
ދެބައޮޑުވުމުގެ ނަތީޖާއަކީ މުޅި މުޖުތަމަޢު ފިތުނައިގެ އަލިފާންގަނޑަކަށް ވައްޓާލުމެވެ. ކުޑަކުޑަ މުޖުތަމަޢެއްގެ ތެރޭގައި އުޅޭ މަދު މީސްކޮޅެއްގެ ތެރޭގައި ހިނގާނެ ކަންތައްތަކަކީ އެ މުޖުތަމަޢެއްގައި އުޅޭ އެންމެ ނަށްމެ ނޭނގި ނުހުންނާނެ ކަންކަމެކެވެ. އަދި ހަމަ އެފަދައިން ކަމެއްގެ ދޮގު ނުވަތަ ތެދު ވާހަކައެއް ނަމަވެސް ފަސޭހައިން ނުފެތުރި ނުދާނެކަން ކަށަވަރެވެ. ހަމަ މިފަދައިން އެވާހަކައެއް ރައްދުވާ ފަރާތް ނުވަތަ އެފަރާތެއްގެ މީހުންނަށް މިވާހަކަތައް އަޑު ނުއިވި ނުދާނެކަންވެސް އެންމެންމެ ރަނގަޅަށް ދަނެއެވެ.
ބުނެލެވޭ ކުޑަކުޑަ
އެއްޗަކުންވެސް މުޅި މުޖުތަމަޢު ފަސާދައިގެ ވަޅުގަނޑަކަށް ވެއްޓުން އެކަށީގެންވެއެވެ.
ހަމަ އެފަދައިން ބުނެލެވޭ ކުޑަކުޑަ އެއްޗަކުން މުޖުތަމަޢުގެ ފޭރާން ވަރުގަދަވެގެންވެސް
ގޮސްފާނެތެވެ. ހިތާމައަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުތެރޭގައި މީހެއްގެ
ނުވަތަ ބައެއްގެ އަބުރާއި ޢިއްޒަތް ނަގާލުމަށް ނުވަތަ ކުރަންއުޅޭ ކަމަކަށް ހުރަސްއެޅުމުގެ
ބޭނުމުގައި ނުވަތަ އެނޫންވެސް އަމިއްލަ އެދުމަކަށްޓަކައި ދޮގު ވާހަކަތަކާއި ވަހުމުން
ފުރިގެންވާ ފިތުނަވެރި އަޑުތައް މުޖުތަމަޢުގެ ފޭރާން ވަރުގަދަވާ ކަހަލަ ވާހަކަތަކަށްވުރެ
ގިނައިން ފެތުރުމެވެ.
ކޮންމެ މުޖުތަމަޢެއްގައިވެސް
ރަނގަޅު އާދަކާދަ އާއި ރަނގަޅު ނޫން އާދަކާދަތައްވެސް ހުންނާނެކަން އެއީ އެކަމަކަށް
އެއްވެސްމީހަކު ކަމަކަށްނުވާ ޖަދަލެއް ކުރުމަށް ނޫން ގޮތަކަށް އިންކާރުކުރެވޭނެ ކަމެއްނޫނެވެ.
އެގޮތުން ގިނަ ޙާލަތްތަކުގައި އެކުވެރިކަމާއި އެއްބައެއްވަންތަ "މީހުންކަން"
ދައްކުވާދޭ ދިވެހިންގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ ހިތްދަތިވާ އާދައަކީ
ދެބައޮޑުވުމާއި ދޮގު ވާހަކަ ފެތުރުމެވެ. ކަށަވަރެވެ. މިއީ އެންމެންގެ ވާހަކައެއް ނޫނެވެ.
މަދު ބައެއްގެ މިފަދަ ނޭއްގާނި ޢަމަލުތަކުން މުޅި މުޖުތަމަޢު ހަލާކުގެ ތެރެއަށް ވެއްޓެން
މެދުވެރިވާ ބައެއްގެ ވާހަކައެވެ. މުޅި ރާއްޖެ ތަޙައްމަލު ކުރާ އެންމެ ބޮޑު ފިކުރީ ބަލިމަޑުކަމަކީ
ދެބައޮޑުވުމޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ.
ގިނަ ފަހަރަށް މިފަދަ
ވާހަކަތައް ދެކެވިފައި ހުންނަނީ ގަސްތުގައި މީހަކަށް ދެރައެއް ދިނުމަށް ނުވަތަ އެމީހާގެ
އަބުރާއި ޢިއްޒަތް ނެތިކޮށްލާށެވެ. ނަމަވެސް ބައެއް ފަހަރު ނޭނގުމެއްގެ ތެރޭގައި ނުވަތަ
ޝައްކެއްގެ ތެރޭގައި ވެސް ދޮގުވާހަކައެއް ނުވަތަ އަޑެއް ފަތުރާލެވެއެވެ. އަދި ބައެއް
ޙާލަތުގައި މަޖަލަކަށްވެސް މިފަދަ ވާހަކަތައް ދައްކައި އެންމެފަހުން ހިތާމަވެރި ކަންތައްތައް
މެދުވެރިވާގޮތްވެސް ވެއެވެ.
ދެމަފިރިންގެ ދޭތެރެއިން
ފެށިގެން މުޅި އާޢިލާގެ ތެރޭގައި، އެއްބަނޑު އެއްބަފާ މީހުންނާއި މައިންބަފައިން ފެށިގެން
އަވަށު އެންމެންގެ ތެރޭގައި، ގޭދޮށުގައި ކުޅެން އުޅޭ ކުދިވެރިން ފެށިގެން އަނެއްގޯތި
ކުދިވެރިން ދޭތެރޭ، ރައްޓެހިންނާއި ލޯބިވެރިންގެ ދޭތެރޭގައި، އެއްރަށުން ފެށިގެން
އަނެއް ރަށާއި، މުޅި އަތޮޅުގައި، މަސައްކަތު މާޙައުލުން ފެށިގެން ޤަޢުމުގެ
ހިންގާ ބާރުތަކާއި އެހެނިހެން ދާއިރާ މެދުގައި، ފިތުނަވެރިކަމާއި، ނަފްރަތާއި، ރުޅިވެރިކަމާއި، ޙަސަދައާއި، ދެކޮޅުވެރިކަން
ފެންނަނީ ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުންޏަސް،
އަދި އެ ލޯވެސް އަނދިރި ނޫނިއްޔާ ފެންނާނެއޭ ބުނާހާ
ސާފުކޮށެވެ. މިއީ ހިތާމަ ހުރި އެހެނަސް އިއްޔެއްސުރެން ފެށިގެން މިއަދާ ހަމައަށް ފެންނަން
ހުރި ޙަޤީގަތެކެވެ. އަދި މާދަމާގެ މަންޒަރުގައި ބޮޑުކޮށް ފެންނާނޭ އަނދިރިގަނޑެއްގެ
އަޞްލެވެ.
ކޮންމެއަކަސް ދުލަކީ
ވަރަށް ނުރައްކާތެރި އެއްޗެކެވެ. އެއީ މިދުނިޔޭގައި ވާ އެންމެ ބިނާކުރުވަނިވި، އަދި ހަމަ އެހެންމެ
އެންމެ ފަނާކުރުވަނިވި، ހަތިޔާރެވެ. މިއަކަށް ދެބަސްވާނެ
ޖާގައެއް ނެތެވެ. އެހެނީ މިއީ މާތް ރަސޫލާގެ ޙަދީސް ތަކުންވެސް އެނގެން އޮންނަ ހަޤީގަތަކަށްވާތީއެވެ.
އަދި އެކަލޭގެފާނުގެ ރިޞާލަތުން މި ގުނަވަނުގެ ބޭނުން ހެޔޮގޮތުގައި ހިފާނެ ގޮތުގެ ނަސޭޙަތްތަކާއި
ފިލާވަޅުތައް ފެންނާންހުރި ކަމެކެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމާއި އިސްލާމީ އަޚްވަންތަކަމާއި
އެކުގައި އޭގެ ބޭނުން ކުރަންޖެހޭނޭ ކަމެކެވެ.
ނަމަވެސް ހިތާމައަކީ
އަޅުގަނޑުމެންގެ އަޤީދާގެ ބަލިކަށިކަމާއި ދުނިޔެވީ ބޭނުންތަކަށް ހުންނަ ވަޖިދައެއްގެ
ބޮޑުކަމުން ނުވަތަ ޝައިތާނާގެ ވަސްވާހަށް އަޅުގަނޑުމެންގެ ނަސްލު ވިއްކާލެވިފައި ހުންނަ
ބޮޑުކަމުން އަޅުގަނޑުމެންނަށް ދުލުގެ ބޭނުން ހެޔޮގޮތުގައި ނުހިފެވޭކަމެވެ. ބުނެވޭ ބައެއް
ލަފްޒު ނުވަތަ ޖުމްލަތަކުގެ ސަބަބުން މުޖުތަމަޢު ފިތުނަ ފަސާދައިގެ ތެރެއަށް ވެއްޓެން
ދިމާވާކަމެވެ. ދޭދޭމީހުންގެ މެދުގައާއި ދޭދޭ ޖަމާޢަތްތަކުގެ މެދުގައި ފިތުނައިގެ ހުޅުރޯވެ، މުޖުތަމަޢު އަނދާ
އަޅިއަށްވުމެވެ. މިފަދަ އަމަލުތަކުން އަޅުގަނޑުމެން ދުރުހެލިވެގެން މެނުވީ، މުޖުތަމަޢުގެ ހެވާއިލާބައަށް
ބޭނުންވާ އެއްވެސް މީހަކު ދެކޭން ބޭނުންވާނޭ އިޖްތިމާޢީ ކުރިއެރުމެއް ނުލިބޭނެކަން
ކަށަވަރެވެ.
ދެބައޮޑުވުމަކީ
ބަލިކަށި ފިކުރީ ބައްޔެއްކަމަށް އަޅުގަނޑު ސިފަކުރާ ސަބަބަކީ އެފަދަ ޢަމަލު ހިންގާ
މީހުންނަކީ އެމީހުންގެ ފިކުރުގެ ދުނިޔެވީ ބަޔާއި އާޚިރަތުގެ ބައި ހަމަހަމަނުވާ ބަޔަކަށްވާތީއެވެ.
އެއީ އެމީހުންނަކީ މާބޮޑަށް ދުނިޔެވީ ފިކުރުގެ މީހުންނަށް، ހަމައެކަނި މާއްދީ ބަޔަކަށް ވާތީއެވެ. މިބައްޔަކީ އެއަށް ވެކްސިނެއް
ނުވަތަ ބޭހެއް ނުވަތަ ފަންޑިތައެއްވެސް އޮތް ބައްޔެއްނޫނެވެ. މިކަމުގައި އޮތް އެންމެމޮޅު
ޙައްލަކީ އަޅުގަނޑުމެންގެ އަޤީދާ ވަރުގަދަކުރުމެވެ. އެކަކު އަނެކަކަށް ކުރާ އިޙްތިރާމް
އެއީ ތިމާއަށާއި އަނެކާއަށްވެސް ކިހާ މުހިންމު އެއްޗެއްކަން ދަތުމެވެ. ތިމާގެބުއްދި
ތަންދިން މިންވަރަކުން މުޖުތަމަޢުގައި ހުރި ބަލިމަޑު ކަންތައްތައް ތިމާގެ ޖަމާއަތަށާއި
އަންނަންއޮތް ޖީލަށްޓަކައި ރަނގަޅުކުރަން މަސައްކަތް ކުރުމެވެ.
ހަމަ އެފަދައިން ދެބައޮޑުވާ
މިހުންނަށް ހިތްވަރުދިނުމުގެ ބަދަލުގައި އެމީސްމީހުންނަށް ވިސްނައިދީ ރަނގަޅު ކުރުވުމެވެ.
އަދި އެފަދަ ދޮގު ވާހަކަތަކުގެ ޝިކާރައަކަށްވެފައި ތިބި މީހުންނަށް އިންޞާފުގެ ނަޒަރަކުން
ދެކިގެން އެކަމެއް ޙައްލުކުރުމެވެ. ރަނގަޅެވެ. ގެއްލިއްޖެ އަބުރަކީ އަނބުރައި ލިބޭނެ
އެއްޗެއްނޫނެވެ. ހަމަ އެހެންމެ އެއީ އެ ނެގި މީހަކަށްވެސް ދުވަހަކު ލިބޭނެ އެއްޗެއްނޫނެވެ.
މާތް ﷲ އަޅަމެންގެ މި ކުޑަކުޑަ މުޖުތަމަޢު ފިތުނައާއި ނަރަކައިގެ އަލިފާނުންވެސް ސަލާމަތް
ކުރައްވައިފާންދޭވެ. އާމީން.
-------------------------
ލިޔުއްވީ: ޙަސަން
ޢަބުދުﷲ