ބުރައުފުލުމާއެކު ގަދައަޅައި މަސައްކަތްކުރުންއެއްފަހަރަކު މީހަކަށް ކޮކާ ފަންޏެއް ފެނުނެވެ. އެ ފަނީގެ ތޮށިގަނޑުން ކުޑަކުޑަ ލޯވަޅެއް ހެދި އެ ލޯވަޅު ތެރެއިން ކޮކާލެއް ބޭރަށް ނިކުންނަން ތައްޔާރުވިއެވެ. އެ ކުޑަކުޑަ ލޯވަޅު ތެރެއިން އެ ކޮކާ ނިކުތުމަށްޓަކައި ބުރައުފުލަމުން ހިތްވަރާއެކު މަސައްކަތްކުރަމުން ދިޔައިރު، އޭނާ އެ ކޮކާލަށް ބަލަހައްޓައިގެން އެތައް ގަޑިއިރެއް ވަންދެން ހުއްޓެވެ. މިގޮތަށް ބަލަހައްޓައިގެން ހުރެ އެތައްގަޑިއިރެއް ވުމުން އޭނާއަށް ހީވީ މިކަމުން އެއްވެސް ކުރިއެރުމެއް ނުލިބުނީ ކަމަށެވެ. ކޮކާލުގެ މަސައްކަތް ނާކާމިޔާބުވީ ކަމަށެވެ. އޭނާއަށް ހީކުރެވުނީ އޭއްޗަށް އާދެވޭނެ އެންމެ ދުރަކަށް ވާޞިލުވެ ނިމުނީ ކަމުގައެވެ. ދެން އެ ކޮކާލަކަށް އިތުރަށް ކުރިއަށް ނާދެވޭނެކަމުގައެވެ.

އެހެންކަމުން އެ މީހާ ނިންމީ އެ ކޮކާލަށް އެހީތެރިވެ ދިނުމަށެވެ. މިގޮތުން އޭނާ ކަތުރެއް ހިފައިގެން އައިސް އެ ކޮކާފަނީގައި ލޯވަޅު ނުހެދި ހުރިބައި ކަފާލައި، އޭގެ ލޯވަޅު ބޮޑުކޮށްލަދިނެވެ. މިގޮތަށް ހެދުމުން ވަރަށް ފަސޭހަކަމާއެކު ކޮކާ އެ ލޯވަޅުން ބޭރަށް ނިކުމެއްޖެއެވެ. އެކަމަކު އޭތީގެ ހަށިގަނޑު އޮތީ ދުޅަވެފައެވެ. ފިޔަގަނޑު އޮތީ ވާންޖެހޭ ވަރަށް ބޮޑުނުވެ، ރޫޖެހި ކަންފަތި ވެސް ވެފައެވެ.

އޭގެފަހުންވެސް އެތައް ގަޑިއިރެއް ވަންދެން އެމީހާ އެ ކޮކާލަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ އިންތިޒާރުކޮށްގެން ހުރީ ކުޑައިރުކޮޅެއްގެ ތެރޭގައި ފިޔަގަނޑު ބޮޑުވެ ނިއޮޅައިލަފާނެ ކަމަށެވެ. އަދި އޭރުން ގަޑިޖެހުމުން އޭއްޗަށް އޭތީގެ ހަށިގަނޑުގެ ބަރުދަން އުފުލާލައިގެން އުދުއްސައިގަނެވިދާނެ ކަމަށެވެ. އެކަމަކު މިއިން އެއްވެސް ކަމެއް ނުވިއެވެ. އަދި ކިއެއްތަ ކޮކާލަށް ޖެހުނީ މުޅި އުމުރުގައިވެސް ދުޅަވެފައިވާ ހަށިގަނޑަކާއި، ކަންފަތިވެފައިވާ ފިޔަގަނޑަކާއެކު ފިރުކެމުން އުޅޭށެވެ. އޭޗަކަށް ދުވަހަކުވެސް އުދުހެވޭ ގޮތެއް ނުވިއެވެ.

އެމީހާގެ ހިތުގައި ކޮކާލާ ދޭތެރޭ ޙަމްދަރުދީ އުފެދި، އެ އެއްޗަށް އޯގާތެރިވުމުގެ ގޮތުން، އަވަސް އަރައިގަނެގެން އެ ޢަމަލުކުރިއިރު އޭނާއަށް އޮޅުންފިލާފައިނުވާ ކަމަކީ، ކޮކާ އޭތީގެ ފަނީގެ ތެރޭގައި ތާށިވެ އޮވެ ބުރައުފުލައިގެން ކުޑަކުޑަ ލޯވަޅަކުން ނިކުންނަން ޖެހޭގޮތަށް ލައްވާފައި ވުމުގައި ވަރަށް މުހިއްމު ސަބަބުތަކެއް ވާކަމެވެ. އެއީ ޤުދުރަތީގޮތުން ކޮކާލުގެ ހަށިގަނޑުން ދިޔަވަރު ބޭރުކޮށް އޭތީގެ ފިޔަގަނޑަށް ފޯރުކޮށް ދިނުމަށް ލައްވާފައިވާ ގޮތް ކަމާއި، އޭގެ ސަބަބުން އޭތީގެ ތޮށިގަނޑުން މިނިވަންވާއިރު ކޮކާލުގެ ފިޔަގަނޑު ހުންނާނީ އުދުއްސައިގަނެވޭ ވަރަށް ބާރުގަދަވެފައި ކަމެވެ.

ބައެއްފަހަރު އަހުރެމެން ޙަޔާތުގައި ބުރައުފުލަންޖެހޭ ގޮތަށް ލައްވާފައިވެއެވެ. އެއްވެސްކަހަލަ އުނދަގުލަކާ ނުލައި ޙަޔާތުގައި އަހުރެމެން ކުރިއަށްދާން މާތް ﷲ ދޫކޮށްލައްވައިފައިވީ ނަމަ، އަހުރެމެން ވާހުށީ ކޮރު ބަޔަކަށެވެ. ވާންޖެހޭފަދަ ބާރުގަދަ ބަޔަކަށް އަހުރެމެންނެއް ނުވާނެއެވެ. އަހުރެމެނަކަށް "އުދުހިއެއް" ނުގަނެވޭނެއެވެ.

އަހުރެމެން ބާރުގަދަ ބަޔަކަށް ވުމަށް އެދުނީމެވެ އެހެންކަމުން މާތް ﷲ އަހުރެމެންނަށް ދެއްކެވީ ބާރުގަދަވުމަށްޓަކައި ބުރަމަސައްކަތް ކުރުމެވެ. އަހުރެމެން ބުއްދިވެރި ބަޔަކަށް ވުމަށް އެދުނީމެވެ އެހެންކަމުން މާތް ﷲ އަހުރެމެންނަށް ދެއްކެވީ ޙައްލުކުރުމަށްޓަކައި މައްސަލަތަކެވެ. އަހުރެމެން ކާމިޔާބު ބަޔަކަށް ވުމަށް އެދުނީމެވެ އެހެންކަމުން މާތް ﷲ އަހުރެމެންނަށް ދެއްވީ މަސައްކަތްކުރުމަށްޓަކައި މުލައްދަނޑިއާއި ސިކުނޑިއެވެ. އަހުރެމެން ހިތްވަރުގަދަ ބަޔަކަށް ވުމަށް އެދުނީމެވެ އެހެންކަމުން މާތް ﷲ އަހުރެމެންނަށް ދެއްކެވީ ގިރާކުރުމަށްޓަކައި ނުރައްކާތެރިކަމެވެ. އަހުރެމެން ލޯބި ލިބިގަތުމަށް އެދުނީމެވެ އެހެންކަމުން މާތް ﷲ އަހުރެމެންނަށް ދެއްކެވީ އެހީތެރިވުމަށްޓަކައި މުސީބާތްތަކާ ދިމާވެފައިވާ މީހުންނެވެ. އަހުރެމެން އެހީއަށް އެދުނީމެވެ އެހެންކަމުން މާތް ﷲ އަހުރެމެންނަށް ދެއްވީ ފުރުޞަތެވެ.

އަހުރެމެންނަށް އަހުރެމެން އެދުނު އެއްވެސް އެއްޗެއް ނުލިބެއެވެ. އެކަމަކު އަހުރެމެން ބޭނުންވި ހުރިހާ އެއްޗެއް ލިބުނެވެ. "ފަހެ، އެންމެފުރިހަމައަށް ތަކެތި ހައްދަވާ اللَّه، މަތިވެރިވެވޮޑިގެންވެއެވެ." (އަލްމުއުމިނޫން ސޫރަތުގެ ސާދަވަނަ އާޔަތް)
                ------------------
ލިޔުއްވީ: އަޙުމަދު ނާޞިޙު
http://www.meedhoo.com/?p=1992