މަލަކުލްމައުތަށް ދެންނެވި އާދޭސް














މަލަކުލްމައުތު، އޭނާއާ ކުއްލިއަކަށް ބައްދަލުކުރެއްވި އެވެ. އެމަލާއިކަތާ އޭނާއާ އެގޮތަށް ބައްދަލުކުރައްވައިފާނެ ކަމަކަށް ދުވަހަކުވެސް ހިޔެއް ނުކުރެ އެވެ. އޭރު އޭނާ ފިޔަވައި، އެތާނގައި ތިބި އެހެން މީހުންގެ ލޯތަކަށް އެ މަލާއިކަތާ ވަނީ ޙިޖާބުކުރެއްވިފަ އެވެ. އެހެން މީހުންނަށް ނުފެންނަ ކަމެއް، އޭނާއަށް ކަޝްފުކުރައްވައި ދެއްކެވުމަށްޓަކަ އެވެ.

މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
(فَكَشَفْنَا عَنْكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ) ސޫރަތު ޤާފު: 22
މާނައީ، "ފަހެ، ތިމަންރަސްކަލާނގެ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފުކުރެއްވީމެވެ. ފަހެ، މިއަދު ތިބާގެ ލޮލަކީ، ތޫނު ލޮލެކެވެ."

އޭނާއަށް މަލަކުލްމައުތު ފެނުނު ހިނދު، އެ މަލާއިކަތާގެ އަރިހުގައި އާދޭސް ދަންނަވަން ފެށި އެވެ.

އޭ! މަލަކުލްމައުތެވެ!
މާތް ﷲ ގެ ޙަޟުރަތުގައި ދަންނަވައިދެއްވާށެވެ!
އިބަރަސްކަލާނގެ ވަޢުދުވެވޮޑިގެންނެވި ފާފަފުއްސެވުން ކޮބައިތޯ އެވެ؟
އިބަރަސްކަލާގެ ތަނަވަސް ރަޙުމަތްފުޅު ވެސް ކޮބައިތޯ އެވެ؟
ތިޔަ މަލާއިކަތާގެ އަރިހަށް ތަވައްސުލުވެ ދަންނަވަމެވެ.
އަހުރެންގެ ޢުމުރު، އެންމެ ސާޢަތަކަށް ދަންމަވައިދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދަންނަވައި ދެއްވާށެވެ!
އެ ސާޢަތުގައި، ތައުބާވެ، ފާފަފުއްސެވުންއެދި އެކަލާނގެ ޙަޟުރަތުގައި ދެންނެވުމަށްޓަކަ އެވެ.
އިސްވެދިޔަ ތާނގައި ކުރެވުނު ފާފަތަކާމެދު ހިތާމަކޮށް، އަލުން އާ ޙަޔާތެއް ފެށުމަށްޓަކަ އެވެ.
އެކަލާނގެ ޙަޟުރަތަށް އުރެދުނު ހުރިހައި އުރެދުމެއް ފޮހެވޭ ވަރަށް ކިޔަމަންވެ، އަޅުކަންކުރުމަށްޓަކަ އެވެ.
ޣާފިލުކަމުގައި ހޭދަކުރެވުނު ދުވަސްތަކުގެ ބަދަލުގައި، ހެޔޮކަންކަން ކުރުމުގައި ވަގުތުކޮޅެއް ހޭދަކުރުމަށްޓަކަ އެވެ.
މަންމައާއި ބައްޕަގެ އަތުގައި ބޮސްދީ، އެ ދެ މީހުންނަށް ހެޔޮކޮށް ހިތުމަށްޓަކަ އެވެ.
އަހުރެންގެ ފުށުން އަނިޔާ ލިބިފައިވާ މީހުންނަށް، އެމީހުންގެ ޙައްޤުތައް ދިނުމަށްޓަކަ އެވެ.
އަދި އަހުރެންގެ މުދަލުން ހޭދަކުރެވުނު ގޮތް އިޞްލާޙުކުރުމަށްޓަކަ އެވެ.
އެ މުދަލުގެ ސަބަބުން އަހުރެންގެ ހިތަށް ބޮޑާކަމާއި ކިބުރުވެރިކަން ވެރިވި އެވެ.
ޣާފިލުކަމާއި، މަގުފުރެދުން ވެސް އިތުރުވި އެވެ.
އުރެދުމާއި ނުކިޔަމަންތެރިކަން ވެސް ހައްދުފަނަޅައިދިޔަ އެވެ.
މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި އެ ހުރިހައި މުދަލެއް ހޭދަކުރަން މިއަދު އަހުރެން ބޭނުމެވެ.
ނަރަކައިގެ ވޭންދެނިވި އަޒާބުން މުއްތިވުމުގެ އުންމީދުގަ އެވެ.

މަޢުޞޫލު މަލާއިކަތާ އެވެ!
މާތް ﷲ ގެ ޙަޟުރަތުގައި އަހުރެންގެ މައްޗަށް ޝަފާޢަތްތެރިވެވަޑައިގެން ދެއްވާށެވެ!
އަނިޔާވެރިކަމާއި ޖާހިލުކަމުގައި، ފާފަތައް ކޮށްފައިވާ އަހުރެންނަށް އެކަލާނގެ ތައުބާ ލައްވާތޯ އެވެ.
ތިޔަ މަލާއިކަތާގެ އަރިހުގައި ފުންހިތުން އާދޭހާއެކު ދަންނަވަމެވެ.
މިފަހަރު އަހުރެންގެ މަރު ނުހިއްޕަވާށެވެ!
ތައުބާވުމެއްނެތި މި ޙާލުގައި ވަނިކޮށް އަހުރެންގެ މަރު ނުހިއްޕަވާށެވެ!
ހިއްޕެވުން ގަދަފަދަވެގެންވާ މާތް ﷲ ގެ ޙަޟުރަތަށް އަހުރެން ބިރުވެތިވަމެވެ.
ދުވަހަކުވެސް އެކަލާނގެ ޙަޟުރަތަށް އުރެދިވަޑައިނުގަންނަވާ މަލާއިކަތާ އެވެ!
އަހުރެންގެ މުޅި ޢުމުރު ފަނާކުރީ އެކަލާނގެ ޙަޟުރަތަށް އުރެދުމުގަ އެވެ.
އެހެނަސް، އަހުރެންނާމެދު އެންމެ ފަހަރަކު ނަމަވެސް ރަޙުމުގެ ނަޒަރަކުން ބައްލަވައިލަ ދެއްވާށެވެ!
އަހުރެންގެ ހިތަށް ފިނިކަމެއް ލިއްބައިދޭނެ ޚަބަރެއް ވާނަމަ، އަވަހަށް ގެނެސްދެއްވަ ބައްލަވާށެވެ!
އަހުރެންނަށް ކުރެވިފައިވާ އެއްވެސް ހެޔޮކަމެއް، މިއަދަކު ހަނދާނަކަށް ނާދެ އެވެ.
މިއަދު ހަނދާނަށް އަންނަނީ، ކުރެވިފައިވާ ނުބައި ކަންތައްތަކެވެ.

އޭ! މަލަކުލްމައުތެވެ!
މާތް ﷲ ގެ ޙަޟުރަތުގައި ދަންނަވައި ދެއްވާށެވެ!
އަހުރެންގެ ޢުމުރަށް އެންމެ ސާޢަތެއް އިތުރުކޮށްދެއްވާށެވެ!
ނުވަތަ އެންމެ މިނެޓެއް އިތުރުކޮށްދެއްވާށެވެ!
ނުވަތަ އެންމެ ސިކުންތެއް އިތުރުކޮށްދެއްވާށެވެ!
އަހުރެންގެ އަޖަލު ހިނދުކޮޅަކަށް ލަސްކޮށްދެއްވާށެވެ!
ހެޔޮ ޢަމަލުތައް ކުރުމުގައި ކުރިއެރުމަށްޓަކަ އެވެ.
އަހުރެންގެ ޢުމުރު މުހުލަތަކަށް ދަންމަވައިދެއްވާށެވެ!
ޞާލިޙު ޢަމަލުތައް ކުރުމުގައި ހިންމަތްކުރުމަށްޓަކަ އެވެ.

އާދޭހެވެ.
މާތް ﷲ ގެ ޙަޟުރަތުގައި މިފަދަ ކަމަކަށް މީހަކު އެދުނު ކަމެއް އަހުރެންނަކަށް ނޭނގެ އެވެ.
އަދި އެކަލާނގެ މީހަކަށް މިފަދަ ކަމެއް ހިންމަވައިދެއްވި ކަމެއް ވެސް އަހުރެންނަކަށް ނޭނގެ އެވެ.
އެހެނަސް، އަހުރެން މި އެދެނީ މާތް ﷲ ގެ ތަނަވަސްކަން ބޮޑުވެގެންވާ ލާމަސީލު ދީލަތިވަންތަކަމަށެވެ.
މަލަކުލްމައުތު މެދުވެރިކޮށް އަހުރެން މިދަންނަވަނީ، ރަޙީމުވަންތަ ރަސްކަލާނގެ ޢަފޫކުރެއްވުމަށެވެ.
ހެޔޮކަމަކަށް އެދި އެކަލާނގެ ޙަޟުރަތުގައި ދަންނަވާ މީހާގެ މުހުތާދު، އެކަލާނގެ ފުއްދަވައިދެއްވަތެވެ.
އިތުބާރާއެކު އެކަލާނގެ ރަޙުމަތްފުޅަށް އުންމީދުކުރާ މީހާގެ ދުޢާ އެކަލާނގެ އިޖާބަކުރައްވަތެވެ.

މިފަދައިން ދަންނަވައި ނިމުނުތަނާ އޭނާއަށް ކުއްލި ޚަބަރެއް ލިބުނެވެ.
މާތް ﷲ، އޭނާގެ ޢުމުރު ދަންމަވައި، އަޖަލު ފަސްކުރެއްވި ޚަބަރެވެ!
ހެޔޮ ޢަމަލުތައް ކުރުމަށް އެކަލާނގެ އޭނާއަށް މުހުލަތެއް ދެއްވީތާ އެވެ.
އޭނާގެ ހުވަފެން ޙަޤީޤަތަކަށް ހައްދަވައިދެއްވީތާ އެވެ.
މުސްތަޙީލު ކަމެއް މުމްކިނު ކަމަކަށް ބަދަލުކުރެއްވީތާ އެވެ.
ފަހެ، އޭނާއަށް ދެއްވި މުހުލަތުގެ ބޭނުން، އޭނާ ހިފާނީ ކޮން ގޮތަކަށްތޯ އެވެ؟
އޭނާއަށް ދެއްވި ނާދިރު ނިޢުމަތުގެ އަގު، އޭނާ ވަޒަންކުރާނީ ކިހިނަކުންތޯ އެވެ؟

ޞާލިޙު ތަޤުވާވެރިޔާ، އަލްޢަލާއު ބްނު ޒިޔާދު (ރަޙިމަހު ﷲ) ވިދާޅުވި އެވެ.

"ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރަށް ހާޒިރުވެއްޖެ ކަމަށް ބަލަމާ ހިންގަވާށެވެ! އެހިނދު، އޭނާގެ އަޖަލު ފަސްކޮށްދެއްވުމަށް އެދި، މާތް ﷲ ގެ ޙަޟުރަތުގައި ދަންނަވަ އެވެ. ފަހެ، އެކަލާނގެ އޭނާގެ އަޖަލު ފަސްކުރައްވައި، އޭނާގެ ޢުމުރު ދަންމަވަ އެވެ. ފަހެ، މަލަކުލްމައުތާ ބައްދަލުވުމުގެ ކުރިން، އޭނާ، އެކަލާނގެ ޙަޟުރަތަށް ކިޔަމަންތެރިވެ، ހެޔޮ ޢަމަލުކުރުން ހުއްޓެވެ."
               ---------------

މަޞްދަރު: كتاب ثورة الـ 90 يوما ("ނުވަދިހަ ދުވަހުގެ އިންޤިލާބު" އެވެ، ކިއުނު ފޮތް)
މުޞަންނިފު: ޑރ. ޚާލިދު އަބޫ ޝާދީ (د. خالد أبو شادي)
ތަރުޖަމާ: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން


މުޞައްނިފު: ޑރ. ޚާލިދު އަބޫ ޝާދީ
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 1973 ވަނަ އަހަރު މިޞްރުގަ އެވެ. އޭނާއަކީ، އިސްލާމްދީނަށް ގޮވައިލައްވާ ބޭކަލެކެވެ. ބޭސްވެރި ޑަކުޓަރެކެވެ. ދީނީ ފޮތްތައް ލިއުމުގެ މާހިރެކެވެ. އޭނާގެ ލިއުންތަކުގެ ޚާއްޞަ މީޒާއަކީ، ތިލަކަމާއި ސާދާކަމެވެ. އެންމެ އާދައިގެ މީހުންނަށް ވެސް އޭނާގެ ލިއުންތައް ދޭހަވެ އެވެ.