ކީރިތި ރަސޫލާ ޞައްލަ
ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ނަބީކަމަށް ދަޢުވާކުރި މީހުންގެ ތެރެއިން އެކަކީ
މުސައިލަމަތުލްކައްޛާބެވެ. އޭނާއަކީ، ބަނޫ ޙަނީފާ ޤަބީލާގެ މީހެކެވެ. އޭނާއަކީ، ދޮގުވެރި
ކައްޒާބެއްކަން އެ ޤަބީލާގެ މީހުންނަށް އެނގެ އެވެ. އެހެންކަމާއެކުވެސް، އެ ޤަބީލާގެ
މީހުން އޭނާއާ ތަބާވެ، އޭނާގެ ބަސް ގަބޫލުކޮށްގެން އުޅުނެވެ.
މުސައިލަމަތުލްކައްޛާބު
ނަބީކަމަށް ދަޢުވާކޮށް، އެ ދޮގު ދަޢުވާ ސާބިތުކޮށްދިނުމަށްޓަކައި އެތައް މަކަރެއް ހެދި
އެވެ. އެއިން އެއް މަކަރަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، ގެނެސްދެއްވި
ފަދަ މުޢުޖިޒާތްތައް ގެނެސްދޭން އުޅުމެވެ. އަނެއް މަކަރަކީ، ކީރިތި ޤުރުއާނާ އެއްފަދަ
ފޮތެއް ހެދުމަށް މަސައްކަތްކުރުމެވެ. މިފަދަ މަކަރާއި ޙީލަތް ހެދުމުގައި ވެސް އޭނާވަނީ
ނާކާމިޔާބުވެ، ނާޗާރުވެފަ އެވެ.
އިބްނު ކަޘީރު ވިދާޅުވެފައިވެ
އެވެ. އެއްފަހަރަކު މުސައިލަމަތުލްކައްޛާބު ވަޅެއްގެ ފެން ގިނަކުރުމުގެ މުޢުޖިޒާތެއް
ދެއްކުމަށްޓަކައި އެވަޅުގެ ތެރެއަށް ކުޅެއް ޖެހި އެވެ. އެކަމާވިދިގެން އެވަޅުން ފެން
ހިނދުނެވެ! އެހެން ފަހަރަކު، ލޮލަށް ބައްޔެއް ޖެހިފައިވާ މީހެއްގެ ލޮލުގައި އޭނާ ފިރުމާލި
އެވެ. އެހިނދު އެމީހާގެ ލޮލަށް ޝިފާ ލިބުމުގެ ބަދަލުގައި އެމީހާގެ ލޯ ކަނުވި އެވެ!
އަދި އެހެންފަހަރަކު އޭނާ ވުޟޫކުރި ފެނުން ކަދުރު ރުކަކަށް ފެންދިނެވެ. އެކަމާވިދިގެން
އެ ކަދުރު ރުއް މަރުވި އެވެ! މިނޫނަސް މިބާވަތުގެ ދޯހަޅި އެތައް ކަމެއް އޭނާ ވަނީ ކޮށްފަ
އެވެ.
މުސައިލަމަތުލް
ކައްޛާބަށް ބާވައިލެއްވި ކަމަށް އޭނާ ދަޢުވާކުރި ޤުރުއާނުގައި ވެސް ވަނީ ވަރަށް ތާކުންތާކުނުޖެހޭ
ވާހަކަތަކެވެ. އޭނާ މަސައްކަތްކޮށްފައިވަނީ، ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ކޮޕީކޮށްގެން
އެފަދަ ސޫރަތްތަކެއް ހެދޭތޯ އެވެ. ނަމަވެސް އޭނާއަކަށް އެފަދަ ސޫރަތްތަކެއް ނުހެދުނެވެ.
އަދި އެހެން މީހަކަށް ވެސް ދުވަހަކުވެސް އެކަމެއް ނުކުރެވޭނެ އެވެ.
ތިރީގައި މިވަނީ،
މުސައިލަމަތުލްކައްޛާބަށް ބާވައިލެއްވުނު ޤުރުއާނުގެ ސޫރަތްތައް ކަމުގައި ބުނެ އޭނާ
ކިޔައިދިން ބައެއް އެއްޗިއްސެވެ.
ސޫރަތުލްފީލި
އަލްފީލު، މަލްފީލު.
(އެތެވެ. ކޮން އެތެއް ހެއްޔެވެ؟)
ވަމާ އަދުރާކަ މަލްފީލު.
(އެތަކީ ކޮން އެއްޗެއްކަން ތިބާއަށް އަންގައިދިނީ ކޮން އެއްޗެއް ހެއްޔެވެ؟)
ލަހޫ ޛަނަބުން ޤަޞީރު.
(އޭގައި ކުރު ނިގުލެއް ވެ އެވެ.)
ވަޚުރުޠޫމުން ޠަވީލު.
(އަދި ދިގު ހޮނޑެއް ވެސް ވެ އެވެ.)
ސޫރަތުއްޟުފުދަޢި
ޔާ ޟުފުދަޢަ ބިންތި
ޟުފުދަޢައިނި. (އޭ! ދެ ބޮކުގެ އަންހެންދަރި ބޮކާ އެވެ!)
ނުއްޤީ މާ ތަނުއްޤީން.
(ތިބާ ސާފުކުރާ އެއްޗެއް ސާފުކުރާށެވެ!)
ނިޞްފުކި ފިލްމާއި
ވަނިޞްފުކި ފިއްޠީން. (ތިބާގެ އެއްބައި ވަނީ ފެނުގަ އެވެ. އަނެއްބައި ވަނީ ކިސަޑުގަ
އެވެ.)
ލަލްމާއަ ތުކައްދިރީން.
(ތިބާއަކު ފެނެއް ކިލަނބެއް ނުކުރެ އެވެ.)
ވަލައްޝާރިބަ ތަމްނަޢީން.
(އަދި ތިބާ، މީހަކު ފެން ބުއިން މަނައެއް ވެސް ނުކުރެ އެވެ.)
ސޫރަތުލްޖަމާހިރި
އިންނާ އަޢުޠައިނާކަލް
ޖަމާހިރް. (ހަމަކަށަވަރުން އަހުރެން ތިބާއަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެއްވީމެވެ.)
ފަޞައްލި ލިރައްބިކަ
ވަޖާހިރް. (ތިބާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ނަމާދުކޮށް އަދި ފާޅުކުރާށެވެ!)
އިންނަ ޝާނިއަކަ
ހުވަލް ކާފިރް. (ހަމަކަށަވަރުން ކާފިރަކީ ތިބާގެ ދުޝްމަނު މީހާ އެވެ.)
ޤުރުއާން ކަމަށް
ބުނެ، މުސައިލަމަތުލްކައްޛާބު މިފަދަ އެތައް އެއްޗިއްސެއް ކިޔާފައިވެ އެވެ. އޭނާ ކިޔަމުންދިޔަ
މިފަދަ އެއްޗިއްސަކީ، މާތް ﷲ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް ބާވައިލައްވާ
ކީރިތި ޤުރުއާނާ އެއްފަދަވެގެންވާ އެއްޗެއް ނޫންކަން އެޒަމާނުގެ ޢަރަބީންނަށް ވަރަށް
ރަނގަޅަށް އެނގެ އެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައިވާ ރީތިކަމާއި ފުރިހަމަކަމާއި
ބަލާޣާތްތެރިކަން އޭގައި ނުވާތީ އެވެ. އަދި އެމީހުން ނުދަންނަ އާ ވާހަކައެއް ވެސް އޭގައި
ނުވާތީ އެވެ. މުސައިލަމަތުލްކައްޛާބަށް ވުރެ ފަހުން ދުނިޔެއަށް އައި ބައެއް ޖާހިލުން
ވެސް، ކީރިތި ޤުރުއާނުގެ އާޔަތްތައް ބަދަލުކޮށްފައި ވެ އެވެ. އަދި އެއާ އެމީހުންގެ
ހަވާނަފުސުގެ ބަސްތަކާ މައްސުނިކޮށް، އެއީ ޤުރުއާން ކަމަށް ދަޢުވާކޮށްފައި ވެސް ވެ
އެވެ.
މުސައިލަމަތުލްކައްޛާބު
ޤަތުލުކުރެވުނީ، އަބޫބަކުރުގެފާނުގެ ޚިލާފަތުގައި މުސްލިމުން އޭނާއާ ދެކޮޅަށް ކުރި
ހަނގުރާމައެއްގަ އެވެ. ބުނެވޭ ގޮތުގައި އޭނާ ޤަތުލުކުރެވުނުއިރު، އޭނާގެ ޢުމުރަކީ،
150 އަހަރެވެ.
--------------------
ލިޔުއްވީ:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން