އާދޭހެވެ. ނާޞިރެއްނޫނެވެ











ދިވެހިރާއްޖޭގެ ދިގު ތާރީޚުގެ ތެރެއިން ސުމުއްވުލް އަމީރުލް މަރުޙޫމުލް ޙާއްޖު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމަކީ ވަރަށް ބޮޑަށް ފާހަގަކުރެވިގެންދާ ވެރިކަމެކެވެ. އެކިލެގެފާނުގެ ވެރިކަން ވަކިން ޚާއްސަ ގޮތެއްގައި ފާހަގަ ކުރެވިގެންދާ އެންމެ ބޮޑު އެއް ސަބަބަކީ އެތަށްހާސް އަހަރެއްވަންދެން ދެމިއޮތް ވިރާޘީ އަދި ފަހުން އިންތިޚާބީ ރަސްކަމުގައި ނިމުމުގެ ސިއްކަޖެހި ޖުމްހޫރީ ވެރިކަމެއްގެ ފުރަތަމަ ރައީސް އަކަށް އަމީނު ވެވަޑައިގަތް ކަމެވެ. އަޅުނގަޑުމެންގެ ތެރޭގައި މުޙަންމަދު އަމީނުގެ ނަންފުޅު ނުދަންނަ ބަޔަކު ނުތިބޭނޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. އެކިލެގެފާނުންގެ ވެރިކަމުގެ ވާހަކަޔަކީ އަބަދުވެސް އަޅުނގަޑުމެންގެ ކަންފަތްތަކަށް އަރަމުން އަންނަ ވާހަކަޔެކެވެ. އެހެނަސް ހިތާމަޔަކީ އަދުގެ ޖީލުގެ ވަރަށް ގިނަ މީހުންނަށް އެ ވެރިކަމަށްފަހު ދެން ދިވެހި ދައުލަތުގެ ވަލީއާއި ޙަވާލުވެވަޑައިގަތް ބޭފުޅަކާއި މެދު އޮޅިވަޑައިގެންފައި ވާތީ އެވެ. އަޅުނގަޑު ގަލަން މި ނެގީ އެ ސަބަބަށްޓަކައި، ކޮންމެވެސްވަރެއްގެ މަޢްލޫމާތުކޮޅެއް ލިޔެލެވޭތޯ އެވެ.











ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް .

ގިނަ މީހުންނަށް ހީވެފައި އޮންނަނީ މުޙަންމަދު އަމީނަށްފަހު ދެން ވެރިކަމާއި ޙަވާލުވެވަޑައިގަތީ ސުމުއްވުލް އަމީރު ވެލާނާގޭ އިބްރާހީމް ނާސިރު ކަމަށެވެ. އެހެންނަމަވެސް ހިތާމަޔާއި އެކު ދަންނަވަން ޖެހެނީ އެއީ ކުށެއް ކަމުގައެވެ. އަޅުނގަޑު ޢާއްމުންގެ ތެރެއިން ( 20 އަހަރާއި 40 އަހަރާއި ދެމެދުގެ) ވަރަށް ގިނަ ބަޔަކާއި މި ސުވާލު ކުރީމެވެ. ގިނަ ބަޔެއްގެ ޖަވާބަކަށް ވަނީ ކުރިންވެސް ދެންނެވިފައިވާ ފަދައިން ނާސިރެވެ. އޭގެ ތެރޭގައި ރާއްޖޭގައި މިހާރުވެސް ފުންނާބު އުސްކޮށް ފާހަގަކުރެވޭ ވަރަށް ގިނަ ފަރާތްތަށް ހިމެނެއެވެ. އަދި މީގެ އިތުރުން ވަރަށް ގިނަ ބަޔަކަށް ހަގީގީ ޖަވާބަކީ ކޮބައިކަން ބުނެދިނުމުން ގަބޫލު ނުކުރެވި އެ މީހަކު އިތުބާރު ކުރާ ފަރާތްތަކަށް ގުޅާ އޮޅުންވެސް ފިލުވިއެވެ. ހަގީގަތުގައި މިއީ ވަކި ބަޔަކު އެބަޔެއްގެ ގޮތް ކުރި އަރުވާ އަނެއްބަޔެއްގެ ނަން މި ވުޖޫދުން ފޮހެލަން ކުރި މަސައްކަތުގެ ނަތީޖާއެވެ.










މުޙައްމަދު ފަރީދު ރަދުންގެ އެންމެފަހުގެ ބޮޑުވަޒީރު ވެލާނާގޭ އިބްރާހިމް ނާޞިރު ނޣޢވ.

ފެންނަންހުރި ލިޔުންތަކުންނާއި އަދި އެހެނިހެންވެސް ގޮތްގޮތުން އަޅުނގަޑުމެންގެ މި ދިވެހިރާއްޖެ އަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އޮންނަތާ އެތަށްހާސް އަހަރެއްވެފައި ކަން އެނގެއެވެ. އަދި ރާއްޖޭގައި އެހާރުން ފެށިގެން އަމީނުގެ ޖުމްހޫރީ ވެރިކަމާއި ހަމަޔަށް ކުރަމުން އައިސްފައިވަނީ ފަޚްރުވެރި ދިގު ރަސްކަމެކެވެ. 7 މަހާއި ދުވަސް ކޮޅެއްވީ ކުރު ޖުމްހޫރީ ވެރިކަމަށްފަހު އަލުން ޤާއިމްވެގެން ދިޔައީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ އެދުމާއި އެކު އަނެއްކާވެސް ރަސްކަމެކެވެ. ރަސްކަން ލިބިގެން ދިޔައީވެސް ކުރިންވެސް ހަމަ އެ ރަސްކަން ކުރަމުން އައި ހުރާގޭ ދަރިކޮޅަށެވެ. މަޝްހޫރު ނަމުންނަމަ ހުރަވީ ދަރިކޮޅެވެ










މުޙައްމަދު ފަރީދު ރަދުންގެ ބައްޕާފުޅު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަލްމުންތަޚަބް ލި ޢަރްޝި ދައުލަތިލް މަޙަލްދީބިއްޔާ.

އަމީނުގެ ވެރިކަމުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައި ވީ “ބޮޑު ތަދު” ގެ އަސަރު ރާއްޖެއަށް ދިޔައީ ވަރަށް ރަނގަޅަށްވެސް ކުރަމުންނެވެ. މިހެން ކަމުން މިކަން ވެގެން ދިޔައީ އަމީނުގެ ވެރިކަން ދެކެ އެއިރުގެ ގިނަ ބަޔަކު ރުޅި އައި ސަބަބަކަށެވެ. މީގެ އިތުރުން ދުންފަތް މަނާކުރުން ވެގެން ދިޔައީ ރައްޔިތުންގެ ނަފްރަތު އެ ކިލެގެފާނަށް ނިހާޔަތަށް ރައްދުވެގެން ދިޔަ އެއް ސަބަބު ކަމުގައެވެ. މިފަދަ މި ނޫނަސް ކިތަންމެ ސަބަބަކާއި ހެދި އެ ވެރިކަން އިންގިލާބަކުން ބަދަލު ވެގެން ދިޔައެވެ. އަދި ދެނެއް “ޖުމެއް ނުހޫރޭނޭ” ބުނެ ރަސްކަމަކަށް ފުރިހަމަ ތާއީދު ކުރެއްވި އެވެ.

ޤައުމުގެ ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރައްވާނެ ބޭފުޅަކު ހޮވީ ވޯޓަކުންނެވެ. ތަޚްތަށް ވާދަކުރެއްވީ ޝާހީ ޢާއިލާތަކުގެ ތެރެއިން އެކިއެކި ބޭފުޅުންނެވެ. އެގޮތުން އަލްއަމީރު ޢަބްދުލްވައްހާބު މަނިއްޕުޅު، އަލްއަމީރު އިބްރާހީމް ފަރީދު މަނިއްޕުޅު އަދި އަލްއަމީރު މުޙަންމަދު ފަރީދު މަނިއްޕުޅު ހިމެނިވަޑައިގަންނަވައެވެ. އަދި ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން ހޮވިވަޑައިގަތީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، ސުލްޠާން މުންތަޚަބް ލި-ޢަރްޝި ދައުލަތިލް މަޙަލްދީބިއްޔާގެ ދަރިކަލުން އަލްއަމީރު މުޙަންމަދު ފަރީދު މަނިއްޕުޅެވެ. އާދެ ! މުޙަންމަދު އަމީނަށްފަހު ރާއްޖޭގެ އެންމެ މަތީ ވެރިޔަކަށް ވެވަޑައިގަތީ އަލްއަމީރު މުޙަންމަދު ފަރީދެވެ. އެ ރަސްކަމަށް ދިވެހިން ހިތުގެ އެންމެ ފުން މިނުން ރުހި، ޤަބޫލެވެ










އައްސުލްޡާން މުޙަންމަދު ފަރީދުލް އައްވަލް. ކޭ.ސީ.އެމް.ޖީ (ފަހުން *ޖަލާލަތުލް މަލިކު މުޙަންމަދު ފަރީދުލް އައްވަލް)

ދިވެހިރާއްޖޭގެ އެންމެ މަތީ ވަލީއާއި ޙަވާލުވެވަޑައިގަތީ މީލާދީ ސަނަތުން 7 މާރޗް 1954 ވަނަ އަހަރުގައެވެ. އެ މަނިއްޕުޅުގެ ރަސްކަންވެސް ވެގެން ގޮސްފައިވަނީ ރާއްޖެއަށް ކުރި އެރުންތަކަކާއި ހަމަހަމަކަމާއި އަދި މިނިވަންކަން ލިބިގެންދިޔަ ވެރިކަމަކަށެވެ. އެ ވެރިކަން މިއަދު އަޅުނގަޑުމެން ހަނދާންނެތިގެން ގޮސްފައި ވިޔަސް އެވެރިކަން ވެގެންގޮސްފައިވަނީ “ރައްޔިތުންނަށް އޯގާތެރި” ވެރިކަމަކަށެވެ. އަމާންކަމާއި ސުލްޙަ ވެރިކަމުގެ ދުވަސްތަކެއް ރައްޔިތުންނާއި ޙިއްސާކުރި ވެރިކަމެކެވެ. އެހެނަސް ހިތާމަޔަކީ ވަކި ގޮތެއް މޮޅު ކުރުމަށްޓަކައި ޙަޤީޤަތާއި ޚިލާފު ވާހަކަތަށް ކުރިޔަށް ނެރެ އެންމެ ފަހުން އެ މަނިއްޕުޅުގެ މަތިން އަޅުނގަޑުމެން މުޅިން ހަނދާންނެތިފައި ވީކަމެވެ.

ޖަލާލަތުލް މަލިކު މުހަންމަދު ފަރީދުގެ ވެރިކަމުގައި ” ބައިސްކަލު ޑައިނަމޯ” ގެ އެއްފަޅި ކަޅުކޮށްފަ ހުރުން، ރޭޑިޔޯ ވަކި ބަޔަކަށް ގެންގުޅުމުގެ ހުއްދަ އޮންނަ އޮތުން ފަދަ “ބޭފުޅުޒަމް” ގެ ކުޅިވަރުތަށް ނައްތަވާލެއްވިއެވެ. ދިވެހިރާއްޖޭގެ ފަރާތުން އެންމެ ފުރަތަމަ ބޭރު ޤައުމެއްގައި އޮތް މަޢްރަޒެއްގައިވެސް ބައިވެރިވެފައިވަނީ އެ މަނިއްޕުޅުގެ ރަސްކަމުގެ. އިގިރޭސި ތަޢްލީމަށް ރާއްޖޭގެ ތަޢްލީމީ ނިޒާމް ބަދަލުވެގެން ދިޔައީވެސް އެމަނިކުފާނުންގެ ވެރިކަމުގެ ތެރޭގައި އެވެ. ދީނީ ތަޢްލީމް ކުރި އެރުވުމަށްޓަކައި އެންމެ ފުރަތަމަ ޖަމުޢިއްޔާއެއް އުފެދިގެން ދިޔައީވެސް ހަމަ އެ ވެރިކަމުގައެވެ. ” މާލޭ ރޭޑީޔޯ” ގެ ނަމުގައި ރޭޑިޔޯ ސްޓޭޝަނެއް އެންމެ ފުރަތަމަ ހުޅުވުނީ ވެސް އެ ރަސްކަމުގައެވެ. މަސައްކަތްތެރިކަން ކުރި އެރުވުމުގެ ގޮތުން ވަކިން ޚާއްސަ ގޮތެއްގައި އަތޮޅު ތެރެއަށް ސަމާލުކަން ދެއްވައިގެން ރޯނު ވެށުން ފަންގި ވިނުންފަދަ ކަންކަމުގެ މުބާރާތްތަށް ބޭއްވިގެން ދިޔައެވެ. އަދި ޚުދު އެ މަނިއްޕުޅު އެ ރަށްރަށަށް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތްތަށް ވެގެން ގޮސްފައިވަނީ ދިވެހި ތާރީޚްގައި ރަސްކަލަކު އެފަދަ ޒިޔާރަތެއް ކުރެއްވި ފުރަތަމަ ފަހަރުކަމުގައެވެ. މިފަދަ އަގުހުރި މަސައްކަތްޕުޅު ތަކެއް ކޮށްދެއްވި ދިވެހި ދަރިޔެއްގެ މަތިން ހަނދާންނެތުމަކީ ހުރި ހިތާމަޔެކެވެ.

ދިވެހިރާއްޖޭގެ ތަޚްތުގައި މުޙަންމަދު ފަރީދު ރެނދަލި ކުރައްވައިގެން އިންނެވި ސާދަ އަހަރަކީ މަސްވެރިކަން ކުރިއަރައިދިޔަ، ކައިބޯތަކެތި އަގުހެޔޮ އަހަރުތަކެކެވެ. އެހެން ނަމަވެސް އެ ރަސްކަން ނިމިގެން ދިޔައީ ބޮޑު އޮޅުވާލުން ގަނޑެއްގެ ތެރެއިންނެވެ. އެ ވެރިކަން ނިމިގެން ދިޔައީ އެއްވެސް ހާލެއްގައި ރައްޔިތުން މުހަންމަދު ފަރީދަށް ނަފްރަތު އުފެދި ރުޅިޔަކުން ނޫނެވެ. އެކަމަކު އެއިރު ސަރުކާރު ހިންގަން ތިބި ވެރިންގެ އަމިއްލަ އެދުމާއި އެއްގޮތަށް ވެރިކަން ނިމިގެން ދިޔައީ އެވެ. ރައްޔިތުންނަށްޓަކައި ރަސްކަން ކުރެއްވި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިގެން ހުންނެވި ކީރިތި މަހާރަދުން ވެރިކަމުން ދުރުކުރެވުނީ ހީލަތަކުންނެވެ. އަޅުނގަޑުގެ މި ބަހަކީ ދޮގެއް ނޫންކަން އޮނަރަބްލް އަލްމަރުޙޫމް އިބްރާހީމް ޝިހާބު ލިޔުއްވައިފައިވާ “މުހަންމަދު ފަރީދުގެ ރަސްކަން” މިފޮތުގެ އެންމެ ފަހު ތިން ގަނޑު ކިޔާލެއްވި މީހަކަށްވެސް އެނގިގެންދާނެއެވެ.

އަދު، ކޮންމެ ޖުމްހޫރީ ދުވަހެއްގައި އަޅުނގަޑުމެން ބަލާޣާތްތެރި ފަށުވި ޢިބާރާތްތަކުން ގެނެސްދޭ މޮޅު ރިޕޯރޓެއްގައި ރައްޔިތުން ސާދަ އަހަރު ތެރޭގައި ޖުމްހޫރީ ވެރިކަމަކަށްޓަކައި ރަސްކަން ވޯޓަކުން އުވާލީއޭ ބުންޏަސް އަދި ދިވެހިން އެ ރަސްކަންދެކެ ފޫހިވީ އެ ރަސްކަމުގެ ދޯދިޔާކަމުންނޭ ބުންޏަސް ހަޤިގަތް ދަންނަ އެ ދުވަސް ދުށް ކިތަންމެ ބަޔަކު އަދިވެސް ދުނިޔޭގައި އެބަ ތިއްބެވި އެވެ. ވޯޓަކީ ކޮބައިކަމާއި އެ ލާންޖެހެނީ ކިހިނެތްކަން ނުވެސް ދަންނަ ދިވެހީންތަކެއް ކުރިމަތީ މި ގޮޅިގައި ” ރަސްގެ” ޖައްސަވާފައި އެ ގޮޅީގައިހެޔޮ” ފާހަގަ ޖައްސަވާށޭ ބުނެ ހޯދި ކާމިޔާބީ ސައްހަ ވާނެ އެއްގޮތްވެސް އަޅުނގަޑަކަށް ނުފެނެއެވެ. ވޯޓުލާން ފޮއްޓާއި ހަމަޔަށް ދާއިރު ބޮޑު ބޯޑެއްގައި ރަސްކަން:”ރަސްގެ” ޖަހާފައި ޖުމްހޫރިއްޔަތު:”ހެޔޮ ފާހަގަ” ޖަހާފައި ބަހައްޓާފައި ހުރި ކިތަންމެ ބޯޑެއް ރާއްޖޭގައި ހުރި ކަމަށް ހެކި ދޭނެ ކިތަންމެ ފަރާތްތަކެއް އަދިވެސް އެބަ ހުއްޓެވެ. މިއީ ތާރީޚު މިކަމަށްޓަކައި ހެކި ދޭނެ ޙަގީގަތެވެ.

މިހެންކަމުން ހިތާމަޔާއި އެކުވެސް ދެންނެވޭނީ އެބޭފުޅުންގެ ޕްރޮޕެގެންޑާ ވަރަށް ކާމިޔާބު ކަމުގައެވެ. އެހެނީ އަދު މުހަންމަދު ފަރީދެއް ވެރިކަން ކުރިކަން ދަންނަ ބޭފުޅުންނަކީވެސް މަދު ބަޔެކެވެ. އަދު ޖުމްހޫރިއްޔަތުގެ ފިނިކަމާއި ހިތިކަން އަޅުނގަޑުމެން ހޯދަމުން އައި ކަމުގައި ވިޔަސް ހަގީގަތަކީ މީއެވެ. އަދި މިނޫނަސް ދަންނަވާލަންޖެހޭ ވަރަށް ގިނަ ވާހަކަ އެބަހުއްޓެވެ. މިފަދަ ކުރު ލިޔުންކޮޅެއްގައި އެއީ ބަޔާން ނުކުރެވޭނޭ ވާހަކަތަކެކެވެ.އަދި އެއީ އަޅުނގަޑުގެ މަޢުޟޫއެއްވެސް ނޫނެނެވެ. ކޮންމެ އަކަސް މުހަންމަދު ފަރީދުގެ ނަންފުޅަކީ ދިރުވާ އާލަންކުރަންޖެހޭ ނަންފުޅެކެވެ. ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ނ.ޣ.ޢ.ވ ކޭ ސީ އެމް ޖީ ފަދަ ބޭފުޅުންގެ ނަންފުޅުތަށް ތާއަބަދު ހަނދާންކޮށް އެބޭފުޅުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރާއިރު ރަސްކަލަކަށް ވެގެން މުޙަންމަދު ފަރީދު އިސްތިސްނާ ކުރުމަކީ ގޯހެކެވެ. ކޮންމެ ކަމެއްގައިވެސް ތެދުވެރިކަމަށް ލޯބިކުރަންވާނެއެވެ. ވައްސަލާމް!
                             --------------------
ލިޔުއްވީ: އަޙުމަދު ޢަލާ ދީދީ