އައްޒުބައިރު ބްނުލް ޢައްވާމް


















އައްޒުބައިރު ބްނުލް ޢައްވާމް (الزبير بن العوام) އަކީ، އަސަދު ގެ ފުތް، ޚުވައިލަދުގެ ފުތް އައްޒުބައިރު ބްނުލް ޢައްވާމް އެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހިޖުރައަށް ވަޑައިގެންނެވުމުގެ ތިރީހަކަށް އަހަރު ކުރިންނެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ، ޢުމުރުފުޅުން 15 އަހަރުގަ އެވެ. ޙަބްޝްކަރައަށް ހިޖުރަކުރެއްވި މުސްލިމުންނާއެކު އެކަލޭގެފާނު ޙަބްޝްކަރައަށް ހިޖުރަކުރެއްވި އެވެ. އަދި މަދީނާއަށް ވެސް ހިޖުރަކުރެއްވި އެވެ. އެކަލޭގެފާނު ކާވެނިބައްލަވައިގަތީ، އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާގެފާނާ އެވެ.

އައްޒުބައިރު ބްނުލް ޢައްވާމް ގެ ތުނބުޅިފުޅުގައި އިސްތަށި މަދެވެ. އެކަލޭގެފާނުގެ ހަށިކޮޅުގެ ކުލަ ކަޅުވެފައި، ހަށިކޮޅުގައި އިސްތަށި ގިނަ އެވެ. އިސްކޮޅުފުޅު ދިގެވެ. އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ، އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތް ހަތް ބޭކަލުންގެ ތެރެއިންނެވެ. މަންމާފުޅަކީ، ޢަބްދު މަނާފުގެ ފުތް، ޢަބްދުލްމުއްޠަލިބުގެ ދި ޞަފިއްޔާ އެވެ. އެކަމަނާއަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ބަފައިފުށުގެ ބޮޑުދައިތާފުޅެވެ. އައްޒުބައިރު ބްނުލް ޢައްވާމް ގެ ބަފައިފުށުގެ ބޮޑުދައިތާފުޅަކީ، އުއްމުލްމުއުމިނީން ޚަދީޖަތުގެފާނެވެ. އެކަލޭގެފާނަކީ، ބަދުރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި އަޞްޙާބު ބޭކަލެކެވެ. އަދި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކުރެއްވި އެހެން ހަނގުރާމަތަކުގައި ވެސް އިތުރުއެކަލޭގެފާނާއެކު، ބައިވެރިވެވަޑައިގެންނެވި އެވެ. މިޞްރު ފަތަޙަކުރުމުގައި، ޢަމްރު ބްނުލްޢާޞް އަށް ވާގިވެވެވަޑައިގަތުމަށްޓަކައި، މަދަދާއެކު ޢުމަރުގެފާނު ފޮނުއްވި ބޭކަލަކީ ވެސް އައްޒުބައިރު ބްނުލް ޢައްވާމެވެ. 

ހަރުދަނާކަމާއި، ދީލަތިކަމާއި، ހިތްވަރުގަދަކަން ފަދަ ރިވެތި އެތައް ބަނިޔާދަން ސިފަފުޅުތަކެއް އައްޒުބައިރު ބްނުލް ޢައްވާމުގެ ކިބައިގައިވެ އެވެ. މިޞްރު ފަތަޙަވުމުގެ އެންމެ ބޮޑު އެއްސަބަބު ކަމުގައި ވީވެސް އެކަލޭގެފާނުގެ ކިބައިގައިވާ އެފަދަ މާތް ސިފަފުޅުތައް ކަމަށް ބުނެވެ އެވެ. އަބޫލުއުލުއާ ދިން ހަމަލައިން ޢުމަރުގެފާނު ޝަހީދުވެވަޑައިގަތުމުން، އެކަލޭގެފާނަށްފަހު ވެރިޔަކު ޢައްޔަންކުރުމުގެ ކަންތައް ހަމަޖެއްސުމަށްޓަކައި ހަ ބޭކަލުންގެ މައްޗަށް އެކުލެވޭ ޝޫރާ މަޖިލީހެއް އެކުލަވާލެވުނެވެ. އެ މަޖިލީހުގައި ވެސް އައްޒުބައިރު ބްނުލް ޢައްވާމު ހިމެނިވަޑައިގެންނެވި އެވެ. އަދި އެކަލޭގެފާނަކީ، ސުވަރުގެވެރިއެއް ކަމުގެ އުފާވެރި ޚަބަރުވެސް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ.

ނަސަބުފުޅު

އައްޒުބައިރު ބްނުލް ޢައްވާމުގެ ބައްޕާފުޅަކީ އަލްޢައްވާމް (العوام) އެވެ. އަލްޢައްވާމަކީ، ޢަދުނާނުގެ ފުތް، މުޢައްދުގެ ފުތް، ނިޒާރުގެ ފުތް، މުޟަރުގެ ފުތް، އިލްޔާސްގެ ފުތް، ޢާމިރުގެ ފުތް، މުދުރިކާގެ ފުތް، ޚުޒައިމާގެ ފުތް، ކިނާނާގެ ފުތް، އައްނަޟިރުގެ ފުތް، މާލިކުގެ ފުތް، ފިހުރުގެ ފުތް، ޣާލިބުގެ ފުތް، ލުއައްޔުގެ ފުތް، ކަޢުބުގެ ފުތް، މުއްރާގެ ފުތް، ކިލާބުގެ ފުތް، ޤުޞައްޔުގެ ފުތް، ޢަބްދުލްޢުއްޒާގެ ފުތް، އަސަދުގެ ފުތް، ޚުވައިލަދުގެ ފުތް، އަލްޢައްވާމެވެ. މި އަލްޢައްވާމަކީ، އުއްމުލްމުއުމިނީން ޚަދީޖަތުގެފާނުގެ އަޚެކެވެ.

އައްޒުބައިރު ބްނުލް ޢައްވާމުގެ މަންމާފުޅަކީ، މާތް އަޞްޙާބުބޭކަނބަލެއް ކަމަށްވާ، ޞަފިއްޔަތުގެފާނެވެ. އެކަމަނާއަކީ، ޢަދުނާނުގެ ފުތް، މުޢައްދުގެ ފުތް، ނިޒާރުގެ ފުތް، މުޟަރުގެ ފުތް، އިލްޔާސްގެ ފުތް، ޢާމިރުގެ ފުތް، މުދުރިކާގެ ފުތް، ޚުޒައިމާގެ ފުތް، ކިނާނާގެ ފުތް، އައްނަޟިރުގެ ފުތް، މާލިކުގެ ފުތް، ފިހުރުގެ ފުތް، ޣާލިބުގެ ފުތް، ލުއައްޔުގެ ފުތް، ކަޢުބުގެ ފުތް، މުއްރާގެ ފުތް، ކިލާބުގެ ފުތް، ޤުޞައްޔުގެ ފުތް، ޢަބްދުމަނާފުގެ ފުތް، ހާޝިމުގެ ފުތް، ޢަބްދުލްމުއްޠަލިބުގެ ދި ޞަފިއްޔާ އެވެ. އެކަމަނާއަކީ، ޝަހީދުންގެ ސާހިބާ ޙަމްޒަތުގެފާނާ އެއްބަނޑު އެއްބަފާ އުޚުތެކެވެ. އަދި އެކަމަނާއަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ބަފައިފުށުގެ ބޮޑުދައިތާފުޅެވެ.

ހަނގުރާމަތަކުގައި

އައްޒުބައިރު ބްނުލް ޢައްވާމް ގެ ހިތްވަރުފުޅުގަދަކަން ފެނިގެން ދިޔަ އެއް ހަނގުރާމައަކީ، އުޙުދު ހަނގުރާމަ އެވެ. އެ ހަނގުރާމައިގައި، މައްކާގެ މުޝްރިކުންގެ ދިދަ އުފުލީ، ޢަބްދުއްދާރު ވަންހައިގެ މީހުންނެވެ. އެ ހަނގުރާމަ ފެށުމަށްޓަކައި، ޠަލްޙަތު ބްނު އަބީ ޠަލްޙަތު ޖަމަލެއްގެ މަތީގައި ހަނގުރާމައިގެ މައިދާނުގެ މެދަށް ނިކުމެ، ކުރިމަތިލުމަށް ގޮވާލި އެވެ. އޭނައަކީ، ހަށިގަނޑު ވަރުގަދަ، އަދި އެހައިމެ ބާރުވެސް ގަދަ މީހެކެވެ. އޭނާ ނިކުތުމުން މުޅިތަނަށް ހަމަހިމޭންކަން ވެރިވި އެވެ. އެހިނދު، އައްޒުބައިރު ބްނުލް ޢައްވާމް ނިކުމެވަޑައިގެން އޭނާއާ ކުރިމަތިލެއްވި އެވެ. އަދި އޭނާއާ ހަނގުރާމަކުރައްވައި، ޖަމަލުމަތިން އޭނާ ވައްޓަވައިލެއްވި އެވެ. އެއަށްފަހު، އޭނާގެ ކަރުބުރިކުރައްވައި ޤަތުލުކުރެއްވި އެވެ. މިކަންވެގެން ދިޔައީ މުސްލިމުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އެގޮތުގެ މަތިން ޠަލްޙަތުގެ ދުވަސްދުއްވާލެވުނު ހިނދު، މުސްލިމުންނާއެކު، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ﷲ އަކުބަރު ވިދާޅުވެ ތަކުބީރުގެ އަޑު އުފުއްލެވި އެވެ.

ޚައިބަރު ހަނގުރާމައިގައި، ޔަހޫދީންގެ ތެރެއިން ނިކުތީ މުރުޙިބެވެ. އޭނާއާ ކުރިމަތިލެއްވީ ޢަލީގެފާނެވެ. އެކަލޭގެފާނު މުރުޙިބު ޤަތުލުކުރެއްވި އެވެ. ދެން ޔަހޫދީންގެ ތެރެއިން ނިކުތީ މުރްޙިބުގެ އަޚު ޔާސިރެވެ. އޭނާއާ ކުރިމަތިލެއްވީ އައްޒުބައިރު ބްނުލް ޢައްވާމެވެ. އެހިނދު، އެކަލޭގެފާނަށް ދެރަގޮތެއް ވެދާނެތީ އެކަލޭގެފާނުގެ މަންމާފުޅު ޞަފިއްޔަތުފާނު ކަންބޮޑުވެވަޑައިގެންނެވި އެވެ. އެކަމަނާގެ ހިތްޕުޅަށް ތަސައްލީއެއް ދެއްވަމުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ. (بل ابنك يقتله) "ކިއެއްހެއްޔެވެ. (އޭނާގެ މައްޗަށް ގަދަވެވަޑައިގެން) ކަމަނާގެ ދަރިކަލުން އޭނާ ޤަތުލުކުރައްވާނެ އެވެ." އެ ކުރިމަތިލުން ނިމުނުއިރު، އިތުރުއެކަލޭގެފާނު ޙަދީޘްފުޅުކުރެއްވި ފަދައިން އެކަލޭގެފާނު، ޔާސިރު ގެ މައްޗަށް ގަދަވެވަޑައިގެން އޭނާ ޤަތުލުކުރެއްވި އެވެ.

ފިތުނައިން ނިކުމެވަޑައިގަތުން

ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުމާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި، އައްޒުބައިރު ބްނުލް ޢައްވާމާއި، ޢަލީގެފާނާ ދެމެދުގައި ފިތުނައިގެ އަލިފާންގަނޑެއް ރޯވާން އުޅުނެވެ. ނަމަވެސް ޢަލީގެފާނު ނުހަނު ޙިކުމަތްތެރިކަމާއެކު، އައްޒުބައިރު ބްނުލް ޢައްވާމާ ވާހަކަފުޅު ދެއްކެވި އެވެ. ޢަލީގެފާނުގެ ބަސްފުޅުތައް އިވިވަޑައިގަތުމުން އައްޒުބައިރު ބްނުލް ޢައްވާމަށް ޙަޤީޤަތް އެނގިވަޑައިގަތެވެ. އަދި ޢަލީގެފާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއްގައި ދުވަހަކުވެސް ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެ، އެ ފިތުނައިގެ ތެރެއިން ނިކުމެވަޑައިގަތެވެ.

ޙަވާރިއްޔަ ބޭކަލެއް

އައްޒުބައިރު ބްނުލް ޢައްވާމަކީ، ކީރިތި މާތް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ވަރަށް މަތިވެރި މަޤާމެއް ލިބިވަޑައިގެންފައިވާ މާތް ބޭކަލެކެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވާފައިވެ އެވެ.

(الزُّبَيْرُ ابْنُ عَمَّتِي وَحَوَارِيَّ مِنْ أُمَّتِي)
ރިވާކުރެއްވީ: އަލްބުޚާރީ

މާނައީ، "އައްޒުބައިރަކީ، ތިމަންކަލޭގެފާނުގެ ބޮޑުދައިތާފުޅުގެ ދަރިކަލުންނެވެ. އަދި މި އުންމަތުގެ މީސްތަކުންގެ ތެރެއިން ތިމަންކަލޭގެފާނުގެ ޙަވާރިއްޔަ ބޭކަލަކީ، އެކަލޭގެފާނެވެ."

ޝަހީދުވެވަޑައިގަތުން

އައްޒުބައިރު ބްނުލް ޢައްވާމް ނަމާދުކުރައްވަން ހުންނަވަނިކޮށް އެކަލޭގެފާނަށް ޣަދަރުވެރިވެ، އެކަލޭގެފާނު ޝަހީދުކޮށްލީ، ޢަމްރު ނަމަކަށް ކިޔާ މީހެކެވެ. ކީރިތި މާތް ނަބިއްޔާ ވަނީ، އެމީހާ ނަރަކައަށް ދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ޝަހީދުވެވަޑައިގަތުމަށްފަހު އެކަލޭގެފާނު ފަސްދާނުލެވުނީ، ޢިރާޤުގެ އަލްބަޞްރާ ގެ އެއްފަރާތެއްގަ އެވެ. އެކަލޭގެފާނު ފަސްދާނުލެވުނު ތަނުގައި ޒިޔާރަތެއް ބިނާކޮށް އާރާސްތުކުރެވުނެވެ. އަލްބަޞްރާއަށް ދެވުނު ޢަސްކަރީ ޙަމަލަތަކުގައި އެތަން ހަލާކުވި އެވެ. އެއަށްފަހު، 2007 ވަނަ އަހަރު އެ ޒިޔާރަތުގެ ބިނާ އަލުން އާސްރުކުރެވުނެވެ. މިހާރު އެތާނގައިވަނީ، އައްޒުބައިރު ނަމަކަށް ކިޔާ ރަށެއް ވެސް އުފެދިފަ އެވެ. އެރަށަށް ނަންކިއުނީ އެކަލޭގެފާނުގެ ނަންފުޅުންނެވެ. އެއީ ތާރީޚީ ގޮތުން މަޤާމެއް ލިބިގެންވާ މުހިންމު ރަށެކެވެ.

އައްޒުބައިރުގެފާނު ޝަހީދުވެވަޑައިގަތީ، ހިޖުރައިން 36 ވަނަ އަހަރު، ޖުމާދަލްއޫލާ މަހުގަ އެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 66 އަހަރެވެ. ނުވަތަ 67 އަހަރެވެ.

ލިބިވަޑައިގެންނެވި ބޭފުޅުން

އައްޒުބައިރުބްނުލްޢައްވާމުގެ ފިރިހެން ބޭފުޅުންނަކީ، ޢަބްދު ﷲ އާއި، ޢުރްވާ އާއި، އަލްމުންޛިރު އާއި، ޢާޞިމު އާއި، އަލްމުހާޖިރު އާއި، ޖަޢުފަރު އާއި، ޢުބައިދާ އާއި، ޢަމްރު އާއި، ޚާލިދު އާއި މުޞްޢަބު އާއި ޙަމްޒާ އެވެ. އަންހެން ބޭފުޅުންނަކީ، ޚަދީޖާ އާއި، އުއްމުލްޙަސަން އާއި، ޢާއިޝާ އާއި، ޙަފުޞާ އާއި، ޙަބީބާ އާއި، ސައުދާ އާއި، ހިންދު އާއި، ރަމްލާ އާއި، ޒައިނަބު އެވެ.

ބައެއް ޚާއްޞަ ކަންތައްތައް

1. އައްޒުބައިރު ބްނުލް ޢައްވާމް އިސްލާމްވެވަޑައިގަތީ އަބޫބަކުރުފާނުގެ އަތްޕުޅު މައްޗަށެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމުން، މައްކާގެ މުޝްރިކުން އެކަލޭގެފާނުގެ މޫނުފުޅަށް އަލިފާނުން ދުންއަރުވައި، ހޫނުކޮށް އެތައް އަނިޔާތަކެއް ކުރި އެވެ. އެއަނިޔާތަކުގެ ކުރިމަތީގައި އެކަލޭގެފާނު ވިދާޅުވި ބަސްފުޅުގެ މަތީގައި ދެމިހުންނެވި އެވެ. އެކަލޭގެފާނު ވިދާޅުވީ، (لا أكفر أبدًا) "ތިމަންކަލޭގެފާނު ދުވަހަކުވެސް ކާފިރުވެވަޑައެއް ނުގަންނަވާނަމެވެ."

2. މުސްލިމުން މަދީނާއަށް ހިޖުރަކުރުމަށްފަހު، އަޞްޙާބުބޭކަލަކަށް މަދީނާގައި ލިބިވަޑައިގަތް އެންމެ ފުރަތަމަ ބޭފުޅާ ލިބިވަޑައިގަތީ އައްޒުބައިރު ބްނުލް ޢައްވާމަށެވެ.

3. އައްޒުބައިރު ބްނުލް ޢައްވާމަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާ ނުހަނު އަރިހުގައި އުޅުއްވި ބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނު ރިވާކުރައްވާފައިވަނީ މަދު ޙަދީޘްފުޅުތަކެކެވެ. އެކަލޭގެފާނުގެ ދޫފުޅުން ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ގޮތް ނޫން ގޮތަކަށް ބަސްފުޅެއް ވިދާޅުވެވިދާނެތީ، ޙަދީޘްފުޅުތައް ރިވާނުކުރެއްވީ އެވެ. އެހެނީ، އެކަލޭގެފާނު ގިނައިން ޙަދީޘްފުޅުތައް ވިދާޅުނުވާތީ ސުވާލު ދެންނެވުނު ހިނދު ވިދާޅުވި އެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި އެވެ. (مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ) "ތިމަންކަލޭގެފާނުގެ މައްޗަށް ޤަސްދުގައި ދޮގުހަދައިފި މީހާ، ފަހެ، އޭނާ އިށީންނާނެ ތަން ނަރަކައިން ހޯދާހުށިކަމެވެ."

4. މުސްލިމުންގެ ތެރެއިން މާތް ﷲ ގެ މަގުގައި އެންމެ ފުރަތަމަ ކަނޑިއެއް އުރައިން ދަންމަވައިލެއްވީ އައްޒުބައިރު ބްނުލް ޢައްވާމް އެވެ.

5. އައްޒުބައިރު ބްނުލް ޢައްވާމް ގެ ސިފަފުޅުގައި މަލާއިކަތުން އުޑުން ފައިބައިވަޑައިގެންފައިވެ އެވެ. ބަދުރު ހަނގުރާމައިގެ ދުވަހުގައި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވީ ރީނދޫ ކުލައިގެ ފަގުޑިކޮޅެކެވެ. އެދުވަހު ޖިބުރީލުގެފާނު ފައިބައިވަޑައިގެންނެވީ، އެކަލޭގެފާނު ހެދުންކޮޅު ތުރުކުރައްވައިގެން ހުންނެވި ގޮތަށެވެ.
              -----------------------------

މުޞަންނިފު: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން