ވެރިކަން ލިބުމާއި ވެރިކަންކުރުން 3


ނޯޓް: މި ބަޔާނުގައި (ކުރުކުރުކޮށް) އަޅުގަނޑު ބަލާލާފައި މިވަނީ، ބަޔާނާއި ގުޅޭ އަރިމަތިންނެވެ.

ހިތްތަކުގެ ސިއްރުތައް މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ، ގަދަކީރިތިވަންތަ ﷲ އެވެ. އެހެން މީހުންނަށް އެނގޭނީ، ދުލުން ބޭރުކުރާ ޢިބާރާތްތަކެވެ. އިސްލާމީޝަރީޢަތް ކުރަނީ ވެސް ބޭރުފުށަށް ބަލައިގެންކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ.

މީލާދީން 1893 ން 1902 ށް ރަސްކަންކުރެއްވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (4 ވަނަ)ގިނަ ދުވަސްތަކެއް ވާންދެން ތަޚުތާއި ދުރުގައި (މިސްރުގައި) ހުންނެވުމުގެ ސަބަބުން އެރަދުންގެ ރަސްކަން ދިވެހިރައްޔިތުން ބަދަލުކުރުމާއި ގުޅިގެން އެކަން ހިނގިގޮތް ބައްލަވަން ރާއްޖެ ދުރުވި ވަފުދުގެ ބޭފުޅުން އެބުރި ކޮޅުބަށް ދުރުވެ، އެރަދުންނަށް ދެންނެވީ، މަނިކުފާނުގެ ޚިދުމަތް އެ ގައުމުގެ ރައްޔިތުންނަށް ލިބެމުންނުދާތާ ގިނަދުވަސްތަކެއްވެފައި ވާތީ، މަނިކުފާނު ތަޚުތުގައި އިންނެވުމަށް އެމީހުން މިހާރު ބޭނުންނޫން ކަމަށެވެ.

މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ) ވިދާޅުވީ، ތިމަން މަނިކުފާނު އެގައުމަށް ވަޑައިގެން ވެރިކަން ހޯއްދަވަން މަސައްކަތްޕުޅު ކުރައްވައިފިނަމަ، ރައްޔިތުންގެ ތެރެއިން ކޮންމެވެސް ބަޔަކަށް ހާނީއްކަވާނެތީވެ، ތިމަން މަނިކުފާނު އެކަން ނުކުރައްވާނެ ކަމަށެވެ. މިހެން ވިދާޅުވެ، އެނބުރި މިސްރަށް ވަޑައިގެން އަވަހާރަވަންދެން ހުންނެވީ މިސްރުގައެވެ. (ދިވެހިތާރީޚް) އާދެ! އެ މަނިކުފާނަށް ރަސްކަން ލިބިވަޑައިގަތަސް އަދި ލިބިވަޑައިނުތަސް އެ މަނިކުފާނު އެ ވިދާޅުވި ހާނީއްކަވާނެ ކަމާއިމެދު ކުޑަވެސް ޝައްކެއްނެތެވެ.

ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު ރަސްކަމަށް އިންތިޚާބުކުރެއްވުމުން، އިނގިރޭސީންގެ ކްލޯނިއަލް ގަވަރމަންޓުން އެކަން ގަބޫލުނުކުރެއްވީ، އެ މަނިކުފާނު ރަސްކަމަށް އިސްކޮށްފައިވަނީ، ދިވެހި ރާއްޖޭގެ ތަޚުތަށް ރަސްރަސްކަލުން އިސްކުރުމަށް ހަމަޖައްސާފައި އޮންނަ އުޞޫލުތަކާއި، ޚިލާފަށްކަމަށްވާތީއެވެ. "ކޮންމެއަކަސް ރަސްކަން ހޯއްދެވުމަށް އެ މަނިކުފާނު އުޅުއްވިކަމެއް އެނގޭކަށް ނެތެވެ."

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޤާނޫނު އަސާސީ ލިޔުއްވުމަށް ހުއްދަދެއްވީ، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) އެވެ. އެ ޤަރާރުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، މި ރާއްޖޭގެ އިހުގެ އާދަކާދަތަކުގެތެރެއިން މިހާރަށް ކަމުދާ ކަންކަން ހިމަނުއްވައިގެން، މި ރާއްޖެއިން ލިބެން ހުރި ވަސީލަތްތަކަށް ބައްލަވައިގެން މަގޭ އަޅުތަކުންނަށް ދަތިނުވާނެ ގޮތަކަށް މި ޤާނޫނު އަސާސީ އެކަށައަޅަނީ ކޮށު! މިފަދައިންނެވެ. (ދިވެހި ތާރީޚް)

އަޅުގަނޑަށް އެނގިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނު ވިދާޅުވީ، އަޅުގަނޑު ރަސްކަން ބޭނުންފުޅު ނޫކަމަށެވެ. އަޅުގަނޑުގެ އެއްފައި ހުންނާން ޖެހެނީ، ރާއްޖޭގައި ކަމަށާއި، އަނެއް ފައި ހުންނާންޖެހެނީ، ރާއްޖެއިން ބޭރުގައި ކަމަށެވެ.  ރަސްކަމުގެ އިންނަވައިގެން މިފަދަ ދަތުރުތަކެއް ނުކުރެއްވޭނެ ކަމަށެވެ. އެ ދުވަސްވަރަކީ، ދެވަނަ ބޮޑުހަނގުރާމައިގެ ނުރައްކާތެރި ދުވަސްވަރެވެ. އެ ކަމުގެ ނުރައްކާތެރިކަން އެ ދީދީ ލިޔުއްވި "ދިވެހި ރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި ފޮތުން އެނގިވަޑައިގަންނަވާނެއެވެ. ދިވެހިރާއްޖެ "ރަށްވެހިކަމުގެ ފަތިހަކަށް އަލިވިލުނީ" އަމީން ދީދީ، ސަރުކާރު ހިންގެވި ދުވަސްވަރުގައެވެ. އެފަދަ ފަތިހަކަށް "އަލިދަންމަތި" ކޮށްދެއްވީ އެ މަނިކުފާނެވެ.

ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނުގެ ދަރިކަލުން، މުޙައްމަދު ފަރީދު ރަސްކަމަށް އިންތިޚާބުކުރުމާއި ގުޅިގެން އޭނާއަށް، ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު ފޮނުއްވި ސިޓީފުޅެއްގައި ލިޔުއްވާފައިވަނީ، ދިވެހި ރައްޔިތުން ތިބީ ހަމައެކަނި މާލޭގައި ކަމަށް ނުބައްލަވާށެވެ. ރާއްޖެތެރޭގެ ރަށްރަށުގައި ވެސް ތިބީ ދިވެހިރައްޔިތުންކަމަށް ބައްލަވާށެވެ. (ފަތްތޫރަ)

އައްޑުއަތޮޅު ގަމާއި،އެއަތޮޅު މާމެންދޫން 110 އޭކަރުގެ ބިން 100 އަހަރަށް މަހަކު 2000 ޕައުންޑަށް ކުށްޔަށް ދެއްވުމަށް އެއްބަސްވެވަޑައިގެން ރަމްޒީ ސޮއެއް ކުރެއްވީ، އޭރު ހުންނެވި ބޮޑުވަޒީރު އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނެވެ. އޭރު ދިވެހީންގެ ތެރެއިން އެތައްބައެއް ވަނީ ގެއްލިފައެވެ. ދިރިތިބީންގެ ތެރެއިން ގިނަމީހުން ތިބީ ކަށްވަޅުގެ ތުންފަތްމަތީގައި ކަރުތާފެނުގައި ހައިހޫނުކަމާއި ހަނގުރާމަ ކޮށްކޮށެވެ. އެހެންކަމުން އިސްވެ ދަންނަވާފައި އެވާ ދެ ހާސް ޕައުންޑަށް، ޕާކިސްތާނުން ދިވެހިރާއްޖެއަށް ކާޑު އެތެރެކުރަން ފެއްޓުން ވެގެންދިޔައީ، ދިވެހީންނަށް ހިކިފަސްތަނެއްގެ މޭގަ ފެނުން ފަދަ ކަމަކަށެވެ.

ހެންވޭރު ވެލާނާގޭ އަލްފާޟިލް އިބްރާހިމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމާއެކު، ބޯރާއިންގެ އަތްމަތީގައި އޮތް ދިވެހީންގެ ވިޔަފާރި، ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އިނގިރޭސީންގެ އަތްމަތީގައި އޮތް ޚާރިޖީ ބާރުވެރިކަން ނިމުމަކަށް ގެންނަވައި، ދިވެހިރާއްޖެ އަކީ، ހަ ފަރާތުން ވެސް މިނިވަންކަން ލިބިފައިވާ ގައުމެއްކަމަށް ހެއްދެވިއެވެ. ދިވެހީންގެ އަމިއްލަ އެއާރޕޯރޓެއްގެ ޚިދުމަތް ފެއްޓެވީ ވެސް ބޮޑުވަޒީރު އިބްރާހީމް ނާސިރު އެވެ. ބޮޑުވަޒީރުކަމަށް ފަހު، ރައީސުލްޖުމްހޫރިއްޔާކަމުގެ (5 އަހަރުގެ) 2 ދައުރު ފުރިހަމަކުރެއްވުމަށް ފަހު، އެ މަނިކުފާނު އެ ކަމާއި ފޭއަށް ވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ ބުރުސޫރަ ވަނީ ޒަމާނީ ތަހްޒީބުގެ ތެރެއަށް މިސްރާބު ހިފާފައެވެ.

އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު ރައީސުލްޖުމްހޫރިއްޔާ ކަމުގެ (5އަހަރުގެ) 6 ދައުރު ނިންމަވާލެއްވި އިރު މުޅި ދުނިޔޭގެ ކުރިމަތީގައި މިރާއްޖެ އޮތީ "ބަވަނަ" ކުރައްވާފައެވެ. އަދި މީގެއިތުރަށް އެންމެހައި ދިވެހީންމެ ތިބީ އެ މީހުންގެ ދެ ފައިތިލަ މައްޗަށް ކޮއްޅަށް ތެދުވެ ހޭލަމޭލަވާން ދަސްކޮށްދެއްވާފައެވެ. ދިވެހި ފަސްގަނޑު ވަނީ، އިހުނަށްވުރެ ބޮޑުކުރައްވާފައެވެ.

ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމުގެ ފުރުސަތު، ގަލޮޅު ކެނެރީގޭ މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް އެ މަނިކުފާނު ވެސް ވަނީ، ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްފާޟިލް އިބްރާހީމް ނާސިރު، ސިންގަޕޫރުގައި އަވަހާރަވުމުން އެ މަނިކުފާނުގެ ޤަބުރުފުޅު މާލެ ގެންނަވައި މާލޭ ހުކުރު މިސްކިތު ޤަބުރުސްތާނުގައި ރަސްމީ ޢިއްޒަތުގައި ފަސްދާނު ލެއްވިއެވެ. މިކަމީ، ވަރަށްވެސް ތާރީޚީ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.

ގަލޮޅު ކެނެރީގޭ މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އިސްތިޢުފާ ދެއްވުމުން އެ މަޤާމާއި، ޙަވާލުވެވަޑައިގަތީ، އެ މަނިކުފާނުގެ ނާއިބަކަށް ހުންނެވި މައްޗަންގޮޅި ޔުރީކާ ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. 5 އަހަރުގެ ރިޔާސި ދައުރު ނިމުނުއިރު އެ މަނިކުފާނަށް ވެސް އަދާކުރެއްވުނީ، ދެ އަހަރާއި ދުވަސްކޮޅެއްގެ ދައުރެކެވެ. އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ބޭރާއި އެތެރޭގެ އެންމެގިނަ ފިއްތުންތަކާއި، ކުރިމަތިލައްވަން ޖެހިވަޑައިގަތް ރައީސަކީ އެ މަނިކުފާނު ކަމުގައި ދަންނަވަން ޖެހެ އެވެ.

މިހާރު މިއޮތް ޤާނޫނު އަސާސީގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ލިބުނު މިންވަރު އިޙުސާސްކުރަން އެންމެ ފަސޭހަވަނީ، އެ ޤާނޫނު އަސާސީގެ ދަށުން އުފެއްދެވި މުއައްސަސާ ތަކާއި، އެ ތަންތަނުގެ މުއައްޒަފުންނަށް ކަނޑައެޅުއްވި މުސާރައާއި، ޢިނާޔަތްތަކަށް ރިޢާޔަތް ކުރުމުންނެވެ. ހަމަ އެއާއެކު، އެ ނޫންވެސް މުސްތަޤިއްލު މުއައްސަސާ ތަކުގެ މުސާރައާއި، ޢިނާޔަތާއި، ރައްޔިތުންގެ މަޖިލީހުގެ ޢިތްތެރި މެމްބަރުންނާއި، ޑުޖިޝަރީ އާއި، ކައުންސިލް ތަކާއި، އެ ތަންތަނުގެ މުއައްޒަފުންގެ މުސާރަ އާއި، ޢިނާޔަތްތަކާއި (ޤާނޫނު އަސާސީ ދަށުން ނޫންކަމަށް ވިއަސް) ދެންވެސް އުފެއްދެވި ކޯޕަރޭޝަން ތަކުގެ މުއައްޒަފުންގެ މުސާރަ އާއި، ޢިނާޔަތްތަކަށް ރިޢާޔަތް ކުރުމުންނެވެ. މީހުން މަދު ނުވަތަ ގިނަކަމަށް ވިއަސް އެއިން ކަމަކަށް ބެއްލެވުމެއް ނެތި، ފޯރުކޮށްދޭން ޖެހޭ ޚިދުމަތް ތަކަށް ވިސްނާލުމުންނެވެ. ހަމަ އެއާއެކު، އިދާރީ އޮނިގަނޑުގައި ހިމެނޭ ބައެއް ތަންތަނަށް ދީފައިވާ ގެއްލުންތަކާއި، ބޮޑުބަނޑޭރިގެއިން ނެރޭ ލެތުންތަކަށް ބަލާލުމުންނެވެ. (ނުނިމޭ)
                ---------------------------

ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި
19 މޭ 2014މ.