ގދ. ތިނަދޫގައި
ދެވަނަފަހަރަށް މީހުން ވަޒަންވެރިވުމާއި ގުޅިގެން ތިނަދޫގައި ޢިމާރާތްކުރި ގދ.
އަތޮޅުއޮފީސް ހިންގި ޢިމާރާތުގައި 08 ފެބްރުއަރީ 2013މ. ގައި ބަޔަކު
އަލިފާންރޯކޮށް މުޅި ޢިމާރާތް އެކީ އަނދައިގެންދިޔައިރު ވެސް އެޢިމާރާތުގެ
އެތެރޭގައިވާ ޓޫޓޫ ނައަނދައި ސަލާމަތްވިއެވެ. އެހެންވީ ޓޫޓޫ އޮތީ އެޢިމާރާތުގައިވާ
ތިޖޫރީއެއްގެ ތެރޭ ކަމަށްވާތީއެވެ.
ގދ.
އަތޮޅުއޮފީސް ހިންގި ޢިމާރާތް އަލިފާނުން އަނދައިގެންދިޔައިރު ޓޫޓޫވެސް އަނދައި
ހުލިވީކަމަށް ހީކޮށްތިއްބާ ޓޫޓޫ ސަލާމަތްވީކަން އެނގުނީ އޭގެ ދެ އަހަރާއި
އެތައްދުވަހެއްގެ ފަހުންނެވެ.
މިލިޔުމުގައި ބަޔާންކޮށްފައިވާ ޓޫޓޫއަކީ ރާއްޖޭގެ ވަރަށްގިނަ ބަޔަކަށް އެނގި
މަޝްހޫރުވެފައިވާ މޭޖަރ ޖެނެރަލް (ރިޓަޔަޑް) މުޙައްމަދު ޒާހިރު ނުވަތަ ޓޫޓޫ ޒާހިރު
ނޫނެވެ. އެމަނިކުފާނު ނޫނަސް ޓޫޓޫ ކިޔާ އެހެންމީހަކު ނޫނީ އެހެން އެއްޗެއްވެސް ވެދާނެ
ނޫންތޯއެވެ. އެހެނީ މިލިޔުމުގައި ބަޔާންކުރާ ޓޫޓޫއަކީ ގދ. އަތޮޅުއޮފީހުގެ
ވީއެޗްއެފް ކޯލްސައިން ކުރުކޮށް ބޭނުންކުރާ ޓޫޓޫ (8QQ22) ނިސްބަތްކުރެވޭ ގދ.
އަތޮޅުއޮފީހުގެ ވީއެޗްއެފް ޓްރާންސްމިޓިންގ ސްޓޭޝަންގެ ލައިސަންސް އެވެ.
އަލިފާނުން އެކީ އަނދާފައިވާ ގދ. އަތޮޅުއޮފީސް ހިންގި ޢިމާރާތުގެ
ގާކުނޑިތަކާއި އެތާނގައިވާ އެހެނިހެން އެއްޗެތި އެތަނުން ބޭރުކޮށް އެބިން
ހުސްކުރުމުގެ މަސައްކަތްކުރަމުންދިޔަ އިރު 06 އޯގަސްޓް 2014މ. ދުވަހުގެ ހަވީރުގެ
ވަގުތެއްގައި އެތަނުން ބޭރު އަނދައި ދަބަރު ޖަހާފައިވާ ދަގަނޑު ފޮށިގަނޑެއް ކަހަލަ
އެއްޗެއްގައި އެމަސައްކަތްކުރަމުންދިޔަ ހައިމާކުގެ ދަތްގަނޑު އެޅިގެން
އެފޮށިގަނޑެއްކަހަލަ އެތި އިރައިގެންދިޔައިރު އޭގެތެރޭ ހުރި ބައެއް އެއްޗެތީގެތެރޭ
އެއްކަލަ ކުރިންދެންނެވި ޓޫޓޫ ނައަނދައި ސަލާމަތުން އޮއްވައި ފެނުނު ނަމަވެސް
އަލިފާނުގެ ހޫނުކަން އެއަށްކޮށްފައިވާކަން އެނގެއެވެ. ބޭރު އަނދައި ދަބަރު
ޖަހާފައިވާ ދަގަނޑު ފޮށިގަނޑެއް ކަހަލަ މިއެއްޗަކީ ޙަގީގަތުގައި ގދ. އަތޮޅުއޮފީސް
ހިންގި ޢިމާރާތުގައި އަލިފާންރޯކޮށް އަންދާލިއިރު އެތާނގެތެރޭ އޭރުހުރި މުހިއްމު
ބައެއް ލިޔުންތަކާއި ތަކެތި ރައްކާކުރާ ތިޖޫރީއެކެވެ.
ގދ. އަތޮޅުއޮފީސް ހިންގި ޢިމާރާތުގެ އިރުމަތީފަރާތު މަގުން އަޅުގަނޑު
ދިޔައިރު ކަމާއިބެހޭ ބައެއް ބޭފުޅުން އެތާނގައި އުޅުއްވަމުން ގެންދެވީ ޓޫޓޫއާއި
ބައެއްތަކެތި ފެނިގެންނެވެ. ފެނުނު ބައެއްތަކެތީގެ ތެރޭ ޓޫޓޫ ފިޔަވައި
ބޭނުންކޮށްފައިވާ ޗެކްފޮތްތަކުގެ ބައިތަކާއި އަތޮޅުއޮފީހުގެ ފައިސާއާއި ބެހޭ
ބައެއް ފޮތްތަކާއި އަތޮޅުއޮފީހާއި އަތޮޅުގެ ބައެއް ރަށްރަށުގެ މުވާޞަލާތީ ސެޓްތަކުގެ
ރަޖިސްޓްރީތަކާއި އަތޮޅުއޮފީހާއި އަތޮޅުގޭގެ ގިނަ ޢަދަދެއްގެ ޑަބަލް ތަޅުދަނޑިތަކާއި
އަތޮޅުއޮފީހުގެ ބަޖެޓްއޮފިސަރ ބޭނުންކުރާ އެކްސްޓަރނަލް ހާރޑް ޑިސްކަކާއި މިކަހަލަ
އެއްޗެހިތަކެއް ހުރުމުން ބައެއް އެއްޗެތީގެ ފޮޓޯ އަޅުގަނޑު ނެގީމެވެ.
**********************
ގއ. އަދި ގދ.
އަތޮޅުގެ އަތޮޅުއޮފީސްތަކާއި އެދުވަސްވަރު އެއަތޮޅުތަކުގެ ރަށުއޮފީސްތަކުގެ
މުވައްޟަފުންނާއި އެދެއަތޮޅުގެ މަސްދޯނިފަހަރުގެ ކެޔޮޅުންނާއި ފަޅުވެރިންގެ ތެރޭ
މަޝްހޫރުވެފައިވާ "ޓޫޓޫ" އަކީ ގދ. އަތޮޅުއޮފީހުގެ ވީ.އެޗް.އެފް އަދި
ސީބީ(ވޯކީޓޯކީ) ގެ ކޯލްސައިންއެވެ.
----------------------
ޢަބުދުﷲ ޙިލްމީ
13 އޯގަސްޓް 2014މ.