ދޫންޏެއްގެ ނަޞޭޙަތް

















އެއްފަހަރަކު ވިޔަފާރިކުރާ މީހަކު ވަރަށްރީތި ގުރައެއް ގަތެވެ. އޭނާ އޭތި ގެއަށް ގެނެސް ކޮށްޓަކަށް ލައިފަ ބެހެއްޓިއެވެ. މި ކޮށީގައި ގުރާއިންނަތާ ދުވަސްކޮޅެއްވީފަހުން، އެއްދުވަހަކު ވިޔަފާރިކުރާމީހާ ކައިރީ ގުރާ ބުންޏެވެ.

"އޭ ވިޔަފާރި ކުރާ މީހާއެވެ. އަހަރެން ކޮށްޓަކަށް ލައިފަ ބެހެއްޓުމުން ތިބާއަށް ލިބެނީ ކޮންފައިދާ އެއްހެއްޔެވެ. އަހަރެން ކޮށިންނެރެ މިނިވަން ކޮށްދީފިނަމަ ތިބާއަށް ދިރިއުޅުމުގައި ފައިދާކުރަނިވި ބުއްދިވެރި ތިން ބަހެއް ބުނެދީފާނަމެވެ."

މިވާހަކަ އަޑުއަހައިފަ ވިޔަފާރިކުރާމީހާގެ ހިތުގައި ވަރަށްބޮޑު ޝަޥްޤުވެރިކަމެއް އުފެދިއްޖެއެވެ.

ގުރާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެން ވަޢުދުވަމެވެ. ކޮށިން ނެރެގެން ފުރަތަމަ ތިބާގެ އަތްތިލައިގެ މައްތީގައި އަހަރެން ބެހެއްޓުމުން ބުއްދިވެރި ފުރަތަމަ ބަސް ބުނެދޭނަމެވެ. އެ ބަހާދޭތެރޭ ތިބާ ހިތްހަމަޖެހިއްޖެނަމަ ތިބާގެ ގޭގެ ފުރާޅުމައްޗާ ހަމައަށް އަހަރެންނަށް ދިޔަދޭށެވެ. އޭރުން ބުދިވެރި ދެވަނަ ބަސް ބުނެދޭނަމެވެ. އެބަހާމެދު ތިބާ ހިތްހަމަޖެހިއްޖެނަމަ ތިންވަނަ ބަސް ތިބާގެ ބަގީޗާގެ ގަހެއްގެ ގޮފިގަނޑެއްގައި އިށީނުމަށްފަހު އަހަރެން ބުނެދޭނަމެވެ." 

ވިޔަފާރިކުރާމީހާ ކޮށި ހުޅުވައިފަ ގުރާ ނަގައިގެން އޭނާގެ އަތްތިލަމަތީގައި ގުރާ ބަހައްޓައިފިއެވެ. "ފުރަތަމަ ބުއްދިވެރި ބަސް އަ
ގުރާ އޭތީގެ ބޯ އެއްފަރާތަކަށް ތިރިކޮށްލައިފަ ބުންޏެވެ.

 "ތިބާގެ އަތުން ކޮންމެފަދަ އެއްޗެއް ބީވެގެންދިޔަ ނަމަވެސް އަދި އެއީ ތިބާގެ މުޅި ދިރިއުޅުންފަދަ އަގުބޮޑު އެއްޗަކަށްވީނަމަވެސް އެކަމާ ހިތާމަ ނުކުރާށެވެ."

"ތިޔައީ ވަރަށް ފަލްސަފާވެރި ބަހެކެވެ." ވިޔަފާރިކުރާމީހާ ބުންޏެވެ." އުދުހިފަ ގޮސް އަހަރެންގެ ގޭގެ ފުރާޅުމަތީގައި އިށީނުމުގެ އިޒުނަދީފީމެވެ."

ގުރާ އުދުހިފައި ގޮސް އެ ގޭގެ ފުރާޅުމަތީގައި އިށީދެއްޖެއެވެ. ދެން އަނެއްކާވެސް ގުރާ އޭތީގެ ދެވަނަ ބުއްދިވެރި ނަޞޭޙަތްކޮޅު ބުނެދިނެވެ. "ތިބާގެ ލޮލުން އެކަމެއް ފެނުމުގެ ކުރީގައި އެއްވެސްކަމެއް ޤަބޫލު ނުކުރާށެވެ."

"ތިޔައީ ވަރަށް ޝަޥްޤުވެރިކުރުވަނިވި ބަހެކެވެ." ވިޔަފާރިކުރާމީހާ ބުންޏެވެ. "ކަލެއަށް އުދުހިފައި ގޮސް އަހަރެންގެ ބަގީޗާގެ ގަހެއްގެ ގޮފިގަނޑެއްގައި އިށީނުމުގެ އިޒުނަދީފީމެވެ."

ދެން ގުރާ އުދުހިފައި ގޮސް ބަގީޗާގައި ހުރި އެންމެއުސް ގަހުގެ އެންމެމަތީގައި ހުރި ގޮފިގަނޑުގައި އިށީދެއްޖެއެވެ. އަދި ވިޔަފާރިކުރާމީހާއާ މުޚާޠަބުކޮށް ބުންޏެވެ. 

"އޭ ވިޔަފާރިކުރާމީހާއެވެ. އަހަރެންގެ ބަނޑުތެރޭގައި ވަރަށް އަގުބޮޑު ދެ ޖަވާހިރު އެބައޮތެވެ. ތިބާ އަހަރެންގެ ބަނޑުފަޅާލައިގެން ނެގިނަމަ އެ ދެ ޖަވާހިރު ލިބުނީހެވެ."

ވިޔަފާރިކުރާމީހާ ގުރާގެ މި ބަސްއިވުމުން ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. އޭނާ ހިތަށްއެރިއެވެ. މިގުރާ އޭނާގެ އަތުގައި ނުޖެހި އުދުހިގެން ހިގައްޖެއްޔާ އެދެޖަވާހިރު އޭނާގެ އަތުން އެ ގެއްލުނީއެވެ. އެކަމަކު އޭތި މިހާރު އެހުރީ އޭނާގެ އަތުގަ ޖެހޭވަރަށް ވުރެން މާ މަތީގައެވެ.


މިކަމާ ވަރަށް ދެރަވެލައިފަ އަދި ވަރަށް ކުރަކިގޮތަކަށް އޭނާ ބުންޏެވެ. "އެންމެ ރަނގަޅެވެ. ކަލޭގެ ތިންވަނަ ބުއްދިވެރި ބަސް ބުނެދީފައި ކަލޭ ދާތަނަކަށް ދާށެވެ."

ގުރާ ހީލާފައި ބުންޏެވެ. "ތިބާއަކީ ތިއީ ހާދަބޮޑު މޮޔައެކެވެ. ތިބާއަށް އަހަރެންގެ ފުރަތަމަ ދެ ނަޞޭޙަތްކޮޅު ޤަބޫލު ނުކުރެވުނުއިރު ތިންވަނަ ނަޞޭޙަތްކޮޅުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަހަރެން ތިބާ ކައިރީ ކޮންމެފަދަ އެއްޗެއް ގެއްލުނުނަމަވެސް ނުރޯށޭ ބުނީމުއެވެ. އެކަމަކު ތިބާއަށް ލިބެން އޮތް ދެ ޖަވާހިރުގެ ގެއްލުމުން މިހާރު ތިޔަ ރޮނީއެވެ. އަދިވެސް އަހަރެން ބުނީމެވެ. ތިބާގެ ލޮލުންފެނުމުގެ ކުރީން އެއްވެސްކަމެއް ޤަބޫލުނުކުރާށެވެ. އެކަމަކު މިހާރު ތިބާ ޤަބޫލުކޮށްގެން ތިހުރީ އަހަރެންގެ ބަނޑުތެރޭގައި ދެ ޖަވާހިރު އެބައޮތްކަމަށެވެ. އަހަރެންގެ ބަނޑުތެރޭގައި ދެ ޖަވާހިރު އޮތްނަމަ އަހަންނަށް ދިރިހުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟" މިހެން ބުނެފަ ގުރާ، ހެމުން ހެމުން، އުދުހިފަ ހިނގައްޖެއެވެ.
         ----------------------------

ތަރުޖަމާ: އަޙުމަދު ނާޞިހު، http://www.meedhoo.com/?p=472
29/08/2012