މުހައްމަދު އަމީނާއި ހަވާނަފުސުގެ ޖުމްހޫރިއްޔާ
ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހަސަން ފަރީދު އަވަހާރަވެ އަދި 1952 ގައި އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުމުން ދިވެހިރާއްޖޭގައި މުހައްމަދު އަމީނަށްވުރެ އިސް އެހެން ލީޑަރަކު ނެތިއްޖެއެވެ. މުހައްމަދު އަމީނަށް އަތިރީގޭ ޚާންދާނުގެ ފަރާތުން ވާރުތަވި މުދާގަޑަކަށް މުޅި ގައުމު ވެއްޖެއެވެ. މުހައްމަދު އަމީނުވެސް ބޭނުން ވަނީ ރަސްކަމެވެ. އެހެންނަމަވެސް މާޒީގެ ސަފްހާތަކުން ފިލާވަޅު ލިބިގަތުމާއެކު މުހައްމަދު އަމީނު ބޭނުންވީ ޒަމާނީ ކުލަޖައްސައިފައި އިނގިރޭސިންގެ ލޮލުގައިވެސް އަނދުނެއް އަޅުވައިލައި ވެރިކަން އެހެން ފޭރާމަކަށް ބަދަލުކޮށްލުމަށެވެ. މިހެންވެ ރައްޔިތުންނަށް ޖުމްހޫރިއްޔަތަކީ ކޮންއެއްޗެއްކަން ނުވެސް އެގެނީސް ރައްޔިތުންގެ ބަސް ހޯދައިގެންނޭ ވިދާޅުވެފައި ހަމަކުއްލިއަކަށް ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް 1952 ގައި ބަދަލު ކުރައްވައިފިއެވެ.
ޖުމްހޫރިއްޔަތަކަށް ބަދަލު ކުރައްވައިފައި މުހައްމަދު
އަމީނު އަތޮޅުތެރޭންނާއި މާލެއިން ސަމައްތަރު ހެޔޮ ވަނާތަކަށް އައިބު ކުލަ އަލި އަންހެންކުދީން
އެއްތަން ކުރައްވައި ރީތީގެ މުބާރާތްތައް ބާއްވަވައި އަތިރީގޭގައި ނާޗަރަންގީ ކުޅުއްވައި
އަމީނުވެސް އެއްއިރު ސިފައިންގެ ޖެނެރަލެއްގެ ޔުނިފޯމު ތުރުކުރައްވައި އަނެއްއިރު ކަނޑުގެ
ސިފައިންގެ އެޑްމިރަލެއްގެ ޔުނިފޯމް ތުރުކުރައްވައި ހިތަށް އަރައިވަޑައިގެންނެވީމާ
ވިންސްޓަން ޗާޗިލްހެން ޑަބަލް ބްރެސްޓެޑް ކޯޓު ތުރުކުރައްވައި މިޒާތަކަށް އެބަހަރަ
އުޅުއްވައެވެ.
އެންމެ އަރިހުގައި ބަސްކިޔާން ތިބެނީ ޒުވާން އަންހެން ކުދީންނެވެ. ތައުލީމު
ފެތުރުމުގެ ނަމުގައި ސަނިއްޔާ ސްކޫލުގެ އަންހެން ގޮފި ހިންގަވަނީ ރޭގަނޑުއެވެ. ޕާޓީ
ނިޒާމުވެސް ތައާރަފު ކުރެއްވިކަމަށް ބުނެވެއެވެ. ދިވެހިރައްޔިތުންގެ މުތަގައްދިމް ޕާޓީގެ
ނަމުގައި ޕާޓީއެއްވެސް އުފެއްދެވިއެވެ.
އަތޮޅުތަކަށް މުހައްމަދު އަމީނު ފޮނުއްވާ ވެރީންގެ
ކަމަކީ ރީތި އަންހެން ކުދީން ތިބެނީ ކޮންކޮންތާކުތޯ ބަލައި އެކުދީން މާލެ ފޮނުވުމެވެ.
ދެން މުހައްމަދު އަމީނުގެ ރުހުން ލިބިގެން އެނބުރި އަތޮޅުތެރެއަށްދާ އަންހެން ކުދީންގެ
ގޭގެއަށް އަތިރީގެއިން ފޮނުވާ ކާޑުގެ ބާވަތްތައް އަމާނާތްތެރިކަމާއެކު ފޯރުވައި ދިނުމެވެ.
އިހު ރަށްރަށުގައި ތިބި ކަމުވޮށިގެންވާ މީހުންގެ ބާރު ނެތި ޒުވާން އަންހެން ކުދީންގެ
މައިންބަފައިން ބާރުވެރީންކަމުގައިވެ އެންމެ އިއްޒަތްތެރީންނަކީ ނާޗަރަންގީގެ އަހުލުވެރީންކަމުގައި
ވެއްޖެއެވެ.
ހުވަދޫ ބަޔަކު މަރައިލުން
އެވޭލާ ޒަމާނުގެ ރޯމުގައި ނީރޯ އުޅުއްވި ބީދަޔަކުން ދިވެހިރާއްޖޭގައި އަތިރީގޭ މުހައްމަދު އަމީނު އުޅުއްވަނިކޮށް ހުވަދުއަތޮޅުގައި މާވަރުގަދަ ކަންތައްގަޑެއް ހިނގައިފިއެވެ. މިކަމެއްގެ އަސްލަކީ ހުވަދު އަތޮޅުގައި ކުރީއްސުރެ ތިބި ބަސްވިކޭ ހަރުދަނާ މީހުން މަގުން އެކަހެރިކޮށް ތިލަފަތަށް ގުޑުން އަރުވާލަންވެގެން ހުވަދު އަތޮޅު އަތޮޅުވެރިޔަކަށް މުހައްމަދު އަމީނު ފޮނުއްވި މާލޭ ބޭފުޅެއް ކަމުގައިވާ ވީރު އަލި ދީދީ އަވަހާރަވުމެވެ. އޭނާ އަވަހާރަވިކަމަށް ވަނީ ނިލަންދޫ ހަކީމު ދީދީ އާއި ވިލިގިލީ އަނީސު މެން މާވަރުގަދަ ސިހުރެއް ހަދައިފައި ވިހަ ހިކައެއް ބޭނުންކޮށްގެން ވިހަ ސަޔެއް ބޯންދީގެންނޯލައެވެ. ވީރު އަލިދީދީ އަވަހާރަކޮށްލުމުގެ އިތުރުން މުހައްމަދު އަމީނު އަވަހާރަކޮށްލުމަށް ވެސް މި މީހުން ސިހުރި ހެދިޔޯލައެވެ.
އަތޮޅުތެރޭގެ ރަށްރަށަށް ވީރު އަލި ދީދީ ތިނަދޫން
ފުރާވަޑައިގެންނެވިއިރުވެސް އުޅުއްވީ އާލާސްކަންފުޅާއެވެ. ޓައިފޮއިޑްގެ އާލާސްކަންފުޅު
އޮތީ ސީރިއަސް މަރުހަލާއެއްގައެވެ. އެކަން އަތޮޅުވެރިޔާއަށް އެހީތެރިވާ މީހުންގެ ރިވާއިން
ސާބިތުވެސްވެއެވެ. އެކަމަކު ޝަރީއަތުގައި މީން ކަމަކަށް ރިއާޔަތް ކުރުމެއް ނެތެވެ.
ކޮންމެއަކަސް ވީރު އަލިދީދީ ވިލިގިއްޔަށްވެސް ވަޑައިގަތެވެ. އަނީސުމެން ގެގެއިން ސައިފޮދެއްވެސް
އެރުވިއެވެ. އެދަތުރުން ނިމިގެން އެނބުރި ތިނަދޫއަށް ވަޑައިގެންނެވިތާ ތިން ހަތަރު
ދުވަހެއްގެ ތެރޭގައި ވީރު އަލި ދީދީ އަވަހާރަވެއްޖެއެވެ. ވާހަކަ ހަދާމީހުން އިސާހިތަކު
މޮޅު ވާހަކައެއް ހަދާލައި މިއީ އަނީސުގެ ގެއިން އެރުވި ވިހަ ސައިފޮދެއްގެ ސަބަބުން
ވީކަމެއްކަމަށް ކިޔަން ފަށައިފިއެވެ. މި ސިހުރެއްގެ އުސްތާޒަކީ ނިލަންދޫ ހަކީމު ދީދީ
ކަމަށްވެސް ހަދައިފިއެވެ. ހަގީގަތުގައި ކޮންމެވެސް ސިހުރެއް އޮތީ ހަދާފައެވެ. އެއީ
ވިލިގިލީ ދޮން އަހުމަދުގެ އަނީސަށް ރަށުގެ ކަތީބުކަން ހޯދައިދޭން އަތޮޅުވެރިޔާ ރުއްސަންވެގެން
ހެދި ހިތް ރުއްސާ ފަންޑިތައެކެވެ. މީހަކު މަރާކަށް ފަންޑިތައެއް ނުހަދައެވެ. އަދި ވިހައެއްވެސް
ބޭނުމެއް ނުކުރެއެވެ.
އިސާހިތަކު ތަހުގީގުތައް ފަށައިފިއެވެ. އަނީސުމެން
ގޭގައި ގެންގުޅުނު މުކުރިޔާ ކިޔާ ވިލިގިލީ މީހަކު މާލެ ގެނެސް އަށިގޭގައި ބާއްވާފައި
ތަޅައިގަތްގަތީނުން މަރާލައިފިއެވެ. އަނީސަށްވެސް ހެދީ ހަމައެހެންނެވެ. ޝަރީއަތް ހިންގީ
1953 އެޕްރީލްގައެވެ. ޝަރީއަތުގެ މާކުރިން އަނީސުވެސް މަރާލައިފިއެވެ. ހަކީމު ދީދީ
މާލެ ގެނެސް މަރަން ހުކުމްކޮށް ހުޅުލޭގައި ރުކަކަށް ބަނދެފައި ބަޑިޖަހައި މަރައިލީއެވެ.
މިއީ ރާއްޖޭގައި މެރުމަށް ހުކުމްކޮށް މިބީދައިން ޝަރީއަތުގެ ކުލަ ޖައްސާފައި މެރި އެންމެ
ފަހު މީހާއެވެ. ހަކީމު ދީދީގެ ބައްޕަ ނިލަންދޫ ކަޅު އަލި ދީދީއަކީ ހާޖީ އިމާދުއްދީނުގެ
ރަސްކަން އަތިރީގޭ ބޭފުޅުން ގަޑުބަޑުކުރުމަށްފަހު ޝަމްސުއްދީނު ތަޚުތަށް އަރުވާފައި
މީހުން ބިރުގަންނަވަންވެގެން މާލޭ މަގެއްގައި މަރާލާފައި އެއްލާލި މީހާއެވެ. ވިލިގިއްޔާއި
ނިލަންދޫގެ މި ދެ އާއިލާއަކީ އިސްދޫ ރަސްކަމުގެ ޚާންދާނަށް ނިސްބަތްވާ ބައެކެވެ.
ދެކުނުގެ އަތޮޅުތަކުން އިލްމު ފުހެލުން
ވީރު އަލި ދީދީ އަވަހާރަވި ހާދިސާއަކީ މުހައްމަދު އަމީނާއި ގުޅުން ނެތްކަމަކަށް ވިޔަސް މިއީ އަމީނު އަވަހާރަކޮށްލަން ވެގެން ހެދި ސިހުރެއްކަމަށް ނިންމައި އަދި އަމީނަށް އޭރު ޖެހިފައިވި ހަކުރު ބައްޔާއި ކިހުނު ބައްޔަކީ މި ސިހުރުގެ ނަތީޖާކަމަށް ކަނޑައަޅައި އަމީނު ކުރެއްވި ކަމަކީ މާލެއިން ވިޔާނުދާ ޒާތުގެ ޓީމެއް ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑޫއަށް ފޮނުވައިގެން ހުރިހާ ގެއަކަށް ވަދެ ފޮތްތައް ފޭރުނީއެވެ. މިއީ ފަންޑިތަ ފޮތްތައް އަތުލުމުގެ ބޭނުމުގައި ކުރިކަމެކޯލައެވެ. ކޮންމެއަކަސް އެޒަމާނުގެ ތައުލީމުގައި ބޭނުންކުރީ މައިގަޑު ގޮތެއްގައި އަރަބި ފޮތްތަކެވެ. އަދި އަމިއްލަ މީސްމީހުންވެސް ބޭސްވެރިކަމާއި އާއިލީ ވަނަވަރާއި ނުޖޫމީ އިލްމާއި ނެވިކަމުގެ އިލްމާއި މިޒާތުގެ ތަކެތި ލިޔެގެން އުޅުނީވެސް އަރަބި ބަހުންނެވެ.
މާލެއިން ފޮނުވި މީހުންނަކީ ބަހަކުން ކުރެ ބަހެއް
އެގޭ ބައެއް ނޫނެވެ. މިމީހުން ގޮސް އިލްމީ ފޮތްތަކާއި ވަގުފު ފަތްތަކާއި އާއިލީ ވަނަވަރު
ފޮތްތަކާއި ގުރުއާން ތަފްސީރުތަކަށް ދާންދެން ފޭރި އެހުރިހާ ފޮތެއް އެއްކޮށް ހުޅުޖަހައި
އަންދާލީއެވެ. މިކަމުގެ ތެރޭގައި އަތުން ލިޔެފައި ހުރި ބައެއް ޚަތިމުތައްވެސް ނައްތާލިއެވެ.
ބައެއް މީހުން ވަޅުލައިގެން ފޮތްތައް ފޮރުވާންވެސް ފޮރުވިއެވެ. އެގޮތުން މަދު ބައެއް
ފޮތްތައް ސަލާމަތްވިއެވެ. މުހައްމަދު އަމީނުގެ އެންގުމަށް މިކަމެއް ކޮށްނިމުއިރު ޒަމާނުއްސުރެ
ހުވަދޫ އާއި ފުވައްމުލަކާއި އައްޑޫގައި އޮތް އިލްމުގެ ޚަޒާނާ އޮތީ ފުހެލެވިފައެވެ.
ފޮތްތައް ފޮރުވާން އުޅުމުގެ ތުހުމަތުގައި ކިތަންމެ ކިތަންމެ މީހަކު ކުށްވެރިވެ އަދަބު
ދީފައިވެއެވެ.
ހުރާ ޚާންދާނުން މުލީގޭ މުހައްމަދު މަނިކުފާނާއި
ހަސަން ފަރީދުވެސް މީސްމީހުން އަތުން ފޮތް ފޭރި އަންދާލި ގޮތަށް އަތރީގޭ މުހައްމަދު
އަމީނުވެސް ދެކުނުގެ ތިން އަތޮޅުން ފޮތްތައް ހުސްކޮށް އަންދައިލިއެވެ. ދުވަހަކުވެސް
އިއާާދަ ވުމެއް ނެތް މިންވަރަށް މުހައްމަދު އަމީނު ވަނީ ދެކުނުގެ އަތޮޅުތަކުން އިލްމުގެ
ނޫރު ކަނޑުވައިލައިފައެވެ. ދެކުނަށް އޭރު ލިބިފައި އޮތް ބާރަކީ އިލްމުގެ ބާރުކަމުގައިވާތީ
ކޮންމެވެސް ކަމެއް މަތިކޮށްފައި މުހައްމަދު އަމީނު ބޭނުންވީ މި ބާރު ކަނޑުވައިލުމަށެވެ.
އެހެންވެ ސިހުރޭ އަމީނުގެ ކިހުނު ބައްޔޭ ކިޔާފައި ކުރިކަމަކީ ދެކުނު މީހުންގެ އިލްމުގެ
ވަސީލަތް ނައްތައިލީއެވެ.
މުހައްމަދު އަމީނަށް ލިބުނު ލޮޓި
މުހައްމަދު އަމީނުގެ އައްޔާޝީ ދިރިއުޅުން ހުރި ގޮތުން ކުރީންވެސް ލިޔެވުނު ގޮތަށް އޭނާއަށް އެންމެ މަތީ ދަރަޖައަށް ހަކުރު ބައްޔާއި ކިހުނު ބަލި ހުރީ ޖެހިފައެވެ. މިހެންވެ ފަރުވާ ހޯދަން ދޭތެރެއަކުން ހުންނަން ޖެހެނީ ކޮޅުބުގައެވެ. މިގޮތުން ކޮޅުބުގައި ފަރުވާ ހޯއްދަވަން ހުންނަވަނިކޮށް އަމީނުގެ ނާއިބު ރައީސް ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ 1954 ގައި ޚާއްސަ ސިޓީއެއް ފޮނުއްވާފައި އަވަހަށް މާލެ ވަޑައިގަތުމަށް ދަންނަވައިފިއެވެ. މުހައްމަދު އަމީނު އިގިރޭސި ޚާއްސަ މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގެންނެވުމާއެކު ނާއިބު ރައީސް އަޑީގައި ހުންނަވައިގެން އަމީނު ދޫނިދޫގައި ބަންދު ކުރައްވައިފިއެވެ.
މިހެންވުމުން އެއްރެއެއްގެ ދަންވަރު ކަކާގޭ ޝަމްސުއްދީން
ހިލްމީ އާއި އިބްރާހިމް ހިލްމީ ދޫނިދޫއަށް ވަޑައިގެން އަދިވެސް ތާއީދު އޮތީ އަމީނަށޭ
ވިދާޅުވެ އަމީނު ހައްލާލައިގެން މާލެ ގެނެސްފިއެވެ. ވެލާނާގޭ އިބްރާހިމް ދީދީއަށް ތާއީދު
ކުރާ މީހުންނާއި އަމީނަށް ރުޅިއަރާ މީހުން އެއްތަންވެ އިސާހިތަކު އަމީނު އަތުލައިގަނެ
އޮރިޔާންކޮށް ބޯޅައެއްހެން ތަޅައި އަނިޔާކޮށް ވަރަށް ނިކަމެތި ހާލުގައި އޮޑިއަކަށް
ލައިފައި ގާފަރަށް އަރުވާލައިފިއެވެ. އެއަށްފަހު ވަގުތީ ގޮތުން ރައީސްކަން ކުރެއްވީ
ވެލާނާގޭ އިބްރާހިމް ދީދީއެވެ. މީނާއަކީ މަޝްހޫރު ގޯދީ ރާޖާ ވެލާނާގޭ މުހައްމަދު ދީދީގެ
ދަރިކަލުންނެވެ. އޭރު ސިފައިންގެ ވެރިޔަކީ ވެލާނާގޭ އަހުމަދު ދީދީގެ ދަރިކަލުން ވެލާނާގޭ
އިބްރާހިމް ނާސިރެވެ. ނާސިރުވެސް އަމީނުގެ ހިމާޔަތުގައި ހަމައެއްކަމެއްވެސް ނުކުރައްވައެވެ.
ރަސްކަން އަލުން އިއާދަކުރުން
ގާފަރުގައި ހުންނަވަނިކޮށް އަމީނު ދެން އަވަހާރަވަނީއޭ ހީވުމުން ގެނެސް ބެހެއްޓީ މާލެ އަތޮޅު ވިހަމަނާފުށީގައެވެ. ފަހުން އެއީ ކުރުނބާ ރިސޯޓެވެ. މާގިނަ ދުވަސްތަކެއް ނުވެ މުހައްމަދު އަމީނު އަވަހާރަވެއްޖެއެވެ. އަމީނުގެ ޖުމްހޫރިއްޔާ ނިމުމުން ދެން ދުވަސްކޮޅެއްގެ ތެރޭގައި މާލޭ ބޮޑުން އެއްތަންވެ ރަސްކަން އަލުން ރުޖޫއަކޮށް ޖަލާލަތުލް މަލިކު މުހައްމަދު ފަރީދުލް އައްވަލުގެ ނަމުގައި އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނުގެ ދޮށީދަރިކަލުން މުހައްމަދު ފަރީދު 1954 ގައި ތަޚުތުގައި ވަޑުވައިފިއެވެ.
މި މުހައްމަދު ފަރީދަކީ ވެސް އަޚުލާގީ ގޮތުންނާއި
އެނޫން ގޮތްގޮތުން ކަމަށް ލާއިގު ބޭފުޅެއް ނޫނެވެ. ޝަމްސުއްދީނު ރަދުންގެ ދަރިކަލުން
ހަސަން އިއްޒައްދީނު ފަދައިން މުހައްމަދު ފަރީދުވެސް ބޮޑަށް ގަޔާވަނީ ފިރިހެނުން ދެކެއެވެ.
އެކަމަކު އޭރު ރަސްކަން އަލުން ރުޖޫއަކުރަން ޖެހިފައި އޮތުމާއި މާލެ ތެރޭގެ ކަންތައް
އޮތްގޮތުން މީނާ ރަސްކަމަށް ލުމަށްވުރެ މޮޅު ގޮތެއް ނެތްކަމަށް ފެނިގެން މިއީ ދެން
މާކަ އިއްޒަތްތެރި ނިޔަނެތި ދީންވެރި މީހަކަށް ހަދައިފިއެވެ.
ފަރީދަކީ ފިރިހެން ލައިނަކުން ދޮންބަންޑާރައިންގެ
އައުލާދު ކަމުގައި ނުވިޔަސް ދޭތެރެއަކުން ރަސްކަން އުވިފައި އޮތުމާއި ރާއްޖޭގެ ވެރިކަމުގެ
ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް އާ ދުސްތޫރެއްވެސް ފާސްކުރެވިފައި އޮތުމުން އިނގިރޭސިން
މިފަހަރު މުހައްމަދު ފަރީދަކާ ދެކޮޅެއް ނުހަދައެވެ. މުހައްމަދު ފަރީދު ރަސްކަމަށް ލައިފައި
ސަރުކާރު ހިންގާނީ ބޮޑުވަޒީރެއްގެ ދަށުން ކަމަށް ކަނޑައަޅައި ބޮޑުވަޒީރުކަމަށް އެއްގަމުގޭ
އިބްރާހިމް އަލި ދީދީ ލައިފިއެވެ. އޭގެ ކުރިން އަމީނުގެ ނާއިބު ރައީސް ވެލާނާގޭ އިބްރާހިމް
ދީދީ ގައުމުން ބޭރުކޮށް ކޮޅުނބަށް އަރުވާވެސް ލައިފިއެވެ. (ނުނިމޭ)
------------------
ލިޔުއްވީ: "ގަދަ ކަލޭގެފާނު"