ހުދު ރޭރާއި ކަޅު ރޭރުގެ ވާހަކަ















އާދަކާދައިގެ މަތިން އެއްދުވަހަކު އަޅުގަނޑުގެ އަންހެން ދަރިފުޅު ބަލާ ސްކޫލް ދޮށަށް ދިޔައީމެވެ. އެދުވަހު އަޅުގަނޑުގެ ދަރިފުޅު ގޮވައިގެން ޓީޗަރު އަޅުގަނޑުގެ ގާތަށް ދުރުވި އެވެ. އޭނާ ދުރުވެ އަޅުގަނޑާ އަރާހަމަވި ވަގުތު އަޅުގަނޑުގެ ދަރިފުޅު އޭނާގެ އަތްތިލައަށް ބަލާލާފައި ބުންޏެވެ.

"
މިސްގެ އަތްތިލަ ކަޅީ ކީއްވެ ހެއްޔެވެ؟"
އެއީ، އެފްރިކާގެ ކަޅު ނަސްލުގެ އަންހެން ޓީޗަރެކެވެ. ދަރިފުޅު ކުރި ސުވާލުގެ ސަބަބުން އޭނާގެ ހިތަށް އެއްޗެއް އަރާފާނެތީ އަޅުގަނޑު އުޒުރުވެރިވީމެވެ. ނަމަވެސް އޭނާ ބުންޏެވެ.

"
އުޒުރުވެރިވާނެ ކަމެއް ނެތެވެ. ހޭނުޖެހޭ ކުޑަ ކުދިން އަބަދުވެސް އެހެން އަހަ އެވެ. ކުދިން އެހެން އެހިޔަސް އެކަމާމެދު ހިތްހަމަނުޖެހިގެނެއް ނޫޅެމެވެ."

ޓީޗަރު، އެއީ ހިތްހަމަނުޖެހޭ ކަމަކަށް ނެހެއްދެވިޔަސް، އަޅުގަނޑު އެކަމާމެދު ވަރަށް ބޮޑަށް ދެރަވި އެވެ. ދަރިފުޅު އެ ސުވާލުކުރުމުން އަޅުގަނޑު ވަރަށް ބޮޑަށް ލަދު ވެސް ގަތެވެ. އެދުވަހު ދަރިފުޅުގެ ގާތުގައި އަޅުގަނޑު ބުނީމެވެ.

ދަރިފުޅާ އެވެ! މާތް ﷲ އަހަރެމެން ހައްދަވާފައިވަނީ، އެކި މީހުން އެކި ކުލައިގަ އެވެ. ބައެއް މީހުން ދޮން ކުލައިގަ އެވެ. ބައެއް މީހުން ކަޅު ކުލައިގަ އެވެ. ބައެއް މީހުންގެ ލޯ އެކަލާނގެ ހައްދަވާފައިވަނީ ފެހިކުލައިގަ އެވެ. ބައެއް މީހުންގެ ލޯ ކަޅުކުލައިގަ އެވެ."

މި މޭރުމުން ދަރިފުޅަށް އޮޅުންފިލުވައިދެވޭތޯ ބެލީމެވެ. އެދުވަހަށްފަހު، ކޮންމެ ރެއަކު ނިދާ ގަޑީގައި އަޅުގަނޑުގެ ދަރިންނަށް، "ހުދު ރޭރާއި ކަޅު ރޭރު" ގެ ވާހަކަ ކިޔައިދޭން ފެށީމެވެ. އެކަން ކުރަންފެށީ، ކުލައަށް ބަލައިގެން މީހުންގެ މެދުގައި ތަފާތު ނުކުރުމުގެ ރޫޙު އެކުދިންގެ ކިބައިގައި އަށަގެންނެވުމުގެ މަޤުޞަދުގަ އެވެ. އަޅުގަނޑުމެން ދިރިއުޅެނީ، އެމެރިކާގެ ޝިކާގޯ ގަ އެވެ. އެއީ، ތަފާތު ކުލަތަކާއި، ތަފާތު ދީންތަކުގެ މީހުން ދިރިއުޅޭ ސަހަރެކެވެ. ތަފާތު ދަރިކޮޅުތަކާއި، ތަފާތު ނަސްލުތަކަށް ނިސްބަތްވާ މީހުން ވެސް އެ ސަހަރުގައި ދިރިއުޅެ އެވެ. އެމީހުން ވާހަކަދައްކާ ބަހުރުވަތައް ވެސް ތަފާތެވެ.


ޝިކާގޯ ގެ ރައްޔިތުންގެ ތެރޭގައިވާ ތަފާތުތައް، އެ ސަހަރުގެ މަސްއޫލުވެރިން ވަނީ ދެނެގެންފަ އެވެ. އެ ސަހަރުގައި ޖަމާވެފައިވާ ހުރިހައި ތަފާތުތަކަކާއެކު އެއީ އެއް ހަށިގަނޑެއްގެ ގޮތުގައި ބޭއްވުމަށް އެ ސަހަރުގެ އިދާރީ މަސްއޫލުވެރިން ގަދައަޅައި މަސައްކަތްކުރެ އެވެ. ކުލައާއި، ދީނާއި، ބަހާއި، ސަގާފީ އެހެނިހެން ތަފާތުތަކަށް ބެލުމެއް ނެތި، އެ ސަހަރުގައިވާ އެންމެނަށް، މަސްއޫލުވެރިން އިޙުތިރާމުކުރެ އެވެ. އެ ސަހަރުގެ ރައްޔިތުންގެ މެދުގައި އެއްވެސް ބާވަތެއްގެ ފިތުނައެއް އުފައްދަން އުޅެފި މީހަކަށް ދޭނެ ބޮޑެތި އަދަބުތައް ވަނީ، ކަނޑައެޅި ބަޔާންވެފަ އެވެ. ނަސްލީ އިމްތިޔާޒެއް ނުވަތަ އެނޫންވެސް ހަމަނުޖެހުމެއް ހިންގަން އުޅުމަކީ އެ ސަހަރުގައި ދިރިއުޅޭ ބަޔަކަށް ކުރަން ކެރޭނެ ކަމެއް ނޫނެވެ.

ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަކީ، ކޮންފަދަ ނުރައްކާތެރިކަމެއް ކަން، ޝިކާގޯގެ މަސްއޫލުވެރިން ދަނެ އެވެ. ފިތުނަ ފަސާދަ އަކީ، ގައުމުތައް އިނދަޖައްސާލާ ވަބާއެކެވެ. އޭގެ ސަބަބުން ގައުމުތަކުގައި ބޮޑެތި އިޤުތިޞާދީ މައްސަލަތައް އުފެދެ އެވެ. އަދި އެއީ، ގައުމުތަކުގެ އިޖުތިމާޢީ ފޭރާން ވެސް ވީދައި ކުދިކުދިކޮށްލާ ވަބާއެކެވެ. ޝިކާގޯ ގެ މަސްއޫލުވެރިން ދަންނަ މި ޙަޤީޤަތް އިސްލާމީ ގައުމުތަކުގެ މީހުންނަށް ނޭނގޭ ކަހަލަ އެވެ. އެހެނީ، އިސްލާމީ ގައުމުތަކުގެ މީހުންގެ މެދުގައިވާ ތަފާތުތަކާއި، ފަންތިތަކަކީ، އެ ގައުމުތަކަށް ފުރިހަމަކަމާއި، ކުރިއެރުން ލިއްބައިދޭނެ ބާރެއް ކަމަކަށް ނަހަދަ އެވެ. އޭގެ ބަދަލުގައި އެކަންކަން ހަދާފައިވަނީ، ފިތުނައިގެ މަޞްދަރެއް ކަމަށެވެ. ކުށެއް ނެތް އެތައް ބަޔަކަށް އަނިޔާވެރިވުމަށްޓަކައި ނޫނީ އޭގެ ބޭނުމެއް ނުކުރެ އެވެ.


އަޅުގަނޑުގެ ހިތަށް އަރާ ސުވާލަކީ، އިސްލާމީ ގައުމުތަކުގެ ގިންތިތަކުގެ މެދުގައިވާ އެކިއެކި ތަފާތުތައް ނެއްތައިލުމަށްޓަކައި، "ހުދު ރޭރާއި، ކަޅު ރޭރު" ގެ ވާހަކައިން ފަރުވާ ނުދެވޭނެތޯ އެވެ؟ ނުވަތަ އެވާހަކަ ތަރައްގީކޮށް، އެހެން ކުލަކުލައިގެ ރޭރުގެ ވާހަކަ ދަރީންނަށް ކިޔައިނުދެވޭނެތޯ އެވެ؟ މިސާލަކަށް، ރަތް ރޭރާއި، ނޫ ރޭރުގެ ވާހަކަ އެވެ. ނުވަތަ ފެހި ރޭރާއި، ރީނދޫ ރޭރުގެ ވާހަކަ އެވެ. ނުވަތަ ހުރިހާ ކުލަކުލައިގެ ރޭރުތައް ނުހަނު އެކުވެރިކަމާއެކު، އެސޮރުމެންގެ މުޖުތަމަޢު ބިނާކުރުމަށްޓަކައި މަސައްކަތްކުރާ ގޮތުގެ ޙިކުމަތްތެރި ވާހަކަތައް ކިޔައި ނުދެވޭނެތޯ އެވެ؟

ނަމަވެސް، .... ކުލަކުލައިގެ ރޭރުތަކުގެ ވާހަކަތައް ޙިކުމަތްތެރިކަމާއެކު ކިޔައިދޭނީ ކޮންބަޔެއްތޯ އެވެ؟ ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ކޮންމެ ރެއަކު ދަންވަރު ސައްލާކުރުން ކުރިޔަށް ދާހައި ހިނދަކު، ރޭރުގެ އެކުވެރިކަން ބުނެދޭ ޙިކުމަތްތެރި ވާހަކަތަކަށް ޖާގައެއް ލިބިދާނެތޯ އެވެ؟
                ---------------













މުޞަންނިފާ: 
ހަނާ ޢުބައިދު (م. هناء عبيد)، ޝިކާގޯ، އެމެރިކާ.

ދޭހަ ތަރުޖަމާ: 
އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން