަކަދައްކަވާފަ އެވެ. ސުވާލުގައި ހުށަހަޅުއްވާފައިވާ ފަދަ މައްސަލަތައް، އޭގެ ތެރޭގައި ހިމެނެ އެވެ. ތިރީގައި މިވަނީ އޭގެ ތަފުޞީލެވެ.

ކަލިމަތައް އިސްފަސްކުރުން:
މީގެ މިސާލަކީ، (الرَّحْمَنِ الرَّحِيمِ) ގެ ކަލިމަތައް ތަރުތީބު އޮޅުވާލައިގެން ކިޔެވުމެވެ. މިގޮތަށް ކިޔެވުމަކީ، ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ނަމާދުގައި ކީރިތި ޤުރުއާނުގެ އާޔަތެއްގެ ކަލިމަތަކުގެ ތަރުތީބު އޮޅުވާލައިގެން ކިޔަވައިފި މީހާގެ ނަމާދު، ބާޠިލުވާނެ އެވެ. މިއީ، ޢިލްމުވެރިން އިޖުމާޢުވެ ވަޑައިގެންފައިވާ ކަމެކެވެ.

އާޔަތްތައް އިސްފަސްކުރުން
މީގެ މިސާލަކީ، (الرَّحْمَنِ الرَّحِيمِ، مَالِكِ يَوْمِ الدِّينِ) މި ދެ އާޔަތުންކުރެ، ދެވަނަ އާޔަތް ކިޔެވުމަށްފަހު، ފުރަތަމަ އާޔަތް ކިޔެވުމެވެ. މި ގޮތަށް ކިޔެވުމާމެދު ޢިލްމުވެރިންގެ މެދުގައި ދެ ރައުޔެއް ވެއެވެ. އެއީ:
އާޔަތްތައް އިސްފަސްކޮށްގެން ކިޔެވުމަކީ، މަކުރޫހަ ކަމެކެވެ. މިއީ، ޙަންބަލީ މަޛުހަބުގެ ރައުޔެވެ.

1.    އާޔަތްތައް އިސްފަސްކޮށްގެން ކިޔެވުމަކީ، ޙަރާމްކަމެކެވެ. ޞައްޙަ ރައުޔަކީ މިއެވެ. އެހެނީ، ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތަރުތީބަކީ ޢިލްމުވެރިން އިޖުމާޢުވެ ވަޑައިގެންފައިވާ ކަމެކެވެ. އަލްޤާޟީ ވިދާޅުވެފައިވެ އެވެ. "ކީރިތި ޤުރުއާނުގެ އާޔަތްތައް ތަރުތީބުން ކިޔެވުމަކީ، ވާޖިބެކެވެ."
2.      ސޫރަތްތައް އިސްފަސްކުރުން
މީގެ މިސާލަކީ، ފުރަތަމަ ރަކުޢަތުގައި އަލްޙަމްދަށްފަހު ކިޔަވާ ސޫރަތުގެ ކުރީގައިވާ ސޫރަތެއް، ދެވަނަ ރަކުޢަތުގައި އަލްޙަމްދަށްފަހު ކިޔެވުމެވެ. މިގޮތަށް ކިޔެވުމަކީ، ޙަރާމްކަމެއް ނޫނެވެ. ނަމަވެސް، މިގޮތަށް ކިޔެވުމަކީ، މަކުރޫހަ ކަމެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
ސޫރަތްތައް އިސްފަސްކުރުމަކީ، ޙަރާމްކަމެއް ނޫން ކަމުގެ އެއް ދަލީލަކީ، ޞަޙީޙު މުސްލިމުގައި، ޙުޛައިފަތުގެފާނުގެ އަރިހުން ރިވާވެފައިވާ ރިވާޔަތެކެވެ. އެ ރިވާޔަތުގައިވަނީ، "އެއްރެޔަކު، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަމާދުފުޅު ކުރެއްވި އިރު، އަލްބަޤަރާ ސޫރަތް ކިޔަވާވިދާޅުވި އެވެ. ދެން އައްނިސާ ސޫރަތް ކިޔަވާވިދާޅުވި އެވެ. ދެން އާލުޢިމްރާނު ސޫރަތް ކިޔަވާވިދާޅުވި އެވެ." (ކީރިތި ޤުރުއާނުގައި މިތިން ސޫރަތުގެ ތަރުތީބަކީ: (2) އަލްބަޤަރާ، (3) އާލުޢިމްރާން، (4) އައްނިސާ، މިއެވެ.)
އަނެއް ދަލީލަކީ، ސޫރަތްތައް ތަރުތީބާމެދު ޢިލްމުވެރިންގެ ޖުމްހޫރުގެ ރައުޔެވެ. އެ ރައުޔުގައިވަނީ، ކީރިތި ޤުރުއާނުގެ ސޫރަތްތައް ތަރުތީބުކުރައްވާފައި ވަނީ، އިޖުތިހާދުން ކަމަށެވެ. ނަމަވެސް، ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު އައިސްފައިވަނީ، ތައުޤީފުން ކަމަށެވެ. މިހެން ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި، އަލްކަރުމާނީ އާއި އިބްނުއް ނައްޙާސާއި އިބްނުލް އަންބާރީ ހިމެނިވަޑައިގަންނަވަ އެވެ. އިބްނު ޢަޠިއްޔާ ވިދާޅުވަނީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު އައިސްފައިވަނީ، ތައުޤީފުންނާއި އިޖުތިހާދުން ކަމަށެވެ. والله أعلم.

ނޯޓް:
"ތައުޤީފު" މި ލަފުޒު، ދެ މާނައެއްގައި ޢިލްމުވެރިން ބޭނުންކުރައްވަ އެވެ. އެއީ:
1.       ކީރިތި ޤުރުއާނުގެ ނުވަތަ ޠާހިރު ސުންނަތުގެ ދަލީލު.
2.      ޝަރުޢީ ދަލީލު. (ކީރިތި ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނުވަތަ އިޖުމާޢުގެ ނުވަތަ ޤިޔާސުގެ ދަލީލެވެ.)
                    --------------------
ޖަވާބުދެއްވީ: الأستاذة كاملة الكواري
باحثة بوزارة الأوقاف القطرية
އަލްއުސްތާޛާ ކާމިލާ އަލްކައްވާރީ (ޤަޠަރުގެ ވުޒާރަތުލް އައުޤާފުގެ ބާޙިޘާއެއް)
   ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން