އަލްފުލައިލާގެ ނަމުން މަޝްހޫރުވެފައިވާ ވާހަކަތަކަކީ، ވަރަށް މަޝްހޫރު ވާހަކަތަކެކެވެ. އެއީ ޚިޔާލީ ވާހަކަތަކެއްކަމަށް ވިއަސް އެވާހަކަތަކުގައި ބަޔާންކޮށްފައިވާ ގޮތްގޮތާއި ދާދި އެއްގޮތަށް އަބަދުވެސް ކަންކަން ހިނގަ އެވެ. އަލްފުލައިލާގެ ސިންދުބާދުގެ ވާހަކަތަކަކީ އަދި ވަކިން ޚާއްޞަ ވާހަކަ ތަކެކެވެ. ވުމާއެކު، ފުރަތަމަ ޚުލާޞާކޮށްލާނީ، އޭގެތެރެއިން ސިންދުބާދުގެ ޖަނާޒާގެ ވާހަކަ އެވެ.
ސިންދުބާދަކީ ކަނޑުދަޔުތުކުރާ މީހެކެވެ. ކޮންމެ ދަތުރެއްގައި ގިނަގުނަ ނުރައްކާތަކާއި ކުރިމަތިލާން ޖެހޭތީ، އެނބުރި ބަޣުދާދަށް ދަނީ، މިއީ އެންމެ ފަހު ދަތުރުކަމަށް އަޒުމް ކަނޑައަޅައިގެންނެވެ. ނަމަވެސް ރަށަށް އައުމާއެކު، އެ ހަނދާން ނެތި އަނެއްކާވެސް ފުރައިގެން ދަނީއެވެ.
ސިންދުބާދުގެ ޖަނާޒާގެ މިދަތުރަކީވެސް ވަރަށް އާދަޔާ ޚިލާފު ދަތުރެކެވެ. މިފަހަރު ދެވުނު ރަށުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހުމުން ސިންދުބާދު މީހަކާއި ކައިވެނި ކުރިއެވެ. ކަންދިމާވި ގޮތުން މާ ގިނަދުވަހެއް ނުވަނީސް އޭނާގެ އަނބިމީހާ މަރުވީއެވެ. އަނބިމީހާގެ ކަށުކަމާކެމީގެ ކަންތަކާއެކު، ސިންދުބާދުގެ ކަށުކަމާކެމީގެ ކަންކަންވެސް ތަފާތު ގޮތަކަށް އެރަށުމީހުން ކުރިއެވެ. އެއީ އެރަށުގެ އާދަކާދަ ހަމަޖެހިފައި އޮންނަ ގޮތެވެ.
ދެމަފިރިންގެ ތެރެއިން
ކުރިން މަރުވާ މީހާއާއިއެކު އަނެއްމީހާ ވެސް ވަޅުލަނީއެވެ. އެކަމަކު އެޝަހަރަކީ، ބިންގަނޑު
ކޮނެ ވަޅުލާ ޝަހަރެއް ނޫނެވެ. އެޝަހަރުގައި ހަދާގޮތަކީ، ފަރުބަދައެއްގެ މަތީގައި ހުންނަ
ބާގަނޑަކުން އެތެރެއަށް ސަންދޯއް ދޫކޮށްލުމެވެ. އެގޮތުން މަދު ކާއެތިކޮޅެއް ދީފައި
ސިންދުބާދުވެސް އަނބިމީހާގެ ސަންދޯކާއެކު އެހޮހަޅަށް ދޫކޮށްލީއެވެ. ހޮހަޅައިގައި ވަރަށްދަތި
ޙާލުގައި މަރާއި ހަނގުރާމަކޮށް ފަރުބަދައިގެ ތަންތަނުގައި މިނިކަށިގަނޑަކުން ތަޅަމުންގެންދަނިކޮށް،
ހެދުނު ބާގަނޑަކުން ނިކުމެވޭގޮތްވެ، ސިންދުބާދު ސަލާމަތްވީއެވެ.
ދެން މިކަމާއި ގުޅުންހުރި
އެހެންވާހަކައެއް ވިދާޅުވެލައްވާށެވެ. ދިވެހިރާއްޖެއިންނެވެ. އެވާހަކައަކީ، ބޭސްފަރުވާގެ
ވާހަކައެކެވެ. ބޭސްފަރުވާކުރަމުން ދަނިކޮށް، ޑޮކްޓަރ ލަފާދެއްވީ ރާއްޖެއިން ބޭރަށް
ދިއުމަށެވެ. އާސަންދަ އޮފީހަށް ލިޔެކިޔުންތައް ހުށަހެޅުމުން އެތަނުން އެންގެވީ، ދިވެހި
ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްދޭ ނިޒާމަށް ޖަމާކޮށްފައި ހުންނަނީ، އެއްލައްކަ ރުފިޔާ
ކަމަށާއި، އެފައިސާގެ ތެރެއިން ދިހަހާސް ރުފިޔާ ހަމަޖައްސާފައި ފަނަރަހާސް ރުފިޔާ ހަމަޖައްސާފައި
ހުންނަނީ، ޓިކެޓަށް ކަމަށާއި، ދިހަހާސް ރުފިޔާ ހަމަޖައްސާފައި ހުންނަނީ، އެޑްމިޓްނުކޮށް
ކުރާ ބޭސްފަރުވާ ކުރުމަށް ކަމަށާއި، ބާކީ ފައިސާ އަކީ އެޑްމިޓްކޮށްގެން ބޭސްފަރުވާ
ކުރުމަށް ހަމަޖައްސާފައި ހުންނަ ފައިސާ ކަމަށެވެ. ދިހަހާސް ރުފިޔާގެ ތެރެއިން މިހާރު
ބާކީ ހުރީ ހާހެއްހާ ރުފިޔާ ކަމަށެވެ. ޑޮކްޓަރު ލަފާދެއްވާފައިވަނީ، އެޑްމިޓްނުކޮށް
ކުރަންޖެހޭ ބޭސްފަރުވާ ކުރުމަށް ކަމަށްވާތީ، ޓިކެޓް ހަމަޖައްސައިދެވެން ނޯންނާނެ ކަމަށެވެ.
ކޮންމެއަކަސް އެޑްމިޓްނުކުރާނަމަ، ރާއްޖެއިންވެސް، ރާއްޖެއިން ބޭރުންވެސް ބޭސްފަރުވާކުރުމުގެ
މަގުތައް ބަންދުވީއެވެ. ބޭސްފަރުވާ ކުރެވެން އޮތީ އެޑްމިޓްކޮށްގެންނެވެ. ނަމަވެސް އެކަންވެސް
ކުރެވެން އޮތީ، ބާކީހުރި ހާހެއްހާ ރުފިޔާ ހުސްވުމުގެ ކުރިން އެޑްމިޓް ކުރެވިގެންނެވެ.
ޑޮކްޓަރުވެސް އެކަންކުރާނީ، އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމައެވެ. އެފަދަ ކަމެއް
މެދުވެރި ނުވެއްޖެނަމަ، އަހަރު ހުސްވުމުން (ޤާނޫނެއްގެ ދަށުން ދިވެހިރައްޔިތުންނަށް
ބޭސްފަރުވާކުރުމަށް) ސަރުކާރުން ހަމަޖައްސަވާފައިވާ ފައިސާއިން ބާކީހުރި ނުވަދިހަހާސް
ރުފިޔާވެސް އެނިމުނީއެވެ. ޢާއްމުގޮތެއްގައި، އެންމެގިނައިން ކުރަންޖެހޭ ކަމަކީ އެޑްމިޓް
ނުކޮށް ބޭސްފަރުވާ ކުރުމެވެ. އެންމެ މަދު އަދަދެއް ޖަމާކޮށްފައި ހުންނަނީވެސް އެކަމަށެވެ.
ދިހަހާސް ރުފިޔާ އަވަހަށް ހުސްވުމަކީ، ސިންދުބާދު ފަދައިން، ދިހަހާސް ރުފިޔާ ހުސްވެ،
ބަލިމީހާ ސަންދޯކުއަޅައި ޖަނާޒާ ބޭއްވުމެވެ. ނުވަހަދިހާހާސް ރުފިޔާ ބަލިމީހާގެ ނަމުގައި
ދުނިޔެއަށް ދޫކޮށްފައެވެ.
އަޅުގަނޑަށް ހީވާގޮތުގައި، އެޑްމިޓްކޮށްގެން ފަރުވާކުރަނިކޮށް،
އެއްބައި ފަސޭހަވެ، ނުވަތަ އެއީ އޮޕަރޭޝަނެއްނަމަ، އަންދާޒާކުރި އަދަދަށްވުރެއް ނުވަތަ
ނުވަދިހަހާސް ރުފިޔާ އަށްވުރެ ގިނައިން ޚަރަދުވާނެކަން، އޮޕަރޭޝަން ނުނިމެނީސް އެނގިއްޖެނަމަ،
އެކަންވެސް ޖެހޭނީ އެހާ ހިސާބުން ހުއްޓާލާށެވެ. ވުމާއެކު، މިކަން ހަމަޖައްސަވާފައި
އޮންނަގޮތުން އެތިންބައިންކުރެ ކޮންމެބައެއް ހުސްވިކަމަށް ވިއަސް، އަނެއް ދެބައި ކަފުންކޮށް
ޖަނާޒާ ބޭއްވުނީއެވެ. ސިންދުބާދުގެ ޖަނާޒާފަދައިންނެވެ.
------------------------
ލިޔުއްވީ: "ރަަންދޫ"