މިފަނާވަނިވި ދުނިޔޭގައި އިންސާނާއަށް
ކުރިމަތިވާ މުދާވެރި ކަމަކީ މަތިވެރި ﷲ އެ އިންސާނާއާއި ކުރިމަތި ކުރައްވާ ވަރަށްބޮޑު
އިމްތިޙާނެކެވެ. އެ މުދާ ވެރިކަން އެ އިންސާނާ ހޯދާ ގޮތާއި އަދި އެ މުދާ ވެރިކަން އެ
އިންސާނާ ބޭނުން ކުރާ ގޮތުގައެވެ. ފަހެ، މިދުނިޔޭގައި އެ އިންސާނާ ހޯދައި ލިބިގަންނަ
މުދާވެރި ކަމަކީ އޭނާއަށް ކުރިމަތިވާ ބޮޑު ގިލަންވެރި ކަމެއްގެ ގޮތުގައިވެސް ދުނިޔެވަނީ
ތަޖުރިބާކޮށްފައެވެ.
އިންސާނާއަށް މިކަން މެދުވެރިވުމުގެ ގިނަ ސަބަބުތަކެއް
ޢިލްމުވެރިން ހާމަ ކުރައްވައި ބަޔާން ކުރައްވާފައި ވެއެވެ. އޭގެ އެންމެބޮޑު ސަބަބަކީ
އެ މުދާ ހޯދައި ލިބިގަންނަ ގޮތުގެ ނުބައި ކަމާއި ފާފަވެރި ކަމުގެ ބޮޑު ކަމުގެ އިތުރަށް
އެމުދާވެރި ކަމުގެ ބޮޑާކަން އޭނާގެ ހިތަށް ވަދެ މަތިވެރި ﷲގެ މަތިން އެ އިންސާނާ ހަނދުމަ
ނެތި އެމަތިވެރި ފަރާތްޕުޅުގެ އަޅުތަކުންގެ މެދުގައި ފަސާދަ އުފައްދަމުން ދިޔުމެވެ.
މުދައު ވެރިކަމަކީ ނުބައިކަމާއި ފާފަ ވެރިކަމުގެ ތެރެއިން އިންސާނާ ލިބިގަންނަން ޖެހޭ އެއްޗެއް ނޫނެވެ. އަދި ކިޔެއްހެއްޔެވެ. މުދައު ވެރިކަން ލިބިގަތުން އޮތީ ޙަލާލު ކުރެއްވި މަގުންނެވެ.
މަތިވެރި މާތް ﷲގެ ވަޙީ ބަސްފުޅުގައި ވެއެވެ.
"وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ"
"އަދި ރަނގަޅު ތަކެތި އެއުރެންނަށް
ޙަލާލު ކުރައްވަތެވެ. އަދި ނުބައިވެގެން ވާތަކެތި އެއުރެންނަށް ޙަރާމް ކުރައްވަތެވެ."
ފަހެ، އިންސާނާ އެ މުދާ ހޯދައި ލިބިގަންނަ ގޮތުގެ ނުބައި ކަމާއި ފާފަވެރި ކަމުގެ ބޮޑުކަމާ އެކު އެ މުދަލުގެ ދަހިވެތި ކަމާއި ބޮޑާކަން އޭނާގެ ހިތަށް ވަދެ މަތިވެރި ﷲގެ މަތިން އެ އިންސާނާ ހަނދުމަ ނެތި އެކަލާނގެ އަޅުތަކުންގެ މެދުގައި ފަސާދަ އުފައްދަމުން ދިޔުމުގެ ނަތީޖާއަކަށް ވާނީ އެ މުދައުވެރިކަން އޭނާގެ ކިބައިން ބީވެ، ހަލާކުގެ ތެރެއަށް އެ އިންސާނާ ވެއްޓިގެން ދިޔުމެވެ.
މަތިވެރި ﷲގެ ވަޙީ ބަސްފުޅުގައި ވެއެވެ.
"أَوَلَمْ يَعْلَمْ أَنَّ اللَّهَ قَدْ أَهْلَكَ مِن قَبْلِهِ مِنَ الْقُرُونِ مَنْ هُوَ أَشَدُّ مِنْهُ قُوَّةً وَأَكْثَرُ جَمْعًا ۚ وَلَا يُسْأَلُ عَن ذُنُوبِهِمُ الْمُجْرِمُونَ"
''ހަމަކަށަވަރުން،
އޭނާގެ ކުރިން އިސްވެ
ދިޔަ ޖީލުތަކުން އޭނާއަށް ވުރެ މާވަރުގަދަ އަދި މުދާ ގިނަ މީހުން ﷲ ހަލާކުކުރެއްވި ކަން އޭނާއަށް ނޭގެނީ ހެއްޔެވެ؟ އަދި ކުށްވެރީންނަކަށް ، އެއުރެންގެ ފާފަތަކާ
މެދު ސުވާލެއް ނުކުރައްވާނެތެވެ."
ހަމަ މިހެންމެ، މަތިވެރި ﷲ ވަޙީކުރެއްވި އެހެން ބަސްފުޅެއްގައި ވެއެވެ.
"فَخَسَفْنَا بِهِ وَبِدَارِهِ الْأَرْضَ فَمَا كَانَ لَهُ مِن فِئَةٍ يَنصُرُونَهُ مِن دُونِ اللَّهِ وَمَا كَانَ مِنَ الْمُنتَصِرِينَ"
"ފަހެ، ތިމަން ރަސްކަލާނގެ އޭނާއާއި އޭނާގެ ޚަޒާނާތަކާއި
ގެއާ އެކުގައި، ބިންގަނޑު
ގަންބަވައި ގެންނެވީމެވެ. ފަހެ، ﷲ އާ ދެކޮޅަށް އޭނާއަށް ނަޞްރު ދޭނޭ އެއްވެސް ބައެއް ނުވިއެވެ. އަދި ނަޞްރު
ލިބޭނޭ މީހުންގެ ތެރެއިން ވެސް އޭނާ ނުވިއެވެ."
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ.
ދުނިޔެއަށް އިންސާނާ ފޮނުއްވީ
އޭނާ ހިތަށްއެރި ކަމެއް ހިތަށް އެރި ވަގުތެއްގައި ކޮށް ޙައްގުގެ މަގު ފަހަނަޅައި ބާޠިލްގެ
މަގުން ދަތުރު ކުރުމަކަށް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ. ނުބައި ކަމާއި ފާފަވެރިކަމުގެ
ތެރެއިން މުދައު އެއްކޮށް އެމުދަލުގެ އަވާގައި މަތިވެރި ﷲގެ އަޅުތަކުން ޖައްސައި އެބައިމީހުން
ހަލާކުގެ ތެރެއަށް ވައްޓާލުމަކަށް ވެސް ނޫންކަން ހަނދުމަ ކުރުން ހުއްޓެވެ. މިހެންމެ
އެ މުދަލުގެ ބޮޑާކަމާއި މަސްތުގައި ޣާފިލުވެ މަތިވެރިﷲގެ ވަޙީބަސްފުޅު ތަކަށް ގޮންޖަހައި
ތަނުގައި ފަސާދަ އުފެއްދުމުގެ ނަތީޖާއަކަށް ވާނީ ގާރޫނުގެ ނިމި ދިޔުން ފަދަ ޢިބުރަތްތެރި
ނިމުމަކަށް ނޫނީ ނުވާހުއްޓެވެ. ފަހެ، ވިސްނައި ފިކުރުކުރާ ބަޔަކަށް އެކަމުން ޢިބްރަތް
ލިބުން ހުއްޓެވެ.
---------------------
ޢަބްދުﷲ ޙަސަން
ހުޅުދުމައިގެ
16 އޮކްޓޫބަރ 2021މ.