ދިވެހި ރައްޔިތުންނަށްޓަކައި އާދަނު ކުރި ބައެއް ކަންކަން














ކަތީބާއި ބައްދަލުކޮށްދޭން އާދަނު އެދުމުން އެތާނގެ މުވައްޒަފަކު ބުނީ، މިހާރަކު ކަތީބުންނުތިބޭ ކަމަށާއި އޭގެބަދަލުގައި މިހާރުތިބެނީ ކައުންސިލަރުންކަމަށެވެ. އެހެންވެ އޭގެ މީހަކާ ނަމަވެސް ބައްދަލުކޮށްދިނުމަށް އެދުމުން އެކޮޅުގޯތީ މަރިޔަނބުގެ ޖަޢުފަރު (ޖޯރޭ) ގެ ކައިރިއަށް އާދަނު ގެންގޮސްފިއެވެ. އޭރު ޖޯރޭ އިނީ ކުރިމަތީގައި ބޮޑު ލެޕްޓޮޕެއް ބަހައްޓައިގެން އެއާއި ކުޅޭށެވެ.

އާދަނު ބުންޏެވެ. "މިއައީ މިތާނގެ ބޯޑުގައި މިލިޔުން ބެހެއްޓުމަށެވެ. މިތަނަކީ ރައްޔިތުންގެ ތަނެއްނޫންހެއްޔެވެ. މިކަންއޮތީ މިހެންނަމަ ރައްޔިތުން ގެންނަ ލިޔުންތައްވެސް މިތާނގެ ބޯޑުގައި ބެހެއްޓެންވާނެއެވެ. މިކަން ކުރަންޖެހެނީ މީގައި ލިޔެފައިހުރި އެއްޗެއް ގިނަމީހުންނަށް އެނގުމަށްޓަކައެވެ. އެއީ ކޮންމެހެން ދީނަށްޓަކައޭ ގައުމަށްޓަކައޭ ނުބުނާނަމެވެ. އެހެން ނުބުނާނީ އެނަންނަން ބޭނުންކޮށްގެން މިރާއްޖޭގައި ޖަހާފައިހުރި ސަކަރާތްތަކަށް މީހުން ފޫހިވެފައިވާތީއެވެ." މިހެންބުނެފައި ޖޯރޭގެ އަތަށް ބޮޑު ސިޓީއުރައެއް ދީފިއެވެ.

އެސިޓީއުރައިގެ ތެރެއިން ތިންހަތަރު ޞަފުޙާ އެކުލެވޭ ލިޔުންތަކެއް ޖޯރޭ ނަގައި އިރުކޮޅެއްވަންދެން އެއަށް ބަލަންއިނދެފައި ބުންޏެވެ.

"މީގައި ލިޔެފައިވާ ކަންކަމަކީ އާދަނު ބުނެގެން އާދަނު ބާރު އަޅައިގެން ކުރި ކަންކަމެއްކަން މީހުން ގަބޫލެއް ނުކުރާނެއެވެ. ނޫނީ އެކަންކަން އެގޮތަށްވެފައި އެހުރީ އެހެން އެކަންކަން ކުރުމަށް އޭރު އާދަނު ބާރުއަޅައިގެން ކަމަށް ވެސް މީހުން ގަބޫލެއްނުކުރާނެއެވެ. ގަބޫލުކުރެވެން ވެސް ނޯންނާނެއެވެ. މީގައި ލިޔެފައިވާގޮތުން ޝަމްސުއްދީން (ތިންވަނަ) ރަދުން އުފަންވެވަޑައިގަތުމާއި ގުޅިގެން އެރަދުންގެ ޢުމުރުފުޅުން 1 އަހަރު ވަންދެން މާލޭގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ބޭނުންވާނޭ ކެއިންބުއިމުގެ ހުރިހާކަމެއް ހަމަޖައްސައިދިނީ އާދަނެވެ. މިއީ ތެދަކަށްވާނެ ހެއްޔެވެ. އެރަދުން އުފަންވެވަޑައިގަތްތާ ވެސް މިހާރު 136 އަހަރުވާއިރު އޭރު ވެސް އާދަނު ހުރީހެއްޔެވެ. 

ދެން މިއޮތީ އެއަށްވުރެ އަދި މާބޮޑުކަމެކެވެ. މިލިޔުމުގައިވާ ގޮތުން ޕޯޗްގީޒުންގެ ކިބައިން މިރާއްޖެ ސަލާމަތްކުރެއްވުމަށް މުޙައްމަދު ތަކުރުފާނުލް ޢައުޡަމް އެކުރެއްވި މަސައްކަތްޕުޅަކީ ވެސް އާދަނު ބުނެގެން ނޫނީ އާދަނު ބާރު އަޅައިގެން ކުރެއްވި މަސައްކަތްޕުޅެކެވެ. މިއީ ތެދެއްނަމަ، އާދަނަކީ މީގެ 457 އަހަރު ކުރިއްސުރެ މިރާއްޖޭގައި އުޅެމުން އަންނަ މީހެއްތާއެވެ. މިއީ ކިހިނެއްވާނެކަމެއް ހެއްޔެވެ."

އާދަނު ބުންޏެވެ. "އަހަރެމެން އެއްޗެއް ބުނީމާ އެބުނި އެއްޗެއް ޖޯރޭމެންނަށް ތެދަކަށް ނުވެއެވެ. އެވާހަކައެއް ގަބޫލެއް ނުކުރެވެއެވެ. އެކަމަކު މިރާއްޖޭގެ ބައެއް މީސްމީހުން އެބުނާ އެއްޗެއް ޖޯރޭމެންނަށް ތެދަކަށް އެބައެވެ. ނޫނީ ތެދެއްކަމަށް ނުވިއަސް އެވާހަކަ މީހުންލައްވައި ގަބޫލުކުރުވަން ހާދަ މަސައްކަތެއް އެބަ ކުރެއެވެ. އެމީހުން އެޖަހާ ސަކަރާތެއް ޖޯރޭމެންނަށް ނޭނގެނީހެއްޔެވެ. ޖޯރޭމެންނަށް އެނގެން ޖެހޭ އެއްޗަކީ ހަމައެކަނި އަހަރެމެންކަހަލަ ދެރަ މީހުން ދައްކާ ވާހަކައިގެ ތެދުދޮގު އެކަނިހެއްޔެވެ. ކޮންމެގޮތެއް ވިއަސް މިތާނގެ ބޯޑުގައި ބެހެއްޓުމަށް ތިޔަ އޮތީ ލިޔުމެއް ލިޔެގެން ގެނެސްފައެވެ. ބަހައްޓައިފިނަމަ އެއީ ޑިމޮކްރަސީގެ ރަނގަޅު އުޞޫލެވެ. ނުބަހައްޓައިފިނަމަ އެއީ ލާމަރުކަޒީ ނުބައި އުޞޫލެވެ." މިހެން ބުނެފައި އާދަނު ހިނގައްޖެއެވެ.

އާދަނު ދިޔުމުން ޖޯރޭ އެލިޔުމަށް ބަލައިލިއިރު އެއީ ނަމްބަރު ތަރުތީބުން ލިޔެފައިވާ ގިނަ ކަންކަމެއްގެ ބޮޑު ލިސްޓެކެވެ.

1- ޕޯޗްގީޒުންގެ ކިބައިން ރާއްޖެ ސަލާމަތްކުރެއްވުމަށް މުޙައްމަދު ތަކުރުފާނުލް ޢައުޡަމް އެކުރެއްވި މަސައްކަތްޕުޅު. (މިކަމަކީ ދިވެހި ރައްޔިތުންނަށްޓަކައި އަހަރެން ބުނެގެން ނޫނީ އަހަރެން ބާރު އަޅައިގެން ކުރެއްވި މަސައްކަތްޕުޅެއް ކަމަށް މީހުންނަށް ގަބޫލުކުރެވޭތޯ ކުރެވެން އޮތް ކަމެއްކުރުން)

2- 17 ފެބްރުއަރީ 1692 ގައި ކުޑަ މުޙައްމަދު ރަސްގެފާނު އަވަހާރަވުން. (މިކަމުގެ ހިތާމަޔާއި ދެރަޔާއި މޮޅީގައި ދިވެހި ރައްޔިތުންނަށްޓަކައި 14 ރޭ 14 ދުވާ ވަންދެން، އެއްވެސްއެއްޗެއް ނުކައި މީހަކާއި ވާހަކަ ނުދައްކައި ބަންޑުން އެނދުގައި އަހަރެން އޮތްކަން ދިވެހިރައްޔިތުންނަށް ވިސްނުވައިދީ އެމީހުންނަށް މިކަން ގަބޫލުކުރެވޭތޯ ކުރެވެން އޮތްހާ ކަމެއްކުރުން)

3- 20 އޮކްޓޯބަރ 1879 ގައި ނޫރައްދީން ބަންޑާރައިންގެ ދަރިކަލުން (ސުލްޠާން މުޙައްމަދު ޝަމްސުއްދީން 3) އުފަންވެވަޑައިގަތުން. (މިކަމުގެ އުފަލުގައި އެމަނިކުފާނުގެ ޢުމުރުފުޅުން 1 އަހަރު ވަންދެން، ދިވެހި ރައްޔިތުންނަށްޓަކައި މާލޭގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ބޭނުންވާނޭ ކެއިންބުއިމުގެ ހުރިހާކަމެއް ހަމަޖައްސައިދިނީ އަހަރެންކަމަށް ނޫރައްދީން ބަންޑާރައިންގެ ޢާއިލާގެ ބޭފުޅުންނަށާއި އަދި ދިވެހިރައްޔިތުންނަށް ވިސްނުވައިދީ މިކަން ގަބޫލުކުރެވޭތޯ ކުރެވެން އޮތްހާ ކަމެއްކުރުން)

4- ރަށްރަށުގައި ތިއްބެވި ކަތީބުން ކުޑަކަތީބުންނަށް އެންމެފުރަތަމަ ދިވެހިފައިސާއިން މުސާރަދިނުން. (މިކަމަކީ މުޙައްމަދު ފަރީދުގެ ރަސްކަމުގައި އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގައި ފެށުނުކަމަކަށް ވިއަސް މިއީ ދިވެހި ރައްޔިތުންނަށާއި ޚާއްޞަކޮށް ކަތީބުންނަށްޓަކައި އަހަރެން ބުނެގެން ނޫނީ އަހަރެން ބާރުއަޅައިގެން ކޮށްދިން ކަމެއްކަން ހުރިހާ ދިވެހި ރައްޔިތުންނާއި ޚާއްޞަކޮށް ކަތީބުން ކުޑަކަތީބުންނަށް ވިސްނުވައިދީ އެމީހުންނަށް މިކަން ގަބޫލުކުރެވޭތޯ ކުރެވެންއޮތް ހުރިހާކަމެއް ކުރުން)

މިހިސާބަށް ލިސްޓް ކިޔާލިތަނާ ޖޯރޭގެ ހިތަށް އެރިއެވެ. އާދަނު ލިޔެފައި މިހުރި ކަންކަމަކީ އެކަންކަން ކުރީ އޭނާ ބުނެގެންކަމަށް ނޫނީ އޭނާގެ ބާރުއަޅައިގެން ކަމަށް މީހުންނަށް ވިސްނުވައިދީ އެމީހުންނަށް އެކަންކަން ގަބޫލުކުރެވޭތޯ ބެލުމުގެ ކަންކަމެކެވެ. އާދަނު އެބުނާހެން މީހުންނަށް އެނގެން ޖެހެނީ ކޮންމެހެން ހަމައެކަނި އާދަނުމެން ދައްކާ ވާހަކައިގެ ތެދުދޮގު އެކަންޏެއް ނޫނެވެ. އެހެންމީހުން ދައްކާ ވާހަކައިގެ ތެދުދޮގު ވެސް އެނގެން ޖެހެއެވެ. ކަންކަން އެނގޭނީ އެކަންކަން ހިނގީ އެހެންތޯ ނޫންތޯ އިންސާނާއަށް ދެއްވި ސިކުނޑިން އެ އިންސާނާ ވިސްނައިލައި އެ ކަންކަމަށް ފިކުރު ހިންގައިގެންނެވެ. ބުއްދީގެ ތަރާދުން ކިރައިގެންނެވެ. އޭރުން އެކަންކަން ހިނގީ އެހެންތޯ ނޫންތޯ އެނގުމަކަށް ދައްޗެއްނުވާނެއެވެ. 

މިކަހަލަ ކަންކަމަށް ވިސްނައިލައި މިކަހަލަ ކަންކަމަށް ފިކުރު ހިންގައިނުލެވޭނީ އިންސާނީ ގިންތީގެ ބޭރުގެ މަޚުލޫގުންނަށެވެ. ބުއްދީގެ ނިޢުމަތް ދެއްވައިފައި ނުވާ ޙައިވާނުންނަށެވެ. ޖަނަވާރުންނަށެވެ. ބުއްދީގެ ނިޢުމަތް ދެއްވައިފައިވާ ފުރިހަމަ އިންސާނަކަށް ނޫނެވެ.
               -------------------------
ލިޔުއްވީ: މީމު ނޫނު