ކީރިތި ނަބިއްޔާގެ ދަރިކަލުން އިބްރާހީމުގެފާނު އަވަހާރަވި ދުވަސްކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ދަރިކަލުން އިބްރާހީމުގެފާނު ދުނިޔެއަށް ވަޑައިގެންނެވި ތާރީޚާމެދު ދެބަސްވުމެއް ނެތެވެ. ހުރިހައި މުއައްރިޚުން އެއްބަސްވާ ގޮތުގައި، އިބްރާހީމުގެފާނު ދުނިޔެއަށް ވަޑައިގަތީ، ހިޖުރައިން 8 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގަ އެވެ. މީލާދީ ސަނަތުން އެ އަހަރާ ދިމާވަނީ، 630 ވަނަ އަހަރެވެ. އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތީ މަދީނާގަ އެވެ.

ބަޙުރައިން ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. އިބްރާހީމް ވަހީބު ޢީސާ އައްނާޞިރު ވިދާޅުވެފައި ވެ އެވެ. "ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ދަރިކަލުން އިބްރާހީމުގެފާނު ދުނިޔެއަށް ވަޑައިގަތް ތާރީޚު ކަމަށް މަޞްދަރުތަކުގައި ވަނީ، ހިޖުރައިން 8 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހެވެ. މީލާދީ ސަނަތުން އެ ދުވަހާ ދިމާވާ ދުވަސް ކަމަށް ބެލެވެނީ، 21 މާރޗް 630 ވީ ބުދަ ދުވަހެވެ."

މީލާދީ ސަނަތުން 21 މާރޗް 630 އާ ބައްދަލުވަނީ، ހިޖުރީ ސަނަތުން 8 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހެވެ.

އިބްރާހީމުގެފާނު އަވަހާރަވި އަހަރާމެދު އެއްވެސް ޚިލާފެއް ނެތެވެ. ސީރަތުގެ އަހުލުވެރިންނާއި މުއައްރިޚުންގެ މެދުގައި ޚިލާފު އުފެދިފައިވަނީ، އެކަލޭގެފާނު އަވަހަރާވި ދުވަހާއި މައްސަރަކީ ކޮބައިކަން ބަޔާންކުރުމުގަ އެވެ. މިކަން ޙައްލުކޮށްދޭ ވަރަށް މުހިންމު ހާދިސާއެއް، އެކަލޭގެފާނު އަވަހާރަވި ދުވަހު ހިނގާފައި ވެ އެވެ. އެއީ، އެދުވަހު މަދީނާއަށް ފެނުނު މަޝްހޫރު އިރުކޭތަ ހިފުމުގެ ހާދިސާ އެވެ.

ހިޖުރީ ސަނަތުން 10 ވަނަ އަހަރު، އިރުކޭތަ ހިފި މަންޒަރު މަދީނާއަށް ފެނިފައިވާ ކަމަށާއި، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް ވެސް އެ އިރުކޭތަ ފެނިވަޑައިގެންފައިވާ ކަމަށް އިތުރުއެކަލޭގެފާނުގެ ސީރަތު ފޮތްފޮތުގައި ބަޔާންވެފައި ވެ އެވެ. އެދުވަހަކީ، އިތުރުއެކަލޭގެފާނުގެ ތުއްޕުޅު ދަރިކަލުން އިބްރާހީމުގެފާނު އަވަހާރަވި ދުވަސް ކަމަށް ވެސް އެ ފޮތްފޮތުގައި ވެ އެވެ.

ތުއްޕުޅު އިބްރާހީމުގެފާނު އަވަހާރަވި ދުވަހު، މަދީނާގެ ބަޔަކު ދެއްކި ވާހަކައެއް ވެސް ސީރަތު ފޮތްފޮތުގައި ބަޔާންވެފައި ވެ އެވެ. އެމީހުން ބުނީ، "އެކަލޭގެފާނު އަވަހާރަވުމުގެ ހިތާމައިގައި އިރު ނިވާވެއްޖެ" ކަމަށެވެ. އެމީހުންނާ މުޚާޠަބުކުރައްވައި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ޙަދީޘްފުޅުގައި އިތުރުއެކަލޭގެފާނު ބަޔާންކުރައްވާފައިވަނީ، މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކާ އިއްތިފާޤުވާ ޢިލްމީ ޙަޤީޤަތެކެވެ. ޞަޙީޙު ބުޚާރީގައި ވާރިދުވެފައިވާ އެ ޙަދީޘްފުޅު ތިރީގައި މިވަނީ އެވެ.

(إِنَّ الشَّمْسَ وَالْقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ لَا يَخْسِفَانِ لِمَوْتِ أَحَدٍ وَلَا لِحَيَاتِهِ فَإِذَا رَأَيْتُمْ ذَلِكَ فَادْعُوا اللَّهَ وَكَبِّرُوا وَصَلُّوا وَتَصَدَّقُوا)

މާނައީ، "ހަމަކަށަވަރުން އިރާއި ހަނދަކީ، ﷲ ގެ އާޔަތްތަކުގެ ތެރެއިން ދެ އާޔަތެކެވެ. މީހަކު ނިޔާވީތީ އަދި މީހަކު އުފަންވީތީ އެ ދޭތީގައި ކޭތައެއް ނުހިފާނެ އެވެ. ފަހެ، ތިޔަބައިމީހުންނަށް ކޭތައެއް ފެނިއްޖެނަމަ، ފަހެ، ތިޔަބައިމީހުން ﷲ ގެ ޙަޟުރަތަށް ދުޢާ ކުރާށެވެ! އަދި ތަކުބީރު ކިޔާށެވެ! އަދި ނަމާދުކުރާށެވެ! އަދި ޞަދަޤާތް ދޭށެވެ!"

އިބްރާހީމުގެފާނު އަވަހާރަވި މައްސަރާމެދު އުފެދިފައިވާ ޚިލާފުގެ މައްޗަށް އަލިއަޅުވާލާފައިވާ އެއް މަޞްދަރަކީ، ސަޢޫދީ ޢަރަބިއްޔާގެ އުއްމުލްޤުރާ ޔުނިވަރސިޓީގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ މައުޟޫޢެކެވެ. އަލްވާޤިދީ އާއި، އަލްމަޚުޒޫމީ އާއި، އިބްނު ޙަޖަރު ގެނެސްދެއްވާފައިވާ ރިވާޔަތްތައް އެ މައުޟޫޢުގައި ވެ އެވެ. އެ ރިވާޔަތްތައް ތިރީގައި މިވަނީ އެވެ.

އަލްވާޤިދީ (الواقدي) އަކީ އެންމެ އިހުގެ މުސްލިމު މުއައްރިޚުންގެ ތެރެއިން މުއައްރިޚެކެވެ. މަދީނާގައި އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 130 ވަނަ އަހަރުގަ އެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ ހިޖުރައިން 207 ވަނަ އަހަރުގަ އެވެ. އޭނާ ލިއުއްވާފައި ވެ އެވެ. "ﷲ ގެ ރަސޫލާގެ ދަރިކަލުން އިބްރާހީމުގެފާނު އަވަހާރަވީ (ހިޖުރައިން) 10 ވަނަ އަހަރު، ރަބީޢުލްއައްވަލް މަސް ނިމެން 10 ދުވަހަށް ވެފައި ވަނިކޮށް، އަންގާރަ ދުވަހެއްގަ އެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 18 މަސްދުވަހެވެ." އަލްވާޤިދީ ބަޔާންކުރައްވާފައިވާ މި ތާރީޚާ ދިމާވަނީ މީލާދީ ސަނަތުން 631 ވަނަ އަހަރެވެ.

އެހެން މުއައްރިޚެއް ކަމަށްވާ އަލްމަޚުޒޫމީ (محمد بن مؤمل المخزومي) ލިއުއްވާފައި ވަނީ، އިބްރާހީމުގެފާނު އަވަހާރަވިއިރު ޢުމުރުފުޅަކީ، 16 މަހާއި 8 ދުވަސް ކަމަށެވެ. އަދި އެކަލޭގެފާނު އަވަހާރަވީ (ހިޖުރައިން 10 ވަނަ އަހަރު) ޞަފަރު މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ. މީލާދީ ސަނަތުން މި ތާރީޚާ ދިމާވަނީ، 8 މެއި 631 އެވެ.

އިބްނު ޙަޖަރު ވިދާޅުވެފައި ވެ އެވެ. "ސީރަތުގެ އަހުލުވެރިންގެ ޖުމްހޫރު (އަޣުލަބިއްޔަތު) ބަޔާންކޮށްފައިވަނީ އިބްރާހީމުގެފާނު އަވަހާރަވީ ހިޖުރައިން 10 ވަނަ އަހަރު ކަމަށެވެ. އެއީ، ރަބީޢުލްއައްވަލް މަސް ކަމަށާއި، އެއީ ރަމަޟާން މަސް ކަމަށާއި، އެއީ ޛުލްޙިއްޖާ މަސް ކަމަށް ބުނެވިފައި ވެ އެވެ. ގިނަ ފަރާތްތަކުން ބުރަވެފައިވަނީ އެއީ މަހުގެ ދިހަވަނަ ދުވަސް ކަމަށެވެ. އެއީ މަހުގެ ހަތަރުވަނަ ދުވަސް ކަމަށާއި، އެއީ މަހުގެ ސާދަވަނަ ދުވަސް ކަމަށް ވެސް ބުނެވިފައި ވެ އެވެ."

މުއައްރިޚުން ބަޔާންކޮށްފައިވާ ތާރީޚާއި، އިބްރާހީމުގެފާނުގެ ޢުމުރުފުޅާ ދިމާނުވާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ބަޙުރައިން ޔުނިވަރސިޓީގެ ޕްރޮފެސަރ ޑރ. އިބްރާހީމް ވަހީބު ވެސް ވަނީ އެކަން ފާހަގަކުރައްވާފަ އެވެ. އަލްވާޤިދީ ބަޔާންކުރައްވާފައިވާ އިބްރާހީމުގެފާނުގެ ޢުމުރުފުޅުގެ މައްޗަށް ބިނާކުރައްވައި، ޑރ. އިބްރާހީމް ވަހީބު ވިދާޅުވެފައިވަނީ، އިބްރާހީމުގެފާނު އަވަހާރަވިއިރު، އެކަލޭގެފާނުގެ ޢުމުރުފުޅަކީ 18 މަސްދުވަސް ކަމަށްވަނީނަމަ، އެކަލޭގެފާނު އަވަހާރަވި ތާރީޚު ކަމުގައި ވާންޖެހޭނީ، ހިޖުރައިން 10 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. މީލާދީ ސަނަތުން އެ ދުވަހާ ދިމާވަނީ، 3 ސެޕްޓެމްބަރ 631 ވީ އަންގާރަ ދުވަހެވެ.

މަޚުޒޫމީ ވިދާޅުވެފައިވަނީ، އިބްރާހީމުގެފާނު އަވަހާރަވިއިރު، އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 16 މަހާއި 8 ދުވަސް ކަމަށެވެ. މި ޢުމުރުފުޅާ ދިމާވަނީ، ހިޖުރައިން 10 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 8 ވަނަ ދުވަހެވެ. މަޚުޒޫމީ ވިދާޅުވެފައިވާ ޞަފަރު މަހުގެ ފުރަތަމަ ދުވަހެއް ނޫނެވެ. ހިޖުރައިން 10 ވަނަ އަހަރުގެ ޞަފަރު މަހުގެ ފުރަތަމަ ދުވަހާ ދިމާވާ ޢުމުރުފުޅަކީ، 14 މަހާއި 1 ދުވަހެވެ.

ވާޤިދީ އާއި މަޚުޒޫމީ އާއި އިބްނު ޙަޖަރު ބަޔާންކުރައްވާފައިވާ ހުރިހައި ތާރީޚުތަކުގެ ތެރެއިން ޛުލްޙިއްޖާ މަހުގެ ތާރީޚު ފިޔަވައި އެހެން ހުރިހައި ތާރީޚެއް ދިމާވަނީ، މީލާދީ ސަނަތުން 631 ވަނަ އަހަރާ އެވެ. ޛުލްޙިއްޖާ މަހުގެ ތާރީޚު ދިމާވަނީ، މީލާދީ ސަނަތުން 632 ވަނަ އަހަރާ އެވެ. އެހެނަސް މިޒަމާނުގެ ޢިލްމީ ހޯދުންތަކުން އެނގޭ ގޮތުގައި، އެ ޛުލްޙިއްޖާ މަހުގައި އިރުކޭތަ ހިފާފައެއް ނުވެ އެވެ. އަދި، މީލާދީ ސަނަތުން 631 ވަނަ އަހަރު ދެފަހަރު އިރުކޭތަ ހިފާފައި ވިޔަސް، އެ ދެ އިރުކޭތަ ހިފާފައިވަނީ، މައްކާ އާއި މަދީނާއަށް ފެންނަ ހިސާބެއްގައެއް ނޫނެވެ. އެ ދެ އިރުކޭތަ ހިފާފައިވަނީ، 7 ފެބްރުއަރީގަ އާއި، 3 އޮގަސްޓްގަ އެވެ.

ފަލަކީ ހިސާބުތަކުން އެނގޭ ގޮތުގައި، އިބްރާހީމުގެފާނު އަވަހާރަވި ދުވަހު މައްކާއާއި މަދީނާއަށް ފެނުނު އިރުކޭތަ ހިފާފައިވަނީ، ހިޖުރައިން 10 ވަނަ އަހަރުގެ 10 ވަނަ މަސް ކަމުގައިވާ ޝައްވާލުމަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. މީލާދީ ސަނަތުން އެ ދުވަހާ ދިމާވަނީ، 27 ޖެނުއަރީ 632 އެވެ. އެދުވަހު މަދީނާއަށް އިރުކޭތަ ހިފަން ފަށާފައިވަނީ ހެނދުނު 7:25 ގަ އެވެ. އެންމެ ބޮޑަށް ކޭތަހިފާފައިވާތަން މަދީނާއަށް ފެނިފައިވަނީ 8:40 ގަ އެވެ. އޭރު ކޭތަ ހިފާފައިވަނީ އިރުގެ 90 އިންސައްތައިގަ އެވެ. މަދީނާއަށް ކޭތަ ވީއްލާފައިވަނީ ހެނދުނު 10:15 ގަ އެވެ.

އެދުވަހު މައްކާއަށް އިރުކޭތަ ހިފަން ފަށާއިފަނީ ހެނދުނު 7:30 ގަ އެވެ. އެންމެ ބޮޑަށް އިރުކޭތަ ހިފާފައިވަނީ 8:35 އެވެ. އޭރު ކޭތަ ހިފާފައިވަނީ އިރުގެ 93 އިންސައްތައިގަ އެވެ. މައްކާއަށް އިރުކޭތަ ވީއްލާފައިވަނީ ހެނދުނު 10:10 ގަ އެވެ.

އިބްރާހީމުގެފާނު އަވަހާރަވި ދުވަހު ހިނގި މަޝްހޫރު އިރުކޭތަ ހިފުމުގެ ހާދިސާއަށް ބަލާއިރު، އެކަލޭގެފާނުގެ އަވަހާރަވި ޙަޤީޤީ ތާރީޚަކީ ފަލަކީ ހިސާބުތަކުން އެނގޭ ގޮތުގައި ހިޖުރައިން 10 ވަނަ އަހަރުގެ ޝައްވާލު މަހުގެ 29 ވަނަ ދުވަހެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 22 މަހާއި 29 ދުވަހެވެ. އެ ޝައްވާލު މަހަކީ، 29 ދުވަހުގެ މައްސަރެއް ކަމަށް ވެއްޖެނަމަ، އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 23 މަސްދުވަހެވެ. ޑރ. އިބްރާހީމް ވަހީބު ވިދާޅުވެފައިވަނީ، އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ، ގާތްގަނޑަކަށް 23 މަސްދުވަސް ކަމަށެވެ.
                                                   -----------------------

ލިޔުއްވީ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން