ގ. ނޫމަރާގޭ (ފަހުން ގ. ހެލެގެލި) ޞާހިބުއްސަޢާދާ އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއަކީ ހިތްޕުޅު ހެޔޮ މަޑުމައިތިރި މިޒާޖުފުޅުގެ ބޭފުޅެކެވެ. އެއްޗެއް އޮޅުންފިލުވަން ބައްދަލުކޮށްލަން އެދުނު ކޮންމެ ފަހަރަކު ކޮންމެ އިރަކު ފައިންޕުޅު ދައްކަވާ ބޭފުޅެކެވެ. އަދި އޭނާއަށް އެނގިވަޑައިގަންނަވާ ކޮންމެ އެއްޗެއް ވިދާޅުވެދެއްވައެވެ. މިއީ އަޅުގަނޑަށް ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ. އަދި އަޅުގަނޑު އަހާގޮތުގައި، ސަރުކާރުގެ ދަތުރުފުޅުތަކުގައި ބޭރަށްވަޑައިގެންފައި އެނބުރިވަޑައިގެން ބާކީ ހުރި ފައިސާ އޮފީހަށް ދެއްވައެވެ.
އެމަނިކުފާނަކީ
ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ރީތި ނަމޫނާއެކެވެ. އާދެ، މާތް ބައްޕައެއްގެ އެފަދަ
މާތް ދަރިކަލެކެވެ.
މަތިފުށް
ގ. ނޫމަރާގޭ (އިހުގައި
ނޫމަރާގަނޑުވަރު) ޢަބްދުއްސައްތާރު މޫސާ ދީދީގެ ބައްޕާފުޅަކީ: ހެންވޭރުގޭ ޙަސަން ހަކުރާ
މަނިކުފާނު، އެއްގަމުގޭ ޙަސަން ފާމުލަދޭރި ކިލެގެފާނުގެ ދޮން ދީދީއާ ކައިވެނި ބައްލަވައިގެން
ލިބިވަޑައިގަތް ހެންވޭރުގޭ މުޙައްމަދު ދީދީ (މުޙައްމަދު ޢަބްދުއްޞަމަދު ދީދީ)، އިބްރާހީމް
ނޫރައްދީނު ރަދުންގެ އާގަނޑުވަރު ދޮށީ ގޮމަޔާ ޙާޖީ ޢިމާދުއްދީނު ރަދުން ކައިވެނިފުޅު
ބައްލަވައިގެން ލިބިވަޑައިގަތް ގޮމަފުޅާ (ޢާއިޝާ) ކައިވެނިފުޅު ބައްލަވައިގެން ލިބިވަޑައިގަތް
އައްނަބީލު މޫސާ މުޙައްމަދު ދީދީ (އަލިރަސްގެފާނު ގަނޑުވަރު މަނިއްޕުޅު) އެވެ. އަލި
ރަސްގެފާނު ގަނޑުވަރަކީ މއ. އިރުމަތީގެއެވެ. މިއީ އިސްދޫ އަލިރަސްގެފާނުގެ ގަނޑުވަރެވެ.
ހެންވޭރުގޭ މުޙައްމަދު ދީދީއާއި ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާ/ މިއީ އެއްބަނޑު
ވަކިބަފާ ދެ ބޭފުޅުންނެވެ.
ޢަބްދުއްސައްތާރު
މޫސާ ދީދީގެ މަންމާފުޅަކީ: އިބްރާހީމް ނޫރައްދީނު ރަދުން، ހެންވޭރުގޭ ޙަސަން ހަކުރާ
މަނިކުފާނުގެ ޅަ ދީދީ (ޚަދީޖާ ދީދީ) އާ ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަތް މާރަންދޫ
ގަނޑުވަރު ދޮށީ މަނިއްޕުޅު (އަލްއަމީރު ޢަލީ)، އައްސައްޔިދު އިބްރާހީމް ދޮށީކަލޭގެފާނުގެ
ސައްޔިދުކިލެގެފާނު (ސައްޔިދު މޫސާފާމުދޭރި ކިލެގެފާނު) ގެ ދޮށީ ސިއްތިޔާ ކުރެއްވި
ކައިވެނިފުޅުން ލިބިވަޑައިގަތް މާރަންދޫގަނޑުވަރު ދޮށީ ގޮމާއެވެ.
އައްނަބީލު މޫސާ
މުޙައްމަދު ދީދީގެ ދުނިޔޭގައި ތިއްބެވީ 2 ދަރިކަލުންނާއި 4 ދަރިކަނބަލުންނެވެ. ޢަބްދުއްސައްތާރު
މޫސާ ދީދީއަކީ ދޮށީ ތަރުތީބުން ދެވަނައެވެ. އަންނަބީލު މޫސާ މުޙައްމަދު ދީދީގެ ބޭފުޅުންގެ
ތެރެއިން އެންމެ ދޮށިފުޅީ ސަޢީދާ މޫސާ ދީދީ އެވެ. މިއީ ކުރީގެ ސަފީރު އައްނަބީލު ޙުސައިން
ޢަލީ ދީދީގެ އަނބިކަނބަލުންނެވެ. ސަޢީދާއަށްވުރެ ކުރިން 3 ބޭފުޅުން ލިބިވަޑައިގަތެވެ.
އެއީ ޢަބްދުﷲ މޫސާ ދީދީއާ ފާޠިމަތު މޫސާ ދީދީއާ ޢަބްދުލް ޖަލީލު މޫސާ ދީދީއެވެ. މި
ބޭފުޅުން ތުއްޕުޅުއިރު އަވަހާރަވީއެވެ. އަދި ސަޢީދާގެ ފަހުން ވެސް 2 ދަރިކަނބަލުން
ލިބިވަޑައިގެން ތުއްޕުޅުއިރު އަވަހާރަވީއެވެ. އެއީ ޢާއިޝަތު މޫސާ ދީދީއާއި ޚަދީޖާ މޫސާ
ދީދީއެވެ. މި ދެ ބޭފުޅުން ރައްކާވީ ލަކަނޫގައެވެ.
ޢަބްދުއްސައްތާރުގެ
ބައްޕާފުޅު އައްނަބީލު މޫސާ މުޙައްމަދު ދީދީއަކީ އިންޑިޔާގެ ލަކަނޫއަށް ވަޑައިގެން
ކިޔަވައި ވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ. ލަކަނޫއަށް ވަޑައިގަތީ ޤާނޫނު އަސާސީ ފާސްވުމުގެ
ފަސްވަރަކަށް އަހަރު ކުރިންނެވެ. އުރުދޫ ބަސް ރަނގަޅަށް ދެނެވަޑައިގަނެއެވެ. ރާއްޖޭގެ
ދުސްތޫރީ ސަރުކާރު ވަޒީރުލްމަޢާރިފްގެ ނާއިބު ކަމާއި އަދި ފަހުން މަދުރަސަތުއް ސަނިއްޔާގެ
ނާޒިރުކަން ކުރެއްވިއެވެ.
ކިޔަވައި
ވިދާޅުވުން
ތުއްޕުޅު ޢަބްދުއްސައްތާރު
ގޭތެރޭގެ އުނގެނިވަޑައިގަތުމާއި މަންމާފުޅާއި ބައްޕާފުޅުގެ ހެޔޮ ތަރުބިއްޔަތަށްފަހު
ކިޔަވައި ވިދާޅުވުމަށް ވަދެވަޑައިގަތީ އޭރުގެ މަދުރަސަތުއް ސަނިއްޔާއަށެވެ. ސަނިއްޔާގައި
ދެތިން ހަތަރު އަހަރު އުޅުއްވިއެވެ. އޭގެ ފަހުން އެއިރުގެ ސަރުކާރުން އަލްއަމީރު މުޙައްމަދު
އަމީން ދޮށިމޭނާ ކިލެގެފާނު ސިލޯނަށް ކިޔަވަން ފޮނުއްވި ކުދީންގެ ތެރޭގައި ޢަބްދުއްސައްތާރު
ވެސް ފޮނުއްވިއެވެ. މާލެއިން ސިލޯނަށް ފުރައިވަޑައިގަތީ 1947 ވަނަ އަހަރުގެ ސެޕްޓެންބަރު
މަހުން 16 ވަނަ ދުވަހު ސަރުކާރުގެ އިސްކޫނަރު ފަތުޙުލްބާރީންނެވެ. ބޯޓު ފުރީ އެ ދުވަހުގެ
ފަތިހު 5:30 ގައެވެ. މި ބޯޓުން އެއިރުގެ ވަޒީރުއްދާޚިލިއްޔާ އައްނަބީލު މުޙައްމަދު
އަމީނާ އަދިވެސް ބައެއް ބޭފުޅުން ވަޑައިގަތެވެ. އަދި މިޞުރުގައި ދީނީ ތަޢުލީމު ހޯދުމަށް
މިޞުރަށް ފޮނުއްވުމަށް ސިލޯނަށް ފޮނުއްވި މއ. ކާމިނީގޭ ޢަބްދުﷲ މައުމޫނާއި މ. ފިނިވާގޭ
ޙާމިދު ޙަމީދު ފަހުމީއާއި، މ. ހަޒާރުމާގޭ ޢަބްދުﷲ ވަޖީހާއި، ހއ. ހޯރަފުށީ އާދަމް ސަލީމާއި،
ފ. ފީއަލީ ޒަކަރިއްޔާ ޙަމީދުވެސް ސިލޯނަށް ފޮނުއްވީ
މި ބޯޓުންނެވެ. ނަމަވެސް މި ކުދީންގެ ތެރެއިން ޢަބްދުﷲ ވަޖީހާއި އާދަމް ސަލީމާއި ޒަކަރިއްޔާ
ޙަމީދު މިޞުރަށް ނުފޮނުއްވައެވެ.
ޢަބްދުއްސައްތާރު
މޫސާ ދީދީ ކިޔަވައި ވިދާޅުވުމަށް ވަދެވަޑައިގަތީ ސިލޯނުގެ ކޮޅުނބުގައި ހުންނަ ސެންޓް
ޕީޓާރސް ކޮލެޖަށެވެ. ކޮލެޖުގައި 9 އަހަރު ނުވަތަ 10 އަހަރު އުޅުއްވުމަށް ފަހު ކޮލެޖުން
ވަކިވެވަޑައިގަތީ ފޯރމް (ގްރޭޑް) 10 ގައި ކިޔަވައި ވިދާޅުވުމަށް ފަހު އެއިރު ސިލޯނުގައި
ދޭ އެސް.އެސް.ސީ. (މިހާރުގެ އޯ. ލެވެލް) ހައްދަވާފައެވެ. އޭ. ލެވެލް ނަހައްދަވައެވެ.
ސަރުކާރުގެ
ޚިދުމަތުގައި
އެއިރު ސިލޯނުގައި
ކިޔަވަން ތިބި ކުދިންނަށް ބޭނުންވަރަކަށް ކިޔަވަން ތިބެވޭނެ ގޮތެއް ނުވެއެވެ. ސަބަބަކީ
ސަރުކާރުގެ އެކި ކަންކަމަށް – ޚާއްޞަކޮށް އިނގިރޭސި ދަންނަން ޖެހޭ ދާއިރާތަކަށް – ބޭނުން
މީހުން މަދުކަމުން ސަރުކާރުން ހައްދަވާގޮތަކީ ވަކި ވަރަކަށް ކިޔެވުމުން އެ ކުދީން ސަރުކާރުގެ
އެކި ކަންކަމަށް ލައްވަނީއެވެ.
ޢަބްދުއްސައްތާރު
މޫސާ ދީދީ ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ކޮޅުނބުގައި ހުންނަ ދިވެހި ދައުލަތުގެ
ރެޕްރެޒެންޓެޓިވް އޮފީހުގެ ސެކެއްޓެރީ ކަމެވެ. މިއީ މަޙުކަމަތުލް ޚާރިޖިއްޔާގެ ވަޒީފާއެކެވެ.
މި ވަޒީފާ ދެއްވީ 1957 ފެބްރުވަރީ 5 ގައެވެ. އެ ހިސާބުން ފެށިގެން މެދު ކެނޑުމެއް ނެތި
35 އަހަރު ސަރުކާރުގެ މަތީ މަޤާމުތަކުގައި އުޅުއްވިއެވެ. ގިނައިން އުޅުއްވީ ޚާރިޖީ
ދާއިރާގައެވެ.
ސިލޯނުގައި ހުންނަ
ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވަކަށް އެމަނިކުފާނު ހަމަޖެއްސެވީ 1960 ވަނަ އަހަރު
އޮގަސްޓް މަހު 18 ގައެވެ. އިނގިރޭސި ޙިމާޔަތުން ރާއްޖެ މިނިވަންވީއިރު އެމަނިކުފާނު
ހުންނެވި އެ މަޤާމުގައެވެ. އެހެންކަމުން ރާއްޖޭގެ ފުރަތަމަ ސަފީރު (އެމްބެސެޑަރު) އަކީ
ވެސް އެމަނިކުފާނެވެ. ސަފީރަކަށް ހުންނަވަނިކޮށް އދ. ގައި ހުންނަވާ ދާއިމީ ވަކީލަކަށް
ހަމަޖެއްސެވިއެވެ. އެއީ 1967 ސެޕްޓެންބަރު 11 ގައެވެ. މި މަޤާމުގައި 3 އަހަރު ހުންނެވިއެވެ.
މިނިސްޓަރ އޮފް
ހެލްތު އެންޑް ވެލްފެޔަރގެ މަޤާމުގައި ހުންނަވައިފައި އެމަޤާމުން ވަކިވެޑައިގަތީއެވެ.
1992 ފެބްރުވަރީ 5 ވަނަ ދުވަހުން ފެށިގެން ހުންނެވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި
ޢިއްޒަތްތެރިއެއްގެ ގޮތުގައެވެ.
އޮނަރަބްލް އަލްފާޟިލް
ޢަބްދުއްސައްތާރު މޫސާ ދީދީ އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަން
ބެންކޮކަށް ވަޑައިގެން އެތާނގެ ގޮންމޮންގުރާޑް ހޮސްޕިޓަލުން ފަރުވާ ހޯއްދަވަނިކޮށް
2015 ނޮވެންބަރު 27 ވަނަ ދުވަހުގެ ރޭ މާލޭ ގަޑިން 9 ޖަހައި ކޮންމެ ވެސް ވަރެއްގައެވެ.
އެތާނގެ ގަޑިން 11 ޖަހައި ކޮންމެ ވެސް ވަރެއްގައެވެ. އޭގެ ކުރިން އެމަނިކުފާނު ހުންނެވީ
ހިތްޕުޅުގެ އޮޕަރޭޝަނެއް ކުރައްވައިފައެވެ. ފަސްދާނުލީ 28 ވަނަ ދުވަހުގެ ރޭ 12 ގެ ފަހުގެ
ވަގުތެއްގައެވެ. އަވަހާރަވީއިރު އަނބިކަނބަލުންނާ ދެ ބޭފުޅުން އަރިހުގައި ތިއްބެވިއެވެ.
އެއީ ޝާހިރާއި ޝަހާމާއެވެ. އަދި ތިމާގެފުޅު ބައެއް ބޭފުޅުންވެސް ތިއްބެވިއެވެ.
ޢަބްދުއްސައްތާރު
މޫސާ ދީދީ ރައްކާވީ 1355 ވަނަ އަހަރު ރަބީޢުލް އައްވަލު މަހު 12 ގައެވެ. އެއީ މީލާދުން
1936 ޖޫން 18 އެވެ. ގ. ނޫމަރާ ގޭގައެވެ.
އޮނަރަބްލް ޢަބްދުއްސައްތާރު
މޫސާ ދީދީ ކުރެއްވީ އެންމެ ކައިވެނިފުޅެކެވެ. އެއީ މާރަންދޫ ގަނޑުވަރު ތުއްތު މަނިއްޕުޅު
(އަލްއަމީރު މުޙައްމަދު އިސްމާޢީލް)، ސައްޔިދުކިލެގެފާނުގެ ތުއްތުދޮން ސިއްތިއާ ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަތް
ތުއްތު ގޮމާ (އަލްއަމީރާ ފާޠިމަތު އިސްމާޢީލް)އާ އެއްގަމުގޭ ސުމުއްވުލް އަމީރު (ފަހުން
ޞާޙިބުއްރިފުޢާ) އިބްރާހީމް ފާމުލަދޭރިކިލެގެފާނު ކުރެއްވި ކައިވެނިފުޅުން ލިބިވަޑައިގަތް
އައްނަބީލާ ޢާއިޝަތު އިބްރާހީމް ދީދީ (ތުއްތު ދޮން ސިއްތި) އާ ޢަބްދުއްސައްތާރު މޫސާ
ދީދީ ކުރެއްވި ކައިވެނިފުޅެވެ. އެ ދެ ކަނބަލުންގެ ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ
ދެ ދަރިކަނބަލުންނާ ދަރިކަލެކެވެ. ދޮށީ ތަރުތީބުން އެއީ: ޞަފީނާޒް ޢަބްދުއްސައްތާރު،
މުޙައްމަދު ޝާހިރު ޢަބްދުއްސައްތާރު، ޝަހާމާ ޢަބްދުއްސައްތާރެވެ. އަންނަބީލާ ޢާއިޝަތު
އިބްރާހީމް ދީދީއަކީ ވެއްލޫރުގެ ކްރިސްޓިއަން މެޑިކަލް ކޮލެޖުން ކިޔަވައިވިދާޅުވެގެން
ހުންނެވި ނަރުހެކެވެ.
ތިރީގައި އެވަނީ
އޮނަރަބްލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާ ދީދީއަށް ލިބިވަޑައިގެންފައިވާ ޢިއްޒަތާއި
ފުރުއްވި މުހިންމު މަޤާމުތަކެވެ.
· ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ދެއްވީ 1975 މާރިޗު 10 ގައެވެ. މި މަޤާމުގައި
ހުންނެވީ 1977 ޖަނަވަރީ 6 އާ ހަމައަށެވެ.
· ހަތްދޮށުކޮލީގެ ފާމުލަދޭރިކަމުގެ ކޮލިލެއްވީ 1975 އެޕްރީލް 21 ވަނަ ހެނދުނު 8
ޖެހިއިރުއެވެ.
· 1970 ޖުލައި 27 ގައި މިނިސްޓަރ އޮފް ފިނޭންސްގެ ބަދަލުގައި މިނިސްޓްރީ
އޮފް ފިނޭންސް ހިންގެވުމާ ޙަވާލުކުރެއްވިއެވެ.
· 1970 އޮކްޓޯބަރު 29 އިން 1975 މާރިޗު 10 އަށް ހުންނެވީ މިނިސްޓަރ އޮފް
ފިނޭންސް ކަމުގައެވެ.
· ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމަށް ބަދަލުކުރެއްވީ
1977 ޖަނަވަރީ 6 ވަނަ ދުވަހުއެވެ.
· އ.ދ. ގެ 51 ވަނަ ޢާއްމު ޖަލްސާގައި ދިވެހިރާއްޖެއިން ބައިވެރިވި ވަފުދުގެ ވައިސް
ޗެއަރމަންއަކީ އެމަނިކުފާނެވެ. އެއީ 1996 ވަނަ އަހަރުއެވެ.
· "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން" (ނ.ޢ.ޢ.ވ.)
– މި ޢިއްޒަތުގެ ލަޤަބު ރައީސް މުޙައްމަދު ނަޝީދު ދެއްވީ 2011 ޖުލައި 26 ދުވަހުގެ ރެއެވެ.
އަލްފާޟިލު ޢަބުދުއްސައްތާރު މޫސާދީދީއާ ތިމާގެފުޅު ބޭފުޅުން ޕާކިސްތާނުގެ ކަރާޗީގައި އެބަތިއްބެވިއެވެ. އެއީ މާރަންދޫ ގަނޑުވަރު ދޮށީ މަނިއްޕުޅާއި މާރަންދޫ ގަނޑުވަރު ތުއްތުމަނިއްޕުޅު (އަލްއަމީރު މުޙައްމަދު އިސްމާޢީލު)ގެ ބޭފުޅުންނެވެ. މާރަންދޫ ގަނޑުވަރު ދެ މަނިއްޕުޅު ފަހުން ދިރިއުޅުއްވީ އިންޑިޔާގެ ލަކަނޫގައެވެ. މި ދެބޭފުޅުން އަވަހާރަވީވެސް އެ ތާނގައެވެ. އިންޑިޔާ ދެބައިވެ ޕާކިސްތާނު އުފެދުމުން އެ ދެބޭފުޅުންގެ ބޭފުޅުން ލަކަނޫއިން ކަރާޗީއަށް ބަދަލުވެވަޑައިގެން ޕާކިސްތާނުގެ ރައްޔިތުންނަށް ވެވަޑައިގަތީއެވެ.
މާރަންދޫގަނޑުވަރު
ދޮށީ މަނިއްޕުޅުގެ ތިން ދަރިކަލުން ދިރިއުޅުއްވީ ލަކަނޫގައެވެ. އެއީ ޢަބުއްދުއްސައްތާރާއި
ޢަބުދުއްރަޙުމާނާއި ޢަބުދުލް ޢަޒީޒެވެ. އަންނަބީލު ޢަބުދުއްސައްތާރު ވަނީ ލަކަނޫ ޔުނިވަރުސިޓީއިން
ބީ. އެސް. އީ ގެ ޑިގުރީ ނަންގަވައިފައެވެ. އެއީ 1942 ނުވަތަ 1943 ހައި ތާނގައެވެ. ޢަބުދުއްސައްތާރުގެ
ތިއްބެވީ ދެ ދަރިކަލުންނާއި ދަރިކަނބަލެކެވެ. ޚާލިދާއި ޝާހިދާއި ނާހީދެވެ. ޚާލިދަކީ
އިސްލާމު އާބާދުގައިހުންނަ ފަރަންސޭސި އެޓާޗީގެ މަޤާމު ފުރުއްވި ބޭފުޅެކެވެ. އަދި ފަހުން
ހުންނެވީ ޕާކިސްތާނުގެ ރައީސް ޖެނެރަލް ޟިޔާއުލް ޙައްޤުގެ ޚާއްޞަ ޕައިލެޓަކަށެވެ. ޝާހިދު
އުޅުއްވަނީ، އެމެރިކާގައެވެ. ދަރިކަނބަލުން ނާހީދުގެ ވާހަކަ އަލްއުސްތާޛު އިބުރާހީމު
ޝިހާބު ތަރުޖަމާކުރެއްވި "އަންވަރު" ވާހަކައިގެ މުޤައްދިމާގައިވެއެވެ. ޢަބުދުލްޢަޒީޒުގެ
ތިއްބެވީ ދަރިކަލަކާއި ދަރިކަނބަލެކެވެ. ދަރިކަލުން ޙަސަން ދިވެއްސަކާ ކައިވެނި ބައްލަވައިގެން
ދިރިއުޅުއްވަނީ މާލޭގައެވެ. ޢަބުދުއްރަޙުމާނުގެ ބޭފުޅަކު ނެތެވެ.
މާރަންދޫގަނޑުވަރު
ތުއްތު މަނިއްޕުޅު ފުރަތަމަ ކައިވެނި ބެއްލެވީ ސައްޔިދުކިލެގެފާނުގެ ތުއްތު ދޮން ސިއްތިއާއެވެ.
ލިބިވަޑައިގަތީ ނޫމަރާގަނޑުވަރު ތުއްތު ގޮމަ (އަންނަބީލާ ފާޠިމަތު އިސްމާޢީލް) އެވެ.
މިއީ އަންނަބީލާ ޢާއިޝަތު އިބުރާހީމު ދީދީ ( ތުއްތު ދޮން ސިއްތި) ގެ މަންމާފުޅެވެ.
އަދި އަލްފާޟިލާ ފާޠިމަތު ޢަބުދުލް ވައްހާބު (ތުއްތު ދޮން ސިއްތި)ގެ ދޮންމަންމާފުޅެވެ.
ދެން ތުއްތުމަނިއްޕުޅު ކައިވެނި ބެއްލެވީ އަތިރީގެ އިބުރާހީމު ދޮށިމޭނާކިލެގެފާނުގެ
ހަގު ދަރިކަނބަލުން އަންނަބީލާ އާމިނާ ދީދީއާއެވެ. މިއީ އާމިނާ ދީދީގެ ދެ ވަނަ ކައިވެނިފުޅެވެ.
މި ދެކަނބަލުންނަށް ދަރިކަނބަލަކު ލިބިވަޑައިގެން ތުއްޕުޅު އިރު އަވަހާރަ ވީއެވެ.
ތުއްތުމަނިއްޕުޅު އަނބިކަނބަލުންނާއެކު ލަކަނޫއަށް ހިޖުރަކުރައްވައި އެތާގައި ދިރިއުޅުއްވަން ފެށްޓެވީއެވެ. އަނބިކަނބަލުން އާމިނާދީދީ އަވަހާރަވީ ލަކަނޫގައެވެ. ތިންވަނައަށް ތުއްތު މަނިއްޕުޅު ކައިވެނި ބެއްލެވީ ލަކަނޫ ބެއިކަނބަލަކާއެވެ. ލިބިވަޑައިގަތީ ޒަކިއްޔާ، ރަޟިއްޔާ، ޡަފަރު- މި ތިންބޭފުޅުންނެވެ. ޕާކިސްތާނު އުފެދުމުން ތިން ދަރިކަނބަލުން މި ބޭފުޅުންގެ ބޮޑުބޭބޭފުޅު އަންނަބީލު ޢަބުދުއްސައްތާރުގެ އަރިހަށް ކަރާޗީއަށް ބަދަލުވެވަޑައިގަތީއެވެ. ޡަފަރާއި އަދި މި ބޭފުޅުންގެ މަންމަ ލަކަނޫގައި ތިއްބެވީއެވެ.
އަލްއަމީރު މާރަންދޫ
ގަނޑުވަރު ތުއްތު މަނިއްޕުޅު، މާބަނޑު އަންހެނުންނާ ބެހޭ ފޮތެއް
ލިއުއްވައި ޗާޕުކުރެއްވިއެވެ. އެ ފޮތް ރާއްޖޭގައި އިހުގައި ގެންގުޅުނެވެ. މާރަންދޫގަނޑުވަރު
ދެ މަނިއްޕުޅަކީ، އައްސުލްޠާނު އިބުރާހީމު ނޫރައްދީނުގެ ދެ ބޭފުޅުންނެވެ.
ކީރިތި ﷲ އަލްފާޟިލް
ޢަބްދުއްސައްތާރު މޫސާ ދީދީގެ ފުރާނަފުޅަށް ހެޔޮރަޙުމަތް ލައްވާނދޭވެ! އާމީން.
------------------
މުޞަންނިފު:
އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދްވީ
މަޢުލޫމާތު:
· އެކިކަންކަން ހިނގާގޮތް
· މުޙައްމަދު ޙުސައިން ދީދީ ގ. ޕެލްމޭރާ
· ޢަބްދުއްސައްތާރު މޫސާ ދީދީ އަރިހުން ލިބިފައިވާ މަޢުލޫމާތު