ޝައްދާދު ބްނު ޢާދުގެ ސުވަރުގެ



މާތް ﷲ، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ވާހަކަތަކުގެ ތެރެއިން އެއްވާހަކައަކީ، ޢާދުބާގައިގެ މީހުންގެ ވާހަކަ އެވެ. އެމީހުންނަކީ، ޢުމްރާނީ ގޮތުން ކުރިއަރާފައިވާ ބަޔެކެވެ. ތަނބުތަކުގެ މަތީގައި ބޮޑެތި ބިޔަ ޢިމާރާތްތައް ބިނާކޮށް އުޅުނު ބަޔެކެވެ. އެމީހުންގެ ރަސްރަސްކަލުންގެ ތެރެއިން އަނިޔާވެރިކަމާއި ޖައްބާރުކަމަށް އަރާހުރި އެއް ރަސްކަލަކީ، ޝައްދާދެވެ. ޝައްދާދަކީ، ޢާދުގެ ފުތް، އިރަމުގެ ފުތް، ޝައްދާދެވެ. އޭނާގެ ނަން މަޝްހޫރުވެފައިވަނީ، ޝައްދާދު ބްނު ޢާދުގެ ނަމުންނެވެ. މި ޝައްދާދާއި، އޭނާގެ ގައުމަކީ، އިހުގެ ޢާދުބާގައިގެ މީހުން ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެމީހުންނަކީ، ބިޔަ ހަށިތަކެއް ލިބިފައިވާ ބާރުގަދަ ބަޔެކެވެ. ޝައްދާދު ބިނާކުރި ސުވަރުގެއާ ބެހޭ ގޮތުން ވާރިދުވެފައިވާ ރިވާޔަތްތަކުގައިވެ އެވެ.

ޝައްދާދު ބްނު ޢާދު، އޭނާގެ އަމުރުގެ ދަށުގައިވާ ވެރިންގެ ތެރެއިން ޖައްބާރު އެއްހާސް ވެރިންނަށް އެންގި އެވެ. "ސަރާސަރު ތަނަވަސް ބިމެއް ހޯދާށެވެ! އެއީ، ފެން ތިޔާގި، ވައިސާފު، ފަރުބަދަތަކާ ދުރުގައިވާ ބިމަކަށް ވާންޖެހޭނެ އެވެ. އެފަދަ ބިމެއް ހޯދަނީ، އެބިމުގައި ރަނުން ސަހަރެއް ބިނާކުރުމަށްޓަކަ އެވެ."

ދެން އެ އެއްހާސް ވެރިންގެ ތެރެއިން ކޮންމެ ވެރިއަކު، އެއްހާސް ސިފައިންނާއި އެހެނިހެން ތަކެތި ހިފައިގެން ނިކުތެވެ. އެމީހުން އެކިއެކި ބިންތައް ހޯދައި ބަލަމުން ދަނިކޮށް، ޝައްދާދު ހޯދަން އެދުނު ފަދަ ބިމެއް ފެނުނެވެ. އެބިން އޮތީ ޢަދަނު ފަރުބަދައާ ދިމާގަ އެވެ.

ދެން އާކިޓެކްޓުންނާއި، އެންޖިނިއަރުން ލައްވައި، އެމީހުން އެ ތާނގައި ބިނާކުރާނެ ސަހަރެއް، ސުވަރުގޭގެ ސިފައިގައި ޕްލޭންކޮށް، އެ ސަހަރުގެ ޢިމާރާތްތައް ފަރުމާކުރި އެވެ. އެ ސަހަރު ޕްލޭންކުރީ ހަތަރެސްކަނަށެވެ. ފަރާތެއްގެ ދިގުމިނަކީ، ދިހަ ފަރުސަޚެވެ. ހަތަރު ފަރާތުގެ ޖުމުލަ ދިގުމިނަކީ، ސާޅީސް ފަރުސަޚެވެ. (ފަރުސަޚަކީ، ގާތްގަނޑަކަށް، ފަސް ކިލޯމީޓަރެވެ.) އެ ސަހަރު ބިނާކުރުމުގެ މަސައްކަތް ފަށައި، ވަށައިގެން ފާރު ރޭނުމަށްޓަކައި، ވަރަށް ފުންކޮށް ކޮނުނެވެ. މުޅި ސަހަރު ވަށައިގެން ބިނާކުރި ފާރުގެ އުސްމިނަކީ، ބިމުން މައްޗަށް ފަސް ސަތޭކަ މުށެވެ. ފުޅާމިނަކީ، ވިހި މުށެވެ. އެ ފާރުގެ ބިމުން މަތީގައިވާ ބައި ބިނާކޮށްފައިވަނި، ރަތުރަނުން ހަދާފައިވާ ގަލުންނެވެ. ސަހަރުގެ ހަތަރު ފަރާތުގައިވާ ހަތަރު ފާރުންކުރެ ކޮންމެ ފާރެއްގައި މާސިންގާ ބިޔަ، ދޮރާށްޓެއް ވެ އެވެ. ފާރުން އެތެރޭގައި، ތިންސަތޭކަ ފަސްދޮޅަސް ހާސް ގަނޑުވަރު ބިނާކުރި އެވެ. އެއިން ކޮންމެ ގަނޑުވަރެއް އާރާސްތުކޮށްފައިވަނީ، އެއްހާސް ތަނބުގެ މަތީގަ އެވެ. ތަނބުތަކުގެ މަތީގައި ރަނާއި ރިހީގެ ފިލާތައް އަޅައި އޭގެ މަތީގައި ރަނާއި ރިހިން ކޮޓަރިތައް ހެދި އެވެ. އަދި އެ ކޮޓަރިތަކުގެ މަތީގައި ވެސް ކޮޓަރިތައް ހަދައި، ގަނޑުވަރުތައް އުސްކުރި އެވެ. އެ ކޮޓަރިތައް ޒީނަތްތެރިކޮށްފައިވަނީ، ޔާގޫތާއި ޖަވާހިރުންނެވެ.

ދުނިޔެމަތީގައިވާ ސުވަރުގޭގެ ގޮތުގައި، ޝައްދާދު ބިނާކުރި ސަހަރުގެ މަގުތަކުގައި، ރަނުން ހަދާފައިވާ ކޯރުތައް ވި އެވެ. އެ ކޯރުތަކުގެ ތެރޭގައި ޔާގޫތާއި، ޖަވާހިރާއި، ޒަބަރުޖުދާއި، ރަންމުތް ބަހައްޓާފައި ވި އެވެ. އެ ކޯރުތަކުގެ އައްސޭރިތަކުގައި ވިނައާއި ގަސްގަހާގެހި ހަދާފައި ވި އެވެ. އެ ގަސްގަހާގެހީގެ ގަސްގަނޑު ހަދާފައިވަނީ، ރަނުންނެވެ. އޭގެ ފަތްތަކާއި މޭވާތައް ހަދާފައިވަނީ، ޒަބަރުޖުދާއި، ޔާގޫތާއި، ރަންމުތުންނެވެ. އެ ސަހަރުގެ ހަތަރު ފަރާތުންކުރެ ކޮންމެ ފަރާތަކުން ބަލައިލިޔަސް ފަންސަވީސް ހާސް މުންނާރު ފެނެ އެވެ.

ބިނާކުރުމުގެ މަސައްކަތްތައް ނިމުމުން، ފިނިޝިންގގެ މަސައްކަތްތައް ފެށި އެވެ. އެއީ ގަނޑުވަރުތަކުގައި ދޮރުފޮތި ދެމުމާއި، ދޫލައެޅުމާއި، އެކިކަންކަމަށް ބޭނުންވާނެ އާލަތްތައް ބެހެއްޓުން ފަދަ މަސައްކަތްތަކެވެ. ދޮރުފޮތިތަކާއި، ދޫލަތައް ފަދަ ތަކެތި އުފެއްދީ ފަށުވީގެ ބާވަތްތަކުންނެވެ. އެކަމަށްޓަކައި ބަރާބަރު ދިހަ އަހަރު ހޭދަވި އެވެ. ބިނާކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި ތިންސަތޭކަ އަހަރު ހޭދަވި އެވެ. މުޅި ސަހަރުގެ ހުރިހައި ކަމެއް ނިންމުމަށްޓަކައި ފަސް ސަތޭކަ އަހަރު ހޭދަވި އެވެ. މިދުނިޔޭގައިވާ އެންމެ މީރު ކާނާގެ ބާވަތްތައް ވެސް އެރަށުގެ ކާބޯތަކެއްޗާ ބެހޭ ތަންތަނުން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. މީރުވަސްދުވާ ތަކެތީގެ މީރުވަސްތައް ވެސް މުޅި ސަހަރު ތެރެއަށް ވަނީ ފަތުރާލާފަ އެވެ.

އެސަހަރުގެ ނަމަކީ، އިރަމް (إرَم) އެވެ. އެ ސަހަރު އާރާސްތުކޮށް ނިމުމުން، ޝައްދާދު ބްނު ޢާދު، އެރަށަށް ދިއުމަށްޓަކައި ރަސްމީ ޢިއްޒަތާއި ހައިބަތުގައި ނިކުތެވެ. އޭނާ އާ އެކުގައިވާ ޚާދިމުންނާއި، ސިފައިންނާއި، އެހެނިހެން މީހުންގެ އިތުރުން، ފުރާވަރަށް އަރާފައިވާ އެއްމިލިއަން ޖާރިޔާއިން ވެސް ގެންދިޔަ އެވެ. އެ ޖާރިޔާއިންގެ، ބުރުސޫރަ ރިވެތި ހަށިތައް ޒީނަތްތެރިކޮށްފައިވަނީ، އެކި ބާވަތްބާވަތުގެ ގަހަނާތަކާއި ޖަވާހިރުތަކުންނެވެ. އިރަމު ސަހަރުގެ މަލަތައް ފެންނަން ފެށުމުން، ޝައްދާދު ބުނަންފެށި އެވެ. "މަރުވުމަށްފަހު މުއުމިނުންނަށް ދެއްވާނެކަމަށް ރަސޫލާ އެވިދާޅުވާ ސުވަރުގެ، މިދުނިޔެމަތީގައި ތިމަންނާއަށް ލިބުނީތާ އެވެ."

އިރަމު ސަހަރުގެ މައިދޮރާށްޓާ ހަމައަށް ގޮސް، ޝައްދާދު އެ ސަހަރަށް ވަންނަން އުޅުނު ހިނދު، ގަދަ އަޑުފަށްގަނޑެއް އިއްވަވައިލެއްވުމަށް މާތް ﷲ މަލާއިކަތްބޭކަލަކަށް އެންގެވި އެވެ. ދެން އެކަލާނގެ އަމުރުފުޅަށް އެ މަލާއިކަތާ އެ އަޑުފަށްގަނޑު އިއްވަވައިލެއްވި އެވެ. އެހިނދު، މަލަކުލްމައުތު ވަޑައިގެން ޝައްދާދުގެ ފުރާނަ ހިއްޕެވި އެވެ. އޭރު އޭނާގެ އުމުރަކީ ނުވަސަތޭކަ އަހަރެވެ. އޭނާއާއެކުގައިވާ އެންމެންގެ ފުރާތައް ވެސް މަލަކުލްމައުތު ހިއްޕެވިއެވެ. އެހެންކަމުން އެއިން ކޮންމެ މީހަކު މަރުވެގެން ހުރިތަނަށް ވެއްޓުނެވެ. އަދި މާތް ﷲ ގެ އަމުރުފުޅަށް އިރަމު ސަހަރު ވެސް މީސްތަކުންގެ ލޯތަކަށް ނިވާކުރެއްވުނެވެ.

ޝައްދާދު ބްނު ޢާދު ސުވަރުގެއެއްގެ ގޮތުގައި އިރަމު ސަހަރު ބިނާކުރި ސަބަބު ބުނެދޭ ދެ ރިވާޔަތެއް ވެ އެވެ. އެއް ރިވާޔަތުގައިވަނީ، އެއީ އޭނާގެ ގާތަށް މާތްފޮނުއްވި ރަސޫލާއަށް ގޮންޖަހާލުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަނެއް ރިވާޔަތުގައިވަނީ، އެއީ އޭނާ ފޮތްފޮތް މުޠާލިޢާކޮށްގެން ސުވަރުގޭގެ ސިފަތައް ހޯދުމަށްފަހު، ދުނިޔެމަތީގައި ސުވަރުގެއެއް ބިނާކުރުމަށްޓަކައި ކުރި ކަމެއް ކަމަށެވެ.

މާތް ﷲ، ޝައްދާދު ބްނު ޢާދުގެ ސުވަރުގެ ހަލާކުކުރެއްވި ވާހަކައަކީ، ދުނިޔެމަތީގައި ސުވަރުގެ ހަދަން އުޅޭ ކޮންމެ ޖައްބާރަކަށް އޮތް ޢިބްރަތްތެރި ދަރުސެކެވެ.
               ---------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން