ދިވެހިރާއްޖޭގެ
ތަޢުލީމީ ބިނާ އާރާސްތުކުރެއްވުމަށްޓަކައި މިންނެތް މަސައްކަތްޕުޅުތަކެއް
ކުރައްވާފައިވާ އަދި ތަޢުލީމީ ދާއިރާގެ އިސް މަޤާމުތަކެއް ފުރުއްވަމުން ގެންދަވާ
ޑރ. ޢަބްދުލްމުޙުސިން މުޙައްމަދު ލިޔުއްވާފައި ވެ އެވެ.
"އަލްއުސްތާޛު
ޢަބްދުﷲ ޙަމީދަކީ، ވަރަށް ޤާބިލު ހިންގުންތެރިއެއް. އޯގާވެރި ވެރިއެއް. އިދާރީ
އަދި ސިޔާސީ އަދި ފަންނީ މައިދާން ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ
މޭސްތިރިއެއް. ދިވެހި ބަހަށް ލޯބިކުރައްވާ، ބަހުގެ ތަފާތު ހުނަރުތައް
ދަސްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވި އުސްތާޛެއް. މާތް ﷲ އެ މަރްޙޫމުގެ
ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް އިރާދަކުރައްވާށި! އާމީން!"
ދިވެހި
އަދަބިއްޔާތުން ދުވަހަކުވެސް ފަނޑުވެގެން ނުދާނެ އަގުހުރި ޚިދުމަތްތަކެއް
ކުރެއްވުމުގައި ދެމިހުންނެވި ފުންނާބުއުސް ލިއުންތެރިޔާ، ކުޅަދާނަ ޝާޢިރު އަދި
އެތައް ދަރިވަރުންނެއްގެ ލޯތްބާއި އިޙްތިރާމު ލިބިވަޑައިގެން ހުންނެވި ދިވެހި
ބަހުގެ ޢިލްމުވެރި ޝާޢިރީ އުސްތާޛު އަލްފާޟިލް ޢަބްދުﷲ ޞާދިޤް ޅެންބަހުން
ލިޔުއްވާފައި ވެ އެވެ.
"ދިވެހި
އަދަބިއްޔަތު ވަނީ ފެންކަޅިވެފާ،
ދިވެހި ޅެންވެރިކަން ވަނީ އިސްޖެހެވިފާ.
ގޮނޑުދޮށަށް
އައި ދޫނިތައް އެކި ބައިބަޔަށް
ބޮނޑިއަކަށް ތިބެ ރޮއިހެދީއެ މާދެރަވެފާ.
އަޑުއަހަންވި
ފަސޭހަ ބަސްމަގު ގެއްލުމުން
އަޑުއެހުންތެރިއިން ތިބީ
މާމޮޅިވެފާ.
ދަރިވަރުންގެ އިމާމަކަށްވީ
ތަރުބަވީ
ޝަރަފުވެރިޔާ ގެއްލި
ތަންވިއެ ފަޅުވެފާ.
ދާޚިލީ އުސް
އެއް ތަނބެއް އަދު ވެއްޓުމުން
ރާއްޖެ މިވަނީ
އަސްލުގައި ކަންބޮޑުވެފާ.
ބަރުލަމާނީ
އުސް ޢިމާރާތް ވެސް ވަނީ
ހަރުހަވެތި އުސްތާޒު ނެތި ކުލަ
ފަނޑުވެފާ.
ގެއްލުނީ ހެޔޮ
މުރުޝިދެއް އަދި ނާޞިޙެއް
ގެއްލިދިޔަ މި މަޤާމު ވީ އަދު ހުސްވެފާ.
ޚިދުމަތުން އެ
ފުރުއްވި ގޮޅިތައް ގިސްލަމުން
އެ ދުވަހުން ފެށިގެން ރޮނީ ގޮތް
ހުސްވެފާ.
ދެއްވަވާ ހެޔޮ
ދަރުމަ މާތްވީ ޖަންނަތުން
އެންމެ މާތް ޚިދުމަތުގެ ވެރިޔަށް
ހެޔޮލަފާ."
ދިވެހިރާއްޖޭގެ
ފުންނާބުއުސް ތަޖުރިބާކާރު ތާރީޚު ލިޔުންތެރިޔާ، އަލްފާޟިލާ ނަސީމާ މުޙައްމަދު (ހ.
މާގިރި) ލިޔުއްވާފައި ވެ އެވެ.
"ރާޅުތައް
ގޮނޑުދޮށުގައި ބީހިލާފައި އެނބުރިދެ އެވެ.
އެ ބީހިލުމުން ރީތި ބޮއްޔާއި ރިނދަލި، ދޮންވެލިގަނޑަށް ހަދިޔާކުރެ އެވެ.
ކޮންމެ
ދުވަހަކު އިރު އަސްތަވެ އެވެ.
އިރުން ލިބުނު
މަޑުމަޑު ހޫނުކަމެއް ބިމުގައި އަދިވެސް ހުރެ އެވެ.
މިޔުޒިކް
ހުއްޓިދެ އެވެ. އެހެނަސް، ފޮނިފޮނި ރާގެއްގެ ސިފައިގައި އެ އަޑުތަކުގެ ހަނދާންތައް
އަދިވެސް ފަޒާގައި ހުރެ އެވެ.
ނިމިދާ ކޮންމެ
އުފަލެއްގެ ބަދަލުގައި ކޮންމެވެސް ރީތި ކަމެއް ދެމިހުރެ އެވެ."
ދިވެހި
ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި ހިތްޕުޅު ތިރިކަމާއި
މަޑުމައިތިރިކަމާއި ތަވާޟުޢުވެރިކަމުގެ މިސާލެއްގެ ގޮތުގައި ގުނައިލެވޭ އަލްފާޟިލް
އިބްރާހީމް ރަޝާދު (މއ. އަލިތަރި) ލިޔުއްވާފައި ވެ އެވެ.
"އަލްމަރްޙޫމް
އަލްއުސްތާޛު ޢަބްދުﷲ ޙަމީދަކީ:
މެދުއިރުމަތީގެ
ޚަބަރުތައް ތާޒާކަމާއެކު ގެނެސްދެއްވި ލިޔުންތެރިއެކެވެ.
ހުޅުލޭ
އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތުގައި މުރާލިކަމާއެކު މަސައްކަތްކުރެއްވި ބޭފުޅެކެވެ.
ރާއްޖެތެރެ
ތަރައްޤީކުރެއްވުމަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
އަތޮޅުވެރިންގެ
ބައްދަލުވުންތައް ރާއްވަވައި ހިންގެވި ބޭފުޅެކެވެ.
ހިންގުންތެރި
މުރާލި ބޭފުޅެކެވެ.
މުވައްޒަފުންނާ
ގާތް ގުޅުމެއް ބެހެއްޓެވި ބޭފުޅެކެވެ.
ވެރިންނަށް
ވަރަށް އިޚުލާޞްތެރި ތެދުވެރި ބޭފުޅެކެވެ."
މަޝްހޫރު ޓީވީ
ޕްރެޒެންޓަރ އަދި ތަނަވަސް ޚިޔާލާއި ފިކުރުގެ ވެރި، މައްދިވެހި ލިޔުންތެރި
ކުޅަދާނަ ޝާޢިރު އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް ލިޔުއްވާފައި ވެ އެވެ.
"އޮނަރަބްލް
އަލްއުސްތާޛު އަލްމަރްޙޫމް ޢަބްދުﷲ ޙަމީދަކީ، އަޅުގަނޑުގެ ދުރުތާ މުދައްރިސެކެވެ.
ކުޑަކުއްޖެއްގެ ގޮތުގައި ރަށުގައި އުޅުނުއިރު ރޭޑިއޯ، ޓީވީން އެމަނިކުފާނަށް
ދަރިވަރުވެވުނޭ ދަންނަވަން ކެރެ އެވެ. ބަހުގެ ދަރަޖައިގެ ބައެއް ހަމަތަކާއި،
ޖުމުލަ ޢިބާރާތްކުރުމުގެ ރީތި ގޮތްތައް އެމަނިކުފާނުގެ ކިބައިން ދަސްވެފައި ވެ
އެވެ."
"މިއަދުގެ
ދަރިވަރުންނަށާއި އަދި އަޅުގަނޑުމެން ފަދަ ބަސް ދިރާސާކުރުމުގެ ޝައުޤު ހުންނަ
ފަރާތްތަކަށް ފަސޭހައިން ލިބޭނޭ ގޮތަކަށް އެމަނިކުފާނުގެ ތަޤުރީރުތަކާއި
ލިޔުއްވުންތައް އާންމުވުން އެދެމެވެ."
"މަރްޙޫމް
ޙަމީދު އެ ދޫކުރެއްވި ދެމިހުންނަނިވި ޞަދަޤާތަށް އެމަނިކުފާނަށް ހެޔޮ ޖަޒާ
ދެއްވާށި އެވެ!"
ދިވެހި ބަހުގެ
މި ޖީލުގެ ޒުވާން އުސްތާޛެއް ކަމަށްވާ އަލްފާޟިލް އާދަމް ޒާހިރު (މ. ކުރޮޅި)
ލިއުއްވާފައި ވެ އެވެ.
"އަލްއަޚު
ޢަބްދުﷲ ޙަމީދު އަޅުގަނޑަށް ސިފަކުރެވެނީ، ޤައުމުގެ ދިރުމާއި، ދިވެހި
މަދަނިއްޔަތުގެ ޙިމާޔަތާއި، ދިވެހިއްޔަތުގެ ޙުއްރިއްޔަތަށް އައްޑަނައެއްގެ
ގޮތުގައި. ޝައްކެއްނެތި އެނގޭ ކަމަކީ މި ދިވެހި ދަރިންނަށް އެއީ ﷲ ދެއްވި
ނިޢުމަތެއް. ފުރުޞަތު ލިބިދިޔަ ކޮންމެ މަޤާމެއްގައި އެއީ އިޚުލާޞްތެރި ޒިންމާދާރު
ދިވެހި ދަރިއެއްކަން ވަނީ ސާބިތުކޮށް ދެއްވާފައި. ދިވެހި ޅެންވެރިކަމާއި، ފަށުވި
ބަސްމަގާއި، ތާރީޚުގެ ޖަވާހިރިއްޔަތަށް އެއީ ހެދި ފޯދިދިއުމަށް ކާނާ ދެއްވި ދިވެހި
ދަރިއެއް." (ނުނިމޭ)
-------------------
މުޞަންނިފު:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން