އެންމެ ބާރުގަދަ އެއްޗަކީ "ކަޗޭ އޮޑީ" ގެ ދަންމާނު

މަލިކު "ގަނޑުވަރުގޯތި" މުޙައްމަދު މަނިކުފާނަކީ، ބޯޓުދަތުރުކުރައްވައި އުޅުއްވި ބޭފުޅެކެވެ. އެދުވަސްވަރަކީ، ހަމަރިޔާ އުވެމުން ކަތިރިޔާ ތަޢާރަފުވަމުންދިޔަ ދުވަސްވަރެވެ. ހަމަރިޔަލުގެ ވާވެލާވެއްޔާއި، ކަތިރިޔަރުގެ ވާވެލާވެލި ހާސްބައި ތަފާތެވެ. ހަމަރިޔަލުގައި ގާވިޔާ، ތުންމަތި، ޓަފަރު، އައްތެލި ބޭނުންކުރެއެވެ. ހަމަރިޔަލުގައި ރިޔަލުގެދެފަރާތުގައި ދެ ދަންމާނު ބޭނުންކުރެއެވެ.

 ނަމަވެސް ކަތިރިޔަލުގައި ބޭނުންކުރަނީ، ގޯސިއާ އާއި، ބޯދުރިޔަލާއި، ކޮޅުފަސްކޮޅު ރިޔަލާއި، ދިރުނބާކޮޅު ރިޔަލާއި އެންމެ ދަންމާނެކެވެ. ވުމާއެކު، ހަމަރިޔަލަށްވުރެ، ކަތިރިޔަލު އޮޑިފަހަރުގައި، އެންމެ ޒިންމާބޮޑު އެކަކީ، ހުންގާނުގައި ހިފާ މީހުން ނުވަތަ އޭބީންނެވެ. މުޙައްމަދު މަނިކުފާނަކީ އޭބީ އެއްގެ ވަޒީފާގައި އުޅުއްވި ބޭފުޅކެވެ. އޭނާއަކީ، ހަށިކޮޅުގައިވަރުހުރި، ތިރީހަށް އަހަރުގެ ޒުވާނެކެވެ. އެދުވަސްވަރަކީ، އެހާބޮޑަށް ހޭލުންތެރި ދުވަސްވަރެއްނޫނެވެ. ޚާއްޞަކޮށް، ބޭރުދުނިޔޭގައި ކަންކަން ހިނގާގޮތްތަކާއި، ކަނޑުމަތީގެ ޢާއްމުޙާލަތާއި، އޮޔާއި ވައިގެ ބާރުމިންވެސް ރާއްޖޭގެ މީހުން ނުދަނެއެވެ. ކޮންމެއަކަސް މަނިކުފާނު އެންމެ ފުރަތަމަ ރަށަށްވަޑައިގަތީ ވެސް، ރަށުން ފުރާވަޑައިގަތްތާ ފަނަރަވަރަކަށް އަހަރުގެ ފަހުންނެވެ. އަދި އޭނާ ރަށަށް ވަޑައިގަތީވެސް އާދަޔާ ޚިލާފަށް ނަލަހެދި، ގަންބޫޓު ޒާތުގެ ބޫޓަކަށް އަރައިވަޑައިގެންނެވެ. އަތްދިގު ގަމީހެއް ލައްވައިގެން، އަވިއައިނެއް ވެސް އަޅުއްވައިގެންނެވެ.

ރަށަށްވަޑައިގަތުމަށްފަހު މުޙައްމަދު މަނިކުފާނުގެ އެންމެބޮޑު އުފާފުޅެއްކަމަށް ހެއްދެވީ ބޭރުދުނިޔެއާއި، ކަނޑުމަތީގެ އެކިއެކި ޙާދިސާތަކުގެ ވާހަކަތައް ވިދާޅުވެދެއްވުމެވެ. ރެޑްސީ އަކީ، ރަތްކުލައި ކަނޑެއް ކަމަށާއި، ބްލެކްސީ އަކީ، ކަޅުކުލައިގެ ކަނޑެއް ކަމަށާއި، ކޭޕް އޮފް ގުޑް ހޯޕް، ސުއްކަތުރާކަނޑުގެ ވަރުގަދަކަމުގެ ވާހަކަތަކާއި މިހެންގޮސް އެތައް ވާހަކަފުޅުތަކެވެ. މިފަދަ ވާހަކަފުޅުތައް ދައްކަވަމުންގެންދެވި ދުވަސްވަރު، ރަށުގެމީހަކު މުޙައްމަދު މަނިކުފާނުގެ އަރިހުގައިދަންނަވަނީ ހަނދުމަފުޅުނުނެތޭ ކަހަލަ ޙާދިސާއެއް ހިނގާފައި އެބަ އޮތްތޯއެވެ. ޖަވާބުގައި މަނިކުފާނުވިދާޅުވީ އާނ އެބަ އޮތެވެ. އެއީ އަހަރެން ކަނޑަށްވެއްޓުނު ޙާދިސާއެއްގެ ވާހަކައެވެ.
މަނިކުފާނު އެވާހަކަފުޅު ވިދާޅުވަމުންގެންދެވިއެވެ. އެއްދުވަހަކު، ކޭޕް އޮފް ގުޑް ހޯޕުން ނިކުމެގެން ޔޫރަޕަށް ދަތުރުކުރަނިކޮށް ޖެހުނު ވަރަށްވަރުގަދަ ވިއްސާރަ ވިލާގަނޑެއްގެ ވަޔާއެކު، ދަންމާނު ދޫކުރަންއުޅެނިކޮށް ދަންމާނުތާށިވެ، އައި ރާޅެއްގައި އޮޑިން ނައްޓާލައިގެން ކަނޑަށް ދިޔައީއެވެ. އެވަގުތު ދަންމާނުގެ ބައެއްވެސް ކަނޑަށް ދޫވެގެން ދިޔައެވެ. އަހަރެންނަށް އޭގައި ހިފުނީތީ ސަލާމަތްވީއެވެ. އެވަރުންވެސް އެ ދަންމާނު ކަނޑައިގެން ނުދިޔައެވެ. ހެއްދެވި ތަކެތީގެ ތެރެއިން (ދުނިޔެމަތީން) އަހަރެންނަށް ފެނުނު އެންމެ ބާރުގަދަ އެއްޗަކީ "ކަޗޭއޮޑީގެ" ދަންމާނެވެ.

އާދެ! މިފަހަރު އަޅުގަނޑަށް މިވީވެސް އެކަހަލަ ގޮތެކެވެ. "ކަޗޭއޮޑީގެ" ދުވަސްވަރަށް ނުވާތީ ޚާއްޞަކޮށް އަގުމަގުކުރެވޭ ތަކެތީގެތެރެއިން މިހާރު އެންމެ ބާރުގަދަ އެންމެ އަގުބޮޑު އެއްޗަކީ ކޮބައިކަން އެނގުނީއެވެ. ނަމަވެސް، ދޭފަރާތުން ބުނިވަރެއްގެ އަގެއްދީ ގަތުމަށްފަހު، ދެތިންދުވަހެއްގެފަހުން ގަތް އެތިވެސް އަނބުރާ ދެއެވެ. ނަމަވެސް ފައިސާ ދޭކަށް ނުޖެހެއެވެ. ވުމާއެކު، އަބަދުވެސް އަތުގައި ގެންގުޅެންޖެހޭ، އެއާއި ނުލައި، ރަސްމީ ޚިދުމަތްތަކެއްވެސް ނުލިބޭ މިއެތި މިދުވަސްކޮޅު ގެއްލެނީ ނުވަތަ ގެއްލުވާލުމަކީ ނުވަތަ ވިއްކާލުމަކީ، އާދަކޮށް ހިނގާކަމެކެވެ. ޚާއްޞަކޮށް ޢުމުރުން ދުވަސްވެފައިވާ މައިންބައިފައިންނަށް އެނގުމާއި ނޭނގުމުގައިވެސް ބައެއް މީހުންގެދަރީން، އެކަން ކުރެއެވެ. މީގެދެތިން ހަފުތާއެއްހާދުވަސް ފަހުން ގިނަމީހުންނަށް އެކަމާއި ކުރިމަތިލާންޖެހުން އެއީ ދުރުކަމެއްނޫނެވެ. އަގުބޮޑު މުދާގަނޑެއް ރައްކާކުރާހެން ރައްކާނުކުރިއްޔާ ސަލާމަތެއްނެތެވެ. ދުވާލަކު އެއްފަހަރު އެ އޮތްތޯބަލައި ޔަގީން ނުކުރި ނަމައެވެ. ކަންކަން މިހެންހުރުމާއެކު، މުޙައްމަދު މަނިކުފާނަށްވެސް ޤަބޫލުފުޅު ކުރެއްވުނުގޮތަށް، އަޅުގަނޑަށްވެސް ޤަބޫލުކުރެވުނީ، މިހާރު އެންމެ ބާރުގަދަ އެއްޗަކީ "އައިޑެންޓިޓީ ކާރޑު" ކަމަށެވެ. ކަޗޭއޮޑީގެ ދަންމާނުކަހަލަ ދިގު ވާގނޑެއްފަދަ އެއްޗެއްލައްވައިގެން އަބަދު ކަރުގައި އޭތި އަޅުވައިގެންނޫނީ މިހާރަކު ސަލާމަތެއްނެތްކަމަށެވެ.
              --------------------------
ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި