ވީލްބަރޯއެއްގައި ހަސްފަތާލަށް










އެ ރޭހަކީ "ދުވުމުގެ" ރޭހެކެވެ. ކަށިގަނޑު ފުމޭ މީހާ އާއި، އެމީހާގެ އެހީތެރީން ތިބީ ތައްޔާރުވެފައެވެ. ރޮނގުބަލަހައްޓާ މީހުންވެސް ތިބީ އެމީހުންގެ މަގާމުގައި ސަމާލުވެގެންނެވެ. ރޭހުގެ ކަންކަން ކުރިއަށްދާނެގޮތް ހަމަ ކޮންމެ ދުވަހަކުހެން ބައިވެރީންނާ ކިޔައިދެއެވެ. އަދި އެމީހުންލައްވާ ތަމްރީނުވެސް ހަދައެވެ.

ހަމަޖައްސާފައިއޮތީ، ހުރިހާ ދުވުންތެރީން ފަށާ ރޮނގުގައި އެއްހަމައެއްގައި ވާތްފަރާތު ކަކޫ ބިންމަތީގައި ޖައްސައި، އެފައިގެ ފައިތިލައިގެ އިނގިލިތަކުގެ ކޮޅުތައް ބިންމަތީގައި ޖައްސައި، ކަނާތްފާރާތު ކަކޫ ލަންބައި، އެފައިގެ ފައިތިލަ ބިންމަތީގައި ޖައްސައި، މުޅިހަށިގަނޑު ގުދުކޮށް ބިންމައްޗަށް ބަލަހައްޓައިގެން އޮންނަ ގޮތަށެވެ. އެކަކު އަނެކަކާ ދިމާއަށް ބެލުން އެއީ މުޅީން މަނާކަމެކެވެ. އެހެންނަމަވެސް އެކަން މަނާކުރީ ދުވުންތެރީން އެގޮތަށް އެދުމުންނެވެ.

ރޭހުގައި ބައިބެރިވީ ތިންމީހުންނާއި، ތިންފަރާތަކުންނެވެ. ތިންފަރާތަކަށް ބައިވެރިވެވުނީ، އެތިންފަރާތުން އެގޮތަށް އެދުމުންނެވެ. ވަކިވަކިން ބައިވެރިވި ތިންފަރާތަކީ، ރަތްބޭގެ މުޙައްމަދާއި، ތުނޑީކޮޅު ފާތުމަގެ ޢަލީ އާއި، ދުންބުރުވާ ހަސަންފުޅެވެ. އެކުގައި ބައިވެރިވި ޖަމާޢަތަކީ ކަންޒުކަނހަބު ސަމްސާދުގެ ޖަމާޢަތެވެ. މިއީ ރޭހެއްކަމަށްވާތީ، އެއިން ކޮންމެ ފަރާތަކަށްވެސް ކާމިޔާބީގެ ޔަގީންކަން އޮތެވެ. ރެފްރީ އަންގާފައިވަނީ، ތައްޔާރު އެކެއް، ދޭއް، ތިނެއް އާދެ! ތިނެއް މިއަޑާއެކު ފޫނާށީގެ ދެ ނާށި ތަޅައި ގަތުމުން  އެވީ ދުއްވައިގަންނަން ކަމަށެވެ.

މިހާރު މިއީ އެންމެ ފަހުގެ ވަގުތުކޮޅެވެ. ނޭވާހިފަހައްޓާލަން ޖެހޭ ވަގުތުކޮޅެވެ. ނަމަވެސް އެވަގުތު ކޮޅުގެތެރޭގައި، ވަރަށް އާދަޔާޚިލާފު ކަމެއް ހިނގައިފިއެވެ. އާދެ! އެކަމަކީ، ތުނޑީކޮޅު ފާތުމަގެ ޢަލީ އަށް ލިބުނު ހާސްކަމެވެ. ނަމަވެސް ހަމައެއާއެކު އެހެން ޚިޔާލެއް އޭނާއަށް އަތުވެއްޖެއެވެ. އެޚިޔާލަކީ، ނުދުވެ މަޑުން ހުރުމެވެ. ޔަގީންކަން ނެތުމުގެ ސަބަބުންނެވެ. ކޮންމެއަކަސް އެންމެން ދުއްވައިގެންފިއެވެ.  ކުޑައިރުކޮޅެއްގެ ފަހުން ތުނޑީކޮޅު ފާތުމަގެ ޢަލީ ބޯހިއްލާލި އެވެ. އެހެންމީހުން ރޭސްނިންމާފައި އައިސް ރޮނގަށް އަރަނީއެވެ. ކުއްލިއަކަށް ތެދުވެ ހަޅޭއްލަވައިގެންފައި ބުނީ އަހަރެން އަޑެއް ނާހަމެވެ. ކޮންމެއަކަސް އެއްވެސްމީހަކު އެއަޑެއް ނޭހިއެވެ. ހަތަރު އަނގޮޅީގައި އޭނާ ހަމަ ހުރީއެވެ. އެންމެން ގޭގެއަށް ދިޔައީއެވެ. ނަމަވެސް ފަހުން އޭނާގެންދެވުނީ ވީލްބަރޯއަކަށްލައިގެން އެރަށުގެ ހަސްފަތާލަށެވެ. ބުނެވެނީ މާބޮޑަށް ހިތްދަތިވީކަމަށެވެ. (ނިމުނީ)
         ----------------------

ލިޔުއްވާފައިވަނީ: ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި