އެއްފަހަރަކު އުޅުއްވި
ރަސްކަލެއްގެ ފިރިހެން ޚާދިމަކު އަބަދުވެސް ރަސްގެފާނު އަރިހު ދަންނަވައެވެ. "މާތް ރަސްގެފާނެވެ.
ހިތްވަރު ބަލިވިޔަ ނުދެއްވާށެވެ. މާތް
ﷲ ކޮންމެ ކަމެއްވެސް ނިންމަވާނީ، އޭގައި އެއްވެސް ކުށެއް ނުވާފަދަ ފުރިހަމަ ގޮތުގައެވެ. އެކަލާންގެއަކީ އެންމެހެޔޮފުޅު ރަސްކަލާންގެއެވެ."
އެއްދުވަހަކު ރަސްގެފާނު،
ޚާދިމުކަލޭގެއާއެކު ޝިކާރަކުރެއްވުމަށް ވަޑައިގެން އުޅުއްވަނިކޮށް ޖަންގަލީގެ ޖަނަވާރަކު އައިސް ރަސްގެފާނަށް ޙަމަލަދިނެވެ. މިގޮތަށް ދިމާވުމުން ރަސްގެފާނު ސަލާމަތްކުރެއްވުމުގެ
ގޮތުން ޚާދިމުކަލޭގެ އެ
ޖަނަވާރާ ހަނގުރާމަކޮށް، އެންމެފަހުން އެސޮރު މަރާލައިފިއެވެ. އެކަމަކު މިޙަމަލައިގަ ރަސްގެފާނުގެ އެއް އިނގިލި ގެއްލިވަޑައިގަންނަވަން ޖެހުނެވެ. ޚާދިމުކަލޭގެއަށް އެކަމެއް ނުހުއްޓުވުނެވެ.
ޚާދިމުކަލޭގެ ކުރި މަސައްކަތަށް ޝުކުރުވެރިވުމުގެ ބަދަލުގައި، ރަސްގެފާނު ކޯފާވެވަޑައިގެން ހުންނަވައި ވިދާޅުވިއެވެ. “މާތްﷲ އަކީ ކަލޭ ބުނާފަދަ ރަނގަޅު ފަރާތެއް ނަމަ ޖަނަވާރަކު އައިސް އަހަރެންނަށް ޙަމަލައެއް ނުދިނީހެވެ. އަދި އެހަމަލާގެ ސަބަބުންގެ އަހަރެންގެ އެއް އިނގިލި ގެއްލިގެން ނުދިޔައީހެވެ.” ރަސްގެފާނު މިހެން ވިދާޅުވުމުން ޚާދިމުކަލޭގެ ޖަވާބު ދިނެވެ. “ތިޔަފަދައިން ކަންތައް ވިޔަސް، އަޅުގަނޑު އަދިވެސް ހަމަ ދަންނަވާނީ މާތްﷲ އަކީ އެންމެ މަތިވެރި، އެންމެ ހެޔޮފުޅު ރަސްކަލާންގެ ކަމާއި، އެކަލާންގެ ހުރިހާ ކަމެއްވެސް ލައްވާފައިވަނީ އެންމެ ފުރިހަމައަށް ކަމަށެވެ. އެކަލާންގެ ގޯސްކޮށް ކަމަކަށް އިރާދަ ނުކުރައްވާނެއެވެ.” މިޖަވާބަށް ރަސްގެފާނު ކޯފާއިސްކުރައްވައި ޚާދިމުކަލޭގެ ހައްޔަރުކުރުމަށް އަމުރު ކުރެއްވިއެވެ.
އޭގެފަހުން އެހެންފަހަރަކު
ރަސްގެފާނު ޝިކާރަކުރެއްވުމަށް ވަޑައިގަތެވެ. މިފަހަރު ރަސްގެފާނު ޝިކާރަކުރެއްވުމުގައި
އުޅުއްވަނިކޮށް، ވަލުތެރެއިން ދިމާވި ޤަބީލާއެއްގެ ބަޔަކު ރަސްގެފާނު ހައްޔަރުކުރިއެވެ. މި ޤަބީލާގެ މީހުންނަކީ އެމީހުންގެ ކަލާންގެއަށްޓަކައި އިންސާނުން ޤުރުބާންކުރާ ބައެކެވެ. ރަސްގެފާނު ޤުރުބާންކުރަންވެގެން މިކަމަށްޓަކައި
އެބައިމީހުން ބޭނުންކުރާ ހިލަގަނޑެއްގެ
މަތީގައި ރަސްގެފާނު ބާއްވައިފަ ބަލާލިއިރު ރަސްގެފާނުގެ އެއް އިނގިލި މަދުކަން ފާހަގަ ކުރެވިއްޖެއެވެ.
އެހެންކަމުން އެބައިމީހުން ރަސްގެފާނު
ދޫކޮށްލައިފިއެވެ. ސަބަބަކީ އެބައިމީހުންގެ ކަލާންގެއަށް ޤުރުބާންކުރުމަށް ފުދޭ، އަދި ފުރިހަމަ މީހަކަށް
ރަސްގެފާނު ނުވާތީއެވެ.
ރަސްގެފާނު އަނބުރައި
ގަނޑުވަރަށް ވަޑައިގެން ޚާދިމުކަލޭގެ މިނިވަންކުރުމަށް އަމުރުކުރިއެވެ. އަދި އޭނާ ކުރެން އެއްސެވިއެވެ. “އަހަރެންގެ ރަޙްމަތްތެރިއާއެވެ. މާތް ﷲ ޙަޤީޤަތުގައިވެސް އަހަރެންނަށްޓަކައި ވަރަށް ހެޔޮފުޅެވެ. އަހަރެން މަރައި ނުލެވުނީ ގާތްގަނޑަކަށް ކިރިޔާއެވެ. އެކަމަކު އެއް އިނގިލި މަދުވުމުގެ
ސަބަބުން އަހަރެން ދޫކޮށްލެވުނީއެވެ.
އެހެން ނަމަވެސް އަހަރެންގެ ސުވާލެއް އެބައޮތެވެ. މާތް ﷲ އަކީ އެފަދަ ހެޔޮފުޅު ކަލަކަށް ވީހިނދު، އަހަރެން ކަލޭ ޖަލަށް ލުމަށް އިރާދަކުރެއްވީ ކީއްވެހެއްޔެވެ؟” އޭނާ ޖަވާބުދިނެވެ. “އަޅުގަނޑުގެ ސާހިބު ރަސްގެފާނެވެ. އަޅުގަނޑު މަނިކުފާނު އަރިހު ޝިކާރައަށް ދިޔަނަމަ އެބައިމީހުން އަޅުގަނޑު ޤުރުބާންކުރީހެވެ. ސަބަބަކީ
އަޅުގަނޑުގެ އިނގިއްޔެއް މަދުނުވާނެތީއެވެ.
ހުރިހާ ކަމެއްވެސް މާތް ﷲ މިންވަރުކުރައްވާނީ އެންމެ ފުރިހަމައަށެވެ. އެކަލާންގެ ނިންމެވުން ދުވަހަކު ވެސް ގޯހެއް ނުވާނެއެވެ.”
ޢާއްމުކޮށް އަހަރުމެން،
އަހަރުމެންގެ ޙަޔާތާ ބެހޭގޮތުން، ނުވަތަ އަހަރުމެންނަށް ދިމާވާ ނޭދެވޭ ކަންތައްތަކުގެ މައްޗަށް ޝަކުވާ ކުރަމުއެވެ. އެއީ ހަމަ އެއިން އެއްވެސްކަމަކީ ހިތަށް ވާ ކަމެއް ނޫންކަމާއި، ކޮންމެ ކަމެއް ދިމާވުމުގައިވެސް މަޤްޞަދެއްވާކަން ހަނދުމަ ނައްތާލެވެނީއެވެ. ކޮންމެ ކަމެއްގައިވެސް ސަބަބެއް ވެއެވެ. ހުރިހާކަމެއްވެސް ލައްވާފައިވަނީ އަހަރުމެންގެ ރަނގަޅަކަށެވެ. މާތް ﷲ އަކީ އެންމެ މަތިވެރި އިލާހެވެ.
----------------------
ލިޔުއްވީ:
އަޙުމަދު ނާޞިޙު
http://www.meedhoo.com/?p=1892