ޕްރިންސް ދީދީގެ ވާހަކަ - 1










ޕްރިންސް ދީދީއަކީ ހިތަދޫ ކޮރޮވަލިގޭ އާމިނާދިއޭއި ވާރަގޭ އިބްރާހިމް ދީދީގެ ކަލޯ. އަސްލު ނަމަކީ މުހުއްމާދި. މީ އައްޑޫ ރައްޔިތުންގެ އެތެރުން ޖަމާއަތުގެ ހައްގާއި ފަރުދީ ހައްގާއި ވިޔަފާރީގެ މިނިވަންކަމާއި ޑިމޮކްރަސީގެ ހަމަތަކައް ވަކާލާތުކޮއް ސަރުކާރުގެ ވިޔާއިނިވެގޭ އަމަލަތަކާއިމެދެ ނިރުހިގެން ރާއްދެ ދޫކޮއް ސިލޯނައް ހިޖުރަކެޑެ ފެރެތަމަ މީހާ. އަދި ސިލޯނެ ހިށަގެން ރާއްދޭގެ ވެރިކަމުގެ ނިޒާމު އިސްލާހުވޭތޯ އަމެއްލަ ހައިސިއްޔަތުން އެންމެ ފެރުތަމަ މަސައްކަތް ކެޑެ މީހާ. ދިވެހިންގެ އެތެރުން ހަގީގީ ނޫސްވެރިކަމައް ކެޑެ ފެރުތަމަ މީހާ. މުހުއްމާދިގެ ނަން ދޫކޮއްލައި މިޅި ސިލޯނައް ޕްރިންސް ދީދީގެ ނަމުން މަޝްހޫރުވި މީހާ.


ޕްރިންސް ދީދީގެ ބައްޕާ ވާރަގޭ އިބްރާހިމް ދީދީއަކީ ވެޑިފަހަރަ ދިއްވައި ވިޔަފާރިކޮއްހެދި ސައުދާގަރަައް. ޕްރިންސް ދީދީއަކީ ވޭނޑުމެ ވަރައް ޖެހިލުންކުދު ހިއްވަރަގަދަ އަދި އެކަލުގެ ވެރިކަމި ނިޒާމި އެތެރެ ހިމެނޭ ކަންތެއްތައް ފައުޅުގައި ދެކެޑެހަދައި ވާހަކަ ދައްކާ ކޫދަކާވީމެއި އިބްރާހިމް ދީދީ ސިލޯނައް އެނީ އަބަދަސް ޕްރިންސް ދީދީ ބެނޑުއަގެން. ރަށިބާހިށުވައި ފުރަފީފެހޭ ކޮންމިޔަސް ބޯނޑައް ބޯގަންނަހެއްކަމުގެ ބިރިއޮވެއި. މިލެކައް ސިލޯނަށާއި މާލޭއައް ދަތެރެކޮއް ހެދިމެއި ވިޔަފާރީގެއުކުޅުތަކާއި ސިލޯނެ ކަންތެތި ހިންނަ ނިހިންނަ ލެކާއި މާލޭގެ ވެރިކަމިތިބޭ މީހުންގެ އުޅުމާއި ވިސްނުން ހިންނަލެއް ވަރައް ހެއުކޮއް ޕްރިންސްދީދީއައް އޮންނެއި އޮޅުން ފަލަފެއި.

ޕްރިންސް ދީދީ ލޯހުޅުވިގެން އާކޯ ސިންގަޅަބަހާއި ތަމަޅަބަސް ދަސްކޮއްގައް. މާލެ އާސް ވޭނޑުމެ އަތިރީގޭ ޚާންދާނި މީހުންނާއި ގާއްކަން އުފެދި އެވެންނާއި އެކީ ފޮޓޯ ނެގުންފަދަ ކަންތެތިޔަސް އޮވެއި. އަތިރީގޭ މީހުންނާއި ވާރަގޭ އިބްރާހިމް ދީދީއެއި އޮންނަ ގުޅުމަކި ސަބަބުން ސިލޯނައް ގޮއްސެއި އައްޑޫއައް ގެއުމުގެ ކުރިން އަބަދަށަސް މާލެއައްގޮސް ވެޑިން ގިނާފެހޭ ގިނާހެއި ރިވެތި އެއްތައް އަތިރީގޭ ބޭފުޅުންނައް ދިނުމަކީ އާދާއް. މީ ޕްރިންސް ދީދީ ވަރައް ރިޑިއަރާ ކަމައް. ރަށައް ގޮއްސެއި ރައްޓެހިން އެކެހޭ އަތިރީގޭ ބޭފުޅުންނާއި ދިމާއް ލައްކަ ގިނަ އެއްތެތި ކޭއި ހަދައި. ތިމާފިރިން ގިނޭ ނަލަ އެއްތެތި މިވެރިން ލާގެން ތިބޭކޯ ތިމާފިރިން ތިބޭއް ޖެހެނީ ދެރަ އެއްތެތި ލާގެން ދެރަވެގެނާއު، މީކޮން އިންސާފައްތައު ކޭފެއި ބަސް ހޮއްލައި.

ޕްރިންސް ދީދީއަކީ ދައުލަތި ވެރިންނައް އެއްތެތިކޭ ޒުވާނަކާއު ކޭފެއި މީހުން ރަށި ވެރިންނާއި ހަމާއް މިވާހަކަ ގިނިގެޔަސް އޭ ވާރަގޭ އިބްރާހިމް ދީދީގެ ކަލޯ ވީމެއި އެއްވެސް ބާކިޔަ ފިޔަވަޅައް ނިއެޑަތާ. ނުންފެހޭ ފިޔަވަޅައް އެޑާކައް ނިކެރެއި. ސިލޯނައް ގޮސް ހަދަނީ ބައްޕާއި އެކީވީމެއި ސިލޯނައް ގޮސް ފިލަގަތުމުގެ ފުރުސަތައް ޕްރިންސް ދީދީއައް ނިލިބެއި. އެހެންފެހެނާސް ރާއްދެ ވޭނޑެނީ ކެހެނަކައްތައު، މިކަހަލެއި އަނިޔާވެރި ވެރިޔަކާމެން ތިބިތާނކި ނިޔަސް ހިންނަށުމާއި އަބަދަސް ކޭއި ހަދައި.

މިޒާތަކައް މިކަން ހިނގަމުން އޭވޭލެއި ޕްރިންސް ދީދީގެ ބައްޕާ ވާރަގޭ އިބްރާހިމް ދީދީ މަރަވެގެ. އެދީދީ މަރަވީމެއި ޕްރިންސް ދީދީއައް ލިބިފެއި އޮއް ރައްކައުތެރިކަން ގެއްލިގެ. ބައްޕަކާގެ ފުށުން ހިމާޔަތައް ނެތި އަމެއްލާއް ކަންކަމި އެތެރެ ޝާމިލްވޭއް މަޖުބޫރުވެގެ. އެދުވަސްވަރި ދައުލައް ހިނގުވާއް ހިށި ހަސަން ފަރީދުގެ އެނގުވުމަކައް އައްޑޫ އަތެޅެ ރަމަތަ ކެރާއް ބުޗާ ހަސަން ކަލޭފާނާއު ކޭ މާލޭ މީހަކާސް ހިތަދޫއައް ފެނޑުވަލިޔެ. އެމީހާގެ ކަމަކީ މީހުންނައް ޖިއްސުންކޮއް ފޯރާމީހުން އަތުން އެއްތެތި ފޭރުން.

އެދުވަސްވަރި އިނގިރޭސި މަނަވަރާއި ބޯޓުފަހަރަ ވަރައް ގިނައިން އައްޑޫއައް އާސްގޮސް ހަދައި. މީނެ ބޯޓަކައް ގޮސް އިނގިރޭސިންނާއި މުއާމަލާތު ކެޑުން ބުޗާ އޮންނެއި މަނާކޮއްފެއި. އެއްދުވަހަކި ޕްރިންސް ދީދީ މީނެ ބޯޓަކައް އެބެގޭ ކަބަރަ ލިބިގެން މިދީދީ ރަށައް އާމެއި ބުޗާގެ އަމުރައް އެއްތެލުނާއި ދުއްރާއިން ޕްރިންސް ދީދީ ފިސާރިއަކައް ތަޅަލިޔެ. މިތެޅުމައް ތެޅީ ކޮރޮވަލި ބޯޅާމަތިއައު ކޭ މައިދާނެ. ތަޅައި ނިމިގެން ބެލިކޯ އެދީދީއައް ވަރައް އަނިޔާވެގެ. ހިނގޭވަރަކަސް ނިވެއި. ދެން މިދީދީނާގެން ތިމާގެ މީހުން އެހިސާބި ގެޔަކައް ގިނިގޮސްބާވެއި ބެނޑިތާން ދަމައި ވަރައް ބޭސްކޮއްގެން ދެޅެހިވީ.

މިތެޅުމައް ތަޅަފީފަހުން އިއްސައްވަނި ޕްރިންސް ދީދީ ހިތެ އެތެރެ އަތިރީގޭ ބޭފުޅުންނާއި މާލޭ ސަރުކާރައް ރިޑިއެރުން އިތިރިވެގެ. ރާއްދެން ބޭރައް ގޮސް ފިލަގަތުމުގެ ޚިޔާލަ ބޮނޑަވެގެ. އެކޯ ހިތަދޫ ކުއްދައިތާގެ  މަރިޔަމް ދީދީ އެއި އިނދަގެން އެދީދީ ބަނޑަބޮނޑަ. ރާއްދެން ބޭރައް އެންމެ ފައްސޭހައިން ގިޔޭއް އޮތީ އިނގިރޭސިންނާއި ގަޑަގެން ކަމައް ފެނިގެން ބައްޕާގެ ފަރާތުން ވާރުތަވެގެން މިދީދީއައް ލިބިފެއި އޮއް ރަންކެޑައް އިނގިރޭސިންނައް ދެރެގެނަސް ރަށުން އަރަގަންނައް ނިންމަލި. ފިލަގަންނަށުމާއު ކޭހެދި މިދީދީގެ އަމާ ކޮރޮވަލިގޭ އާމިނާދި ހެދިވަޑާމަކީ ބަންގާޅި ބޮނޑަ ފޭށަކި ވަތައް އެއްކަލަ ރަންކެޑާ ލާފެއި ތަޅަލާފެއި ތަޅަދަނޑި ހިމެ އެޑަގައް.

އެއްރެއި އަމާ ނިދާއް އޮއްވޭލެއި ހިމުން ތަޅަދަނޑި މުހަގެން ނާގެންގޮސް އެއްކަލަ ފެށި ހުޅުވަފެއި ފައްޓަރަބާކި ފުލަކާއި ދެނަސް ދެތިން ރަންކެޑައް ނާގައް. ޕްރިންސް ދީދީ އެފެށިން ނެގީ އެދީދީގެ ހަލާލު ރަންކެޑާއި އެތެރުނަސް ކުދުމިންވަރައް. އެފޭށެ ތިބީ އަމާ ކޮރޮވަލިގޭ އާމިނާދީއަައް ވީ އެތިކެޑަކާއި ޕްރިންސް ދީދީއައް ވީ އެތިކެޑަކާއި އެއްބަނޑި އެއްބޮފަ ކޮއްކޯ ހާމިދުއައް ވީ އެތިކެޑައް. ޕްރިންސް ދީދީގެ އެއްބަނޑިއެއްބޮފަ ދައްތާ އައިސާދި އެކޯ މީހަކާއި އިނދަގެން ވަކި ދިރިވޭނޑުމަކި އެހެން ގެޔަކައް އެބެގޭމެއި ދައްތާ ރަންކެޑާ ވަކިކޮއްފެއި އެބައި އޮތީ ދައްތާއް ދެރެފެއި. ކޮންމިއަކަސް ޕްރިންސް ދީދީއައް ވީއެތިކެޑާން މިންވަރައް އިނގިރޭސިންނައް ދެރެފެއި ތިމާ ބޭރައް ގިނިގޮސްދޭއްކެއި ކޭފެއި އާދޭސްކޮއްލި. މިވެރިޔާސް މިކަމައް އެއްބަސްވެގަތާ. އެނެއްދުވެހި އަމާ ހެއިޖެހިގެން ބެލިކޯ ތަޅަދަނޑި އޮތީ ހިމަކި ނުން. އެހެންވެ ޕްރިންސް ދީދީ އެއްކަލަ ފެށި ހުޅުވަލީކަން ދެނެގައް. ގޮސް ބެލިކޯ ކޮންމިޔަސް ރަންކެޑައް މަދަކަން އެނގިގެ.

ޕްރިންސް ދީދީ ރަށުން އަރަގަންނަހެއްކަމުގެ ބިރި އޮތުމާއި އެދީދީ އިނދަގެން ހިށި ދިޔަ ބަނޑައް ހައްމަސް ވެފެއި ހިށުމާއި މިކަންތެއްތައް ރިއާޔައް ކޮއްފެއި ރަށި ހިފަހައްޓާއްވެގެން އަމާ އެބެގެ އޮފީހައް. އެތެއި ތިބެނީ ތިމާގެ މީހުން ވީމެއި އެވެރިންގެ އެތެރުން މިކަން ހައްލުކޮއްދޭހެއް ކަމައް ބަލަގެން. އެހެން ފެހެނާސް ޕްރިންސް ދީދީއަކީ ސަރުކާރައް ފާޑަކޭ މީހަކާ ކަމައް ބުޗާ ހަސަން ކަލޭގެފާނު ބަލަގެންފެއި ހިށިމެއި މިމައްސަލަ މިޅިން އެކެޑެކެޑުން ޖަހަފެއި ހަގީގަތާއި ޚިލާފު ވައްކަމުގެ އިލްޒާމައް ބޮލެ އެޑުވަފެއި ހަސަން ފަރީދުމެން އެކުހުން އިތިރައް އަދަބު ދެރުވާއްވެގެން ޕްރިންސް ދީދީ މާލެ ފެނޑުވާއް ބުޗާ ނިންމަލި.

ޕްރިންސް ދީދީ މާލެ ފެނޑުވާއްވެގެން އެރުވި ވޭޑަކީ އެދީދީގެ ބޮނޑަބޭބޭ ވާރަގޭ ހަސަން ދީދީގެ ވެޑި. އެވޭޑެ މާލިމީއަކައް ހިށީ ހިތަދޫ އަބްދުލްހަމީދުގެ އަބްދުﷲ ދީދީ. މީ ޕްރިންސް ދީދީގެ އެއްބަނޑި އެއްބޮފަ ދައްތާއި އިނދަގެން ހިށި ޅިޔަނު. ވީމެއި މާލެ ދަތެރެ ޕްރިންސް ދީދީ ހިށީ ވަރައް އިއްޒަތި. މިލެކައް ދަތެރެ ކެރަމުން ގޮސް ހުވަދޫ ކަނޑުން ގަދައި ޖެހިގެ. މާލިމީ ކޭފި، މިލެކައް އޭފެހޭ މިކޯ ހައްދުންމައްތެ ފަރަ ފެނޭއްވޭށިޔައު، ކުނބައް އަރައި ބަލަފެލާއްކެއި. ކަނޑަ ގަދަކަމުން ވޭޑެ ފަޅިވެރިޔަކާއް މިކަން ނިވި. ޕްރިންސް ދީދީ ވޭޑެ ކުނބާއި އެއްބުރިޔައް އަރައި ކޭފި ކުރިމައްތެ ތެއޮތީ ފަރާއު. އެހެންވީމެއި އިރިމައްތައް ވެޑި އަނބަރަލާއްކެއި. ޕްރިންސް ދީދީ އެނގުވި ލެކައް ވެޑި އަނބަރަލިޔަ.

މިލެކައް ދިއްވާތާން އެއްދުވަސް ފަހުން ފެލަ އެޑަފެއި މާލިމީ އަބްދުﷲ ދީދީ ކޭފި، ޕްރިންސް ދީދީ ހަދާއު ހިނގި އެއްތާ މިއޮތީ ވެގޮހާއު. ވެޑި މިހިށީ ބެހިފެއްޔައު.

ވާރަގޭ ހަސަން ދީދީގެ ވެޑި ބެހިގެން ލައްވަލީ ސިލޯނެ ކޮޅުނބެ. ކޮޅުނބެ ބަނދަރި ބޭރެ ވެޑި އެޑަލާއި މާލިމީ އަބްދުﷲ ދީދީ އެއްގަމައް އަރަގެންގޮސް ރާއްދޭގެ ސަފީރު ހިންނެ އޮފީހައް ގޮސް ކޭފި، ތިމާފިރިން ބެހިގެނާއު މިތާން ލައްވަލީ. ވޭޑެ އެބިހިށާއު ސަރުކާރާއި ހަވާލަ ކެރާއްޖެހޭ ކުއްވެރިޔަކާ. ސަފީރު ކޭފި، މާލެ ފުރާ އެތިގަނޑައް ފެނޭތިކޮއް ތެވެރިން އެޔަ ރަނގަޅާއް ބަލަހައްޓަގެން ވޭނޑޭއްކެއި. ފުރާށީ އެހެން އެތިގަނޑަކުން އެޔަ މާލެ ފެނޑުވަލާއްޔައު.

މިވޭޑެ ކަވެރިން ފަތުހެއި މެށިމަހައް ނުކުމިގެން ހިނގި އޮރޮވާކި ބާކިން ވޭޑެ ކަވެރިން ފަތުހެއި މެށިމަހައް ނުކުމިގެން ހިނގި އޮރޮވާކި ބާކިންފެނިގެން ޕްރިންސް ދީދީ އައްތަން އެޑަގެން އެވެރިން އާމެއި ހައެއްކަ އަރި ވަޅޯމަސް އެއްލަލި. އެއްލަލާއި ކޭފި، މާދުމެއި ރެއި ފަތުހެއި އާސްދެރެފީފެހޭ ތެޔައްވަނި ގިނަ މަހަސް ދޭށުމާއު. މިވެރިން ވަރައް އުފަލުން އެބެގެޔެ. ފަތުހެއި މިކަން ކެރާކޯ ވޭޑެ އެންމެން ތިބެނީ ނިދަފެއި. ޕްރިންސް ދީދީ ބަލަހައްޓާއް ހިންނެ ހިތަދޫ މުހަދަކަލޭގެއަސް އޮންނެއި ނިދާއް. ނުންފެހޭ ނިދާއްކަމައް ހެދިގެން. އެމީހާކީ ޕްރިންސް ދީދީގެ ބައްޕާ ދުނިޔެ ހިށިކޯ އެބައްޕާ ކުދުފެށި އުހުއްލާއް އެކެހޭ ހިށި ވަފާތެެރި ޚާދިމައް. އެނައްރެއި އެވެރިން އާމެއި ކުރިއެ ރެއި ދިންވަރައް ވަނި ގިނަ މަސް ނަގަފެއި ދެރެފި. މީ ދެރެފެއި ކުދު ސިޓީއަކަސް ދެރެފި. ސިޓީ ދެރެފެއި ކޭފި، މިޔާ ގޮސް މަރައްކާރު އަތައް ދެރެފޭއްކެއި. މަރައްކާރަކީ ކޮޅުނބެ ހިންނެ ދިވެހިންގެ ވިޔަފާރީގެ އެޖެންޓު.

އެކޯ ހިށި މަރައްކާރަކީ ޕްރިންސް ދީދީގެ ބައްޕާ ވާރަގޭ އިބްރާހިމް ދީދީގެ ވަރައް ގާއް ރައްޓެއްސައް. އިބްރާހިމް ދީދީގެ ފުރެއި ފާއިސާސް ހިށެއި ރައްކައުކެރާއް މަރައްކާރު އަތައް ދެރެފެއި. ބައްޕާއި އެކީ އާސް ހެދުމުގެ އެތެރެ ޕްރިންސް ދީދީއަސް އޮންނެއި މަރައްކާރައް އެނގިފެއި.

މަރައްކާރައް ފެނޑުވި ސިޓީއެ ޕްރިންސް ދީދީ ލެތީ ތިމާގެ ބައްޕާ މަރަވެގެޔައު. ތިމާފިރިންނާއި ދޭތެރެ ސަރުކާރުން އަމަލަކެރަނީ ވަރައް އިހާނެތިކޮށާއު. މިކަމާއި ދެކެޑައް ތިމާ ވާހަކަ ދައްކާހެދި ތިމާ ބޮލެ ވައްކަން އެޑުވަފެއި ހަސަން ފަރީދުމެން އެކުން ތިމާ މަރުވާއް މާލެ ފެނޑުވާވޭލެއި ވެޑިބެހިގެން ކޮޅުނބައް ގީފެއި ހިށީޔައު.  ބައްޕާގެ ހައްގައްޓަކައި ތިމާއް އެހީވޭއްކެއި. މިޅި އުމުރަށަސް ޝުކުރު އަދާކެރާށުމާއު. މިސިޓީ ބަލަފެއި މަރައްކާރަސް ޕްރިންސް ދީދީއައް ސިޓީއައް ލޭފެއި އޮރޮވާއި ކަލޭގެ އަތައް ދެރެފެއި ފެނޑުވަލި. އެޔާއި ލޭފެއި އޮތީ ދެރަ ނިވޭއްކެއި. އަދުން ފެށިގެން ދެވަނާއްވޭ ރެއި ފަތުހެއި ހަތަރެއް ޖަހާކޯ ތިމާ ކުދުވަރަކި ލާންޗަކުން ދީދީ ނަގާއް ތެބޭމާއު. ތައްޔާރަވެގެން ހިންނައްކެއި. ލާންޗު ކަވެރިކެޑެމެއި އެހެކާށަސް ނިއަނގުވައި ލާންޗައް ފުންމަލާހެއްތިޔައު.

މަރައްކާރަ އަނގުވަފެއި އޮއްލެކައް އެދެ ފަތުހެއި ލާންޗަކުން ގޮސް ވޭޑެ ކަވެރިކޮއްލި. އެންމެން ނިދާއް ތިބިވޭލެއި ޕްރިންސް ދީދީ ލާންޗެ އެތެރައް ފުންމަލި. ދުމައް ޖަހަފެއި ލާންޗުގޮސް އެއްގަމާއި ކަވެރި ކެޑެމެއި ޕްރިންސް ދީދީ ބެނޑުވަގެން މަރައްކާރަ އެއްގަމައް އަރަގެންގޮސް ގޭ ބާހިށުވި. އޭގެ ފަހުން ވޭޑެ މީހުންނައް ޕްރިންސް ދީދީގެ ކަބަރައް ނިވެއި. އެރީ އުޑައްކަމަސް ވަނީ ބިމައްކަމަސް ދެނެހިށި މީހައްނެއް. މާލިމީ އަބްދުﷲ ދީދީ ހެއި ޖެހިގެން ބެލިކޯ ޕްރިންސް ދީދީ ވޭޑެ ނެއްކަން އެނގިގެން ހޯދައި ހޯދަފެއި ސަފީރު އޮފީހައް ގޮސް ޕްރިންސް ދީދީ ގެއްލިގޭކަން އަނގުވަލި. ސަފީރު ރިޑިއަރަގެން ކޭފި، ތެވެރިން އެޔަ ފިލުވީޔައު. އެހެކާސް ސަލާމަތައް ނިވޭށިޔައު. ތިމާ ސަރުކާރައް ތެކަމުގެ ރިޕޯޓު މި ފެނޑުވަނީޔައު. މެހެން ކޭފެއި ވޭޑެ މީހުން މިޅިން ކުއްވެރިކޮއްލި.

ޕްރިންސް ދީދީ ބެނޑުވަގެން ގޮސް މަރައްކާރު ކޭފި ތެ ދީދީ ވޭނޑުވާއް ތިމާ ކޮއްދޭއްވީ ކޮންކޮން ކަންތެއްތައްތައު. ދީދީގެ ބައްޕާ ވާރަގޭ އިބްރާހިމްދީދީގެ ފުރެއި ފާއިސާ ތިމާ އަތި ތެބިހިށާއު. ވީމެއި ދީދީ އެދޭ ކޮންމި ކަމައް ތިމާ މިހިށީ ކޮއްދޭށާއު. ޕްރިންސް ދީދީ ކޭފި، ތިމާ އެދެނީ ކިޔަވައި މުޅު މީހަކާއް ވޭށާއު. މުވާސަލާތާއި ގާނޫނާއި އަދަބިއްޔާތު ކިޔަވާހިއްވެއްޔައު. މިއެއްތެތި ކިޔަވާއް ބަލާކޯ މިއޭޝިއާއި މިވަގުތެ ހިށި އެންމެ މުޅު ތާނކީ އިންޑިޔާއި އެހިންނެ އަލީގަޅު މުސްލިމް ޔުނިވަރސިޓީއައު. ވީމެއި ތިމާ އެތާން ފެނޑުވައި ދޭއްކެއި. މެހެން އެނގުވިމެއި ހަފުތާކި އެތެރެ ދަތެރެ ހަދަގެން ޕްރިންސް ދީދީ ބެނޑުވަގެން މަރައްކާރު އިންޑިޔާއި އަލީގަޅައް ގޮސް އެތެއި މީހުންނާއި ގަޑަގެން ޕްރިންސް ދީދީ ޔުނިވަސިޓީއައް ވަދުވަލާއި އެނބެރި ކޮޅުނބައް ބާއި.

އަލީގަޅު ޔުނިވަރސިޓީއެ ކިޔަވާ ކޫދަކާގެ ގޮތެ ޕްރިންސް ދީދީ ހިށީ އެންމެ މުއްސަންތިންގެ ކުދިންނަސް ތިބޭލެކައް. ކޮންމި މަހަކިޔަސް އެދީދީ އަނގުވާ އަދަދައް މަރައްކާރު ފާއިސާ ފެނޑުވައި. ކިޔަވާކުދިންގެ އެތެެރުން ހުށިހެއި ކަމައް ފުރިހަމަވެފެއި އެންމެ ތަނަވަސްކޮއް ހިށި އެހެކަކީޔަސް ޕްރިންސް ދީދީ. ޔުނިވަރސިޓީއައް ވެދެފެއި ހިށީ ސިލޯނެ ކޫދަކާގެ ގޮތެ ކަމައްވީމެއި އެންމެން ދެންނެއި އޭ ސިލޯނެ ކޫދަކާ ކަމައް. ޕްރިންސައް ކަމައް.

މަރައްކާރުގެ އެހީއެ ސިލޯނެ ޕާސްޕޯޓު ހަދުވަފެއި އޮތީ ޕްރިންސް ދީދީގެ ނަމި. އެހެންވެ ކޮޅުނބުން އަލީގަޅައް ފުރި ހިސާބުން އޭ ހިތަދޫ ވާރަގޭ އިބްރާހިމް ދީދީގެ މުހުއްމާދިއައް ނުން. އޭ ސިލޯނެ ޕްރިންސް ދީދީ. ސިލޯނެ އެދުވަސްވަރި މަޝްހޫރު ކޮލެޖުތައް ތިބިވޭލެއިޔަސް އެއިންތާނކައް ނިގޮސް އަލީގަޅައް އައުމުގެ މަގުސަދަކީ މިތާނކީ އަތިރީގޭ މުހައްމަދު އަމީނުމެން ކަހަލެއި މާލޭގެ ބޮނޑުންގެ ދަރިން ކިޔަވާއްގޮސް ވޭނޑޭ އަދި މާލޭއަށަސް ވަރައް މަޝްހޫރު ޖާމިއާއަކައް ވީމެއި.

މިކިޔެވުމައް ކިޔަވާއް ފެށިތާން ދެޅެ މަހައްހެއި ދުވަސް ފަހުން ޕްރިންސް ދީދީ ބައްޕަކަށަސް ވެގެ. ރަށުން ފުރިކޯ ލެޅެވެއިން އެދީދީގެ އަންހެނުން ހިތަދޫ ކުއްދައިތާގެ މަރިޔަމް ދީދީ ވެހީ އަންހެންކޫދައް. އެކޮއްޔާއް ނަންދިނީ ފާތުމާދީ (ދޮންދީދީ) ގެ ނަމުން. އެހެންފެހެނާސް ބައްޕަކައް ވެގޭކަމާއި ވެހީ އަންހެން ކޫދަކާކަން ޕްރިންސް ދީދީ ދޭނައް. އުމުރުން އަށާރަ ނަވާރަ އަހަރި ބުއްދިވެރި ޒުވާނަކާއް ވީމެއި ކިޔެވުމެ އެދީދީ ކުރިއައްގެއި ވަރައް ހަލޫކޮއް. ޚާއްސަކޮއް  އިނގިރޭސިބަހާއި އުރުދޫބަހި އެތެރައް އެދީދީ ވެދެމުން ގެއި ހައިރާންވޭހެއި އަވަހައް.

ރާއްދޭގެ ވެރިކަމި ހިށި ހަސަން ފަރީދު މަރަވެގެން ރާއްދެ ހިނގުވުމުގެ ހުށިހެއި ބާރަތަކާއި މުހައްމަދު އަމީނު ހަވާލަވީ ޕްރިންސް ދީދީ އަލީގަޅި ހިށިވޭލެއި. އައްޑޫ މީހުންނައް އަނިޔާދޭއް މާލޭން ހިތަދޫއައް ފެނޑުވި ބުޗާ ހަސަން ކަލޭފާނައް ނިކިޔަމަންތެރި ވެގެނާއު ކޭފެއި ހިތަދޫ ފިނިފެންމާގޭ އަބްދުﷲ އަފީފު އެއި އަބްދުލްމަޖީދުގެ އަލި ދީދީ އެއި ތުއްބީގެ އަލީ ފަހުމީ ދީދީ އެއި ކައްދާފާނުގެ މުހުއްމަދު ސަލީމު އެއި ކަތީބު އިބްރާހިމް މަނިކު އެއި ކަތީބު އަބްދުﷲ ނަސީމު އެއި އަބްދުލްމަޖީދުގެ މުހުއްމައިދި އެއި މާލެ ގިނިގޮސް ތަޅައި ބުރިޔެ ހަންނަގައި ސިއްކަގޭ އަބްދުﷲ މަނިކުފާނު މަރައި ޝައިޚް ހުސެން ރަހާއި އެޅެދީދީގެ އަލި ދީދީއައް މުހައްމަދު އަމީނު އަނިޔާ ކެޑެއިޔަސް ޕްރިންސް ދީދީ އަލީގަޅި ހިށިވޭލެއި. ދެވަނަ ބޮނޑަ ހަނގަރާމަ ނިމި ސިލޯނު މިނިވަންވީޔަސް އެދީދީ އަލީގަޅި ހިށިވޭލެއި. އިންޑިޔާ ދެބައިވެ ޕާކިސްތާން އުފެދި އިންޑިޔާއި ޕާކިސްތާނު މިނިވަންވީޔަސް އަލީގަޅި ހިށިވޭލެއި.

އަލީގަޅި މިކިޔެވުމައް ކިޔަވާއް ޕްރިންސް ދީދީ ހިންނެތާ އައްވަނަ އަހަރި މަރައްކާރަ މަރަވެގެ. މަރަބަލިޔެ އޯގެން ހުށިހެއި ކުދިން ގިނާސް މިދެކޭފި، ތިމާ ޚަރަދަކޮއްގެން ކިޔަވައިދޭ ކަލޯއަކާ އިންޑިޔާއި އަލީގަޅި ހިންނެށިޔައު. މިކޯ ރޯފަލާވަރައް ކިޔެވިޔޭށިޔައު. ތިމާ ނެއްމެއި އެކަލޯއައް ޚަރަދުކޮއްގެން އެތެއި ބޭވުމަކީ ތެވެންނައް ވޭވަރަ ކަމައް ނުނާއު. ވީމެއި ތިމާ މަރަވީމެއި ލަސްނިކޮއް އަލީގަޅައް ގޮސް އެކަލޯ ބެނޑުއަގެން ކޮޅުނބައް އާސް ދިރިވޭނޑުމައް ފަށައި ދެރެފޭއްކެއި. ތިމާގެ ވިޔަފާރިއެ އެތެރުން ތެވެންނައް މިކަން ކޮއްދީއޭށިޔައު. މިކަމަކީ ފީސަބީލި ކަމަކަސް ނުނާއު. އެކަލޯގެ ބައްޕާގެ ފުރެއި ފާއިސާ ތިމާގެ ވިޔަފާރިއެ އެތެރެ ވެގެޔައު. އޭނެ ހިސާބުކިތާބު ތިމާ އަތުނަސް ގެއްލިގެޔައު. ވީމެއި މި ވަސިއްޔަތު ތެވެރިން އަޑަ އަހާއްކެއި.

މަރައްކާރަ މަރަވީމެއި އެޔެގެ ދޭށެ ކަލޯ ދަތެރެ ހަދަގެން ޕްރިންސް ދީދީ ނަގާއް އަލީގަޅައް އެބެގެ. ގޮސް ބައްދަލަކޮއްފެއި ކޭފި، ބައްޕާ މަރަވެގެޔައު. ވީމެއި ކިޔެވުން ހުއްޓަލައި ކޮޅުނބައް ހިނގާއްކެއި. ބައްޕާގެ ވަސިއްޔަތަކީ މީޔައު. މިއަޑަ އަހަފެއި ޕްރިންސް ދީދީ ވަރައް ގޯވަފި. އެހެއި އޯގާތެރިކޮއް ކަންތެތި ކެޑެ ބައްޕަކާ ކަހަލެއި މީހަކާގެ މަރަ ކަބަރަ އަހަފެއި ވަރައް ހިތާމަކޮއްފި. އަދި ދަސްވެނިވޭއް ކަވެރިވެފެއި ހިށިވޭލެއި ކިޔެވުން ހުއްޓަލައި ކޮޅުނބައް އެބޭއްޖެހުމުގެ ހިތާމާކީޔަސް ކުދު ހިތާމާއް ނުން. އެހެންފެހެނާސް ކޮޅުނބައް ގެއުން ނުން އެހެން ލެކައް ނެއްމެއި މަރައްކާރުގެ ކަލޯއެއި އެކީ ކޮޅުނބައް އެބެގެ.

ކޮޅުނބައް ބެނޑުވަގެން ގިނިގޮސް މަރައްކާރުގެ ކުދިޔެ ޕްރިންސް ދީދީއައް ސިލޯނެ ރައްވެއްސަކާގެ ލެތުން ހަދައިދެރެ ގާނޫނީ ގޮތުން ސިލޯނެ މީހަކާއް މިޅިން ހަދަލިޔެ. މަރައްކާރުގެ ފާއިސާއި އެތެރުން އެއްލައްކަ ރުފިޔާ ދެރެފެއި ކޭފިޔެ، ދީދީ ދެން އަމެއްލާއް ވޭނޑޭއްކެއި. އިތިރިކަމައް ޖެހިގޭފެހޭ ތިމާފިރިންގެ އެތެރުން ކޫދަކާގެ އެހީ ހޯދާއްކެއި.

މަރައްކާރުގެ ތިބެނީ ޖުމްލަ އެގާރަ ކުދިޔެ. މިވެރިންގެ އެހީއެ ވަކި ގެޔައް ހޯދައި ކޮޅުނބެ ކަވެރިޔެ ރަށަކި މުސްލިމް އާއިލާކި ނަލަ އަންހެންކޫދަކާ ގިނާސް އެކޮއްޔާއި އިނދަގެން ވަކި ދިރިވޭނޑުމައް ޕްރިންސް ދީދީ ފަށަގައް.

މެހެން ވޭނޑުމެ އެތެރެ ސިލޯނެ ވިޔަފާރިވެރިންގެ ބައެއް ޖާނަލްތަކައް އިނގިރޭސިބަހުން މަޒްމޫނު ލޭނައް ފަށަގައް. ވަރައް އިލްމީ ވަރައް ދިރާސާ ލިޔުންތައް ލޭނައް ފަށަގައް. މިތާން ބަލަގެން ތިބަފެއި ސިލޯނެ ބޮނޑެތި ނޫސްތަކި އެޑިޓަރާ ޕްރިންސް ދީދީ އެކެހައް އާސް ސިޔާސީ އަދި އިޖުތިމާއީ މަޒްމޫނުތައް އިނގިރޭސިބަހުން ލޭއިދޭއްކެއި ކޭއް ފަށަގަތާ.

ދުވަސްކެޑަކުން ޓައިމްސް އޮފް ސިލޯން، ޑެއިލީ ނިއުސް، ޑެއިލީ މިރަރ ކަހަލެއި ރަސްމީ ނޫސްތަކައް ޕްރިންސް ދީދީގެ މަޒްމޫނު އަރާއް ފަށަގައް. (ނިނިމެއި)
                 ---------------------

ލިޔުއްވީ: އަލްފާޟިލް ޢިމާދު ލަޠީފު
19 ފެބްރުއަރީ 2017މ.