ދެކުނުގެއަތޮޅުތަކާއިމާލެމުޑިއެރުމުގެސިއްރުތައް 9
    

އުތުރުގެ ގަޑުބަޑު

ދިވެހިރާއްޖޭގެ ތަޚުތަށް އިންތިޚާބު ކުރެވިފައި ހުންނެވި މާތްވެރިޔާގެ ގޮތުގައި އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު މިސްރުގައި އެބަހުންނަވައެވެ. ދިވެހިރާއްޖޭގެ ބައިތުލްމާލަށް އޮބިނޯންނަވަރަށް އެކިލެގެފާނުގެ ޚަރަދުބަރަދު ބޮޑެވެ. ރާއްޖެއަށް ލައްގާ މާވަހަރަކަސް ރާއްޖޭން އެކްސްޕޯޓުކުރާ މަހަށް ލިބޭ ފައިސާއަކަސް މިސްރަށް ފޮނުވައިފައި ބާކީ ހުންނަ އެއްޗެއް ހަސަން ފަރީދާއި މުހައްމަދު އަމީނު ތަޅައި ބުރުއްސަމުން ގެންދަނިކޮށް ދެވަނަ ބޮޑުހަނގުރާމައިގެ ހަގީގީ ތުރާތައް ރާއްޖެއަށް ފޯރައިފިއެވެ. ހައިހޫނުކަން ރާއްޖޭގައި އާއްމުވެއްޖެއެވެ. ރައްޔިތުން ސަރުކާރާ ދޭތެރޭ ވިސްނަން ފަށައިފިއެވެ.

ހަނގުރާމައިގެ ދަތިކަން ފޯރިއިރު ހަސަން ފަރީދު ގިނައިން ހުންނަވަނީ ސިލޯނުގައެވެ. ދައުލަތުގެ ފައިސާއަށް ކެންޑީން ގަނޑުވަރެއް ބައްލަވައިގަނެގެން ހަސަން ފަރީދުގެ ކަމަކީ ކޮޅުނބާއި ކެންޑީއާ ދޭތެރޭގައި ކާރުގައި ބުރުޖެއްސެވުމެވެ. ހަސަން ފަރީދު ނުހުންނަވާއިރު މުޅި ދައުލަތް ހިންގަވަނީ މުހައްމަދު އަމީނެވެ.

ރާއްޖެއަށް ކާބޯތަކެތި ގެނައުން ދަތިވެ ބަނޑަށް ޖެހުމުން މުހައްމަދު އަމީނު ހެއްދެވި ގޮތަކީ ކާޑު ކޮންޓްރޯލްކޮށް ރާއްޖެތެރޭ މީހުން އިތުރަށް ބަނޑަށް ޖެހޭ ގޮތަށް ހަރުކަށި ގަވާއިދުތަކެއް ހެއްދެވީއެވެ. ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ނިގުޅައިގަނެ ކެއުމާއި ބުއިމުގެ މިނިވަންކަންވެސް ނިގުޅައިގަތީއެވެ.

އަތޮޅުތަކަށް ދަތިވެގެން ދެން އުޅެވޭން ނެތީމާ ކުޅުދުއްފުށީ ބޮޑު މުހައްމަދުގެ ވެރިކަމުގައި ތިލަދުންމަތީގެ ގިނަ ރަށްރަށުގެ މީހުން ޝަކުވާކުރަން އަށް އަތުވެއްޖެއެވެ. މިކަމެއް ހިގީ 1943 ގައެވެ. އެމީހުން އެދުނީ މައިގަޑު ހަތަރު ކަމެކެވެ. އެއްކަމަކީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ މިނިވަންކަން ދިނުމެވެ. ދެވަނަ ކަމަކީ އެތެރެކުރާ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކޮށްދިނުމެވެ. ތިންވަނަ ކަމަކީ މަސްގަތުމާއި ބޭރުކުރުމުގެ ހުއްދަ އަމިއްލަ މީސްމީހުންނަށް ވެސް އޮތުމެވެ. ހަތަރުވަނަކަމަކީރައްޔިތުންގެމަޖިލީހުގެޖަލްސާއެއްބާއްވައިދިނުމެވެ.

އުތުރުގެ އޮޑި ދޯނިފަހަރު މާލެއަށް އައީ ސުލްހަވެރިކަމާއެކު ރައްޔިތުންގެ އުދާސްތައް ސަރުކާރަށް އަޑު އިއްވުމަށެވެ. އޭރު ހަސަން ފަރީދު ހުންނެވީ ސިލޯނުގައެވެ. އެހެންކަމުން މިކަންތައްގަޑު ހައްލުކުރަން މާލޭގައި ހުންނެވީ މުހައްމަދު އަމީނެވެ. އަމީނު ހެއްދެވި ގޮތަކީ އުތުރުގެ ރައްޔިތުން އެދުނުހައި ކަންކަމަށް އާނއެކޭ ވިދާޅުވެފައި އޭގެ ތެރެއިން އިސްކޮށް ތިބި މީހުން މަޝްވަރާއަށް މާލެ ފައިބާން އަންގަވައި އެމީހުން ފޭބީމާ ބަނޑޭރިގެއަށް ގެންގޮސް ހިމަރޯނުން ބަނދެފައި އަށިގެއަށްލީއެވެ. ބައެއް މީހުންނަށް ރިޝްވަތުދީގެން އުތުރު މީހުން ބައިބައިކޮށް ނިކަމެތިކޮށް މުހައްމަދު އަމީނުގެ ބަހަށް ދީލާނުލާ އެންމެންނަށް އަދަބު ދިނީއެވެ.

އުތުރުގެ ރައްޔިތުން އެމީހުންގެ ޝަކުވާތަކާއިގެން އައިއައުމަށް މުހައްމަދު އަމީނު ދެއްވި ނަމަކީ އުތުރުގެ ގަޑުބަޑެވެ. ގަޑުބަޑަކަށް ނުވާކަމެއް ގަޑުބަޑަކަށް ހައްދަވައި އަދި އުތުރުގެ ރައްޔިތުން ބަދުނާމު ކުރުމުގެ ގޮތުން އެމީހުން މާލެ އައީ ދުންފަތް ނުލިބިގެން ދުން ބޮވޭނެ ގޮތެއް ނެތިގެން ދުމުގެ ރުޅީގައޭ ލިޔެ މުޅި ތާރީޚުވެސް މުހައްމަދު އަމީނު ގަޑުބަޑު ކުރައްވައިފިއެވެ.

ދެކުނުގެ ފުރަތަމަ ގަޑުބަޑު

އުތުރުގަޑުބަޑަށް ހައެއްކަމަސް ފަހުން އައްޑުއަތޮޅުގައިވެސް މިޒާތެއްގެ ނުރުހުންތެރިކަމެއް ފައިދާވެއްޖެއެވެ. އައްޑޫގައި ނުރުހުންތެރިކަމެއް އުފެދުނީ 1944 ގެ ފެބުރުއަރީ މަހުއެވެ. މިކަން މިމަގުން ހިނގުމުގައި ސަބަބުތަކެއްވެސް ހުއްޓެވެ. އޭގެތެރޭން އެއްސަބަބަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އައްޑޫއަށް އިނގިރޭސިން ފޭބުމެވެ. މިފޭބުމެއް ފޭބީ 1941 ގައެވެ. ހަނގުރާމަ ނިމެންދެން ދެމިތިއްބެވެ. އެދުވަސްވަރުގެ ތެރޭގައި އިދާރީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ވަރަށް ގިނަ ކަންކަން އަތޮޅުގައި ކުރަން ޖެހުނެވެ. ސަރުކާރުން ބޭނުންވާ ގޮތް ނޫން އެހެން އެއްވެސް ގޮތަކަށް ކަމެއް ވިޔަނުދިނުމުގެ ވިސްނުން ސަރުކާރުން އޭރު އޮތީ ގެންގުޅެން ފަށައިފައެވެ.

އެދުވަސްވަރު އައްޑޫގެ ހާލަތު ރާއްޖޭގެ އެހެން އަތޮޅުތަކަށްވުރެ މާބޮޑަށްވެސް ރަގަޅެވެ. މީގެ ސިއްރަކީ އައްޑޫ އޮޑިފަހަރު ސީދާ ބޭރަށް ގޮސް ތަކެތި ގެނައުމާއި ވިޔަފާރީގެ މުއާމަލާތު މާލެއާ ނުލައި ހިންގުމެވެ. މިކަން ކޮންޓްރޯލްކޮށް ޓެކްސް އަތުލުމަށް ހަސަން ފަރީދު ބޭނުންފުޅުވުމުން ބުޗާ ހަސަން ކަލޭފާނާއި ޑާޑާ ކާސިމު ނަމަކަށް ކިޔުނު ނުލަފާ ޒާތުގެ ދެމީހުން އައްޑޫއަށް ފޮނުވިއެވެ. ބޭނުމަކީ އައްޑޫގައި ވިޔަފާރިއެއް ފޯދުނަ ނުދިނުމާއި ރައްޔިތުން އަތުން ގަދަކަމުންވިޔަސް ޓެކްސް އަތުލުމެވެ. މި ދެމީހުންނަކީ އަތޮޅުވެރިންނެއް ނޫނެވެ. އަތޮޅުވެރިޔަކީ ހިތަދޫ ޝައިޚު ހުސައިން ރަހާ އެވެ. އެކަމަކު ބާރު އޮންނަނީ ހުސައިން ރަހާއަކަށް ނޫނެވެ. ބާރު އޮންނަނީ މި ދެމީހުންނަށެވެ.

އެދުވަސްވަރު ހިތަދޫއަކީ އާބާދީގެ ގޮތުންނާއި ތަރައްގީގެ ގޮތުން މާލެއާ ގާތްކުރާ ރަށެކެވެ. ޝައިޚް ހުސައިން ރަހާ އާއި މުހައްމަދު ލުތުފީ އާއި އަބްދުﷲ އަފީފު ފަދަ ބޭރުން ކިޔަވައިގެން ތިބި މީހުން ހިތަދޫގައި ތިއްބެވެ. ސަރުކާރުން ހަމަ ބުނާހައި ގޮތަކަށް ހެދުން ހިތަދޫގައި ވަރަށް ކުޑައެވެ. މިހެންވުމުން ޑާޑާ ކާސިމާއި ބުޗާ ހަސަން ކަލޭފާނުގެ ދުއްޕާން ހިތަދޫ މީހުންނަށް އިންތިހާއަށް ދިޔައީ ފޯރަމުންނެވެ.

ހިތަދޫ ބޮޑުންގެ ތެރެއިން އެޅަދީދީގެ އަހުމަދު ދީދީއަށް ކޮންމެވެސް ކަމެއްގައި ބުޗާ ހަސަން ކަލޭގެފާނު އަދަބުދީ ތަޅައި ވަރަށް އަނިޔާކޮށްފިއެވެ. މީސްމީހުންގެ އަނބީންނާއި ދަރިންގެ ކައިރިއަށް ވަދެ ބުޗާ ބޭނުންކަމެއް ދިޔައީ ކުރަމުންނެވެ. އެންމެފަހުން އޮބިނޯވެގެން ހިތަދޫ ރައްޔިތުން ބުޗާއާ ދެކޮޅަށް ތެދުވެ ހަޅުތާލުކޮށްފިއެވެ. ބުޗާ ދުވެފައި ދިޔައީ މާމެންދޫގައި ތިބި އިނގިރޭސިންގެ ކައިރިއަށެވެ. އެތަނުން ހިމާޔަތް ހޯދައިފިއެވެ. އެއީ ހިތަދޫގައި ސަރުކާރާ ދެކޮޅަށް ކުރި ފުރަތަމަ ހަޅުތާލެވެ. މިކަމެއް ހިނގިއިރު ހިތަދޫގައިވެސް އަތިރީގެއަށް ވަފާތެރި ބަޔަކު ތިއްބެވެ. އޭގެތެރެއިން އިސްމީހަކީ ސަގަރު އަލި ތައްކާނެވެ. މި އަލިތައްކާނަކީ ކުރީގެ ބާބެއްގައި ބަޔާން ކުރެވުނު ހަޖާމުގޭ ދޮންމޫސާގެ ދަރިއެވެ.

ސަގަރު އަލިތައްކާނާއި ބުޗާ ހަސަން ކަލޭފާނު ހަދަހަދައިގެން ދޮގުތަކެއް ލިޔެ މާލެއަށް މި ޚަބަރު ފޮނުވައިފިއެވެ. ހަސަން ފަރީދު އަވަސް އަވަހަށް އައްޑޫއަށް ވަޑައިގެން ތަހުގީގެއް ހިންގަވައިފިއެވެ. ކުށްވެރިވަނީ ހިތަދޫގެ ކުރިއަށް ތިބި އެންމެނެވެ. އަތޮޅުވެރިޔާ ޝައިޚް ހުސައިން ރަހާވެސް ކުށްވެރިވެއެވެ. ހަސަން ފަރީދު އަޑު އެއްސެވީ ބުޗާ އާއި ސަގަރު އަލި ތައްކާނު ދެއްކި ވާހަކަތަކެވެ. މާލެއަށް ގެންދަން ޖެހޭ މީހުން ގިނަވީމާ ފަހުން ގެންދާގޮތަށް ނިންމަވާފައި ބުޗާ ގޮވައިގެން ހަސަން ފަރީދު ފުރާވަޑައިގެންފިއެވެ. މާލޭގެ ދެކުނުން ކޮންމެވެސް ރަށަކަށް ބުޗާ ބާލާފައި ހަސަން ފަރީދު ފުރާވަޑައިގަތީ އިނގިރޭސި މަނަވަރު އެޗްއެމްއެސް މާލޮއީގައި ހަމަ އެތަނުން ސީދާ ސިލޯނަށެވެ. މިގޮތަށް ދަތުރުކުތައްވަނިކޮށް ޖަރުމަނުގެ ސަބްމެރީނަކުން ހަމަލަދީ މާލޮއި ފައްތާލައިފިއެވެ. ހަސަންފަރީދު އަވަހާރަ ވެއްޖެއެވެ.

މިޚަބަރު މާލެއަށް ލިބުނީ އައްޑޫ މީހުން ފަންޑިތަ ހަދައިގެން ހަސަން ފަރީދު އަވަހާރަކޮށްލުމެއްގެ ގޮތުގައެވެ. ސަގަރު އަލިތައްކާނު ހުރީ އަނެއްކާވެސް އަލިފާނަށް ތެޔޮއެޅުމުގެ މަސައްކަތުގައެވެ. ހަސަން ފަރީދަށް ފަހު ވެރިކަމާއި ހަވާލުވެވަޑައިގަތީ މުހައްމަދު އަމީނެވެ. މީނާ އަވަސް އަވަހަށް ދަތުރުކޮށް ހުވަދޫއަށް ވަޑައިގެން އެތަނުން ހުވަދޫ އަތޮޅުވެރިޔާ ތިނަދޫ ހާޖީ މުހައްމަދު ކަލޭގެފާނުގެ މަސްދޯންޏެއްގައި އައްޑޫއަށް ވަޑައިގެން ހިތަދޫގައި ކުރިއަށް ތިބި އެންމެން ހިމަރޯނުން ބަނދެގެން މާލެ ފޮނުވައި ބުރީ ހަންނަގައި އަދަބު ދެއްވައިފިއެވެ. މިކަމެއް ހިގީ 1944 ގައެވެ. އަދަބު ލިބުނު މީހުންގެ ތެރޭގައި ހިތަދޫ އަފީފު ދީދީ ވެސް ހިމެނެއެވެ. ދައުލަތުގެ ވެރިޔާ މިހާލުގައި އައްޑޫއަށް ގެންދެވިކަމަށްޓަކައި އިހުސާންތެރިކަން ހަނދާން ނައްތާލައްވައި ހާޖީ މުހައްމަދު ކަލޭގެފާނަށް މުހައްމަދު އަމީން ބަދުބަސް ވިދާޅުވެ ލިޔުންތައް ލިޔުއްވިއެވެ. މިކަމުންވެސް މުހައްމަދު އަމީނަކީ ހަމަނުޖެހޭ ބޭފުޅެއްކަން ކަށަވަރުވެއެވެ.

ފަރީދާއި އަމީނުގެ އަނިޔާވެރިކަން

ކުރީގައިވެސް ބަޔާން ކުރެވުނު ގޮތަށް އެދުވަސްވަރު ދައުލަތް ހިންގަވަނީ ހަސަން ފަރީދެވެ. އޭނާގެ ދަށުން ހުންނަވަނީ މުހައްމަދު އަމީނެވެ. ހަސަން ފަރީދަކީ ރާއްޖޭގައި ތައުލީމު ފެތުރި އާއްމުވުމާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އެބޭފުޅުންގެ ވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތައުލީމު އާއްމުވުން ކަމަށް ހަސަން ފަރީދު ދެކެވަޑައިގެންނެވިއެވެ. މިހެންވެ ތަންތަނުން ފޮތް އެއްކުރައްވައި ފޮތްތައް ކަނޑުވެސް ފެއްތެވިއެވެ. މިހެން މިކަން ހިގަމުން ދަނިކޮށް ހިތަދޫ ޝައިޚް ހުސައިން ރަހާ މިސްރުން ކިޔަވާ ވިދާޅުވެގެން ރާއްޖެ ވަޑައިގެންފިއެވެ. ހިތަދޫ އަފީފާއި ހިތަދޫ މުހައްމަދު ލުތުފީވެސް ބޭރުން ކިޔަވާވަޑައިގެން ރާއްޖެ ވަޑައިގެންފިއެވެ. އޭގެ ކުރިން ހިތަދޫ އިބްރާހިމް ލުތުފީވެސް ކިޔަވައި ވިދާޅުވެގެން ވަޑައިގެންފިއެވެ.

ހަސަން ފަރީދު މިކަމާ ހިތާ ނުވެގެން ހުސައިންރަހާ ގެންގޮސް އިންޒާރު ދެއްވިކަމަށް ހުސައިން ރަހާ ވިދާޅުވެފައިވެއެވެ. ކަލޭ ތީ ދެން މާބޮޑަށް ކިޔަވައިގެން ހުރި މީހެއްކަމަށް ހީކޮށް ފުއްޕާފައި ނޫޅޭށޭ ކިޔަވައިގެން ހުރީ ކަލޭ އެކަނި ނޫންކަން ދަންނާށޭ ވިދާޅުވި ކަމަށްވެއެވެ. މިފެންވަރުން ބަވައިލީމާ ހުސައިން ރަހާ މާލޭގައިވެސް ނުހުންނަވައި ވަޑައިގަތީ ރަށަށެވެ. ހުސައިނިއްޔާގެ ނަމުގައި އަމިއްލަ މަދަރުސާއެއް ހައްދަވައިގެން އައްޑޫއަށް އިލްމު ފަތުރުއްވަން ހުސައިން ރަހާ މަސައްކަތް ފެއްޓެވީ ހަސަން ފަރީދުގެ ސަބަބުން އިލްމު ހުއްޓުނަ ނުދިނުމުގެ ގޮތުންނެވެ.

މަރަދޫއަށް އަތޮޅުވެރިކަން ބަދަލުކުރުން

މާލެ ފެންވަރުގެ އާބަން ސެންޓަރަކަށް ހިތަދޫ އަވަސްކަމާއެކު ދިޔައީ ބަދަލުވަމުންނެވެ. އިލްމީ މީހުން ހިތަދޫގައި ދިޔައީ ގިނަވަމުންނެވެ. ހިތަދޫގައި ޑޮމިނޭޓު ކުރަމުން ދިޔައީ އިސްދޫ ޑައިނާސްޓީ އަށް ނިސްބަތްވާ މީހުންނާއި ދިޔަމިގިލި ޑައިނާސްޓީއަށް ނިސްބަތްވާ މީހުންނެވެ. ހިތަދޫގައި އިސްދޫ ޑައިނާސްޓީގެ އައުލާދު ފެތުރުމުގެ ސަބަބަކަށްވީ އިސްދޫ ދަރިކޮޅުން އެންމެފަހުން 1704 ގައި ރަސްކަން ކުރެއްވި ސުލްތާނު މުޒްހިރުއްދީނާއި 1701 ގައި ރަސްކަން ކުރެއްވި ސުލްތާން ހަސަން ދިހަ ވަނަ އަރުވައިލެއްވުމުންނެވެ. މީގެ ތެރެއިން ހަސަން ރަސްގެފާނު ހުންނެވީ ހިތަދޫގައެވެ. އޭނާގެ އައުލާދު އަތޮޅުގެ އެހެން ރަށްރަށަށް ފެތުރިގެން ދިޔައީ ހިތަދޫންނެވެ. ރަހާ އާއި މަނިކުފާނުގެ ނަން ހިއްސާ ކުރާ މީހުންނަކީ އެ ދަރިކޮޅެވެ.
ދިޔަމިގިލީ ޑައިނާސްޓީ އައްޑޫއަށް ދިޔައީ ސުލްތާނު މުހައްމަދު ގިޔާސުއްދީނު 1774 ގައި ކަނޑު ފައްތައި އޭނާގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރިކިލެގެފާނު ފުވައްމުލަކަށް ފޮނުވައިލުމުން އެރަށުންނެވެ. ހިތަދޫ އާއި އައްޑޫގައި ދިރިއުޅޭ ގިނަ ދީދީ އިންނަކީ އެދަރިކޮޅުގެ މީހުންނެވެ.

ލޭގައި ރަސްކަން ކުރަމުންދިޔައީ ހުރަވީ ދަރިކޮޅުގެ މީހުންނެވެ. ހަސަން ފަރީދާއި މުހައްމަދު އަމީނަކީ އެދަރިކޮޅުގެ މީހުންނެވެ. މިސަބަބަށްޓަކައި އައްޑޫގައި ތިބޭ ރަހާއިންނާއި މަނިކުފާނުންނާއި ދީދީންނަކީ ހުރަވީ ދަރިކޮޅުގެ މީހުން ވަރަށް ރުޅިއަރާ ބައެކެވެ. ހަސަން ފަރީދާއި މުހައްމަދު އަމީނު މީގެ ތެރެއަކުން އިސްތިސްނާ ވެގެން ނުވެއެވެ.

ހިތަދޫ އާއި އައްޑޫގައި ނަގާކިޔަން ތިބީ މި ދެދަރިކޮޅުގެ މީހުންނެވެ. އެމީހުންގެ ފަރާތުން ގިނަފަހަރަށް ފެންނަމުން ދިޔައީ މާލެއިން އަންނަ ބޭ އިންސާފު ގޮތެއް ފޮތެއް ނެތް އަމުރުތަކަށް ކިޔަމަން ނުވުމާއި އިއުތިރާފް ނުވުމުގެ ސިފަތަކެވެ. ކާބޯތަކެތި ކޮންޓްރޯލް ކުރިއިރު މާލޭ މީހަކަށް ދުވާލަކު ހަނޑޫ ލާއްސެއް ލިބޭއިރު ރާއްޖެތެރެ ވީމާ މީހަކަށް ބައިލާހި ހަމަޖެހެންވީ ސަބަބެއް ނެތެވެ. އެވެސް ދިވެހިންނެވެ. މިވެސް ދިވެހިންނެވެ. ވީމާ މިޒާތުގެ ދެކޮޅު ނުޖެހޭ އަމުރުތައް އައްޑޫގައި ތަންފީޒެއް ނުވެއެވެ. މިކަމުގެ މުގުލުގައި ތިބެނީ ހިތަދޫ މީހުންނެވެ.

މި ސަބަބަށްޓަކައި ހިތަދޫ ސައިޒުކުރުމުގެ ގޮތުން ހަސަން ފަރީދާއި މުހައްމަދު އަމީން ޕްލޭނެއް ރާއްވަވައިފިއެވެ. އެއީ އަތޮޅުގެ މައި މަރުކަޒު ކަމަށް މަރަދޫ ހެދުމުގެ ޕްލޭނެކެވެ. ހިތަދޫގެ މައްޗަށް މަރަދޫ އިސްކުރުމުގެ ވަރަށް ބޮޑު ސަބަބެއްވެސް އޮތެވެ. އެއީ މާލޭ އަތިރީގޭ ބޭފުޅުންގެ އަމިއްލަ ސަބަބެކެވެ. އާއިލީ ސަބަބެކެވެ.

މަރަދޫ އާއި އަތިރީގޭ ގެ ގުޅުން

މާލޭގައި ވެރިކަން ކުރަނީ އަތިރީގޭ ބޭފުޅުންނެވެ. މަރަދޫގައި އޮންނަނީ އެއްބަޔަކު އަނެއް ބަޔަކާ ގުޅިފައިވާ ދެ އާއިލާއެކެވެ. މި ދެ އާއިލާއާ ވެސް އަތިރީގޭ އާއިލާ ގުޅެއެވެ. އެހެންވީމާ މަރަދޫ ގިނަ މީހުންނަކީ އަތިރީގޭ ބޭފުޅުންނާ ތިމާގެ މީހުންނެވެ. މި ތިމާގެ ކަމުގެ އަސްލަކީ އަތިރީގޭ ފެށުން ކަމަށްވާ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ މަންމަޔަކީ މަރަދޫ މީހަކަށް ވުމެވެ. ހަސަން ފަރީދާއި މުހައްމަދު އަމީނުގެ މުނި މާމަޔަކީ މަރަދޫ މީހެކެވެ.
އެމީހަކީ މަރަދޫ ޝައިޚް އިބްރާހިމް ކަލޭގެފާނުގެ މަރަދޫ މުދިންގޭ ބޮޑު ކަތީބުގެ މަރަދޫ އައިމިނާފާނުގެ މަރަދޫ ފާތުމާ މަނިކެ އެވެ. މި ފާތުމާ މަނިކެ މާލޭ ގަލޮޅުގޭ އަލީ ދޮށިމޭނާ ކިލެގެފާނާއި ކައިވެނި ބައްލަވައިގެން ލިބުނު ބޭފުޅަކީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ. ހަސަން ފަރީދުގެ ވެސް އަދި މުހައްމަދު އަމީނުގެ ވެސް ކާފަޔަކީ މި އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ.

މިސަބަބަށްޓަކައި މަރަދޫ ވަކަރުގޭ ދޮން ރަހާޔާއި މިހެންގޮސް މަރަދޫގައި ކުރިއަށްތިބި އެންމެންނަކީ ހަސަން ފަރީދާއި ވެސް އަދި މުހައްމަދު އަމީނާއިވެސް ވަރަށް ތިމާގެ މީހުންނެވެ. މި ބޭފުޅުން ސަރުކާރުގެ ދަތުރުތަކުގައި ވަޑައިގެން ޖާގަ ޖައްސަވަނީ މަރަދޫގައެވެ. މިބޭފުޅުން މަރަދޫގައި ތިއްބަވާތީ އަތޮޅުގެ އިސްރަށަކަށް މަރަދޫ ވެއްޖެއެވެ.

އަތޮޅު ވެއްސާއި ސަރުކާރުގެ ބޮޑު މަރުކަޒު އަޅަން އެކަށީގެންވާ ތަނަކުން ބިން ހަމަޖައްސާށޭ ހަސަން ފަރީދު އަންގަވައިފިއެވެ. އޭރު އަތިރީގޭ ބޭފުޅުންގެ ސަބަބުން ޚާއްސަކޮށް ހިތަދޫއަށް އޮތީ ބޮޑު ދުއްޕާނަކަށް ވެފައެވެ. ހިތަދޫ ވެރިއަކަށް ހުންނެވި އެޅެބެއްޔާގެ އަލި ދީދީ ވިދާޅުވިކަމަށް ވަނީ އަތިރީގޭ ބޭފުޅުން ވަޑައިގެން ހިތަދޫގައި ތިއްބެވުމަކީ އިތުރު މުސީބާތަކަށް ވާނެ ކަމަށެވެ. ކުރިންވެސް އެބޭފުޅުން ތިއްބަވާ ގޮތަށް މަރަދޫގައި ތިއްބެވުން މާރަނގަޅުވާނެ ކަމަށެވެ. މިހެން އަލި ދީދީ ވިދާޅުވީވެސް އަތިރީގޭ ބޭފުޅުންނާއި ހިތަދޫ މީހުންނާ ދޭތެރޭގައި އޮތް މުޑިއެރުން ބޮޑުކަމުންނެވެ. ކޮންމެއަކަސް މަރަދޫން ބިމެއް ހަމަޖައްސައި އެތާގައި އެޅި ގެއަށް ކިޔަނީ ރަތްވިލާގެ އެވެ.

މިގެއެއް އަޅައި މަރަދޫއަށް އަތޮޅުވެރިކަން ބަދަލު ކުރީ ބޮޑު ހަނގުރާމަ ފެށެން ގާތްވެފައި ވަނިކޮށެވެ. އަތޮޅު އޮފީހަކީވެސް އަތޮޅު ގެއަކީވެސް އަތޮޅު ކޯޓަކީވެސް އަތޮޅު ޖަލަކީވެސް އޭގެ ފަހުން އެއީއެވެ. ސަރުކާރުން މީހަކު އަތުވެއްޖެނަމަ އެމީހަކު ހުންނަނީ އެތާގައެވެ. ސުވާދީބު ދައުލަތް އުފެދުމާ ހަމައަށް އަތޮޅުގެ ހެޑްކުއާޓަރަކީ ރަތްވިލާގެއެވެ.

ބުޗާ ހަސަންކަލޭފާނުގެ ޖަގަޑާއާ ގުޅިގެން ހިތަދޫ އަފީފު ދީދީމެން ޝައިޚް ހުސައިން ރަހާ މެން ފަދަ ހިތަދޫ ބޮޑުން ބަނދެގެން 1944 ގައި މާލެއަށް ގެންގޮސް އަދަބުދީ ބުރިން ހަންނެގި ހިސާބުން ފެށިގެން އައްޑޫ މީހުންނާ ދޭތެރޭ މާލެއިން ކުރިއަށް ވުރެ ސީރިއަސް ވެއްޖެއެވެ. އެއަށްފަހު މާލެއިން އައްޑޫއަށް ފޮނުވަނީ ނިކަން ވަރު ހުންނަ ސީނިއަރ އަތޮޅުވެރިންތަކެކެވެ. ކުއްޅަވަށް އަލި ދީދީ އާއި އާދަމް ނަސީރު މަނިކު ފަދަ މީހުންނެވެ. މާލެއިންދާ މީހަކުވެސް އަތޮޅު މީހުންނާއި ގާތްވެ ކައިވެނިން ގުޅި ތަނަށް ދިރޭހާ ގިނަ ދުވަހު ނުބަހައްޓައެވެ. އެހިސާބަށް ދިއުމުގެ ކުރިން އެހެން މީހަކު ފޮނުވައެވެ. މިމީހުންގެ ކިއްލާއަކީ މަރަދޫ ރަތްވިލާގެ އެވެ. ރަތްވިލާގެ އުވާލައި މަރަދޫން އަތޮޅުވެރިކަން ނަގައި ހިތަދޫއަށް އަލުން ރަސްމީ ގޮތުން ބަދަލު ކުރީ އަތޮޅުވެރިޔާ މޫސާ އަލި ދީދީގެ އެދިވަޑައިގަތުމަކަށް ނާސިރެވެ. މި ނިންމުން އައީ 18 ފެބްރުއަރީ 1965 ގައެވެ.

ހިތަދޫއަށް އަމީނު ދެއްވި އެހެން ލަނޑެއް

އައްޑުއަތޮޅުން ފުރައިގެން ސިލޯނަށް ދަތުރުކުރަނިކޮށް ޖަޕާނު ސިފައިން ހަމަލަދީ ފައްތާލި ޔާހުންބަރާސް އޮޑީގެ ވާހަކަ ވަރަށް ގިނަމީހުން ދަންނާނެއެވެ. އެއޮޑިއަކީ ހިތަދޫ އެޅެދީދީގެ އަލިދީދީގެ އަމިއްލަ އޮޑިއެވެ. އޮޑިން ދަތުރުކުރި މީހުންގެ ތެރެއިން ސިއްކަގޭ މުހައްމަދު މަނިކުފާނާއި ހިތަދޫ އައްބެޔާގެ އިބްރާހިމް ދީދީ ފިޔަވައި އެހެން އެންމެން މަރައިލީ އެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު ޖަޕާނު ސިފައިންގެ ސަބަބުން ގެއްލުން ލިބުނު ގައުމުތަކަށް ބަދަލު ނަގައިދިނުމުގެ ހަރަކާތުގެ ތެރެއިން އިނގިރޭސި ސަރުކާރުން 1947 ގައި މުހައްމަދު އަމީނަށް ތިން ލައްކަ ސްޓާރލިން ޕައުންޑް ހަވާލުކުރިއެވެ. އެއީ ޔާހުންބަރާސް އޮޑީގެ ބަދަލާއި އޮޑިން ދަތުރުކުރި އައްޑޫ މީހުންގެ މަރުގެ ދިޔައެވެ. މީގެ ތެރެއިން އެންމެ ލޯ ލާރިއެއްވެސް އޭގެ ހައްގުވެރިން ކަމަށްވާ ހިތަދޫ މީހުންނަށް ނުދިނުމަށްޓަކައި މުހައްމަދު އަމީނު ކުރެއްވިކަމަކީ ސިއްކަގޭ މުހައްމަދު މަނިކުފާނާއި އައްބެޔާގެ އިބްރާހިމް ދީދީ ދާޚިލިއްޔާއަށް ހާޒިރުކޮށް އިނގިރޭސިން އެދެމީހުންނަށް ދީފައި އޮތް ލިޔުން އަތުލައި ވީދާލީއެވެ. އެހެން ހެދުމުން ފަހުންވެސް އެފައިސާއަށް ދައުވާކުރެވޭނެ ހެކި ނައްތައިލެވުނީއެވެ. ޔާހުންބަރާސް އޮޑީގެ އިތުރަށް ޖަޕާނު މީހުން ފައްތާލި ހުވަދޫ ދާންދޫ މުދިންތައްކާނުގެ އޮޑިއަށް ނަގައިދިން ބަދަލުވެސް ހަމަމިމަގުން މުހައްމަދު އަމީނު ވަނީ ބޭނުން ކުރައްވައިފައެވެ. (ނުނިމޭ)
                        -------------------
ލިޔުއްވީ: "ގަދަ ކަލޭގެފާނު"