ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް - 2


އިތުރު ވާހަކަތަކެއް
މިބައިގައި ބޮޑަށް ލިޔާނީ އަތިރީގޭ އާއިލާގެ ބޭފުޅުންނާއި ބެހޭ ގޮތުންނެވެ. އެ އާއިލާއަކީ ހުރަވީ ޚާންދާނުގެ ގޮތްޕެކެވެ. އެ ޚާންދާނު އެކި ގޮފިތަކަށް ބެހިގެން ދިއުމާއި އަދި ސިޔާސީ ބޭނުންތަކަށްޓަކައި ކުރެވުނު ކައިވެނިތަކުގެ ސަބަބުން އިތުރު ޚާންދާނުތަކާއި ގުޅުމުގެ ވާހަކަ މިބައިގައި އަންނާނެއެވެ. އާއިލާތައް ބެހިގެން ދިޔަ ގޮތުގެ ތެރެއިން ކުރީބައިގައި ނުހިމެނިއޮތް ވާހަކަތަކެއް ދައްކާން މިއުޅޭ ވާހަކައަށް ތަން ހޯދައިލުމުގެ ގޮތުން ލިޔާނަމެވެ.

ދޮންބަންޑާރައިން ކައިވެނި ބައްލަވައިގަތީ އައްޑޫ މީދޫ ހެނެއިކަމަނާރު ދޮން ޔޫސުފުގެ ދޮން އީސާ ކަލޭގެފާނުގެ ފަންނިއަރި ދޮން އަހުމަދު އެދުރުކަލޭގެފާނުގެ  ބޮޑުގަލު ބޮޑު ފާތުމާފާނުގެ ބޮޑުގަލު ބޮޑު އައިމިނާދީދީއާއެވެ. މިހެންވެ ދޮންބަންޑާރައިންގެ ދެދަރިކަލުންގެ ފަރާތުން ދެމިގެންދިޔަ ހުރަވީ ޚާންދާނުގެ ގޮފި އޮތީ އައްޑޫއާއި ގުޅިފައެވެ. އެއީ ކަކާގެ އާއިލާ އާއި މާންދޫގޭ އާއިލާ އާއި ނޫމަރާގޭ އާއިލާއެވެ. ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން މުހައްމަދު މުއިއްޒުއްދީން ކައިވެނި ކުރެއްވީ ދިޔަމިގިލީ ޚާންދާނުގެ ގިޔާސުއްދީން ރަދުންގެ ދައިތާފުޅު ސަންފާ ރަންދިގެ ދޮންބީނާގެ އައިމިނަތު ދީދީއާއެވެ. މިހެންވުމުން މުއިއްޒުއްދީނުގެ ފަރާތުން ދެމިގެން ދިޔަ ކަކާގެ އާއިލާ އޮތީ ދިޔަމިގިލީ ޚާންދާނާއި ވެސް ގުޅިފައެވެ.

ދިޔަމިގިލީ ޚާންދާނުގެ އެންމެފަހު ރަދުން ގިޔާސުއްދީނުގެ ރަސްކަމުގައި ހުރާގޭ މުހައްމަދު މަނިކުފާނު ހިންގެވި ބަގާވާތެއްގައި ދޮންބަންޑާރައިންގެ ދެ ދަރިކަލުންވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާތީ އެ ދެ ދަރިކަލުންވެސް އަރުވާލެވުނެެވެ. އެންމެ ފުރަތަމަ ފޮނުވައިލެވުނީ ފުވައްމުލަކަށެވެ. ދެން އައްޑޫ ހިތަދޫއަށެވެ. އެތަނުން އެދެބޭފުޅުން އެދިވަޑައިގެން އައްޑޫ މީދޫއަށެވެ. މީދޫއަށް ބަދަލުވެވަޑައިގަތުމަށް މުއިއްޒުއްދީނާއި ހަސަން ނޫރައްދީން އެދިވަޑައިގަތީ އެ ދެބޭފުޅުންގެ މައިކަނބަލުންގެ ފަރާތު ތިމާގެ މީހުން މީދޫގައި ތިބުމުންނެވެ. އެ ދެބޭފުޅުން މީދޫގައި ތިއްބެވި ގެއަށް ކިޔުނީ ގަނޑުވަރެވެ. މިނަން ދެވުނީ އެ ދެބޭފުޅުންގެ ޝަރަފަށްޓަކައެވެ.

މި ދެބޭފުޅުން މީދޫއަށް އަރުވައިލެއްވި ގިޔާސުއްދީނަކީ ވެސް އައްޑޫ މީދޫއާ ގުޅިފައިވާ ބޭފުޅެކެވެ. އެރަދުންނަކީ އައްޑޫ މީދޫ ގާޒީ މުހައްމަދު ޝަމްސުއްދީނުގެ ބޮޑު ފާތުމާފާނުގެ ހިތަދޫ ކޮރުވަލު ޒުލައިޚާބީގެ އަތިރީ ހައްވާބީގެ އަތިރީ ކަމަނާގެ ފާތިމާ މާވާކިލެގެ އައިޝާ މަނިކުފާނުގެ ގިޔާސުއްދީނެވެ. އެހެންވީމާ ދޮންބަންޑާރައިންގެ ދެބޭފުޅުން ފަދައިން މީދޫއަކީ ގިޔާސުއްދީން ރަދުންގެ ވެސް އާއިލީ ރަށެކެވެ. ގިޔާސުއްދީނުގެ އާއިލާ ފަހުން މީދޫގައި ފެތުރިގެން ދިޔައީ އެރަދުންގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ފަރާތްޕުޅުންނެވެ. އެބައި އަދި ފަހުން ގެންނާނަމެވެ.

އަތިރީގޭ އާއިލާގެ ފެށުމާއި އާ ކޯޅުންތައް
އަތިރީގޭ އާއިލާއަކީ ހުރަވީ ޚާންދާނުގެ ގޮތްޕެކެވެ. އެހެންނަމަވެސް އެއީ ދޮންބަންޑާރައިންނާއި ސީދާ ގުޅޭ އާއިލާއެއް ނޫނެވެ. ހުރަވީ ޚާންދާނުގެ ފެށުމަކަށް ބަލަނީ ހުރާ ދޮންމަރުދުރު ފަޑިއްކަލޭގެފާނެވެ. އެއީ ދޮންބަންޑާރައިންގެ މުނިކާފައެވެ. އެއީ އަތިރީގޭ އާއިލާގެ ފެށުން ކަމަށްވާ ހުސައިން ދޮށިމޭނާކިލެގެފާނުގެ ވެސް މުނިކާފައެވެ. ދޮންބަންޑާރައިންނާއި އަތިރީގޭ އާއިލާއާ ދެމެދު އޮތް އާއިލީ ގުޅުމަކީ މި ގުޅުމެވެ. ހުރަވީ ޚާންދާނުގެ މަތިފުށް ހުރާ ދޮންމަރުދުރުއާ ގުޅުވަނީވެސް އެހިސާބަށް ގެންގޮސްގެން ނޫން ގޮތަކަށް ދޮންބަންޑާރައިންނާއި އަތިރީގޭ އާއިލާ ގުޅުވޭނެ ގޮތެއް ނެތުމުންނެވެ.

ހުރަވީ ޚާންދާނުގެ ފެށުން ކަމަށް ބަޔާންވެގެންވާ ދޮންމަރުދުރުގެ ބައްޕަޔަކީ މުހައްމަދު އަމީނު ލިޔުއްވާ ގޮތުން ފަރަންސޭސިއެއް ކަމުގައިވާ ދޮން ލުއީ އެވެ. މިއީ ޔޫރަޕުގެ ދޮން ފަރަންޖީންނާއި ހުރަވީ ޚާންދާން ގުޅުވުމަށް މުހައްމަދު އަމީން ހެއްދެވި ބޮޑުވެގެންވާ ދޮގެކެވެ. މުހައްމަދު އަމީން ނޫން އެހެން އެންމެން ލިޔަނީ ދޮން މަރުދުރުގެ ބައްޕައަކީ ދޮން ލަވީޒު ކަމުގައެވެ. މި ދޮން ލަވީޒަކީ އިސްލާމް ދީން ކަމުނުގޮސްގެން ރާއްޖެ ދޫކޮށް ގޯވާއަށް ވަޑައިގެން ނަސާރާ ދީން އިޚުތިޔާރު ކުރެއްވި ހިލާލީ ދަރިކޮޅުގެ ރަސްގެފާނު ހަސަން ނުވަވަނައިގެ ކާފަ ދަރިއެކެވެ. އެހެންވީމާ ގައުމަށާއި ދީނަށް ގައްދާރުވި މީހެއްގެ އައުލާދޭ ނުކިޔަންވެގެން ޚިޔާލީ ދޮން ލުއީ އެއް މުހައްމަދު އަމީނު އުފެއްދެވީ އެވެ.

ކޮންމެއަކަސް ހުރަވީ ޚާންދާނުގެ ރަސްކަމުގެ ތެރެއިން އަތިރީގޭގެ ނުފޫޒަށް މަގު ފަހިވެގެން ދިއުމުގެ ސިއްރަކީ އަތިރީގޭ ހުސެން ދޮށިމޭނާ ކިލެގެފާނެވެ. މިއީ ދޮން ބަންޑާރައިންގެ ދެބޭންގެ ދަރި ބޭފުޅެކެވެ. މިއީ ހުރާ ބޮޑު މުރީދު ތަކުރުފާނުގެ ހުސައިން މަނިކެވެ. މި އާއިލާގެ ނަސީބުގެ ތަރި މެދުއުޑުގައި ޖެހުނީ ދޮންބަންޑާރައިންގެ ދެވަނަ ދަރިކަލުން ސުލްތާން ހަސަން ނޫރައްދީން އެއްވަނަ މި ހުސައިން މަނިކުގެ ކޮއްކޯފުޅާއި ކައިވެނި ބައްލަވައިގަތުމުންނެވެ. އެކައިވެނިފުޅާއެކު ހުސައިން މަނިކަށް ހުސައިން ދޮށިމޭނާކިލެގެ ކަމަށް ކޮލިލައިފިއެވެ. ހަސަން ނޫރައްދީން އަވަހާރަވުމުން ދެން ރަސްކަމަށް ވަޑައިގެންނެވީ 1779 ގައި އެ ރަދުންގެ ދަރިކަލުން ސުލްތާނު މުހައްމަދު މުއީނުއްދީނު އެއްވަނައެވެ. ހުސައިން ދޮށިމޭނާކިލެގެއަކީ އާ ރަދުންގެ ބޮޑު ބޭބޭފުޅެވެ.

ހުސައިން ދޮށިމޭނާކިލެގެފާނުގެ ތިއްބެވީ ތިން ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ. އަންހެން ބޭފުޅާ ޚަދީޖާ ދީދީ ކައިވެނި ބައްލަވައިގަތީ އާ ރަދުން މުއީނުއްދީން އެއްވަނައާއެވެ. ފިރިހެން ބޭފުޅުންގެ ތެރެއިން ދެވަނަ ބޭފުޅަކީ މަޝްހޫރު ދޮން އަހުމަދު ދީދީއެވެ. މިއީ އަތިރީގޭގެ އަސްލު ބިންގަލެވެ. މި ދޮން އަހުމަދު ދީދީ ކައިވެނި ކުރެއްވީ މުއީނުއްދީނު ރަދުންގެ ދަރިކަނބަލަކާއެވެ. ދޮން އަހުމަދު ދީދީގެ ބޭބެ އިސްމާއިލް ދީދީގެއިބްރާހިމް ދީދީއާ ކައިވެނިކޮށްދިނީ ވެސް މުއީނުއްދީން ބަންޑާރައިގެން ދަރިކަނބަލަކާއެވެ. ހުރާ ހުސެން ދޮށިމޭނާކިލެގެފާނުގެ ތިއްބެވިހާ ބޭފުޅުން ކައިވެނީގެ ގޮތުން ގަނޑުވަރުގެ ތެރެއަށް ރަނގަޅަށް ވަދެވަޑައިގެންފިއެވެ.

މުއީނުއްދީނު އެއްވަނައިގެ ރަސްކަމުގައި ބޮޑުވަޒީރަކީ ކަކާގޭ އަލީ ރަންނަބަނޑޭރިކިލެގެފާނެވެ. ކަކާގެ އާއިލާއަކީ ދޮންބަންޑާރައިންގެ ދޮށީދަރިކަލުން ސުލްތާން މުހައްމަދު މުއިއްޒުއްދީނުގެ އާއިލާއެވެ. މި އާއިލާ އޮތީ ދިޔަމިގިލީ ޚާންދާނާއި ވެސް ގުޅިފައެވެ. އެހެންވާން ޖެހުނީ ބަގާވާތަކުން ހުރާގޭ މުހައްމަދު މަނިކުފާނު ބަދަލުކުރި ރަސްކަން ގަބޫލުކުރަން ރައްޔިތުން ފަސްޖެހުނީމާ މުހައްމަދު މަނިކުފާނުގެ އެންގުމަކަށް މުއިއްޒުއްދީން ކުރެއްވި ސިޔާސީ ކައިވެންޏަކާ ގުޅިގެންނެވެ. ދިޔަމިގިލީ ޚާންދާނުގެ ސުލްތާން އިބްރާހިމް އިސްކަންދަރު ދެވަނައިގެ ދަރިކަނބަލުން ސަންފާ ރަންދިގެ ދޮންބީނާގެ އައިމިނަތު ދީދީއާ މުއިއްޒުއްދީން ކައިވެނި ބައްލަވައިގަތީ ހުރަވީ ޚާންދާނުން ފެށި ބާގީ ރަސްކަމުގައި ގާނޫނީ ކުލަ ޖެއްސުމުގެ ނިޔަތުގައެވެ.

މުއީނުއްދީނު އެއްވަނައިގެ ރަސްކަމުގައި ބޮޑުވަޒީރަކަށް ހުންނެވި ކަކާގޭ އަލީ ރަންނަބަނޑޭރިކިލެގެފާނަކީ ދޮންބަންޑާރައިންގެ މުއިއްޒުއްދީނުގެ ކަކާގޭ ކަޅު ގޮމާގެ އަލީ ރަންނަބަނޑޭރިކިލެގެފާނެވެ. ކަކާގެ އާއިލާއަކީ ހުރަވީ އާއިލާއަކަށް ވިޔަސް ކަކާގޭ ބޭފުޅުންނަށް ބޮޑުވަޒީރުކަން އޮތުމަކީ ހުސެން ދޮށިމޭނާ ކިލެގެފާނުގެ ތިން ފިރިހެން ބޭފުޅުން ރުހިވަޑައިގަންނަވާ ކަމެއް ކަމުގައި ނުވިއެވެ. އެއްސަބަބަކީ އެ އާއިލާ ދިޔަމިގިލީ ޚާންދާނާއި ގުޅިފައި އޮންނަ އޮތުމެވެ. މުއީނުއްދީނު ރަދުންނަކީ މި ތިންބޭފުޅުންގެ ދެބެންގެ ދަރި ބޭފުޅެކެވެ. އަދި ޅިޔަނެވެ. އެހެންވީމާ މިބޭފުޅުން ގަބޫލު ކުރެއްވީ ބޮޑުވަޒީރުކަމާއި ޚަޒާނާ އާއި ހުރިހާ އެއްޗެއްގެ ބާރު އޮންނަންވާނީ މި ބޭފުޅުންނަށް ކަމުގައެވެ.

އަތިރީގޭ ވަރި ކައިވެނީގެ ބަގާވާތް
ކައިވެނީގެ ގޮތުން އަތިރީގޭ ބޭފުޅުން ގަނޑުވަރުގެ ތެރޭގައި ބާރުގަދަކުރެއްވިޔަސް ސިޔާސީ ގޮތުން ބާރު އޮތީ ކަކާގޭ އާއިލާއަށެވެ. އަތިރީގޭ ބޭފުޅުން ހައްދަވާ ގޯސްތަކުގެ ސިޔާސީ ފައިދާ ކަކާގޭ ބޭފުޅުން ގެންދެވީ އެންމެމަތީ ދަރަޖައަށް ނަންގަވަމުންނެވެ. މުއީނުއްދީނު ރަދުންގެ މުޅި އާއިލާ އަތިރީގެއާ ގުޅުވައިލުމުގެ ގޮތުން އެރަދުންގެ އަލީއޭ ކިޔުނު ދަރިކަލުން ދޮން އަހުމަދު ދީދީއަށް ބޮޑުބޭބެ ވިދާޅުވާ ކަނބަލަކާ ދެވަން ދޮން އަހުމަދު ދީދީ ބޭނުންފުޅު ވެއްޖެއެވެ. މިކަން ކުރެވޭގޮތް ނުވީމާ ސިހުރު ފަންޑިތަވެސް ހައްދަވައިފިއެވެ. މިކަމެއްގެ ތެރެއިން ރަދުންގެ ދަރިކަލުން އަވަހާރަވެސް ވެއްޖެއެވެ.

އެދުވަސްވަރު މާލެ ތެރެއިން ފެނުނު ކަރުދާހެއްގައި އެމަނިއްޕުޅު އަވަހާރަވީ އަތިރީގޭ ބޭފުޅުން ސިހުރު ހައްދަވައިގެން ކަމަށް ލިޔެފައި ވަނިކޮށް ފެނިއްޖެއެވެ. ރަދުން އަމުރުފުޅު ކުރައްވައިގެން މިކަން ތަހުގީގު ކުރިއިރު މިކަން ސާބިތުވެސް ވެއްޖެއެވެ. މިކަމާ މުއީނުއްދީން ރަދުން ކޯފާ އިސްކުރައްވައި ގަނޑުވަރުތެރޭގެ ކަންކަމުން އަތިރީގޭ ބޭފުޅުން އެކަހެރި ކުރައްވައިފިއެވެ. އަދި ރަދުންގެ ދެ އަންހެން ބޭފުޅުންގެ ގާތުގައި ހުސެން ދޮށިމޭނާ ކިލެގެފާނުގެ ބޭފުޅުންނަކީ ހަރާމެއް ހަލާލެއް ވަކި ނުވާ ޖާހިލުން ކަމުގައި ވިދާޅުވެ ދޮން އަހުމަދު ދީދީ އާއި އިސްމާއިލް ދީދީގެ އިބްރާހިމް ދީދީ ކުރެން ވަރިވާންވެސް އަންގަވައިފިއެވެ.

މި އެންގެވުމާއި ގުޅިގެން އިބްރާހިމް ދީދީއާ ކައިވެނި ކުރައްވައިގެން ހުންނެވި ގޮމާ ވަރިވެއްޖެއެވެ. އެކަމަކު ދޮން އަހުމަދުދީދީގެ އަނބިކަނބަލުން ވަރިއެއް ނުވިއެވެ. މިގޮތުގައި އަތިރީގޭ ބޭފުޅުން އެކަހެރިކަންމަތީގައި ދުވަސްކޮޅަކު ތިއްބެވިއެވެ. އެދުވަސްވަރުގެ ތެރޭގައި މި އިބްރާހިމް ދީދީ ވަރިކުރެއްވި ގޮމާގެ އަރިހަށް ދަންވަރު ސިއްްރިޔާތުގައި ވަދެވަޑައިގަންނަވާކަން ފަޅާ އެރުމުން މުއީނުއްދީނު ރަދުން މިކަމާ ކޮޅުނެތްކޮޅަށް ކޯފާ އިސްކުރައްވައި އިބްރާހިމް ދީދީ ތޮއްޑޫއަށް އަރުވާލައްވައިފިއެވެ.

އިހުނަށްވުރެ ބޮޑަށް މުއީނުއްދީން ރަދުންނާއި އަތިރީގޭ ބޭފުޅުން މުޑިއެރުމުން ދެން އަތިރީގޭ ބޭފުޅުން ކުރައްވަން ފެއްޓެވި ކަމަކީ ދަންވަރު ގަނޑުވަރުގެ ކައިރީގައި ތިއްބަވައިގެން ނެތިނުބައި މޮށްޓެވުމެވެ. މިހެން އުޅުއްވަނިކޮށް އިސްމާއީލް ދީދީގެ އަހުމަދު ދީދީ ހިފިއްޖެއެވެ. މުއީނުއްދީނުގެ ހަށިފާރަވެރިންގެ ތެރެއިން މީހެއްގެ އަތްދަށުވެ ހިސާބަކަށް އަނިޔާވެސް ވެއްޖެއެވެ. މިކަމާ ކޯފާވެގެން އެ ދީދީގެ ބައްޕަ އިސްމާއިލް ދީދީ މިމީހަކު ގެންދަވައި ރަދުންނަށް ވަރަށް އެއްޗެތި ކިޔުއްވައިފިއެވެ.

މުއީނުއްދީނުގެ ވަށައިގެން އޭރު ބަސްވިދާޅުވާން ތިއްބެވީ ކަކާގޭ ބޭފުޅުންނެވެ. މިބޭފުޅުންގެ ވިދާޅުވުމަށް މުއީނުއްދީނު އަތިރީގޭ ބޭފުޅުންގެ އަރިހުގައި އުޅޭ ޚާދިމަކު ހިމަރޯނުން ބަންނަވައި އާންމުންނަށް ފެންނަ ތަނެއްގައި ބާއްވަވައި ނިކަން ކެރެންޏާ އަތިރީގޭ ބޭފުޅުން ވަޑައިގެން މޮހައިބަލާށޭ ވިދާޅުވެ ގޮން ޖައްސަވައިފިއެވެ. މިހިސާބުން ދޮން އަހުމަދު ދީދީ އާއި އެދީދީގެ ދެބޭބެއިން ކަމަށްވާ އިސްމާއީލް ދީދީ އާއި އަލި ދީދީ ނިންމެވީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވިޔަސް މުއީނުއްދީން ރަދުންނާއި ބޮޑުވަޒީރު ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަކޮށްލައި މުޅިރަސްކަން އަތިރީގެއަށް ބަދަލު ކުރެއްވުމަށެވެ.

މިގޮތަށް ނިންމަވައި މިބޭފުޅުންގެ ބަސް ގަބޫލުކުރާ ވިއްސަކަށް މީހުން ގޮވައިގެން ނިކުމެ ރަދުން ބެންނެވި ޚާދިމު ކަލޭގެ މިނިވަން ކުރައްވައި ކަނޑި އާއި ލޮންސިއާއެކު ގޮސް ވަދެވަޑައިގަތީ ގަނޑުވަރަށެވެ. އެކަމަކު ރަދުން އަތަކު ނުޖެހުނެވެ. މިތަނުން ރަދުންގެ މައިކަނބަލުންނާ ދިމާވެގެން އެކަމަނާގެ ގައިކޮޅަށް ލޮންސި ގޯޅައިލާނަމޭވެސް ދޮން އަހުމަދު ދީދީ ވިދާޅުވިއެވެ. އެކަމަނާއަކީ މި ދޮން އަހުމަދުދީދީގެ ބޮޑު ދައިތައަކަށް ވާހާލުގައެވެ. ރަދުން އަތުލައިނުގަނެވިގެން އުޅެނިކޮށް ހަގުބޭކަލުންނާއި ފަނޑިޔާރު ބޭކަލުންނަށް މިކަން އެނގިގެންދުވެފައި މިތަނަށް އައިސް ހޯބޯޯލަވައިގަތުމުން އަތިރީގޭ ލަޝްކަރު ދުވެފިލާއްޖެއެވެ.

އަތިރީގޭ ތިންބެއިން ކަމަށްވާ ދޮން އަހުމަދު ދީދީއާއި އިސްމާއިލް ދީދީ އާއި އަލި ދީދީ އާއި މިތިންބޭފުޅުންގެ ފިރިހެން ބޭފުޅުންތައް މާލޭ ބަނދަރުގައި އޮތް ބަންގާޅު ދަތުރުކުރާ އޮޑިއަކަށް އަރާވަޑައިގެން އޮޑިކަނޑުއްވައިގެން ހަމަ އެރޭ ފިއްލަވައިފިއެވެ. މިކަމެއް ހިނގީ 1832 ގައެވެ. އޮޑިކަނޑުއްވައިގެން އަރިއަތޮޅު އުތުރުބުރީ ރަސްދޫ އާއި އުކުޅަސް އަދި ކުރަމައްޗަށް ވަޑައިގެން އެތިންރަށް ލޫޓުވައި އެއަށްފަހު ތޮއްޑޫއަށް ވަޑައިގެން ތޮއްޑޫވެސް ލޫޓުވައި އެރަށަށް އަރުވާލެވިފައި ހުންނެވި އިސްމާއިލް ދީދީގެ އިބްރާހިމް ދީދީ މިނިވަންކޮށްގެން އެދީދީ ގޮވައިގެން ދެން މިސްރާބު ޖެއްސެވީ ރާއްޖެއިން ބޭރަށެވެ.

އަތިރީގޭ ބޭފުޅުން އޮޑި ނެންގެވިއިރު އޭގައި މީސްމީހުންގެ މުދާ ވަރަށް ގިނައިން ހުއްޓެވެ. އަރިއަތޮޅުގެ ހަތަރު ރަށެއް ލޫޓުވާލައިގެން އިތުރު މުދާ އެރުވިއެވެ. ރާއްޖެއިން ބޭރަށް ނައްޓާލަމުން މުއީނުއްދީން ރަދުންނަށް ދޮން އަހުމަދު ދީދީ ފަތެއް ލިޔުއްވިއެވެ. އޭގައި ވިދާޅުވެފައި އޮތެވެ. މިދަނީ ހަތަރު ރަށެއް ލޫޓުވާލައިގެންނެވެ. އަދި އޮޑީގައި ހުރި މީސްމީހުންގެ މުދަލާވެސް އެކުގައެވެ. އެހެންވީމާ ބަދަލު ބޭނުން ނަމަ ކަލޭގެ މުދަލުން މިތަކެތީގެ ބަދަލު ދީ ނިންމައިލާށެވެ. އަހަރެމެން ކަލެއަށް ބޮޑު ސަލާމުން ސަލާމެވެ.

އޮޑިއާއިގެން އެންމެ ފުރަތަމަ ވަޑައިގެންނެވުނީ އެފްރިކާގެ އައްސޭރިން ސޮމާލިއާއަށެވެ. އެތަނުން އަރަބިކަރައިގެ އޮމާނަށެވެ. އެއަށްފަހު އިންޑިޔާއަށެވެ. އޭރު އިންޑިޔާގައި އޮތީ އިނގިރޭސިންގެ ވެރިކަމެވެ. އެތަނުން އިނގިރޭސިންނާ ބައްދަލުވެ ރާއްޖެ ހިފުމުގެ މައްޗަށް ދޮން އަހުމަދު ދީދީ ވާހަކަ ދެއްކެވިއެވެ. އިނގިރޭސިންވެސް މިކަމުގެ ޝައުގުވެރިކަން ފާޅުކުރިއެވެ. އެކަމަކު މިކަން ކުރުން ފަސްވީމާ އަތިރީގޭ ބޭފުޅުން ދެން ވަޑައިގަތީ ކަންނަންނޫރަށެވެ. މަލިކަކީ ކަންނަންނޫރުގައި ހުންނަވާ ރާޖާއެއްގެ ދަށުގައި އޮންނަ ރަށެކެވެ. އެރާޖާއެއްގެ ލަގަބަކީ އަލި ރާޖާއެވެ. އޭރުގެ އަލި ރާޖާގެ ރުހުން ހޯއްދަވައިގެން އަތިރީގޭ ބޭފުޅުން ވަޑައިގަތީ މަލިކަށެވެ. މުއީނުއްދީނު ރަދުން 1835 ގައި އަވަހާރަވަންދެން އެބޭފުޅުން މަލިކުގައި ދެމި ތިއްބެވިއެވެ.

ރާއްޖެ ގައިރު ދީނަށް އަނބުރައިލުމުގެ މަސައްކަތް
މުއީނުއްދީން ރަދުން އަވަހާރަވީމާ ދެން ތަޚުތަށް އިސްވެވަޑައިގެންނެވީ އެރަދުންގެ ދަރިކަލުން ސުލްތާނު މުހައްމަދު އިމާދުއްދީން ހަތަރެކެވެ. އެއީ މަޝްހޫރު މުސްކުޅި ބަންޑާރައިންނެވެ. އަތިރީގޭ ހުސެން ދޮށިމޭނާގެ ތިން ބެއިންނަކީ މަންމާފުޅުގެ ފަރާތުން އާރަދުންގެ ބޮޑުބޭބެއިންނެވެ. އެހެންވީމާ އެ ތިންބެއިންނަށް މާފު ދެއްވައި މަލިކަށް އޮޑިއެއް ފޮނުއްވައިގެން މާލެ ގެންނަވައި ރަސްމީ އިއްޒަތުގައި ބާލުއްވައިފިއެވެ. މީގެ ތެރެއިން ދޮން އަހުމަދު ދީދީއަކީ އިނގިރޭސި ބަސް ހިސާބަކަށް ދެނެވަޑައިގަންނަވާ ތޫނުފިލި ބޭފުޅަކަށްވީމާ ބޮޑުވަޒީރުކަންވެސް ދެއްވައިފިއެވެ. އަތިރީގޭ އާއިލާއަށް ލިބުނު ފުރަތަމަ ބޮޑުވަޒީރު ކަމަކީ އެއީއެވެ.

ދޮން އަހުމަދު ދީދީ އޮޑި ކަނޑުއްވައިގެން ވަޑައިގެން ފިއްލަވައިގެން ބޭރުގައި އުޅުއްވިއިރު އިނގިރޭސި ބަސް އޮތީ ދަސްކުރައްވައިފައެވެ. އިނގިރޭސިންނާ އޮތީ ގުޅުން އުފެދިފައެވެ. މަޝްވަރާތަކެއްވެސް އޮތީ ކުރެވިފައެވެ. ދޮން އަހުމަދު ދީދީއަކީ ސީދާ ދޮންބަންޑާރައިންގެ އައުލާދެއްވެސް ނޫނެވެ. އެހެންކަމުން ދޮންބަންޑާރައިންގެ ދަރިކޮޅުގެ ރަސްކަމަށް ވަފާތެރިވުމުގެ ވިސްނުމެއް ނެތެވެ. ވިސްނުމަކީ ހިލާލީ ދަރިކޮޅުގެ ރަސްކަން އިއާދަ ކުރުމެވެ. އިސްލާމްދީން ކަމުނުގޮސްގެން ދީން ދޫކުރައްވައި ގޯވާއަށް ވަޑައިގެންނެވި ނުވަވަނަ ހަސަން ރަސްގެފާނުގެ ރަސްކަން އަލުން ގެނައުމާއި އެ ހަސަން ރަސްގެފާނުގެ އުއްމީދު ހަގީގަތަކަށް ހެއްދެވުމަށް ދޮން އަހުމަދު ދީދީ މަސައްކަތް ކުރެއްވިކަމީ ތާރީޚު ހެކިވާ ކަމެކެވެ.

މިކަމުގެ ތެރެއިން ކުރެވުނު އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ރަށްރަށާއި ފަޅުފަޅާއި ގިރިގިރީގެ ޗާޓު ކުރަހައި ރާއްޖޭގެ އާބާދީގެ ވަނަވަރު ދިރާސާ ކުރުމުގެ ނަމުގައި ކެޕްޓަން މޯސްބީ ކިޔާ އިނގިރޭސިއަކާއި އޭނާގެ ދަށުން މަސައްކަތްކުރާ ދެތިން މީހަކު ގެނައުމެވެ. މިކަމެއް ހިނގީ 1860 ގައެވެ. އެ ވަނަވަރެއް ހޯދައި އެ ޗާޓެއްވެސް ކުރެހިއެވެ. އެއީ ހަގީގަތެކެވެ. ޗާޓު ކުރަހަން އައި މީހުން އަދި އެހެން ޗާޓެއްވެސް ކުރެހިއެވެ. އެއީ ހުރަވީ ޚާންދާނުގެ ޗާޓެވެ.

މިޗާޓުގެ އެންމެ މަތީގައި އޮތްނަމަކީ ހުރާ ދޮންމަރުދުރު ފަޑިއްކަލޭގެފާނެވެ. މިކަންކުރީ މަހާނަ ގާތަކުގެ ލިޔުންތައް ކޮޕީކޮށްގެން ތަރުޖަމާ ކުރުވައިގެންނާއި ދޮން އަހުމަދު ދީދީގެ ވިދާޅުވުންތައް އަސްލަކަށް ބަލައިގެންނެވެ. ދޮން ފަރަންޖީންތަކެއް އައިސް މިސަކަރާތެއް ޖެހީމާ މީސްތަކުން ވަރަށް އަޖައިބުވެގެން އުޅުނެވެ. ކޮންމެއަކަސް މި ޗާޓުގައި ކޮންމެވެސް ސަބަބަކާއި ހެދި ދޮންމަރުދުރަށް ވުރެ މައްޗަކަށް ނުލިޔެއެވެ. މި ޗާޓެއް ކުރަހައި އާއްމުކުރީ ދޮން އަހުމަދު ދީދީގެ ރަސްމަތިފުށުގެ ހައިސިއްޔަތު އެންމެނަށް އަންގައި ބަޔާން ކުރުމުގެ ގޮތުންނެވެ.

ތަންކޮޅެއް ކުރިން ބަޔާން ކުރެވުނު ފަދައިން ނަސާރާދީނަށް ވެދެވަޑައިގެންނެވި ނުވަވަނަ ހަސަން ރަސްގެފާނަކީ ހުރާ ދޮންމަރުދުރު ފަޑިއްކަލޭގެފާނުގެ މުނިކާފައެވެ. ޕޯޗުގީޒުން ފޮނުވައިގެން މިގައުމު ހިފައި މިގައުމު ގައިރުދީނަށް އަނބުރާލަން އުޅުއްވީ އެ ހަސަން ރަސްގެފާނެވެ. މިކަމުގައި އޭނާގެ ދަރިން ވެސް ބައިވެރިކުރިއެވެ. އޭގެ ތެރެއިން އެކަކީ ދޮން ލަވީޒެވެ. ދޮން އަހުމަދު ދީދީއަކީ ސީދާ އެ އައުލާދެވެ. އެހެންވީމާ ޕޯޗުގީޒުން މެދުވެރިކޮށް ނުވަވަނަ ހަސަން ރަސްގެފާނަށް ނުކުރެވި އޮތްކަންތައް އިނގިރޭސިން މެދުވެރިކޮށް ނިންމާލުމަށް ދޮން އަހުމަދު ދީދީ ނިންމެވިއެވެ.

ހުރަވީ ޚާންދާން ދޮންމަރުދުރާއި ހަމައަށް ލިޔެ އިނގިރޭސިއަކު ލައްވާ ޗާޓު ކުރެހުމުގެ ބޭނުމަކީ ރާއްޖޭގެ ވެރިކަމުގެ ގާނޫނީ ހައިސިއްޔަތު އޮތީ ދޮން އަހުމަދު ދީދީ އާއި އަތިރީގެއަށް ކަން ދެއްކުމެވެ. ބައެއް މީހުން މިބަހަށް އިންކާރު ކުރުން އެކަށީގެންވެއެވެ. އެކަމަކު ކެޕްޓަން މޯސްބީ މާލެ ފައިބައިފައި ރަދުންނަށް އިހުތިރާމް ނުކުރުމާއި މީނާގެ ހުރިހާ ކަމެއްގެ ބަލަދުވެރިޔަކީ ދޮން އަހުމަދު ދީދީކަމުގައި ބަލައިގެން އުޅުމުގެ އެހެން ސަބަބެއް ނެތެވެ. ދޮން އަހުމަދު ދީދީގެ ގޭގައި ދެވެރިން އެކަނިމާއެކަނި ތިބެ ކުރާން ޖެހޭ އެހެން ސައްލާއެއް ނެތެވެ.

އަރަބި ބަހުން ލިޔެފައިވާ ތައުރާތުގެ ކޮޕީތައް ގެނެސް ރަދުންނާއި ބޮޑުންނަށް ބެހުމުގެ ބޭނުމެއް ނެތެވެ. އަދި މި ކެޕްޓަން މޯސްބީ އިސްވެ ހުރެ ދޮން އަހުމަދު ދީދީ މެދުވެރިވެގެން ހިމިތީ މާލިމީ ކިޔާ މީހަކު އިންޑިޔާގެ ކަލްކަތާއަށް ފޮނުވައިގެން ތައުރާތުގެ ދިވެހި ތަރުޖަމާއެއް ލިޔެ ޗާޕުކުރުމުގެ ބޭނުމެއްވެސް ނެތެވެ. ދިވެހި ތައުރާތުގެ ކޮޕީއެއް ވަރަށް ފަހަކާ ޖެހެންދެން ކަލްކަތާގެ ލައިބްރަރީއެއްގައި އޮތެވެ.

ދިވެހި ރަސްކަމުގެ ކޮއިލުތެރެއަށް ލާދީނީ ހަރަކާތްތައް ތައާރަފުކުރީވެސް ދޮން އަހުމަދު ދީދީއެވެ. މިގޮތުން ފިރިހެނުން އަންހެނުންގެ ހެދުން އަޅައިގެން ނެށުމާއި އަންހެނުން ފިރިހެނުންގެ ހެދުން އަޅައިގެން ދެބައިމީހުން މަސްހުނިވެ ސަކަރާތް ޖެހުމުގެ ސަގާފަތް ގަނޑުވަރު ތެރެއަށް ވެއްދީ ދޮން އަހުމުދު ދީދީއެވެ. ރަސްކަމުގައި އިންނެވި މުސްކުޅި ބަންޑާރައިންނަކީ މިޒާތުގެ ކަންކަމަށް ޝައުގުވެރިވާ ބޭފުޅަކަށްވާތީ މިއީ ވަރަށްވެސް ފަސޭހަ ކަމަކަށްވެ މިއީ ޝާހީ ސަގާފަތެއް ކަމުގައި ހިމެނިއްޖެއެވެ. ފަހުން ޝަމްސުއްދީނު ރަދުންނާއި އެރަދުންގެ ދަރިކަލުން ހަސަން އިއްޒައްދީނު މުލީއާގޭގައިވެސް ކުޅުއްވީ ހަމަ މިކުޅިވަރެވެ. އެވާހަކަ އަދި ފަހުން ގެންނާނަމެވެ.

ބޭރުގެ ނައުފަހަރާއި އޮޑިފަހަރު އިރުވައި މޫސުމުގައި މާލޭ ބަނދަރުގައި އެންމެ ގިނަވާ ދުވަސްވަރަށް ބަލައިގެން ނާޒޯގު ދުވަހޭ ކިޔައިގެން ތިން ދުވަހުގެ ނާޗަރަންގީ އީދެއް ތައާރަފުކުރީވެސް ހަމަ ދޮން އަހުމަދު ދީދީއެވެ. މި އީދުގައި އޮންނަނީ ގަނޑުވަރުތެރޭގެ އަންހެން ބޭފުޅުންނާއި ކަމުވޮށިގެންވާ އަންހެން ބޭފުޅުން އެއްތަންވެ ފިރިހެންވެރީން ލައްވައި ބޮލަށް ފެން އަޅުވައި ބޮލުން ފެށިގެން ކަކުލާއި ހަމައަށް އަތް އުނގުޅުވުމެވެ. މިކަމުގެ ތެރޭގައި ގޮތްނޭގޭ ބުއިންތައް ބުއިންވެސް އޮވެއެވެ. އެއީ ކޯޗެއްކަން ކޮންމެހެން ލިޔުމުގެ ބޭނުމެއް ނެތެވެ. މިކަމުގައި ނައުފަހަރުގެ ބޭރު މީހުންވެސް ބައިވެރިވާނެއެވެ.

އިސްލާމީ ޝަރީއަތް ގަބޫލު ނުކުރުން
ގަނޑުވަރު ތެރޭގެ ނާޗަރަންގީ ބޮޑުވެ ރަށުތެރޭންވެސް ލަދު ހަޔާތުގެ ސިފަ ފެނުން ކުޑަވެފައި ވަނިކޮށް ދިޔަމިގިލީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ އިބްރާހިމް ދީދީއޭ ކިޔުނު ބޭފުޅަކާއި ދޮން އަހުމަދު ދީދީގެ އަނބިކަނބަލުންނާއި ދެމެދު ގާތްކަމެއް ހިނގައިފިއެވެ. މި އިބްރާހިމް ދީދީއަކީ ފުވައްމުލަކުގައި ހުންނެވި ދިޔަމިގިލީ ޚާންދާނުގެ އިބްރާހިމް ފާމުލަދޭރިކިލެގެފާނު ހިމިތީ ކަނބަލަކާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ތިން ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އެހެންކަމުން މިއީ ހުރާގޭ މުހައްމަދު މަނިކުފާނުގެ ރޭވުމުން ކަނޑު ފެއްތި ގިޔާސުއްދީނު ރަދުންނަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. މިގުޅުމެއް ހިނގިކަމަށްވަނީ ދޮން އަހުމަދުދީދީ އޮޑިކަނޑުއްވައިގެން ފުރާވަޑައިގެންނެވި ފަހަރު ތޮއްޑޫ ލޫޓުވާލައިފައިވާތީ އެކަމުގެ ކައްފާރާ އަދާކުރަން ތޮއްޑޫއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ދޮން އަހުމަދު ދީދީ މާލެއަށް ވަޑައިގަތީމާ ކުޓުވާ މީހުން މިވާހަކަ ދަންނަވައިފިއެވެ. އަނބިކަނބަލުންނަށް ގޮތެއް ހެއްދެވޭކަށް ނެތެވެ. އެއީ ރަދުންނާއި އެއްބަފާ ބޭފުޅެކެވެ. އެހެންކަމުން ހުރިހާ ކޯފާއެއް ބޭލުއްވީ އިބްރާހިމް ދީދީއަށެވެ. އެއްވެސް ހެއްކެއް ގަރީނާއެއް ނެތި އިބްރާހިމް ދީދީއަށް އަދަބު ދޭން ނާއިބުންނާއި ފަނޑިޔާރު ކަލޭގެފާނު ދެކޮޅެވެ. އެންމެފަހުން ދޮން އަހުމަދު ދީދީ ވިދާޅުވީ ކަލޭމެންގެ އިސްލާމީ ޝަރީއަތް އޮތްތާކު ބާއްވާށޭ އެއީ ތިމަން ގަބޫލުކުރާ ސަރިއަތެއް ނޫނޭއެވެ. ދެން މިކަމުގައި އޮންނާނީ އަތިރީގޭ ސަރިޔަތް ކަމުގައެވެ. މިހެން ވިދާޅުވެ ފަނޑިޔާރުކަލޭގެފާނާއި އިސްލާމީ ޝަރީއަތަށް ހުތުރު އެއްޗެތި ވިދާޅުވިއެވެ.

ގިޔާސުއްދީނުގެ ކާފަ ދަރިކަލުން އިބްރާހިމް ދީދީއަށް އެންމެ ފުރަތަމަ ދެއްވި އަދަބަކީ އެދީދީ އާއި އެދީދީގެ އަނބިކަމަނާ ގެނެސް ފޭރާން ދަމައިގަނެ ދެބުރަކަށި ޖެހޭގޮތަށް ބަނދެފައި ތެޅުމެވެ. އެއަށްފަހު އިބްރާހިމް ދީދީގެ ކުރިމަތިފަރާތުގައި ކޮޅުފައިން ޖައްސަވާފައި ވިދާޅުވިކަމަށް ތާރީޚުގައި ލިޔެވިގެންވެއެވެ. ކަލޭ ތިޔައީ ވަލީވެރި އާއިލާއެއްގެ ވަލީވެރިއެކޭ ބުނާތީ އަހަމެވެ. އެވަލީވެރިކަމުގައި ކަލޭގެ ކާފަވެސް އެއޮތީ ވާދޫ ކަނޑުގެ އަޑީގައެވެ. އެހެންވީމާ ކަލޭވެސް އެމަގުން ފޮނުވައިލާނީއެވެ. މިމަގުން ކަންތައް ކުރީމާ ކަލޭމެންގެ ވަލީވެރިކަމުން އަހަރެންނަށް އެއްވެސް ކަމެއްވޭތޯ ބަލަން ހުންނާނަމެވެ. މިހެން ވިދާޅުވެފައި އިބްރާހިމް ދީދީ ކޮޅުމަޑުލު ކޮންމެވެސް ރަށަކަށް އަރުވައިލެއްވީއެވެ.

ދޮން އަހުމަދު ދީދީގެ ފަހު ބަގާވާތް
ދޮން އަހުމަދު ދީދީއަކީ ރަދުންގެ ބޮޑުބޭބެ ކަމަށް ވިޔަސް އުޅުއްވުން ހުންނަ ގޮތުން ބައެއް ފަހަރު ރަދުންގެ އަރިހުގައި އެންމެ ބާރުގަދަ މީހާ ކަމުގައި ނުވެދެއެވެ. އެދުވަސްވަރު މާލޭގައި އެންމެ ޗާލާކު ވިސްނުންތެރި ބޭފުޅުންނަކީ ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނާއި އެކިލެގެފާނުގެ ބޭފުޅުން ކަމުގައިވާ ކަކާގޭ މުހައްމަދު ރަންނަ ބަނޑޭރިކިލެގެފާނާއި އަބްދުﷲ ފާށަނާކިލެގެފާނާއި އިސްމާއިލް ދޮށިމޭނާކިލެގެފާނެވެ. މިހެންވުމުން ބޮޑުވަޒީރުކަން އަތިރީގެއަށް ގެއްލި ކަކާގެ އަށް ބަދަލުވާ ފަހަރު އާދެއެވެ. ކަކާގެއިން ދެން ބޮޑުވަޒީރުކަން ބަދަލުވަނީ އަތިރީގެއަށެވެ. ދޮން އަހުމަދު ދީދީ ބޭނުންފުޅުވި ގޮތަށް ގައިރު ދީނަށް އަނބުރައި ނުލެވުނީ ކަކާގޭ ބޭފުޅުންގެ ސަބަބުންނެވެ. ދޮން އަހުމަދު ދީދީ ބޭނުންފުޅުވި ހުރިހާ ކަމަކަށް މަގުފަހިވިނަމަ ރާއްޖެ ގައިރު ދީނަށް ވެސް އަނބުރާނެއެވެ. ހިލާލީ ދަރިކޮޅުގެ ނަމުގައި ރަސްކަންވެސް ފުރޮޅައިލާނެއެވެ.

ދޮން އަހުމަދު ދީދީގެ ދަރިކަލުންނަކީ ގަލޮޅުގޭ އަލީ ދޮށިމޭނާކިލެގެފާނެވެ. ކުރިންވެސް ލިޔެވުނުފަދައިން މުހައްމަދު އިމާދުއްދީން ހަތަރެއްގެ ރަސްކަން ވަރަށް ދިގު މުއްދަތަކަށް ދެމިގެން ދިޔައެވެ. މުޅިއެކު ސާޅީސް ތިން އަހަރު ރަސްކަން ކުރެއްވިއެވެ. ރަސްކަމުގެ ފުރަތަމަ ބައިގެ ތެރޭގައި ދޮން އަހުމަދު ދީދީއަށް ބޮޑުވަޒީރުކަން ދެއްވިޔަސް ކަކާގޭ ބޭފުޅުންގެ ރޭވުންތެރިކަމުން ރަދުން ރުއްސައިގެން ދޮން އަހުމަދު ދީދީ ވަކިކޮށް އަނެއްކާވެސް ކަކާގޭ އަލިރަންނަބަނޑޭރި އަށް ބޮޑުވަޒީރުކަން ދެއްވައިފިއެވެ. މިހެންގޮސް ދެއިރު ދެދަޅައަށް ކަކާގެ އާއި ގަލޮޅުގެއާ ދެމެދު އޮތީ ބޮޑުވަޒީރުކަން ބަދަލުވޭވެއެވެ.

މި މުއްދަތުގެ ތެރޭގައި ދޮން އަހުމަދު ދީދީގެ ދަރިކަލުން އަލި ދޮށިމޭނާކިލެގެފާނު ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނުކަމުގައި ވެއްޖެއެވެ. އަލީ ދޮށިމޭނާކިލެގެ މުއްސަނދިކަމާއި ނުފޫޒު ކަނޑުވައިލުމަށް ކަކާގޭ ބޭފުޅުން ކުރެއްވިކަމަކީ އެބޭފުޅުންގެ ބޮޑުވަޒީރު ކަމުގައި ވޯރާ ވިޔަފާރިވެރިން މާލެ ގެންނަވައި ބޭރުގެ ވިޔަފާރިތަކަށް ފުރުސަތު ދެއްވީއެވެ. މިހެންވުމުން ވިޔަފާރީގެ މޮނޮޕޮލީ އަލީ ދޮށިމޭނާކިލެގެފާނަށް ގެއްލިއްޖެއެވެ.

ދަރިކަލުންނަށް ލިބިވަޑައިގަތް ގެއްލުމުގައި ދޮން އަހުމަދު ދީދީ ކޯފާ ވެގެން ރަދުންގެ އަރިހުގައި ވަރަށް ބޮޑަށް ޝަކުވާ ކުރައްވައިފިއެވެ. އެކަމަކު ރަދުން އެފަހަރު މާބޮޑަށްވެސް ޖެހިވަޑައިގަތީ ކަކާގޭ ބޭފުޅުންގެ ފަރާތަށެވެ. މިހެންވެ އެންމެ ޒުވާންއިރުގެ ހިތްވަރުން ހިތްވަރު ނެރުއްވައި އިމާދުއްދީން ބަންޑާރައިން ގަތުލުކުރާން ވެސް ނިންމަވައިފިއެވެ. އިމާދުއްދީން ރަދުންނަކީ ދޮން އަހުމަދު ދީދީއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކަށް ވުމާއެކުވެސް އެރަދުން އަވަހާރަކޮށްލަން ކަނޑިއެއް ހިފައިގެން އެއްރެޔަކު މަތިގެއަށް ވަޑައިގެން އުޅުއްވަނިކޮށް އެތަނަށް ބޮޑުވަޒީރު ކަކާގޭ އަލިރަންނަ ބަނޑޭރިކިލެގެފާނު ވަޑައިގެން ދޮން އަހުމަދު ދީދީގެ އަތުން ކަނޑި އަތުލައްވާފައި ފޮނުވާލެއްވީއެވެ.

ދޮން އަހުމަދު ދީދީއަކީ ރަދުންގެ ބޮޑުބޭބެ ވީމާ އިމާދުއްދީން ރަދުންވެސް މާކަބޮޑު އަދަބެއް ނުދެއްވިއެވެ. އޮޑިއެއް ދެއްވާފައި ވަޑައިގަންނަވާނެ ތާކަށް ވަޑައިގަންނަވަށޭ ވިދާޅުވެފައި މާލެއިން ބޭރުކޮށްލެއްވީއެވެ. މާލެވެސް ދޫކުރައްވައި ދޮން އަހުމަދު ދީދީ ވަޑައިގެންނެވީ ސިލޯނުގެ ގާލީ އަށެވެ. ސިލޯނުގައި އޭރު އޮތީ އިނގިރޭސިންގެ ވެރިކަމެވެ. އެހެންވީމާ އިނގިރޭސިންގެ މިތުރު ދޮން އަހުމަދު ދީދީއަށް ސިލޯނު އޮތީ އުޅެން ފަސޭހަ ތަނެއްގެ ގޮތުގައެވެ. އެހިސާބުން ދޮން އަހުމަދު ދީދީގެ އުނދަގޫތަކުން ރާއްޖެ ސަލާމަތްވީއެވެ.

ދޮން އަހުމަދު ދީދީ ފުރާވަޑައިގެންނެވިތާ ދުވަސްކޮޅަކުން އޭނާގެ ދަރިކަލުން އަލި ދޮށިމޭނާކިލެގެފާނަށް ރަދުން ބޮޑުވަޒީރުކަން ދެއްވިއެވެ. އެކަމަކު ދުވަސްކޮޅަކުން އަނެއްކާވެސް ކަކާގޭ ބޭފުޅުން ގަދަވެވަޑައިގެންފިއެވެ. މިހެންވެ އަލީ ދޮށިމޭނާކިލެގެފާނުވެސް މާލެ ދޫކުރައްވައި ގާލީއަށް ވަޑައިގެންފިއެވެ. އެމަނިކުފާނަކީ ސިޔާސީ ކަންތަކަށްވުރެ ބޮޑަށް ވިޔަފާރީގެ ކަންތަކުގައި އުޅުއްވި ބޭފުޅެކެވެ. ގާލީގައި ހުންނަވައިގެންވެސް ކުރެއްވީ ވިޔަފާރިއެވެ. ދޮން އަހުމަދު ދީދީގެ އަލީ ދޮށިމޭނާކިލެގެ ކާވެނި ކުރައްވައިގެން ހުންނެވީ އައްޑޫ މަރަދޫ މުދިންގޭ ބޮޑުކަތީބުގެ މަރަދޫ އައިމިނާފާނުގެ ފަތުމާ މަނިކެއާއެވެ. މިކައިވެނިން ލިބިވަޑައިގަތީ އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ. (ނުނިމޭ)
                         -------------------
ލިޔުއްވީ: ގަދަކަލޭގެފާނު