މޭފެނު ކުދީން









އައްޑުއަތޮޅު ގަމާއި، އެއަތޮޅު މާމެންދޫން ސަތޭކަ ދިހަ އޭކަރުގެ ބިން (އެއްސައްތަ އަހަރަށް) އިނގިރޭސީންނަށް ކުށްޔަށް ދޭން (ދިވެހި ރައްޔިތުން ތަމްޡީލުކުރާ) ރައްޔިތުންގެ މަޖިލީހުން ބޭނުން ނުވުމުން އެއެއްބަސްވުން އުވާލައްވައި ތިރީސް އަހަރަށް ހިލޭ ދެއްވުމަކީ ވެސް ބަދަލު ދެއްވުމެކެވެ. އެކަން ކުރެއްވީ ދިވެހި ރައްޔިތުންނެވެ. ބޮޑުވަޒީރު އިބްރާހީމް ނާސިރެއް ނޫނެވެ.
 
ރާއްޖޭގެ އައްޑިހަ ފަހެއް އިންސައްތަ ރައްޔިތުންގެ އެދުމުގެ މަތީން ހުވަދުއަތޮޅު ހަވަރުތިނަދޫ ދިވެހިސަރުކާރުގެ ބާރުދަށަށްގެނައީ ދިވެހި ރައްޔިތުންނެވެ. ބޮޑުވަޒީރު އިބްރާހީމް ނާސިރެއް ނޫނެވެ. މިދެކަމުގައިވެސް އޭނާގެ މައްޗަށް ދަޢުވާއެއް ނުކުރެވޭނެއެވެ. މި ދެކަން ނުކުރައްވައިފިނަމަ، ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް މާތްﷲ ގަންދީ ކުރައްވާފައިވާ ހުވަޔާއި އެވެވުނީ، ޚިލާފެވެ. އެހާ ހިސާބުން މަޤާމު ގެއްލޭނެއެވެ.

ޢަބްދުﷲ ޤާޒީ ނިޒާމުގެ ތެރެއަށް ގެނައުމަށް 22 ރޭ ވަންދެން މެދުނުކެނޑި ދިވެހި ރައްޔިތުން އެދުމުން، އެކަން ކުރެއްވެން ނެތިގެން ރައީސް މުޙައްމަދު ނަޝީދު މަޤާމުން އިސްތިޢުފާ ދެއްވީއެވެ. އެމަނިކުފާނު ޚިޔާރު ކުރެއްވީ އެގޮތެވެ. ނަމަވެސް އެކަމަކީ ފަރުދީ ޙައްޤެއް ޤާނޫނުން ބޭރުން ނިގުޅައިގަތުން ކަމަށްވާތީ، އެފަރާތުން ބޭނުންފުޅުނަމަ، ބަދަލެއް ދެއްވަން ޖެހިވަޑައިގަތުން އެއީ މުޅީން ތަފާތު ކަމެކެވެ. އިސްތިޢުފާ ދެއްވި ސަބަބު ފަހުން ބަދަލު ކުރެއްވުމުން މަފްހޫމްވެސް ބަދަލުވި ބަދަލުވުމަކީވެސް މުޅީން އެހެން ކަމެކެވެ.

ކޮންމެ ޤަވްމެއްގެވެސް ބިމަކީ، އެޤަވްމެއްގެ ރައްޔިތުންގެ މިލްކެކެވެ. ބިމުގެ މިލްކުވެރިކަން ރައްޔިތުންގެ ކިބައިން ނިގުޅައެއް ނުގަނެވޭނެއެވެ. ރައްޔިތުންގެ ބިން ނުވަތަ ބިމުން ބައެއްވިއަސް އެހެން ފަރާތަކަށް ކުށްޔަށްދޭ އެއްބަސްވުމެއްގައި، އެޤަވްމެއްގެ ދޫސްތޫރީ މުއައްސަސާއެއްގައި އެކަމާއި ބެހޭ މުޢާމަލާތެއް ނުކުރެވޭނެ ކަމަށް ލިޔެފިނަމަ، އެއެއްބަސްވުން ވާނީ، އުފެދުމުގައިވެސް ބާޠިލު އެއްބަސް ވުމެއްކަމަށެވެ. އެއްބަސްވާ ދެފަރާތުންކުރެ ކޮންމެ ފަރާތަކުން އެއްބަސްވުން އުވާލަން ބޭނުންވިއަސް އެކަން ނުކުރެވޭ ގޮތަކަށް އެއްބަސް ވުމެއް އެކަށައަޅައިފިނަމަ އެއީވެސް ބާޠިލު އެއްބަސްވުމެކެވެ. ބަލަދުވެރި ފަރާތުން (މުއްދަތު ހަމަވުމުގެ ކުރިން) އެއްބަސްވުން ނިގުޅައި ގަންނަން ބޭނުންވެއްޖެ ނަމަ، އެއްބަސްބެފައިވާ ނުވަތަ އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެއެވެ. ބަލަދުވެރިކަމާއި (އެއްބަސްވި މުއްދަތަށް) ޙަވާލުވި ފަރާތުން (މުއްދަތު ހަމަވުމުގެ ކުރީން) ދޫކޮށްލަން ބޭނުންވެއްޖެނަމަ (ގެއްލުމެއް ވެފައިވާނަމަ، އެއްބަސްވެވޭ އެކަމެއްގެ ބަދަލާ އެކު) ދޫކޮށްލެވޭނެއެވެ. އެއްބަސްވުން އެކަށައަޅާފައި ހުންނަ ގޮތަކީ މިއީއެވެ. އެޤަވްމެއްގެ ދެ ރައްޔިތަކަށް އެޤަވްމެއްގައި ވަރިކައިވެނީގެ މުޢާމަލާއެއް ނުހިންގޭނެކަމަށް ބުނާ ޤާނޫނުވެސް ވާނީ ބާޠިލު ޤާނޫނަކަށެވެ.

މާލެއަތޮޅު ހުޅުލެއަކީ މީހުން ދިރިއުޅުނު ރަށެކެވެ. އެއާރ ޕޯރޓް ހެދުމަށްޓަކައި އެރަށް ހުސްކޮށް، އެރަށުގައި އޭރު ތިބި  އެރަށުގެ ވަޒަންވެރީންނަށް މާލެއިން ގޯތި ދެއްވީއެވެ. މާލެ އަތޮޅު ވިލިގިއްޔަކީ ކުރިން ރިސޯޓެކެވެ. މުއްދަތު ހަމަވުމުން އެރަށް ދިވެހި ސަރުކާރަށް ނެންގެވީއެވެ. މާލެ އަތޮޅު ފަރުކޮޅުފުނަދުއާއި މެދުވެސް ހަމަ މިމޭރުމުން އެވަނީ ޢަމަލުކޮށްފައެވެ. ރަށެއްގެ އާބާދީއަކީ، ދެހާހަށްވުރެ ގިނަ ރައްޔިތުންކަމަށް ވިއަސް އެމީހުންގެ ތެރެއިން ދިހަ މީހުން ނިކުމެ ކައުންސިލް އިދާރާ ބަންދުކުރާއިރު އެކަމާއި ދެކޮޅަށް ބަޔަކު ނިކުމެ އެކަން ކުރިއަނުދޭން މަސައްކަތް ނުކޮށްފިނަމަ، ބުނާނީ އެރަށުގެ ރައްޔިތުން ކައުންސިލް އިދާރާ ބަންދުކުރި ކަމަށެވެ. މިބީދައިން ރައްޔިތުންގެތެރެއިން ބަޔަކު ނިކުމެ އިޙްތިޖާޖުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ލިޔެކިއުމުން ދެންނެވުމުން، މާލޭ އިންޓަނޭޝަނަލް އެއާރޕޯރޓް ޖީއެމްއާރް ގެކިބައިން ވަކިނުކޮށްފިނަމަ، ހުވަޔާއި އެމަނިކުފާނު އެވީ ޚިލާފެވެ. އެއާރ ޕޯރޓް އަނބުރައި ލިބިގަތީ އެބިމުގެ މިލްކުވެރި ދިވެހި ރައްޔިތުންނެވެ. އެކަމަށް ދޭންޖެހޭ ބަދަލެއްވާނަމަ ބަދަލު ދޭންޖެހޭނީ ދަރަންޏަށް ޒިންމާވާ އެއާރޕޯރޓް ކުންފުނީންނެވެ. އެއީ ދިވެހިރައްޔިތުންގެ ލިމިޓެޑް ކުންފުންޏެކެވެ. ވޭތުވެދިޔަ ދެއަހަރު އެކުންޏަށް ލިބުނު ނަފާ އަކާއި ދެންވެސް ލިބޭ ނަފާއެއް އެހުރީ އަގު އަދާކުރުމަށް ބަހައްޓާފައެވެ. އެވަރުންވެސް ނުވެއްޖެނަމަ، ރައްޔިތުން އެކަންކުރާނެއެވެ. މިއީ މޭފެނު ކުދީންނެއް ނޫނެވެ. ނުވަތަ ދުނިޔެއަށް އުފަންވީތާ ހަތްދުވަސްނުވާ ކުދީންނެއް ނޫނެވެ.
              -----------------------------

ލިޔުއްވީ: "ގަލަންދޫ"
24 ޖޫން 2014މ.