ބިދޭސީ އަންހެނަކާ ކާވެނިކުރުމުގެ ޙުކުމް












ސުވާލު: ބިދޭސި އަންހެނަކާ ކާވެނިކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު:
ކާވެނިކުރުމަކީ، މާތް ﷲ ލައްވާފައިވާ ސުންނަތްތަކުގެ ތެރެއިން ސުންނަތެކެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެ އެވެ.
(يَا أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيرًا وَنِسَاء وَاتَّقُواْ اللَّهَ الَّذِي تَسَاءَلُونَ بِهِ وَالأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا)
އައްނިސާ: 1

މާނައީ، "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އެކަލާނގެއީ، އެންމެ ނަފުސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެ އެވެ. އަދި، އެ ނަފުސުގެ ކިބައިން އޭގެ އަނެއް ޖިންސް ހެއްދެވި އެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވި އެވެ. އަދި، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ ސުވާލުކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެ އެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، ﷲ ވޮޑިގެންވެ އެވެ." 


އަދިވެސް އެކަލާނގެ ވަޙީކުރައްވާފައި ވެ އެވެ.
(وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ)
އައްރޫމު: 21

މާނައީ، "ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކަ އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވި އެވެ. ހަމަކަށަވަރުން، ފިކުރުހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ."

މާތް ﷲ ވަނީ، މުޝްރިކު އަންހެނުންނާ ކާވެނިކުރުން، މުސްލިމު ފިރިހެނުންގެ މައްޗަށް ޙަރާމްކުރައްވާފަ އެވެ. ހަމައެފަދައިން މުޝްރިކު ފިރިހެނުންނާ ކާވެނިކުރުން، މުސްލިމު އަންހެނުންގެ މައްޗަށް ޙަރާމްކުރައްވާފަ އެވެ. އެކަލާނގެ މަގުދައްކަވާފައިވަނީ، މުސްލިމު ފިރިހެނުން މުސްލިމު އަންހެނުންނާ ކާވެނިކުރުމަށެވެ. މުސްލިމު އަންހެނަކީ، ގަނެ ވިއްކޭ އަޅު އަންހެނެއް ކަމުގައި ވިޔަސް އޭނާއާ ކާވެނިކުރުމަށް އިސްކަންދިނުމަށެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.
(وَلاَ تَنكِحُواْ الْمُشْرِكَاتِ حَتَّى يُؤْمِنَّ وَلأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلاَ تُنكِحُواْ الْمُشْرِكِينَ حَتَّى يُؤْمِنُواْ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ أُوْلَئِكَ يَدْعُونَ إِلَى النَّارِ وَاللَّهُ يَدْعُوَ إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ)
އަލްބަޤަރާ: 221

މާނައީ، "ބުދަށް އަޅުކަންކުރާ އަންހެނުންނާ ތިޔަބައިމީހުން ކާވެނި ނުކުރާށެވެ! (އެއީ) އެކަނބަލުން އީމާންވެއްޖައުމަށްދާންދެނެވެ. ތިޔަބައިމީހުން ހިތާވާ ކަމުގައިވިޔަސް ހަމަކަށަވަރުން މުއުމިން އަޅުއަންހެނަކު ވެސް، ބުދަށް އަޅުކަންކުރާ އަންހެނަކަށްވުރެ މާރަނގަޅެވެ. އަދި (މުއުމިން އަންހެނުން) ބުދަށް އަޅުކަންކުރާ ފިރިހެނުންނާ ތިޔަބައިމީހުން ނުދެވާށެވެ! (އެއީ) އެއުރެން އީމާންވެއްޖައުމަށްދާންދެނެވެ. ތިޔަބައިމީހުން އެމީހަކާ ރުހި ޤަބޫލުވިޔަސް، ހަމަކަށަވަރުން މުއމިން ފިރިހެން އަޅަކު ވެސް ބުދަށް އަޅުކަންކުރާ ފިރިހެނަކަށްވުރެ މާރަނގަޅެވެ. އެއުރެން އެ ގޮވަނީ ނަރަކައަށް ވަނުމަށެވެ. ﷲ ގޮވައިލައްވަނީ އެކަލާނގެ އިރާދަފުޅުން ތިޔަބައިމީހުން ސުވަރުގެއަށާއި މަޣުފިރަތުގެ ތެރެއަށް ވަނުމަށެވެ. އަދި އެކަލާނގެ އާޔަތްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަނީ އެއުރެން ހަނދުމަކުރުމަށްޓަކަ އެވެ."

ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ބާރުއަޅުއްވާފައިވަނީ، ދީންވެރި އަންހެނުންނާ ކާވެނިކުރުމަށެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެ އެވެ.
(تُنْكحُ الْمَرْأَةُ لأرْبَعٍ: لِمَالِهَا ولِحَسَبها ولِجَمَالها وَلدينها: فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ)
މިއީ، މުއްތަފަޤުންޢަލައިހި ދަރަޖައިގެ ޙަދީޘްފުޅެކެވެ.

މާނައީ، "އަންހެނަކާ ކާވެނިކުރުމުގައި ބެލެވެނީ ހަތަރު ކަމަކަށެވެ. އޭނާގެ މުދާވެރިކަމަށާއި، އޭނާގެ ވަންހައަށާއި، އޭނާގެ ރިވެތިކަމަށާއި، އޭނާގެ ދީންވެރިކަމަށެވެ. ފަހެ، ދީންވެރި އަންހެނަކާ ކާވެނިކުރުމުގެ ނަސީބު ލިބިގަންނާށެވެ! އޭރުން ތިބާގެ ދިރިއުޅުން ބާއްޖަވެރިކުރައްވާށި އެވެ!"

ނޯޓް: މި ޙަދީޘްފުޅުގައިވާ (تَربَتْ يَدَاكَ) ގެ ލަފުޒީ މާނައަކީ، "ތިބާ ފަޤީރުވެދާނެ އެވެ." އެހެނަސް، ޢަރަބި ބަހުން ބަސްމޮށުމުގެ ސަގާފަތުގައި މިފަދަ ބައެއް ބަސްތައް ބޭނުންކުރެވެނީ، އޭގެ ލަފުޒީ މާނައިގައި ނޫން ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، (تَربَتْ يَدَاكَ) އެވެ، އޮތް ބަސްފުޅުގެ މުރާދައަކީ، ދީންވެރި އަންހެނަކާ އިންނަ މީހަކު މުއްސަނދިކުރެއްވުމަށް އެދިވަޑައިގެން ދުޢާފުޅެއް ކުރެއްވުމެވެ. މިމޭރުމުން މާނަކުރާނަމަ، އޭގެ މާނައަކީ، "އޭރުން ތިބާ މުއްސަނދިކުރައްވާނެތެވެ." މިއާ ޚިލާފަށް ލަފުޒީ މާނައިން މާނަކުރާނަމަ، އޭގެ މާނައަކީ، "ނޫންނަމަ ތިބާ ފަޤީރުވެދާނެ އެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ވަނީ، މުސްލިމު ފިރިހެނުން އަހުލުކިތާބީންގެ ތެރެއިންވާ އަންހެނުންނާ ކާވެނިކުރުން ހުއްދަކުރައްވާފަ އެވެ. އަހުލުކިތާބީންނަކީ، ޔަހޫދީންނާއި ނަޞާރާއިންނެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.
(الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ وَطَعَامُ الَّذِينَ أُوتُواْ الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلُّ لَّهُمْ وَالْمُحْصَنَاتُ مِنَ الْمُؤْمِنَاتِ وَالْمُحْصَنَاتُ مِنَ الَّذِينَ أُوتُواْ الْكِتَابَ مِن قَبْلِكُمْ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ مُحْصِنِينَ غَيْرَ مُسَافِحِينَ وَلاَ مُتَّخِذِي أَخْدَانٍ وَمَن يَكْفُرْ بِالإِيمَانِ فَقَدْ حَبِطَ عَمَلُهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ)
އަލްމާއިދާ: 5

މާނައީ، "މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ޙަލާލުކުރައްވައިފި އެވެ. އަދި ފޮތް ލިބުނު މީހުންގެ ކާނާ ވެސް (އެބަހީ: ޙަރާމްކަން ޤުރުއާނުގައި އަންގަވާފައިވާ ތަކެތި ނޫން އެހެން ތަކެތި) ތިޔަބައިމީހުންނަށް ޙަލާލުވެގެން ވެ އެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެއުރެންނަށް ޙަލާލުވެގެން ވެ އެވެ. ޢިއްފަތްތެރި މުއުމިން އަންހެނުންނާއި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން މިނިވަން އަންހެނުން ތިޔަބައިމީހުންނަށް ޙަލާލުވެގެންވެ އެވެ. އެކަނބަލުންގެ ރަން ތިޔަބައިމީހުން އެކަނބަލުންނަށް ދީފިނަމަ އެވެ. ކާވެނީގެ ޢިއްފަތްތެރިކަން ހޯދާ ބަޔެއްގެ ގޮތުގަ އެވެ. ޒިނޭކުރާ ބަޔެއްގެ ގޮތުގައެއް ނޫނެވެ. ސިއްރުން ޒިނޭކުރާ އެކުވެރި އަންހެނުން ގެންގުޅޭ ބަޔެއްގެ ގޮތުގައެއް ވެސް ނޫނެވެ. އަދި އީމާންކަމަށް ކާފިރުވާ މީހާ (އެބަހީ: އިސްލާމް ދީނުގެ ޙުކުމްތަކަށް ދެކޮޅުހަދާ މީހާ ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ޢަމަލު ބާޠިލުވެގެންވެ އެވެ. އަދި އޭނާ ވަނީ އާޚިރަތުގައި ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.

މުސްލިމު ފިރިހެނަކާއި، އަހުލުކިތާބިއްޔަ އަންހެނަކާ ކާވެނިކޮށްގެން ލިބޭ ދަރިފުޅު ތަބާވާންޖެހެނީ، އޭނާގެ މަންމައާއި ބައްޕައާ ދެމީހުންކުރެ، ރަނގަޅު ދީނެއްގައިވާ މީހަކާ އެވެ. މުސްލިމު ފިރިހެނަކަށް ކާވެނިކުރުން ހުއްދަވެގެންވަނީ މުސްލިމު އަންހެނަކާ އެވެ. ނުވަތަ އަހުލުކިތާބިއްޔަ އަންހެނަކާ އެވެ.

ސުވާލުގައިވާ "ބިދޭސި އަންހެނާ" ގެ މާނައަކީ، ޣައިރު މުސްލިމު އަންހެނުންނާއި، އަހުލުކިތާބިއްޔަ އަންހެނުންގެ ތެރޭގައި ނުހިމެނޭ އަންހެނެއް ކަމަށްވަނީނަމަ، މުސްލިމު ފިރިހެނަކު އޭނާއާ ކާވެނިކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

ސުވާލުގައިވާ "ބިދޭސި އަންހެނާ" ގެ މާނައަކީ، އެހެން ޤައުމެއްގެ އަންހެނެއް ކަމަށްވެފައި، އޭނާއަކީ މުސްލިމު އަންހެނެއް ނުވަތަ އަހުލުކިތާބިއްޔަ އަންހެނެއް ކަމަށްވަނީނަމަ، އޭނާއާ ކާވެނިކުރުމަކީ، އިސްވެ ބަޔާންވެދިޔަ ފަދައިން ހުއްދަ ކަމެކެވެ.
والله أعلم.
                    --------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން