ގޮޅާބޯ ޙަސަންފުތުގެ ވާހަކަ



 







މ.ބާރަނާގޭ ޙަސަން މުޙައްމަދުގެ ވާހަކަ ލިޔުމަށް ތަންހޯދުމުގެގޮތުން އެހެން ތަޢާރަފަކަށް އަޅުގަނޑު ޖެހިލާނަމެވެ. އެގޮތުން "ދައިގެބޯ" މިޖުމަލައަކީ "ދައިގެބަތުން" ނަގާފައިވާ ޖުމްލައެކެވެ. ދައިގެބަތަކީ، ތެލީގެ ފުލުގައި ތަތްލާފައިހުންނަ ބަތަށް ކިޔާ ނަމެކެވެ. ތަތްލާފައިހުންނަ ފަރާތް ހުންނަނީ، މުށިކުލަ ނުވަތަ ކަޅުރަތް ކުލައެއްގައެވެ. ބައެއް ފުށްތައް ކަޅު އަދި ހުދު ކުލައިގައިވެސް ހުންނާނެއެވެ. ހަވަރުތިނަދޫ މީހުން ވަނަމަކަށް ޙަސަންފުތަށް ކިޔަނީ "ދައިގެބަތެ ބޮލާ" އެވެ. އެމީހުން އެގޮތަށް ކިޔުމުން "ގޮޅާބޯ" އޭ ކިޔައި އެމީހުންނަށް ޙަސަންފުތު ރައްދުދެނީއެވެ. "ގޮޅާބޯ" އޭ ކިޔުމުގެ އިތުރަށް ހަޑިހުތުރު ބަހުން އެޖުމްލަ އަވަގުރާނަ ގޮތަށްވެސް އޭނާ ގޮވައެވެ.



ޙަސަންފުތުގެ ޒުވާން ޢުމުރުގައި އޭނާ ރައްޓެހިވީ އެދުރުބޭގެ ޖަމީލާއާ އެވެ. ނަމަވެސް އެކަން ވާގޮތެއްނުވުމުން އޭގެފަހުން ޙަސަންފުތު ހުންނަނީ ކޮންމެވެސްވަރަކަށް ހަމަނުޖެހޭ ގޮތެއްވެ، އަވަސްއަވަހަށް ރުޅިގަދަވާގޮތް ވެފައެވެ

.
"ސިޔާސީ ކެންސަރ" މިނަމުގައި ހ. ނަވާގަން ޢަލީ މޫސާ ދީދީ ލިޔުއްވާފައިވާ ފޮތެއްގައި މިޙަސަންފުތާއި، ވަކަރުގޭ ކުދީންނާއި ގުޅުވާފައިވެއެވެ. ނަމަވެސް ވަކަރުގޭ ކުދީންނާއި ޙަސަންފުތާއި ގުޅުންހުރިހެނެއް އަޅުގަނޑަކަށް ހީއެއްނުވެއެވެ. ވަކަރުގޭ ކުދީން އުފެދުނީ ގަލޮޅުގޭ ޢަލިދޮށިމޭނާ ކިލެގެފާނު ވަކަރުވިއްކާ ގޭގައި، މަގުމައްޗަށް ދޫވެފައިތިބޭ އެކަނިވެރި ކުދީން ނިދަންފެށުނު ހިސާބުންނެވެ. އެވަކަރުގެއަކީ، ނާދިއްތަމައްދުނު، މިހާރު ކީރިތި ޤުރުއާނާ ބެހޭ މަރްކަޒު އެހުރި ތަނުގައި ހުންނަ ލަކުޑިވިއްކާ ލަކުޑި ހަރުގެއެކެވެ. އަވަށު މައިޒާންތައްވެސް އެފަދަ ކުދީން ނިދަން ބޭނުން ކުރެއެވެ.

މީލާދީން 1957 ވަނަ އަހަރު ވެލާނާގޭ އިބްރާހިމް ނާސިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމުން ވަކަރުގޭ ކުދީންގެ ނަމުން މަޝްހޫރު ވެފައިތިބޭ ކުދީން (އުނގަންނައިދީ، މަސައްކަތްތެރިކަން ދަސްކޮށްދޭން) ގެންދިޔައީ މާލެއަތޮޅު ކާށިދޫއަށެވެ. މާލެއަތޮޅު މާފުށީގައި "ކުޑަކުދީންގެ އިޞްލާޙިއްޔާ" ޤާއިމުކޮށް އެތަނަށް އެކުދީން ބަދަލުކުރެއްވީ ނޮވެމްބަރ 10، 1979 ގައެވެ. އެތާރީޚުގައި އެތަން ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބްދުލްޤައްޔޫމެވެ.

ހުވަދުއަތޮޅު ހަވަރުތިނަދޫން މީހުން ބާލުއްވައި އެރަށް ފަޅުކުރެއްވުމުން ޙަސަންފުތުގެ ޢާއިލާ ހިޖްރަކުރީ އެއަތޮޅު ކޮލަމާފުއްޓަށެވެ.  ހަވަރުތިނަދޫން މީހުން ބޭލުއްވުމުގެ ކުރީން ޙަސަންފުތުގެ ބައްޕައާއި، ބޭބެ ނިޔާވެއްޖެއެވެ. ހަސަންފުތުގެ މާލެއަށް ހިޖްރަކުރީ ދެވަނަފަހަރަށް ހަވަރުތިނަދޫގައި މީހުން އާބާދުކުރުމުން އެރަށްގޮސް އެރަށުގައި އަހަރުތަކެއް ވަންދެން ދިރިއުޅުމަށްފަހުއެވެ. ހަވަރުތިނަދޫގައި އުޅުނު ދުވަސްވަރު ގިނައިން ކައިބޮއިއުޅެނީ މޫސަބެއްޔަގެ (ގުލްދަސްތާގެ) ގެއިންނެވެ. ހަސަންފުތަކީ، ހުވަދުއަތޮޅު ހަވަރުތިނަދުއަށް އުފަން މީހެކެވެ. މަންމައަކީ އެރަށު ކައިދާދިޔެއެވެ.

މީލާދީން 2005 ވަނަ އަހަރު ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ވަޒީފާއަށް އަޅުގަނޑުދިޔައިރު، ހަސަންފުތު ހުރީ އެތަނުގައެވެ. އޭނާގެ ވާހަކަ އޭނާ ކިޔައިދިނެވެ. މަންމައަކީ ހަވަރުތިނަދޫ މީހެކެވެ. މަންމައާއި އެއްބަނޑުމީހުން ކޮލަމާފުށީގައިވެސް ތިބެއެވެ. ބައެއްމީހުންނަކީ، ޝަފީޤާއި، ޝަފީޤުއެވެ. އެމީހުން މިހާރަކު ނޭނގެއެވެ. މ.ބާރަނާގޭ ވަޙީދާއި މ.ސްލިޕްވޭ މީހުންނަކީވެސް ތިމާގެމީހުން ކަމަށް އޭނާ ބުނެއެވެ.

ހަސަންފުތު ރުޅިއަތުވެދާނެހެން ހީވާތީ، ވަރަށް ދުރުދުރުން ފަށައިގެން "ގޮޅާބޯ" ކިޔަނީ ކީއްވެގެންހޭ އަހާލުމުން ހިނިއަސްފައި އިނދެ ބުނީ، އެކަންވީގޮތަކީ، ކުޑައިރު ބޭބެ އަލިފާންގަނޑަކަށް ވެއްޓި ބޯ ވަރަށްބޮޑަށް ފިހި، ފަހުން ބޯ ހުންނަނީ މުށިކުލާއާއި ހުދުކުލައިގައެވެ. އިސްތަށި ނުފަޅައެވެ. އެހެންވެ، ހަވަރުތިނަދޫ މީހުން ބޭބެއަށް ކިޔާ ނަމަކީ، "ދައިގެބަތެބޮލާ" އެވެ. އެގޮތަށް ކިޔަނީ، ދައިގެބަތުގެ (ވާބަތުގެ) ކުލައިގައި ބޯހުންނާތީއެވެ.

ބޭބެ މަރުވުމުން ހަވަރުތިނަދޫ ޗާންދު މުޙައްމަދު ރަޝާދު (ނާއިބު ރަޝާދު) "ދައިގެބަތެބޮލާއޭ" ސަމާސާއަށް ކިޔުއްވަންފެއްޓެވީ އަޅުގަނޑަށެވެ. ހަމައެއާއެކު އޭގެފަހުން އެރަށު މީހުންވެސް އަޅުގަނޑާ ދިމާއަށް އެނަން ކިޔަން ފެއްޓީއެވެ. ޢާއްމުކޮށް އެގޮތަށް ކިޔަން ފެށުމުން އެކަމާ ވަރަށްބޮޑަށް ރުޅިއައިސް "ގޮޅާބޯ" އަދި މިނޫންވެސް އަވަގުރާނަ ގޮވައި ހަޑިހުތުރުބަހުން ރައްދުދީ އެހެން ކިޔާ މީސްމީހުންނާ ދިމާއަށް ގާއުކައި، ހުސްފަޔާ ފަހަތުން ދުވެ ދުލަށްއައިހާ ހުތުރުއެއްޗެއް ގޮވަން ފެއްޓީއެވެ. ފަހުން މާލެއަށް އައުމުން، މާލޭ މަގުމަތީގައި އުޅޭ މީހުންވެސް "ދައިގެބޯ" "ގޮޅާބޯ" އޭ، ގޮވަން ފެށީއެވެ. ހީވާގޮތުން މާލޭ މަގުމައްޗަށް އެނަން ތަޢާރަފުކުރީ ހަވަރުތިނަދޫ މީހުންނެވެ. މާލޭ މަގުމަތީގައި މިގޮތަށް އުޅެންފެށުމުން، ފަހުން އަޅުގަނޑު ފޮނުވީ ގުރައިދޫ މަރުކަޒަށެވެ. މިހާރު މިތަނަށް ހައެއްކަ ފަހަރަށް ފޮނުވައިފިއެވެ.

ދެވަނަފަހަރަށް އަޅުގަނޑާއި، ޙަސަން ފުތު ބައްދަލުވީ މާލެއިންނެވެ. އޭރު އޭނާ އޭރުހުރީ ދޫކޮށްލާފައެވެ. އަޅުގަނޑު މަސައްކަތްކުރަނީ ވެލްފެއަރގައި މާލޭގައެވެ. އޭގެފަހުން އެހެން ދުވަހެއްގައި ޙަސަންފުތު ވެލްފެއަރއަށް އައިސް އަޅުގަނޑުގާތު ބުނީ، އޭނާ ގުރައިދޫ މަރުކަޒަށް ފޮނުވާދޭށެވެ. އެތަނަށް ދާން ބޭނުންވަނީ ކީއްވެހޭ އަހާލުމުން ބުނީ، ވަހީދުވެސް ވަރަށް ހެޔޮކަމަށާއި، ނަމަވެސް އަބަދު ގޭގައި ނޯވެވޭނެ ނޫންހޭ؟ މަގުމައްޗަށް ނިކުތީމާ ފެންނަހާ ބަޔަކު "ގޮޅާބޯ" "ދައިގެބޯ" އޭ ގޮވައި، ދިމާކުރަނީ ކަމަށާއި، ދެން ރުޅިގަދަވެ، މާލޭ މަގުމަތީގައި ކުރީގެގޮތަށް ދުވެއުޅެނީ ކަމަށާއި،  މިހާރު ޢުމުންވެސް ވަރަށް ދުވަސްވެއްޖެޔޭ، މިގޮތަށް ހަޅޭއްލަވަމުން އުޅޭހާވަރެއް ގަޔަކުވެސްނެތޭ، މަރުކަޒުގައި ހުންނައިރު ވަރަށްފަސޭހައޭ، އެތަން ވަރަށްރަނގަޅޭ، އެހެންވެ ދާން ބޭނުންވަނީ ކަމަށެވެ. އެފަހަރު (2007 ގައި) މަރުކަޒަށް ފޮނުވީ އޭނާ އެދިގެންނެވެ. 2010 ވަނަ އަހަރު (ދެވަނަފަހަރު) ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އަޅުގަނޑު ދިޔައިރު އަލްމަރުޙޫމް ޙަސަންފުތު ހުރީ އެތަނުގައެވެ. އޭނާއަށް މާތްﷲ ރަޙުމަތްލައްވާށި!

ގޮޅާބޮލާ، ގޮޅާއުނބު، ގޮޅާދާނި، އެއީ ހުވަދުއަތޮޅު މީހުން ޢާއްމުކޮށް ބޭނުންކުރާ ނަންނަމެވެ. އަބަދުވެސް މީހަކު އެކައްޗެއް ކިޔާނަމަ، އެމީހަކާ ދިމާއަށް "ދައިގެބޯ" "ގޮޅާބޯ" ކިއުމަކީ، ހަވަރުތިނަދޫ މީހުންގެ މެދުގައި ވަރަށްޢާއްމު ކަމެކެވެ. އަދި ހަމަ އެހެންމެ މީހެއްގެ އަގުވައްޓާލައި، ދެރަކޮށް، އެމީހާ ނިކަމެތިކޮށްލަން ބޭނުންވިއަސް އެމީހަކާ ދިމާއަށް މިޖުމްލަ ބޭނުންކުރެއެވެ. މިހެންވެފައިވަނިކޮށް، މީލާދީން 2000 ގެ އަހަރުތަކުގައި ރާއްޖޭގެ މަސްރަޙަށް ގެނައި ސިޔާސީ ހަލަބޮލިކަމުގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ގދ.ތިނަދޫއަށް ވަޑައިގެން ތަރައްޤީގެ ބައެއް މަޝްރޫޢުތައް އިޢުލާން ކުރެއްވުމުން، ތިއީ "ގޮޅާބޯ"އޭ، އަބަދުވެސްކިޔާނީ އެކައްޗެކޭ، އެއްކަމެއްވެސް ނުކުރެވޭނެޔޭ، މިއަދާހަމަޔަށްވެސް އެއްވެސްކަމެއް ނުކުރެޔޭ، ކިޔައި މިޖުމްލަ (ގޮޅާބޯ) ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކުރީ އެރަށު މީހުންނެވެ. މިޖުމްލަ ފުރަތަމަ ބޭނުންކުރީވެސް އަޅުގަނޑުގެ ވަރަށްގާތް މީހެކެވެ. ކޮންމެއަކަސް ހަމައެއާއެކު، އޭރުގެ ސަރުކާރުގެ އިސްވެރީންނާއި، ސަލާމަތީ ބާރުތަކަށްވެސް މިޖުމްލަ ރައްދުކޮށް އެގޮތަށްގޮވައި ހަޅޭއްލަވަން ފެއްޓީއެވެ.

ޙަސަންފުތޭ ގޮވާލުމުން، ހިނިއައިސް އޯއިއެކޭ ބުނެ ޖަވާބުދޭ ހަސަން މުޙައްމަދު މަރުކަޒުގެ ބެލުމުގެދަށުގައު ހުއްޓާ މަރުވީ 18/4/2008މ. އަހަރުއެވެ. އޭނާގެ ދަރިން ނުތިބެއެވެ. ހަސަންފުތާމެދު އެގޮތަށް ކަންކަން ދިމާވުމުގައި މުޖުތަމަޢުގެ ދަވްރެއް އޮތްކަމަށް އަޅުގަނޑުދެކެމެވެ. (ނިމުނީ)
         --------------------------------

ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި