ދި އެފްއެމް ޕްލަސްގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަށް މަރުޙަބާ ދެންނެވުން




ދި އެފްއެމް ޕްލަސްގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އިބްރާހިމް މަނިކަށް މަރުޙަބާއާއި ތަހުނިޔާ ފަށްފަށްކުރުމަށް މިފުރުޞަތުގެ ބޭނުންކުރަމެވެ. އަދި މިހެންމެ، ގާނޫނާއި ގަވާއިދާއި ގައިޑްލައިނާއި ބްރޯޑްކާސްޓް ކޯޑް އޮފް ޕްރެކްޓިސްއާއި ޚިލާފުނުވާ ގޮތަށް އެޑިޓޯރިއަލް ޕޮލިސީ އަށް ދި އެފްއެމް ޕްލަސްގެ މުވައްޒަފުންނާއި އެތަނުގައި ބޭނުންކުރާ ކުދިބޮޑު އެންމެހައި ސާމާނުތައް އަހުލުވެރިކޮށް އެކަންކަން ނަގަހައްޓައި ދަމަހައްޓަން އައު ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) ތިޔަފެއްޓެވި މަސައްކަތްޕުޅަށް ތަޢުރީފުކޮށް ހިތްވަރުދީ ސާބަސް ދަންނަވަމެވެ.

އައު ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އެންމެބޮޑަށް ސަމާލްކަން ދެއްވަންވީ ބައެއްކަންކަން ދަންނަވައިލުމަކީ އެންމެރަނގަޅު ކަމެއްކަމަށް ފެންނާތީ ދަންނަވަމެވެ. ދި އެފްއެމް ޕްލަސްގައި ބޭނުންކުރާ މޫވީކެމެރާތަކާއި އަދި އާދައިގެ ކެމެރާތަކުން ނަގާ ފޮޓޯތައް ނެގެނީ ރަނގަޅަށްތޯ ނޫނީ އެކޮޅުކޮޅުންތޯ އަރިއަކަށްތޯ މިކަންކަން ވަރަށްބޮޑަށް ބަލައި ޗެކްކޮށް މޮނިޓަރކުރުމަށް އެތަކެތީގެ ބޭނުންކުރާ މުވައްޒަފުންނަށް އަންގަވައިދެއްވުން ކީއްތޯއެވެ.


މިހެންދަންނަވައިލީ ޑިމޮކްރަސީގެ ނުހަނު ޅަފަތުގައި އޮތް ދިވެހިރާއްޖެ ހަރުވެ ދޮންވެ މުޅިން ފައްކާވަންދެން ރާއްޖެއަށްގެންނަ މޫވީކެމެރާތަކާއި އާދައިގެ ކެމެރާތަކުގައި ޓެކްނިކަލް މައްސަލައެއް ހުރުމަކީ ވެދާނެކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީއެވެ. މިކަން އަޅުގަނޑަށް ގަބޫލުކުރެވުނު އެންމެބޮޑު ސަބަބަކީ ދި އެފްއެމް ޕްލަސްގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) ކަން އިބްރާހިމް މަނިކަށް ދެއްވި ޚަބަރު އަޅުގަނޑު އެހި ޓީވީއިން އިބްރާހީމް މަނިކު އަޅުގަނޑު ދުށީވެސް ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިބްރާހީމް މަނިކުމެން އެކޮޅުކޮޅުން ފެންނަ ފޮޓޯއަކުންކަމަށްވާތީއެވެ.

އަދި ދަންނަވަމެވެ. ދި އެފްއެމް ޕްލަސްއިން ފޮނުވާ ޕްރޮގްރާމެއްގައި ޓެކްނިކަލް މައްސަލައެއްގައި ފޮޓޯއެއް އެކޮޅުކޮޅުން ޖެހުން ފަދަ ކަމެއް ދިމާވެ އެކަމެއް ޓީވީއިން ފެނިއްޖެނަމަ އެފެނުނު ބަޔަކު ލަސްނުކޮށް ޓީވީ އެކޮޅުކޮޅުން ޖެހުމަށްވެސް ދި އެފްއެމް ޕްލަސްއިން ޚާއްޞަ އެނައުންސްމަންޓެއް ދޭތެރެދުރުކުރާ އުޞޫލުން ތިންއިރު ކާ ބޭހެންހެން ފޮނުއްވައިދެއްވުމަކީ ދިރޭތަކެތީގެ ނަސްލު ދަމަހައްޓައި ނަގަހައްޓައި އެތަކެތީގެ ވެށީގެ ދުޅަހެޔޮކަމަށް ނުހަނު ބޭނުންތެރިކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. ޚާއްޞަކޮށް ދިރޭ ތަކެތީގެތެރެއިންވެސް އެތަކެތީގެ މަސްކެއުން ހުއްދަ ކުކުޅުހާލުގެ ފޮޓޯއެވެ. މަޢުލޫމާތު ލިބޭގޮތުގައި ކަތިނުލައި ދިރި ދުނިޔޭގައިވާ ކުކުޅުހާލުގެ ފޮޓޯތައް އެކޮޅުކޮޅުން ޓީވީތަކުން ފެނުމަކީ އެތަކެތީގެ ނޭވާލާ ނިޒާމާއި ހަޖަމްކުރުމުގެ ނިޒާމަށް ނުހަނު ބޮޑެތި ގެއްލުންވާ ކަމެކެވެ.

ވީމާ ކުރިންވެސް ދެންނެވިގޮތަށް އެކޮޅުން ފެންނަ ފޮޓޯތައް ރަނގަޅަށް ބެލުމަށްޓަކައި އެފޮޓޯއެއް ފެނުނު ބަޔަކު  ލަސްނުކޮށް ޓީވީ އެކޮޅުކޮޅުން ޖެހުމަށްވެސް ދި އެފްއެމް ޕްލަސްއިން ޚާއްޞަ އެނައުންސްމަންޓެއް ދޭތެރެދުރުކުރާ އުޞޫލުން ތިންއިރު ކާ ބޭހެންހެން ފޮނުއްވައިދެއްވުން އެދެމެވެ. އަދި މިއެނައުންސްމަންޓްގައި ޓިވީތަކުން އެކޮޅުކޮޅުން ފެންނަންހުންނަ ފޮޓޯތައް ރަނގަޅަށް ރީއްޗަށްފެންނާނީ ޓީވީ އެކޮޅުކޮޅުން ޖެހުމުންކަމަށް ކަމާބެހޭ ޓެކްނީޝަނުން ހުއްޓުމެއްނެތި ތާއަބަދު ފަތުވާދެއްވާ ވާހަކަވެސް ހިމެނުއްވުން އެދެމެވެ. މިދެންނެވި ފަދަ އެކޮޅުކޮޅުން ހުންނަ ފޮޓޯއާއި އެކަން ޙައްލުވާނޭ ބައެއް މިސާލުގޮތްތައް މިލިޔުމުގައިހިމަނާފައިވާނެއެވެ.

ޓެކްނިކަލް މައްސަލަ ޖެހޭ ފޮޓޯ (A)














ޓެކްނިކަލް މައްސަލަ ޙައްލުކުރެވޭ ފޮޓޯ(A)














ޓެކްނިކަލް މައްސަލަ ޖެހޭ ފޮޓޯ (B)














ޓެކްނިކަލް މައްސަލަ ޙައްލުކުރެވޭ ފޮޓޯ(B)














ނިންމާލަމުންވެސް ދި އެފްއެމް ޕްލަސްގެ އައު ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އިބްރާހިމް މަނިކަށް މަރުޙަބާއާއި ތަހުނިޔާ ފަށްފަށްކުރުމަށް މިފުރުޞަތުގެ ބޭނުންކުރަމެވެ.
                 --------------------
ލިޔުއްވީ: އިބްރާހީމް އާދަމް
15 އޯގަސްޓް 2014މ.