
ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ކޮބައިކަމާމެދު އެކި ފަރާތްތަކުން ސުވާލުއުފައްދައި ދުލާއި ގަލަމުން އެޝުޢޫރު ފާޅުކުރަމުންދަނީ އެފަރާތްތަކުން މިނިވަންކަން ބޭނުންނެތިގެންނޫނެވެ. މިހެންމެ މިނިވަންދުވަސް ފާހަގަކުރުމަށް ބޭނުންނުވާތީވެސް ނޫނެވެ. އަދިކީއްތޯއެވެ. އެފަދަ ސުވާލުއުފެދޭގޮތް ވުމުގެ އެންމެބޮޑު ސަބަބަކީ މިނިވަންދުވަހުގެ ގޮތުގައި އެކި ދުވަސްވަރު އެކި ދުވަސްތައް ރާއްޖޭގެ އެންމެމަތީ ވެރިކަމުގެ ފަރާތުން ކަނޑައަޅުއްވައި ގައުމީ ފެންވަރުގައި އެ ދުވަސްތައް ފާހަގަކުރެވިފައިވާތީ އޭގެތެރެއިން ޞައްޙަ މިނިވަންދުވަހަކީ ކޮބައިކަން ރާއްޖޭގެ އެންމެމަތީ ވެރިކަމުގެ ފަރާތަށް ވެސް ކަށަވަރުވުމާއި ނުވުމުގައި ފުށުއެރުންތަކެއް ހުރިކަމަށް ބެލެވޭތީ އެވެ.
ޚާއްޞަކޮށް މިނިވަންދުވަސް
ކަމަށް ރާއްޖޭގައި މިހާރު ފާހަގަކުރަމުންދާ "ޖުލައި ސައްބީސް" ދުވަހުގެ
ބަޠަލަކީ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށްވާއިރު މިނިވަންދުވަހަކީ
ކޮބައިކަން އެކިލެގެފާނަށް ވެސް ކަށަވަރުވުމާއި ނުވުމުގައި ފުށުއެރުންތަކެއް ހުރިއިރު
މިނިވަންދުވަހަކީ ކޮބައިކަމާމެދު އެހެނިހެން ފަރާތްތަކުން ސުވާލުއުފައްދައި ދުލާއި
ގަލަމުން އެޝުޢޫރު ފާޅުކުރުމަކީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއްނޫނެވެ. އެއީ
ވެދާނެކަމެކެވެ. ވުން އެކަށީގެންވާ ކަމެކެވެ.
26 ޖުލައި
1965މ. ގައި އިނގިރޭސި ސަރުކާރާއި ދިވެހިސަރުކާރާ ދެމެދު ސިލޯންގައި ސޮއިކުރި
އެގްރިމެންޓްގައި ދިވެހިސަރުކާރުގެ ފަރާތުން ބޮޑުވަޒީރު އިބްރާހީމް ނާޞިރު ސޮއިކުރެއްވުމަށްފަހު
ރާއްޖެއަށް މިނިވަންކަން ލިބިއްޖެކަމާއި މިމުނާސަބާއާ ގުޅިގެން ރާއްޖޭގައި
ކުރަންވީކަމެއް ކުރުމަށް އެންގެވީ ވެސް އެ މަނިކުފާނެވެ. މިއެންގެވުމާއި ގުޅިގެން މިފަދަބޮޑު
ނިޢުމަތެއް މިންވަރުކުރެއްވީތީ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް
ޝުކުރުގެ ސަޖިދަވެސް ޖަހައި ރާއްޖެއަށް މިނިވަންކަން ހޯއްދެވުމަށް ބޮޑުވަޒީރު
އިބްރާހީމް ނާޞިރު ކުރެއްވި މަސައްކަތްޕުޅު ގައުމީ ފެންވަރުގައި ފާހަގަކޮށް އެ މަނިކުފާނަށް
ރަންނަބަނޑޭރި ކިލެގެކަމަށް ކޮލިލައި ރާއްޖޭގައި ދެވޭ އެންމެމަތީ ޢިއްޒަތްކަމަށްވާ
"ނިޝާން ޣާޒީގެ ޢިއްޒަތް"ވެސް އެރުވި އެވެ. އޭގެފަހުން މިނިވަންދުވަހުގެ
ގޮތުގައި ކޮންމެއަހަރެއްގެ "ޖުލައި ސައްބީސް" ފާހަގަކުރާތާ 11 އަހަރުގެ
ފަހުން "މާރޗް އޮނަތިރީސް" އަކީ ރާއްޖޭގެ މިނިވަންދުވަސް ކަމަށް
އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ހަމަޖައްސަވައިފި އެވެ. އޭރު އެ ކިލެގެފާނަކީ
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އެވެ.
"މާރޗް
އޮނަތިރީސް" އަކީ ރާއްޖޭގެ މިނިވަންދުވަސް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް
ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ހަމަޖެއްސެވީ އެގްރިމެންޓެއްގެ ދަށުން
އައްޑުއަތޮޅު ގަމުގައިތިބި އިނގިރޭސިން 29 މާރޗް 1976މ. ގައި އެ ރަށުން ދިޔުމަކީ ރާއްޖެއަށް
މިނިވަންކަން ލިބުނީކަމަށް އެކިލެގެފާނު ދެކިވަޑައިގަތުން ނަމަ އޭގެކުރިން 26
ޖުލައި 1965މ. ގައި އިނގިރޭސި ސަރުކާރާއި ދިވެހިސަރުކާރާ ދެމެދު ސިލޯންގައި ސޮއިކުރި
އެގްރިމެންޓުން ރާއްޖެއަށް މިނިވަންކަން ނުލިބެނީތާ އެވެ. މިކަން މިހެންއޮތުމުން މިނިވަންދުވަހަކީ
ކޮބައިކަމާމެދު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ހިތްޕުޅުގައި ވެސް
ސުވާލު އުފެދުނުކަމަށް ބެލެވޭއިރު މިނިވަންދުވަހަކީ ކޮބައިކަމާމެދު އެހެނިހެން
ފަރާތްތަކުން ސުވާލުއުފައްދައި ދުލާއި ގަލަމުން އެޝުޢޫރު ފާޅުކުރުމަކީ
ކަންބޮޑުވާންޖެހޭ ވަރުގެ ކަމަކަށްނުވަނީ އެވެ. އެއީ ވެދާނެކަމަކަށްވަނީ އެވެ. އެއީ
ވުން އެކަށީގެންވާ ކަމަކަށްވަނީ އެވެ.
މިނިވަންދުވަހުގެ
ގޮތުގައި އެކި ދުވަސްވަރު އެކި ދުވަސްތައް ރާއްޖޭގެ އެންމެމަތީ ވެރިކަމުގެ
ފަރާތުން ކަނޑައަޅުއްވައި ގައުމީ ފެންވަރުގައި އެ ދުވަސްތައް ފާހަގަކުރެވިފައިވާ ކަމަށް
މަތީގައި ދަންނަވާފައިވަނީ ޖުލައި ސައްބީސްވަނަ ދުވަހާއި މާރޗް އޮނަތިރީސްވަނަ
ދުވަހުގެ އިތުރަށް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަދުވަސް، ޖުމާދިލްއާޚިރު މަހުގެ ބާރަވަނަ ދުވަސް،
ޛުލްޙައްޖު މަހުގެ އެގާރަވަނަ ދުވަސް މިއީ ވެސް މިނިވަންދުވަހުގެ ގޮތުގައި
ރާއްޖޭގައި ފާހަގަކުރި ދުވަސްތައް ކަމަށް 26 ޖުލައި 1978 ގެ "މިންނަތު" ގެ
3 ވަނަ އަހަރީ ނަންބަރުގައި ޝައިޚުލް އުސްތާޛު
މުޙައްމަދު ޖަމީލްދީދީ ލިޔުއްވާފައިވާތީ އެވެ.
ރަބީޢުލްއައްވަލް
މަހުގެ ފުރަތަމަދުވަސް
ގައުމީދުވަސް މިނިވަންދުވަސް ކިޔައިގެން ފުރަތަމަ ފާހަގަކުރެވުނު ދުވަހަކީ 1 ރަބީޢުލްއައްވަލް
1365ހ. ދުވަސްކަމަށާއި
މި ދުވަހަކީ، ޣާޒީރަދުން ނުވަތަ އުތީމު މަހާރަދުން ޕޯޗްގީރުންގެ އަތްދަށުން ދިވެހީންނާއި، ދިވެހިރާއްޖެ ސަލާމަތްކުރައްވައި މިނިވަންކުރެއްވި
ދުވަސްކަމަށް 26 ޖުލައި 1978 ގެ "މިންނަތު" ގެ 3 ވަނަ އަހަރީ ނަންބަރުގައި ޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލްދީދީ
ލިޔުއްވާފައިވެއެވެ.
ޖުމާދިލްއާޚިރު މަހުގެ ބާރަވަނަ ދުވަސް
12 ޖުމާދިލްއާޚިރު
1367ހ. ދުވަހަކީ، ދިވެހިރާއްޖޭގެ ރަދުން،
އިގިރޭސިރާޖާއަށް
އަހަރުއަހަރަށް ވެދުމުގެނަމުގައި ފޮނުއްވާ ޖިޒީ ކަނޑާލެވި އެކަމުގެ އެގްރީމެންޓްގައި ދެފަރާތުން ސޮއިކުރެއްވި
ދުވަސްކަމަށާއި އެހެންވެ އެ ދުވަހަކީ
މިނިވަން
ދުވަސް ކަމުގައި ކިޔައި އެދުވަސް ފާހަގަކުރަން ފެށިކަމަށް 26 ޖުލައި 1978 ގެ "މިންނަތު"
ގެ 3 ވަނަ އަހަރީ ނަންބަރުގައި ޝައިޚުލް އުސްތާޛު
މުޙައްމަދު ޖަމީލްދީދީ ލިޔުއްވާފައިވެއެވެ.
ޛުލްޙައްޖު މަހުގެ އެގާރަވަނަ ދުވަސް
11 ޛުލްޙައްޖު 1372ހ. ދުވަހު ނުކުތް "ސަރުކާރު ޚަބަރުގެ"
ޚާއްޞަ ޢަދަދުގައި މިދުވަހަކީ "ޙަގީގީ މިނިވަންދުވަސް" ކަމަށް ލިޔެފައިއޮތް
ކަމަށާއި އަދި މިނޫހުގައިވާ މަޒްމޫނުތަކާއި ބަޔާންތައް ބުނާގޮތުން މިދުވަހަކީ ދިވެހިގައުމުގައި
ދިވެހިދަރިއެއްގެ ނުވަތަ ދަރީންގެފަރާތުން ޢާއްމުވެފައިވާ ނުހަނުގިނަ ޒާތްޒާތުގެ ދަތިކަމާއި
އަނިޔާތަކުން ދިވެހިގައުމު މިނިވަންވީ ދުވަސްކަމަށް 26 ޖުލައި 1978
ގެ "މިންނަތު" ގެ 3
ވަނަ
އަހަރީ ނަންބަރުގައި ޝައިޚުލް އުސްތާޛު މުޙައްމަދު ޖަމީލްދީދީ ލިޔުއްވާފައިވެއެވެ.
އިންސާނުން ދިރިއުޅޭ ގައުމެއްގައި މިނިވަންދުވަހުގެ ނަމުގައި ތަފާތު އެތައްދުވަހެއް ފާހަގަކުރެވިފައިވާއިރު މާތްކަން އިތުރު ހުކުރުދުވަހުގެ ގޮތުގައި ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހާއި އަންގާރަދުވަސް އަމިއްލަ އަމިއްލައަށް ހަމަނުޖެއްސުނުކަމީ އެގައުމަކަށް ލިބިފައިވާ ވަރަށްބޮޑު ނަޞީބެކެވެ. ޝުކުރު ޙައްގުކަމެކެވެ.
------------------
ލިޔުއްވީ: މީމު ނޫނު