ހަވީރުގެ ޚާއްޞަ ސަޕްލިމަންޓަކަށް ނަޒަރެއްމިޞްރުގެ ޖާމިޢުލް އަޒުހަރަށް އެއްހާސް އަހަރު ފުރުނު މުނާސަބަތު ފާހަގަކޮށް، ހަވީރު ނޫހުން، ޚާއްޞަ ސަޕްލިމަންޓެއް ނެރުނެވެ. އެއީ ހުދު ކަރުދާހުގައި ކަޅުކުލައިން ނެރުނު، ކަޅާއި ހުދުގެ ސަޕްލިމަންޓެކެވެ. އެހެން ކުލައެއް އެޔަކު ނެތެވެ. މި މަޒުމޫނުގައި ބަލައިލާނީ، އޭގައިވާ ބައެއް ނުކުތާތަކުގެ މައްޗަށެވެ.

ބޮޑު ދޮގެއް

ސަޕްލިމަންޓްގެ ފުރަތަމަ ޞަފުޙާގައިވެ އެވެ. "އަޒުހަރަކީ، އިސްލާމީ އެންމެހާ ޔުނިވަރސިޓީތަކާއި މަދްރަސާތަކުގެ ބައްޕައެވެ." މިއީ ވަރަށް ބޮޑު ދޮގެކެވެ. އަޒުހަރަށްވުރެ މާ ދޮށި އިސްލާމީ މަދްރަސާތައް ވެ އެވެ. އެގޮތުން ފާހަގަކޮށްލަން ޖެހޭ އެންމެ ހައިބަތުހުރި މަދްރަސާއަކީ، އަލްމަސްޖިދުއް ނަބަވީ އެވެ. ޙަޤީޤަތުގައި، އެންމެހާ އިސްލާމީ ތަޢުލީމީ މުއައްސަސާތަކުގެ ބައްޕައަކީ އެ މިސްކިތެވެ.


ސަޕްލިމަންޓްގެ ދެވަނަ ޞަފުޙާގައިވެ އެވެ. "ފާޠިމީން އަޒުހަރު ބިނާކޮށްފައިވަނީ، ޤައިރަވާންގެ ޢަޤަބާ މިސްކިތާ، ތޫނިސްގެ ޒައިތޫނާ މިސްކިތް ބަލައިގެންނެވެ." އެހެންވީމާ، ޢަޤަބާ މިސްކިތާއި ޒައިތޫނާ މިސްކިތް ވެސް ވާނީ އަޒުހަރަށްވުރެ ދޮށި ދެ މަދްރަސާ އަށެވެ.

އަޒުހަރު ބިނާކުރުން

ސަޕްލިމަންޓްގެ ދެވަނަ ޞަފުޙާގައި "އަޒުހަރު ބިނާކުރުން" މި ސުރުޚީގެ މައްޗަށް ބަލާލާފައިވެ އެވެ. އަޒުހަރު މިސްކިތުގެ ބިންގާއެޅުނީ، 24 ޖުމާދަލްއޫލާ 359 ގަ އެވެ. މީލާދީން އެއީ 970 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ދުވަހެކެވެ. އެތަން ބިނާކޮށް ނިމުނީ ދެ އަހަރު ދުވަހުންނެވެ. އެއީ، އަލްމުޢިއްޒު ލިދީނިއްލާހިލް ފާޠިމީ ގެ ޒަމާނެވެ. އޭނާއަކީ، ފާޠިމީ ދައުލަތުގެ ރަސްކަލެކެވެ.

ފާޠިމީ ދައުލަތް ނިސްބަތްވަނީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ދަރިކަނބަލުން ފާޠިމަތުގެފާނަށް ކަމަށް ސަޕްލިމަންޓްގެ ދެވަނަ ޞަފުޙާގައިވެ އެވެ. މިވަރަށް ބުނެފައި ދޫކޮށްލުމުން ވަރަށް ބޮޑު ޙަޤީޤަތެއް ވާނީ ފޮރުވިފަ އެވެ. ޙަޤީޤަތުގައި ފާޠިމީންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސުންނީ މަޒުހަބުގެ ބަޔެއް ނޫނެވެ. އަޒުހަރު ބިނާކުރީ ސުންނީ މަޒުހަބު ދިރުވާކަށް ވެސް ނޫނެވެ. އެކަމަކު އެމިސްކިތް ބިނާކުރީ ފާޠިމީންގެ މަޒުހަބު ދިރުވުމަށްޓަކަ އެވެ. ފާޠިމީންނަކީ ދީނީ ގޮތުން ފާޠިމަތުގެފާނާ ތަބާވާ ބަޔެއް ނޫނެވެ. އެމީހުން އެކަމަނާގެ ނަންފުޅަށް ނިސްބަތްވުމީ، އެކަމަނާއާ އެމީހުންނާ ދީނީ ގޮތުން އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ.

އަޒުހަރުގެ ނަން

އަޒުހަރަށް ނަންކިއުނު ގޮތް، ސަޕްލިމަންޓްގެ ދެވަނަ ޞަފުޙާގައިވަނީ، އަންނަނިވި ޢިބާރާތުންނެވެ. "ބައެއް މުއައްރިޚުން ބުނާ ގޮތުގައި އަލްއަޒުހަރު ބިނާކުރެއްވުމަށްފަހު، ޖައުހަރުއް ޞިޤިއްލީ އެތަނަށް ނަންދެއްވީ ޖާމިޢުލް ޤާހިރާގެ ނަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި، "އަޒުހަރު" މިނަން ދެވުނީ، ޒުހުރާ ތަރިއަށް ނިސްބަތްކޮށެވެ."

ނަންގަނެވިދިޔަ ޢިބާރާތުން، އަޒުހަރަށް ނަންދެވުނު ގޮތް ވަރަށް ސާފުކޮށް އެބަ އޮޅުންފިލަ އެވެ. އެތަނަށް ނަންދީފައިވަނީ، ފާޠިމަތުގެފާނުގެ ނަންފުޅަކުންނެއް ނޫނެވެ. އެ ޢިބާރާތުން އެނގޭ ގޮތުގައި، އެތަނަށް ފުރަތަމަ ނަންދެވުނީ ޤާހިރާއަށް ނިސްބަތްކޮށް، ޖާމިޢުލް ޤާހިރާގެ ނަމުންނެވެ. އެއަށްފަހު، ވީނަސްގެ ޢަރަބި ނަން ކަމަށްވާ ޒުހުރާގެ ނަމުން ނަންދިނީ އެވެ.

އަޒުހަރުގައި ދިވެހިން

މި ޞްރުގެ ޖާމިޢުލް އަޒުހަރުގައި ދިވެހީން" މި ސުރުޚީގެ މައްޗަށް، (އަލްމަރްޙޫމު) މުޙައްމަދު ޖަމީލު ލިއުއްވާފައިވާ މަޒުމޫނު ފަށާފައިވަނީ، ސަޕްލިމަންޓްގެ ހަތަރުވަނަ ޞަފުޙާއިންނެވެ.

އަޒުހަރުގައި ކިޔެވި ބައެއް ދިވެހި ދަރިވަރުންގެ ފޮޓޯތައް މި ޞަފުޙާގައިވެ އެވެ. އެއްފޮޓޯގައިވަނީ، އަލްމަރްޙޫމު އިބްރާހީމް ލުޠުފީ އާއި، އަލްމަރްޙޫމު މުޙައްމަދު ވަޙީދާއި، އަލްމަރްޙޫމު މުޙައްމަދު ސަޢީދާއި، އަލްމަރްޙޫމު ޢަބްދު ﷲ ފަހުމީ އެވެ. މިއީ، އަޒުހަރަށް ކިޔަވަން ފޮނުވުނު ފުރަތަމަ މިޝަނެވެ.

އަނެއް ފޮޓޯގައިވަނީ، އިބްރާހީމް ލުޠުފީ އާއި، ޢަލީ ޙުސައިންދީދީ އާއި ޙުސައިންރަހާ އާއި، މުޙައްމަދު ވަޙީދާއި މުޙައްމަދު ޖަމީލާއި މުޙައްމަދު ލުޠުފީ އާއި ޢުމަރު ޢީސާ އެވެ. މިއީ، މިޞްރަށް ކިޔަވަން ފޮނުވުނު ދެވަނަ މިޝަނެވެ.

އަޒުހަރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ފޮޓޯތައް، ސަޕްލިމަންޓްގެ ފަސްވަނަ ޞަފުޙާގައި ވެސް ވެ އެވެ. އެއް ފޮޓޯގައިވަނީ، މޫސާފަތުޙީ އާއި، މުޙައްމަދު ޖަމީލާއި، ޙާމިދުފަހުމީ އާއި، މައުމޫނު ޢަބްދުލް ޤައްޔޫމް އާއި އަޙުމަދު ޝާޠިރެވެ. މީގެ ތެރެއިން ޙާމިދު ފަހުމީ، މިޞްރުގައި އަވަހާރަވީ ކަމަށް އެހެން ފޮޓޯއެއްގައި ބުނެފައިވެ އެވެ.

ސުމުއްވުލް އަމީރު އަލްމަރްޙޫމު މުޙައްމަދު އަމީނު، އަޒުހަރަށް ފޮނުއްވި ދިވެހި ދަރިވަރުން މިޞްރަށް ފޭބީ، 16 މާރޗް 1950 ވީ ބުރާސްފަތިދުވަހު، ފަތިހު 4.45 ގައި ކަމަށް މި ޞަފުޙާގައިވެ އެވެ.

1965 ގައި މިޞްރުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ފޮޓޯއެއް، ސަޕްލިމަންޓްގެ ތިންވަނަ ޞަފުޙާގައިވެ އެވެ. އެފޮޓޯގައިވަނީ، ޙުސައިން ޙަލީމާއި، މައުމޫނު ޢަބްދުލްޤައްޔޫމާއި، މުޙައްމަދު ރަޝީދު އިބްރާހީމާއި، އިބްރާހީމް ރަޝީދު މުސާއާއި، ޙުސައިން ޢަބްދުއްރަޙުމާނާއި، މުޙައްމަދު ޒާހިރު ޙުސައިނާއި، އަޙުމަދު އާދަމާއި، އިބްރާހީމް ރަމީޒާއި، އާދަމް މުސާއާއި، ޢަބްދުއްލަޠީފު މަޙުމޫދާއި، ނަސްރީނާ އިބްރާހީމާއި، މުޙައްމަދު ނިޒާރާއި، އަބޫބަކުރު ޢަލީ އާއި، އިބްރާހީމް ޞާބިރާއި، މޫސާފަތުޙީއާއި، އަޙުމަދު ޢަބްދު ﷲ އާއި، އިބްރާހީމް ވަޙީދާއި، ޢަބްދުލް ޙަމީދު އަޙުމަދާއި، ޢަބްދުލް ހާދީ ޙުސައިނާއި، ޢީސާ އިބްރާހީމާއި، ޢަބްދުލް ޣަފޫރު ޢަބްދުއްލަޠީފާއި، މޫސާ ޞާލިޙާއި، އަޙުމަދު ޢައްބާސާއި، ރިފުޢަތު ޢަފީފެވެ.

1965 ގައި ސަރުކާރުން މިޞްރަށް ފޮނުއްވި ކުދީންގެ ފޮޓޯއެއް، ސަޕްލިމަންޓްގެ ތިންވަނަ ޞަފުޙާގައިވެ އެވެ. އެފޮޓޯގައިވަނީ، މުޙައްމަދު ނިޒާރާއި، އިބްރާހީމް ރަޝީދު މޫސާއާއި، އިބްރާހީމް ޞާބިރާއި، ޢީސާ އިބްރާހީމާއި، ރިފުޢަތު ޢަފީފާއި، މޫސާ ޞާލިޙާއި، އިބްރާހީމް ވަޙީދާއި، ޢަބްދުލްޣަފޫރު ޢަބްދުއްލަޠީފާއި، ޢަބްދުލްހާދީ ޙުސައިނާއި، ޢަބްދުލްޙަމީދު އަޙުމަދެވެ.

1950 ގެ އަހަރުތަކުގެ ފަހުކޮޅުގައި، އަޒުހަރުގައި ތިބި ދިވެހީންގެ ފޮޓޯއެއް ވެސް، ސަޕްލިމަންޓްގެ ތިންވަނަ ޞަފުޙާގައިވެ އެވެ. އެފޮޓޯގައިވަނީ، މޫސާ ފަތުޙީ އާއި، މައުމޫނު ޢަބްދުލް ޤައްޔޫމާއި، މުޙައްމަދު ޒާހިރު ޙުސައިނާއި، ފަތުޙު ﷲ ޖަމީލެވެ.

ނުދައްކާ ވާހަކަ

މި ސަޕްލިމަންޓްގައި، އަޒުހަރުގައި ކިޔެވި ދިވެހީންނާ ބެހޭ މަޢުލޫމާތުގެ އިތުރުން، އަޒުހަރާ ބެހޭ ބައެއް މަޢުލޫމާތުވެސް ހިމަނާފައިވެ އެވެ. ނަމަވެސް މި ސަޕްލިމަންޓްގައި ނެތް ވަރަށް މުހިންމު ދެ ވާހަކައެއް އަޑުއަހަމެވެ. އެއްވާހަކައަކީ، މިސަޕްލިމަންޓްގައިވާ ދަރިވަރުން އަޒުހަރުގައި ކިޔެވިއިރު، ބައެއް ދަރިވަރުންނަށް ވަރަށް ގިނައިން ފައިސާ ލިބޭ ވާހަކަ އެވެ. އަނެއް ވާހަކައަކީ، އޭރު އަޒުހަރުގައި ކިޔެވި ބައެއް ދަރިވަރުން ވަރަށް ނިކަމެތި ޙާލުގައި އުޅުނު ވާހަކަ އެވެ.

ގިނައިން ފައިސާ ލިބިގެން އުޅުނު ދަރިވަރުން އުޅުނީ މިޞްރުގެ ޙިލްމިއްޔާ އެވެ ކިއުނު ރަށުގައެވެ. އެރަށުގައިވާ ނުހަނު ހިތްފަސޭހަ ފްލެޓްތަކުގަ އެވެ. އޭރު މިޞްރުގެ ވަޒީރުންނަށްވުރެ ވެސް އެ ދަރިވަރުން ތަނަވަސް ކަމަށް ބުނާ އަޑު އަހަމެވެ. އެއިން ދަރިވަރަކަށް، އޭރު ފަސްދޮޅަސް ސްޓާލިންގ ޕައުންޑް ލިބޭކަމަށާއި އޭގެ ސިއްރު އަދިއަދަށް ދާންދެންވެސް ނޭގޭކަމަށް އޭރުގެ ދަރިވަރެއް ކަމުގައިވާ މިހާރުގެ ބޭފުޅަކު ވިދާޅުވި އަޑު އެހީމެވެ. އޭރު މިޞްރުގެ ޙިލްމިއްޔާގެ ފްލެޓެއްގެ މަހު ކުއްޔަކީ، މިޞްރުގެ 6 (ހަޔެއް) ޖުނައިހެވެ. އެހެންވީމާ، ގިނައިން ފައިސާ ލިބިގެން އުޅުނު ދަރިވަރުން، އޭރު މިޞްރުގައި އުޅެފައިވާނީ، ވަރަށް ތަނަވަސް ދިރިއުޅުމެއް ކަމަށް ބެލެވެ އެވެ.

އޭރު ނިކަމެތި ޙާލުގައި އުޅުނު ދަރިވަރުންގެ ޙާލަތު ވަރަށްވެސް ނިކަމެއްޗެވެ. އެ ދަރިވަރުން ދިރިއުޅުނީ، މަދީނަތުލް ބުޢޫޘްގަ އެވެ. އެއީ އަޒުހަރުގެ ދަރިވަރުންނަށް ޚާއްޞަކޮށްފައިވާ އަވަށްގަނޑެއް ކަހަލަ ސަރަޙައްދެކެވެ. ބުއޫސުގައި އުޅުނު ދަރިވަރުން، ކާނެ އެއްޗެއް ނެތިގެން، ބަނޑުހައިވެގެން ގޮސް ހަލާކުވާވަރުވުމުން، ބިންމައްޗަށް އުކާލާފައި ހުންނަ ރޮށިކޮޅުކޮޅު ހޮވައިގެން ކާކަމަށް ބުނެވެ އެވެ. އެހައި ނިކަމެތި ޙާލުގައި ކިޔަވަން އުޅެފި ބަޔަކަށް ތަފާތު ގިނަގުނަ ނަފުސާނީ ބަލިތައް ޖެހިފައިވާނެ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ރުންކުރުކަމާއި، ރުޅިގަދަކަމާއި، ޚުދުމުޚުތާރުކަމާއި، އަނިޔާވެރިކަން ފަދަ އެތައް ބައްޔެކެވެ.

މިވާހަކަ ކޮޅާއެކު މިހިސާބަށް މި މަޒުމޫނު ނިންމާލާނަމެވެ.
          ------------------------------

ލިޔުއްވީ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން 
http://www.bahuru.net/1_sagaafaiy/ehenihen_3_215.html