ހުވަދު އަތޮޅުގެ ވިދުންގަދަ ޝަޚްޞިއްޔަތްތައް - ތިންވަނަބައި














ނ.ތ. ޙަސަން ދީދީ:
މީނާ އަށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ދެއްވީ 1958މ.ގަ އެވެ. 1959 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 26 (ހުކުރު) ދުވަހުގެ ރޭ ހަވަރުތިނަދޫގައި ބަޣާވާތްކޮށް އެރަށު މީހުން އޭނާ ގޭގައި ބަންދުކުރީ އެވެ. ބޮޑުވަޒީރު އިބްރާހިމް ނާޞިރު ހަވަރުތިނަދުވަށް ވަޑައިގެން އޭނާ ސަލާމަތްކުރެއްވީ 17 ޖުލައި 1959 ގަ އެވެ. 


ބޮޑުވަޒީރު ވަޑައިގެންނެވިއިރު އޭނާ އޮންނެވީ، ދެފައިންޕުޅުގައި ހިލިހިލާ އަޅުއްވައި، އެރަށު ގުދަނުގައި ބަންދުކޮށްފައެވެ. އެކަމުގެތެރޭގައި ގިނަގުނަ ހާނީއްކަތައް ލިބިވަޑައިގަތުގެ އިތުރަށް، ރޯމާދުވާލު މަގުމަތީގައި (ބަރަނާ ހާލުކޮޅުގައި) ދުވެވަޑައިގަތުމަށް ވެސް ޖެހިވަޑައިގަތެވެ. ބޮޑުހުވަދުއަތޮޅުގެ އަތޮޅުވެރިކަން އެންމެފަހުން ކުރެއްވީ ނ.ތޙަސަން ދީދީ އެވެ.  އޭގެފަހުން 1961 ގައި ހުވަދު އަތޮޅު ދެބައިކުރައްވައި ގއ. އަދި ގހ. އުފައްދަވައި ގ.އަތޮޅުގެ ހުޅަނގުބުރީގެ އަތޮޅުއޮފީސް ވަގުތީގޮތުން ހިންގެވުން ދެތިންބޭފުޅަކާއި ޙަވާލު ކުރެއްވިކަމަށްވިއަސް އަތޮޅުވެރިކަން ދެއްވީ ހ.ވައިޓްވިލާ ޢަލިކަލޭފާނު ކުޑަތުއް އަށެވެ. އޭނާ އެމަޤާމުގައި ހުންނަވަނިކޮށް ދެވަނަ ފަހަރަށް ޖޫން 16، 1961މ.ގައި ބަޣާވާތްކޮށް އެކަމުގެތެރޭގައި އޭނާއަށް ހާނީއްކަވުމާއި ގުޅިގެން އައްޑުއަތޮޅަށް ގެންދިޔައީ އެވެ. އޭގެ ފަހުން އަނެއްކާވެސް ކުރިން އަތޮޅު ދެބައިކުރެއްވި ރޮނގަށް ބަދަލުގެނެސް ގއ.ގދ. އަތޮޅު އުފެދުނީ، ފެބްރުއަރީ 7، 1962މ ގައެވެ.

ގައްދޫ ޙުސައިން މަނިކު:
ފެބްރުއަރީ 7. 1962 ގައި ގދ.އަތޮޅުގެ އަތޮޅުވެރިކަން މީނާއަށް ދެއްވީ ޒާތެއްގެ އިންތިޚާބެއް (އަނގަބަހުން ކަހަލަ ގޮތަށް) ބާއްވައި ގެންނެވެ. ނަމަވެސް އޭރު މުއްދަތެއް ކަނޑައެޅިފައި ނުވާތީ 1962 ން 1970 ށް އެމަޤާމުގައި ހުންނެވީ އޭނާއެވެ. ރަސްމީ އުޞޫލުން އިންތިޚާބު ބާއްވައިގެން ގދ.އަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމުގައި 1971 ން 1973 ށް ހުންނެވީ ހަވަރުތިނަދޫ މޫސާ ފަތުޙީ އެވެ. އެންމެ ގިނަވޯޓް ލިބޭ މީހަކަށް އޭރުވެސް މަޤާމު ޙަވާލު ކުރައްވަނީ ފަތަކުންނެވެ. ދުވަހު ނޫސް މޫންލައިޓް (ވޮލިމުން 9 ނަންބަރ 61) 9 ޖޫން 1973 ހޮނިހިރު ދުވަހުގެ އެންމެފަހު ޚަބަރު ގދ.އަތޮޅުވެރިކަން: ގދ.ހަވަރު ތިނަދޫ މާކޯނި ޢަބްދުއްޞަމަދު ޙުސައިނަށް، ހުވަދުއަތޮޅު ދެކުނުބުރީގެ އަތޮޅުވެރިކަމުގެ ފަތްކޮޅު މިއަދު 10:30 ގައި ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި އެވެ.

ފެބްރުވަރީ 4، 1962މ. އޮގަސްޓް 22، 1966މ. އަށް ހަވަރު ތިނަދުވަކީ ފަޅުރަށެކެވެ. އޭގެފަހުން ހަވަރުތިނަދޫގައި މީހުން އާބާދުކުރެއްވުމަށްފަހު، އަނެއްކާވެސް އަތޮޅުވެރިކން އެރަށަށް ބަދަލުކުރެއްވީ 1968މ. ވަނަ އަހަރު އެވެ. އެރު ވެސް އަތޮޅުވެރިއަކީ، ގައްދޫ ހުސައިން މަނިކެވެ. ނޯޓް: އަތޮޅުވެރިކަމުގެ ދަވްރަކީ 2 އަހަރު ކަމަށްވާތީ ޢަބްދުއްޞަމަދު ޙުސައިން މަޤާމާއި ޙަވާލުވާން ޖެހިވަޑައިގަންނަވާނީ 1 ޖެނުއަރީ 1973 ގައި ކަމަށްވިއަސް، އިންތިޚާބާއި ގުޅިގެން ހުށަހެޅުނު މައްސަ ލަތަކާއި ގުޅިގެން ފަތްކޮޅު ދެއްވުން ލަސްވީ އެވެ. ޢަބްދުއްޞަމަދު މަޤާމުން ވަކިކުރެއްވި ސަބަބު ކުރީގެ ބަޔާނެއްގައި ލިޔެފައިވާނެއެވެ.

ވޯޓުން ހޮވޭ ބޭފުޅަކަށް ފަތްކޮޅު ދެއްވުމުގެ މި ނިޒާމުގެ ދަށުން ގދ.އަތޮޅަށް އުފަން ބޭފުޅަކަށް އެންމެފަހަށް ފަތްކޮޅު ދެއްވި ބޭފުޅަކީ، ހަވަރުތިނަދޫ މާކޯނި އަލްފާޟިލް ޢަބްދުއްޞަމަދު ޙުސައިނު އެވެ. އޭގެފަހުން ދެން ބަދަލުވީ އިންތިޚާބީ އަތޮޅުވެރިކަމުގެ ނިޒާމަކަށެވެ. އެނިޒާމުގައި ހަމަޖެހިފައި އޮތީ، އެ މަޤާމަށް ބޭފުޅަކު ރައީސުލްޖުމް ޢައްޔަންކުރައްވާ ގޮތަށެވެ. އެގޮތަށް ހަމަޖެއްސެވީ 1975މ. ގަ އެވެ. އެ ނިޒާމުގެ ދަށުން ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ފުރަތަމަ ދެއްވިބޭފުޅަކީ މާލޭ އަލްފާޟިލް ކަރޯޅަތުއްތު އެވެ. ނޮވެމްބަރ 11، 2008 ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބްދުލްޤައްޔޫމުގެ ރައީސްކަން ނިމި އަދި އެނިޒާމު ބަދަލުވުމާއި ހަމަޔަށްވެސް ހުވަދު އަތޮޅަށް އުފަން އެއްވެސް ބޭފުޅަކު އެއަތޮޅުގައި ނުވަތަ ރާއްޖޭގެ އެހެން އަތޮޅެއްގައި ވެސް އަތޮޅުވެރިކަން ކުރައްވާފައެއް ނުވެ އެވެ. ނޮވެމްބަރ 11 2008 ގައި ފަހުން އަތޮޅުވެރީންގެ ބަދަލުގައި އަތޮޅުތަކަށް (ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު) ހަމަޖެއްސެވީ ކައުންސެލަރުންނެވެ. އެއަތޮޅުގެ ކައުންސެލަރުންގެ މަޤާމަށް އެންމެ ފުރަތަމަ ހަމަޖެއްސެވީ ގދ.ތިނަދޫ މިއުޒިކްހޯމް މުޙައްމަދު ނިޔާޒެވެ. އޭނާގެ ދެން ހަމަޖެއްސެވީ ގދ.ތިނަދޫ ހިންދޫސް މުޙައްމަދު ޙަސަން ދީދީ އެވެ. ރައްޔިތުން ވޯޓުލައިގެން ކައުންސެލަރުން އިންތިޚާބުކުރީ، ފެބްރުއަރީ 2011 ގަ އެވެ. އަތޮޅުކައުންސެލަރުކަމަށް ހޮވުނު 8 ބޭފުޅުންގެ ތެރެއިން ކައުންސިލުގެ ރައީސކަށް ހޮވުނީ ގައްދޫ މުޙައްމަދު ނިޒާމެވެ. ނާއިބުރައީސަކަށް ހޮވުނީ މަޑަވެލީ އަދުންގޭ ސާހިރު ޙަސަން އެވެ.

މީލާދީން 1975 ން 2008 ށް ގދ.އަތޮޅުގެ އަތޮޅުވެރިކަންކުރެއްވި ބައެއް ބޭފުޅުން
މާލޭ އަލްފާޟިލް ކަރޯޅަތުއްތު ހ.ކަރޯގެ. އިންތިޚާބީ އަތޮޅުވެރިކަމުގެ ސަބަބުން ރާއްޖޭ އަތޮޅުތައް ހަލަބޮލިވެ، އެ ނިޒާމު އުވާލެއްވުމަށްފަހު، ފަތްކޮޅު ދެއްވާފައި، އަތޮޅުތަކަށް އަތޮޅުވެރީން، ސަރުކާރުން ފޮނުވަން ފެއްޓެވީ، އިބްރާހިމް ނާޞިރުގެ ބޮޑުވަޒީރު ކަމުގަ އެވެ. އެގޮތުން ހުވަދު އަތޮޅު ދެކުނުބުރިއަށް ފަތްކޮޅު ދެއްވާފައި އެންމެ ފުރަތަމަ ފޮނުވީ މާލޭ އަލްފާޟިލް ކަރޯޅަތުއްތު އެވެ. އޭނާ އެ މަޤާމުގައި ހުންނެވީ، ވަރަށްކުޑަ ދުވަސްކޮޅަކަށެވެ. އިންތިޚާބީ އަތޮޅުވެރިކަމުގެ ނިޒާމުގެ ސަބަބުން ރަށްރަށުގައި އުފެދުނު ބައިބައި ވުންތަކުގައި، ހުވަދު އަތޮޅު ދެކުނުބުރީގައި އޭރު އުފެދިފައިވާ ދެބައިގެ މެދުގައިފިތި، ދެފަރާތުން ވެސް އޭނާގެ ޝަކުވާތައް ސަރުކާރަށް ހުށަހެޅުމުގެ ނަތީޖާއަކަށްވީ، ބަޣާވާތްކުރުމަށް މަގުފަހިކުރާ މީހެއްގެ ނަމުގައި ހައެއްކަ މަސްދުވަހަށްވުރެ ގިނަދުވަހު އެމަޤާމުގައި ދެމި ހުންނެވޭނެ ގޮތެއް ނުވެ، އޭނާ މާލެ ގެންގޮސް މަޤާމުން ދުރުކުރެއްވުމެވެ. އޭނާ އެމަޤާމުގައި ހުންނެވީ 1975 އާއި 1976 އާއިދެމެދު އެވެ. ކަރޯޅަތުއްތުގެ ފަހުން ދެން ފޮނުވީ މާލޭ އަލްފާޟިލް ފުއްލާ ޢަލީ ޙުސައިން އެވެ. އޭރުވެސް އަދި ހަލަބޮލިކަން މިލާކަށް ނުފަށާތީވެ، އޭނާއަށް ވެސް މާކަގިނަދުވަހަކު މަޤާމުގައި ހުންނެވޭނެ ގޮތެއް ނުވި އެވެ. އޭނާ އެ މަޤާމުގައި ހުންނެވީ 1976މ. ން 1977މ. އާއި ދެމެދު އެވެ. އަލްފާޟިލް ޢަބްދުލްޢަޒީޒް މުޙައްމަދު ގ.ގޮންގަލި (މީދޫ އަޒީ ދ.މީދޫ) އޭނާ އެ މަޤާމު ފުރުއްވީ 1977މ. ން 1978މ. އާ ދެމެދު އެވެ. އަލްއުސްތާޒް މައުމޫނު ޢަބްދުލްޤައްޔޫމުގެ ރިޔާސީ ދަވްރު (11/11/1978 ގައި) ފެއްޓެވި އިރު ހުންނެވީ އޭނާ އެވެ. މައުމޫނު ޢަބްދުލްޤައްޔޫމު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު، އަތޮޅުވެރިކަމުގެ މަޤާމު ދެއްވީ، މ.ސްޓާރލިންގ އަލްފާޟިލް އާދަމް ޙަލީމްއަށެވެ. އޭނާ އެ މަޤާމުގައި ހުންނެވީ 1978 ން 1981 އާއި ދެމެދު އެވެ. 

އޭނާގެ ފަހުން އެ މަޤާމު ދެއްވީ ގ.ކެތީރޯޒް އަލްފާޟިލް މުޙަންމަދު ޝަރީފް އަށެވެ. 1982 ވަނަ އަހަރު ޝިގެއްލާގެ ބަލިމަޑުކަން ފެށުނު އިރު ހުންނެވީ މުޙައްމަދު ޝަރީފު އެވެ. އޭނާ އެ މަޤާމުގައި ހުންނެވީ 1981މ. ން 1983މ. އާއި ދެމެދު އެވެ. މ.ރެޑްކޯސްޓް އަލްފާޟިލް ޙުސައިން މޫސާ 1983 ން 1990 އާއި ދެމެދު 2 ފަހަރު  އެމަޤާމު ފުރުއްވި އެވެ. 1978 ވަނަ އަހަރުގެ ފަހުން ފެށުނު ޢިމްރާނީ މަސައްކަތުގެ ތެރެއިން ތިނަދޫ ތަޢުލީމީ މަރުކަޒު ޤާއިމުކުރެއްވީ އޭނާގެ ފުރަތަމަ ދަވްރުގަ އެވެ. މ.ނިޔަމި އަލްފާޟިލް އަޙުމަދު ރަޝީދު 1984 ން 2005 އާއި ދެމެދު 3 ފަހަރު އެ މަޤާމު ފުރުއްވި އެވެ. އެނަމާބޯޓުގެ ޚާރިސާ ހިނގާފައިވަނީ، އަތޮޅުވެރިކަމުގެ މަޤާމުގައި 3 ވަނަ ފަހަރު އޭނާ ހުންނަވަނިކޮށެވެ. މާލޭ އަލްފާޟިލް ޚާލިދު މަނިކު އެ މަޤާމުގައި ހުންނެވީ 1985މ. ން 1990މ. އާ ދެމެދު އެވެ. މާލޭ އަލްފާޟިލް ޢަބުދުﷲ މުފީދު އެ މަޤާމު ފުރުއްވީ 1986 ން 1989 އާއި ދެމެދު އެވެ. މާލޭ އަލްފާޟިލް ލޯޖެހި ޢަލީ ވަޙީދު އެ މަޤާމު ފުރުއްވީ 1989ން 1991 އާއި ދެމެދު އެވެ. މާލޭ އިސްމާޢީލް ޝަފީގު އެ މަޤާމު ފުރއްވީ 1991މ. ން 1993މ. އާ ދެމެދު އެވެ. ފާދިއްޕޮޅު ނައިފަރު އަލްއުސްތާޛު އަޙުމަދު މުޙައްމަދު އެ މަޤާމު ފުރުއްވީ 1993މ. ން 1995މ. އާ ދެމެދު އެވެ. ލ.ދަނބިދޫ އަލްފާޟިލް ޙަސަން މޫސާ އެ މަޤާމު ފުރުއްވީ 1995މ. ން 1997މ. އާ ދެމެދު އެވެ. ބ.ހިތާދޫ އައްޝޭޚް ޝުޢައިބް ޔޫސުފް އެމަޤާމު ފުރުއްވީ 1998 ން 1999 އާއި ދެމެދު އެވެ. ހ.ކޮތަރިވިލާ އަލްފާޟިލް އަޙުމަދު މޫސާ 2000 ވަނަ އަހަރު އެވެ. ހއ.ހޯރަފުށީ އަލްފާޟިލް ޢަލީ ޝަރީފް އެ މަޤާމު ފުއްވީ 2001 ން 2007 އާއި ދެމެދު އެވެ. ވ.ދެއްސަ އަލްފާޟިލް އާދަމް ޙަލީމް އެ މަޤާމު ފުރުއްވީ 2007 ން 2008 އާއި ދެމެދު އެވެ.

ޒަމާނުއްސުރެން ފެށިގެން ހިނގަމުން އައި ވާރުވެރިކަން ފަހުން އަތޮޅުވެރިކަމުގެ ނިޒާމު، ނޮވެމްބަރ 11، 2008 ގައި ބަދަލުވި އިރު ހުންނެވީ، އޭނާކަމަށްވާތީ، އެއަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމުގައި އެންމެ ފަހަށް ހުންނެވީ އޭނާ އެވެ.



ކަލޭފާނުކަންދެއްވި ބައެއް ބޭކަލުން (ކަލޭގެ ކަމަކީ، ކަލޭފާނުކަމަށްވުރެ އިސް ކަމެކެވެ.)

ހަވަރުތިނަދޫ ރާގުޅިއަހަންމަދުކަލޭފާނު، ހަވަރުތިނަދޫ ޙާޖީމުޙަންމަދުކަލޭފާނު، ހަވަރުތިނަދޫ މާކޯނި ޙަސަންކަލޭފާނު، ހަވަރުތިނަދޫ މާކޯނި ހުސިންކަލޭފާނު، ހަވަރުތިނަދޫ މޫސާ ހިރިހަމައިދި ތިކަލޭފާނު، ހަވަރުތިނަދޫ މުޙަންމަދުކަލޭފާނު، {ހުތާބެއްޔާ} ހަވަރުތިނަދޫ ޢަބްދުﷲ ކަތީބުކަލޭފާނު، ހަވަރުތިނަދޫ މާލިއްޔާ ޢަލިކަލޭފާނު، ހަވަރުތިނަދޫ ތާޖަރު އަލިކަލޭފާނު، ހަވަރުތިނަދޫ އޮޅަކުއްދާކަލޭފާނު، ހަވަރުތިނަދޫ ހަސަންކަލޭފާނު، ހަވަރުތިނަދޫ ދިހަރޭ ހުސިންކަލޭފާނު، ހަވަރުތިނަދޫ ޢަލިކަލޭފާނު، ހަވަދުތިނަދޫ ގުލްދަސްތާގޭ މުޙަންމަދު ޖަމީލުކަލޭފާނު، ހަވަރުތިނަދޫ މުދިންބެއްޔަގެ ހުސިންކަލޭފާނު، ހަވަރުތިނަދޫ ޢަބްދުﷲ ނާޞިރުކަލޭފާނު، ހަވަރުތިނަދޫ ޢަބްދުﷲ ނާޞިރުކަލޭފާނު، މަޑަވެލީ އިސްމާޢީލްކަލޭގެ، މަޑަވެލީ މުޙަންމަދުކަތިއަކަލޭގެ، މަޑަވެލީ އީސާކަތިއަކެލޭގެ، ދާންދޫ ދޮންކޮއްކުކަލޭފާނު، މާމެންދޫ މުހަންމަދު ކަލޭފާނު،  ހަވޮއްޑޭ ހައްވާކަނބުލޭގެފާނު، ގައްދޫ ހަސަންކަލޭފާނު، ގައްދޫ ހަސަންކަލޭފާނު، ގައްދޫ އިސްމާޢީލް ވަތަބަނޑޭރިކަލޭފާނު، ގައްދޫ އިސްމާޢީލް ވަތަބަނޑޭރި ކަލޭފާނު، ގައްދޫ މާގަސްދޮށުގޭ ޖަމީލާކަނބުލޭގެފާނު، މާމެންދޫ ކާބޮލު ޙަސަންކަލޭފާނު، ރަތަފަންދޫ މުދިންކަލޭފާނު، ރަތަފަންދޫ ކަތީބުކަލޭފާނު، ރަތަފަންދޫ ކަތީބުކަލޭފާނު، ވިލިގިނލީ ތުއްތުކަތީބު ކަލޭފާނު، ވިލިގިނލީ މުދިންކަލޭފާނު، ހޯނޑެއްދޫ ބިއްދަރުކަލޭފާނު، ހޯނޑެއްދޫ ދޮރުމަތުކަލޭފާނު، ނިލަންދޫ އަލި ކަލޭފާނު، ނިލަންދޫ ވަކަރުގޭ މުޙަންމަދުކަލޭފާނު، ކޮލަމާފުށީ އިސްމާޢީލް ކަތީބުކަލޭފާނު، ފިޔޯރީ ބޮޑުގޭ ޢަލިކަލޭފާނު، ދާންދޫ ތުއްތުކަތީބުކަލޭފާނު، ދާންދޫ ދޮންކޮއްކޮ ކަލޭފާނު، މިއެވެ.

(މިބައި ނިމުނީ)
                    -------------------------------------------------
ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި