ބަކުރުބޭގެ މެނިފެސްޓޯ

 

ބަކުރުބެއަކީ އާދަނުގެ ބޭބެއެވެ. ބަކުރުބޭގެ ޢުމުރުގެ ގިނަދުވަހު އުޅުއްވީ ސޯމާލިޔާގެ ކުންފުންޏަކުން ދުނިޔޭގެ ކަންކޮޅުތަކަށް "ޒަންޖަބީލް ފެން" އުފުލާ ޑެލިވަރީ ބޯޓެއްގައި ކަމަށް ބަކުރުބެ ބުނުއްވައެވެ. 

(ޒަންޖަބީލް ފެނަކީ އިނގުރާއި ފޮނިތޮއްޓާއި ކާފޫރުތޮޅިއާއި ވޭމުއި އަޅައިގެން ކައްކައިފައި ހުންނަ އަރިދަފުސް ރޯގާއަށް ބޭނުން ކުރާ ފެނެކެވެ.)

މިފެނަކީ އިންސާނުންނަށް ނުހަނު ބޭނުންތެރި ފެނަކަށްވާތީ މިފެން އުފުލާ ބޯޓްގެ ކައްޕިތާނުން ފެށިގެން ހުރިހާ ފަޅުވެރިންނަށް ވެސް ވަރަށްބޮޑު މުސާރަ ލިބޭކަމަށް ބަކުރުބެ ބުނުއްވައެވެ. ބަކުރުބެއަކީ އެބޯޓްގެ ޗީފްކުކްގެ ދަށުން އެއްވަނަ ދަރަޖައިގައި މަސައްކަތް ކުރައްވާ ބޭކަލަކަށްވީ ނަމަވެސް ޗީފްކުކްގެ މުސާރައާއި ދާދި އެއްވަރުގެ މުސާރައެއް ބަކުރުބެއަށް ލިބިލައްވާތީވެ ބަކުރުބެއަކީ އޭނާގެ އުފަން ރަށުގައި ނަންހުރި އަދި ކަންހުރި ބޮޑެތީންގެ ތެރެއިން ބޭކަލެކެވެ. ބަނިޔާދަން ކަމާއި މަޑުމޮޅިކަމުގެ ދެކޮޅު އެއްވަރަށް ޙިއްޞާ ކުރެއްވުމާއި ނުކުރެއްވުމާއި ރުޅިދުރުވާ ހިނދު އޭގެ އަނެއް ކޮޅަށްވުރެ މިކޮޅު ޚިޔާރު ކުރެއްވުމަކީ ބަކުރުބޭގެ އޮމާން ޚަޞީލަތެވެ.

މިދިޔަ އަހަރުގެ ޖޫންގައި ބަކުރުބެ ރަށަށް ދުރުވިއިރު ރަށުން ފެނިލެއްވީ ކުރިއަށްވުރެ ކަންތައްގަނޑު ބޮޑު މަންޒަރެކެވެ. އެކި ޕާޓީތަކުގެ ކުލަކުލައިގެ ޖަގަހަތަކާއި ދިދަތަކާއި ބެނާތަކެވެ. ރަށުގެ ބައެއް ގޭގޭގެ ބޭރު ފާރުތަކާއި ބައެއް ރުއްރުކާއި ގަސްތަކާއި މިވަގުތަށް ފާޚާނާ ނުހެދި ހުރި ގިނަ ގޭގޭގެ ގިފިލީގައި ހާޖިތަށް ދިއުމަށްޓަކައި ހުންނަ ހަނޑަސްބުރިއާއި އަންހެންވެރިންގެ ބުރުނގާއާއި ފިރިހެންވެރިންގެ ސޯރުފޮތިކޮޅުގައި ވެސް ފެންނަން ހުރީ އެފަރާތެއް އެވަގުތަކަށް ތާއީދުކުރާ ޕާޓީއެއްގެ ކުލައެވެ. މިކަންކަން ފެނިލެއްވުމުން ގޮތަކަށް ބަކުރުބެ ޙައިރާންވީހެން ހީވެގެން އޭނާގެ ކުޑައިރުގެ ރައްޓެއްސަކު ބުންޏެވެ.

"ބަލަ! ބަކުރާއެވެ. ތިޔަ ފެންނަނީ ޕާޓީތަކުގެ ކުލަކުލަހުރި ހުރިހާ ތަނެއްނޫނެވެ. ނުފެންނަ، ނިވާ ތަންތަން ވެސް މަދެއްނޫނެވެ. ކަންތައްތައް އަދި ނުފެނެއެއް ނޫންހެއްޔެވެ."

ބަކުރުބެ ބުނުއްވިއެވެ.

"ތިޔައީ ކުލަކުލައިން ނިމެން އޮތް ކަމެއްނޫނެވެ. ތިޔަކަން ކުރެވޭނީ ރަނގަޅު މެނިފެސްޓޯއަކުންނެވެ. އަހަރުމެން މިތިބީ ސޯމާލިޔާއިންނާއި މަޑަގަސްކަރައިން ތިޔަކަހަލަ އިންތިޚާބީ ކަންތައްތައް ތަޖުރިބާކޮށް މުޅިން ނިމިފައެވެ. ހިތުން ދަސްކޮށްފައެވެ. މިރަށު މީހުންގެ ވޯޓްދޭން ޖެހޭނީ އެންމެ ރަނގަޅު މެނިފެސްޓޯއަކަށެވެ. މިދިޔަ އަހަރު ސޯމާލިޔާގެ އަވަށެއްގެ އިންތިޚާބަށް ކުރިމަތިލެއްވި އެއަވަށުގެ ގޮރުނުދޯރު އެކުލަވައިލެއްވި މެނިފެސްޓޯގެ ކޮޕީއެއް އަހަރެންގެ އަތުގައި އެބަ އޮތެވެ. އެހެންވީމާ މިއަދުން ފެށިގެން ތިޔަކަމަކަށް އަހަރެން ކުރިމަތިލައި އަހަރެންގެ މެނިފެސްޓޯއަކީ އެއީކަމަށް މިނިންމީއެވެ. އަހަރެން ބުނާނީ ބުއްދި ސަލާމަތުން ހުރި މިރާއްޖޭގެ އެއްވެސް އާދަމުގެދަރިއަކު، މިނޫން އެހެން މެނިފެސްޓޯއަކަށް އެމީހެއްގެ ވޯޓެއް ނުދޭނެ ކަމަށެވެ."

ބަކުރުބޭގެ މެނިފެސްޓޯ:

1- މިރާއްޖޭގެ ކޮންމެ މީހަކަށްމެ އެމީހެއްގެ މާބޮޑު ބައްޔެއް ނެތި ގަދަވެ ސަލާމަތުން ދިރިހުރި ނަމަ، ފުރިހަމައަށް ނޭވާލައި ނިދައި ތެދުވެ ޙަރަކާތްތެރިވެ އުޅުމުގެ ލުއި ފަސޭހަކަން އަހަރެންގެ ވެރިކަމެއްގައި  ހޯދައި ދޭނަމެވެ.

2- މިރާއްޖޭގެ ކޮންމެ ގޭބިސީއަކަށް، އެބަޔަކު ދިރިއުޅޭ ގެއެއްގެ ބިމުގައި ހުރި ވަޅުފެނާއި އެގެއެއްގައި ހުރިނަމަ ހުރި ކާ ތަކެއްޗެއް ފަސޭހަކަމާ އެކު ބޭނުން ކުރުމާއި ނުކުރުމުގެ ފުރިހަމަ މިނިވަންކަން އެގެއެއްގެ ބަޔަކަށް ފުރިހަމައަށް ފޯރުކޮށް ދޭނަމެވެ.

3- މީސްތަކުންގެ ހަށި ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ބޭނުންވާނޭ ކާބޯތަކެއްޗާއި ގައިންގަޔަށް އަރާ ބަލިތަކުން އެވަގުތަށް ރައްކާތެރިވެ ތިބުމަށް ބޭނުންވާނޭ އެންމެހައި ކަންކަން އެނގުމަށް ބޭނުންވާ މީހަކު ހުރިނަމަ އެކަމާއި ބެހޭ ފަރާތަކަށް އެމީހަކު ދިޔުމުން ލަސްނުވެ އެކަންކަން އެނގޭނޭ އިންތިޒާމް އަހަރެންގެ ވެރިކަމެއްގައި ގާއިމުކޮށް ދޭނަމެވެ.

4- މިރާއްޖޭގެ ސްކޫލްތަކަށް ކިޔަވަންދާ ކޮންމެ ދަރިވަރަކަށް ވެސް އެކުއްޖަކު ކިޔެވުމަށް ބޭނުންވާ ފޮތާއި ފަންސުރާއި ގަލަމާއި މިރާއްޖެއިން ގަންނަން ލިބޭ ތަންތަން އެދަރިވަރަކު ކިޔަވަންދާ ސްކޫލެއްގެ ނޯޓިސް ބޯޑުން ފަސޭހައިން އެނގޭނޭ އެންމެހައި އިންތިޒާމް ހަމަޖައްސައި ދޭނަމެވެ.

5- ކޮންމެ މީހެއްގެ ޢުމުރުން 65 އަހަރުވުމުން އެމީހަކަށް ދައުލަތުން ދޭންޖެހޭ ޢިނާޔަތަކީ 65 އަހަރުވުމުގެ ކުރިން ނުލިބޭނޭ އެއްޗަކަށްވާތީ އެ ޢިނާޔަތް ލިބުން އަވަސް ކުރުމަށްޓަކައި މިރާއްޖޭގެ ކޮންމެ މީހެއްގެ ޢުމުރުން 64 އަހަރުވުމަށް ފަހު އޭގެ ފަހުން 360 ދުވަސް ވުމާއެކު އެމީހަކީ 65 އަހަރު ފުރިފައިވާ މީހެއްކަމަށް އަހަރެންގެ ވެރިކަމެއްގައި މުޅިން ނިންމައިދީ 65 އަހަރުގެ މީހުންނަށް ލިބެން ޖެހޭ ޢިނާޔަތް އެމީހަކަށް ހަމަޖައްސައި ދޭނަމެވެ.

6- ފަރުމަހުގެ މަސައްކަތް ކުރާ ފަރާތްތަކަށް މީގެކުރިން އެއްވެސް ރިޔާސީ ކެންޑިޑޭޓަކު ދީފައިނުވާ ވަރަށް ބޭނުންތެރި މަޢުލޫމާތެއް އަހަރެންގެ ވެރިކަމެއްގައި ދޭނަމެވެ. އެއީ ކާން ބޭނުން ނުކުރާ "މަޑަގަސްކަރަ ބިބީ" ކިޔާ މަހެއްގެ ކުލަ ފޮޓޯއެކެވެ.

(މަޑަގަސްކަރަ ބިބީއަކީ ލޯ ހުރަސްކޮށް ކަޅުކުލައިގެ ރޮނގެއް ހުންނަ މަހެކެވެ. މިބާވަތުގެ މަހުގެ ދެ އަރިމަތީގައި އަޅިކުލައިގެ ވަރަށްފާޅު ރޮނގުތަކެއް ހުރެއެވެ. މިއީ ޖޯޑުޖޯޑަށް ދިރިއުޅޭ މަހެކެވެ. މިއީ ކެއުމަށް ބޭނުންކުރާ  މަހެއް ނޫނެވެ.)

7- އަހަރެންގެ ވެރިކަމެއްގައި މިރާއްޖޭގެ ކޮންމެ ރައްޔިތަކަށްމެ ފަޅުރަށަކާއި ފުން ވިލަކާއި ކަނޑުއޮޅިއަކާއި ހަމަޖައްސައި ދޭނަމެވެ. އަދި މިތަންތަން އެމީހަކު ބޭނުން ކުރަންވީގޮތް އެގްރިކަލްޗަރ މިނިސްޓްރީން ހަމަޖައްސައި ދޭނަމެވެ.

8- އަހަރެންގެ ވެރިކަމެއްގައި މިރާއްޖޭގެ ރަށްރަށާއި ކަނޑުމަތީގައި މަރުވާ އެންމެހައި އިންސާނުންގެ ޖަނާޒާގެ ކަންތައް ސަރުކާރުގެ ޚަރަދުގައި ނުވަތަ ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގެ ދަށުން ހަމަޖައްސައި ދޭނަމެވެ.

9- އަހަރެންގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ކޮންމެ ގެއަކަށް ސައިންޓިފިކް ތްރީޑީ ދުރުމީ އެއް ދޭނަމެވެ.

(މި ދުރުމީއަކީ ދުނިޔޭގެ 1ވަނަ ދުރުމީ ކުންފުނީގެ ފަރާތުން ވަރަށްފަހުން އުފައްދައި އަދި މާކެޓަށް ނެރެފައި ނުވާ ވަރަށްމޮޅު ދުރުމީއެކެވެ. މި ދުރުމީގެ ބައެއް ފީޗަރސްގެ ތެރޭ، މި ދުރުމީން މީހަކަށް ބަލައިލުމުން އެމީހަކީ ރިޝްވަތު ދޭ މީހެއްނަމަ އެމީހަކު ފެންނާނީ އަބަދާއަބަދު ކިނބިހިއަޅައި އަދި ބޭރަށްހިންގާ ކަންބަޅިއެއްގެ ސިފައިގައެވެ. ރިޝްވަތު އަތުލާމީހުން ފެންނާނީ ބޮޑުކަމު ދިޔުން ދަތިވެ ލޮލުން ކަރުނަ އަޅައި ރޮއިރޮއި އޮންނަ މުސްކުޅި ބުޅަލެއްގެ ސިފައިގައެވެ. ދޮގުހަދާ މީހުން ފެންނާނީ ކުޑަ ދޫ ބޭރަށް ނުކުމެ ވާހަކަދެއްކުން ދަތިވެފައިވާ ރާމާމަކުނެއްގެ ސިފައިގައެވެ. ޚިޔާނާތްތެރިންނާއި މަކަރުވެރިން ފެންނާނީ އަމިއްލަގައިގެ މަސްތައް ނޮޅައި ކަމުންގެންދާ އޫރެއްގެ ސިފައިގައެވެ. ވަގުންނާއި ލުޓޭރުންނާއި ފޭރޭމީހުން ފެންނާނީ ކުނިވެ މަސްތައް މުޅަވެފައިވާ ކަނޑު ގެރިއެއްގެ ސިފައިގައެވެ.)

10- އަހަރެންގެ ވެރިކަމެއްގައި ފަސޭހައިން ފާޚާނާ ކުރެވޭގޮތް ހަދައި ދިނުމަށްޓަކައި މިރާއްޖޭގެ ކޮންމެ މީހަކަށް ރެޑީމޭޑް ފާޚާނާ ތައްޓެއް ދޭނަމެވެ. މިތައްޓަކީ ބޭނުންނަމަ ކޮންމެ މީހެއްގެ ފިނދުކިބައިގައި ހަރުކޮށްގެން އެއްވެސް ދައްޗެއް ނެތި އުޅެވިދާނެ އެއްޗެކެވެ.

11- އަހަރެންގެ ވެރިކަމެއްގައި ޢުމުރުން 15 އަހަރުފުރިފައިވާ މިރާއްޖޭގެ ކޮންމެ ފިރިހެނަކަށް ފެން ފައިވާނަކާއި ކޮންމެ އަންހެނަކަށް ނިޔަފަތި ކަނޑާ ދައްޗެއް އެމީހަކު ފައިސާ ދިނީމާ، ދައްޗެއް ނެތި ގަނެވޭނޭ މަގު ތަނަވަސްކޮށް ދޭނަމެވެ.

12- އަހަރެންގެ ވެރިކަމެއްގައި މިރާއްޖޭގައި ކަރުނައަޅައި ރުއިމާއި ހިތާމަ ކުރުމަށް ބޭނުންވާ މީހުންނަށް ފަސޭހައިން އެކަން ކުރެވޭނޭ ގޮތް ހެދުމަށްޓަކައި ޚާއްޞަ ސެންޓަރެއް އުފައްދައި ދޭނަމެވެ.

13- އަހަރެންގެ ވެރިކަމެއްގައި މިރާއްޖޭގެ ބިންބިމުން ގޯތި ގެދޮރަށް ބޭނުންވާ މީސްމީހުންނަކީ ކޮބައިތޯބަލައި ގޯތި ގެދޮރުގެ ހުންނަންވީ ގޮތުގެ 5 އަހަރު ދުވަހުގެ އަސާސީ ތަމްރީން ކޯހެއް އެމީހުންނަށް ހިންގައި ދޭނަމެވެ. އަދި މިކޯސް ހިންގަމުންދާ މުއްދަތުގައި ކޯހުގެ ބައިވެރިންގެ ޟަރޫރީ ބޭނުން ފުއްދައި ދިނުމަށްޓަކައި އެބައިމީހުންގެ ޢާއިލާގެ އެހީތެރިކަން ހޯދައި ދެވޭނެއެވެ.

14- އަހަރެންގެ ވެރިކަމެއްގައި ކަންކަމާއި އިންތިހާއަށް ރުޅިއައިސް ދޮން ބޮޑުވެފައިވާ މީހުން ރުޅި މަޑުކުރުވައި ފިނި ކުރުމަށްޓަކައި ކަނޑުއަޑީގައި 100 އެނދުގެ ޚާއްޞަ މިނީ އައިސް ޕްލާންޓެއް ޤާއިމުކޮށް އެޑްމިޓް ކުރެވޭނޭ ވިސްނުމާއި ފިކުރު ގެންގުޅޭނަމެވެ.

15- އަހަރެންގެ ވެރިކަމެއްގައި އެއްވެސް ކަމަކަށްނުވާ ކަމަކާއި ހިތްދަތިވާ މީހުން ދެނެގަތުމުގެ ސާރވޭއެއް މުޅި ރާއްޖޭގައި ހިންގައި އެސާރވޭއިން %75 މާރކްސް ހޯދާ މީހުންނަށް އެކަމުގެ ހަނދާނީ ލިޔުމާއި ތައްޓާއި މެޑެލް ރައްދުކޮށް ދޭނަމެވެ.

16- އަހަރެންގެ ވެރިކަމެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް ހިޖުރަކުރާ ބޭރަށްހިންގުމާއި ހުންއައުމުގެ ރޯގާތައް "ރާއްޖެއަށް ވަނުންމަނާ" ލިޔެފައިވާ ބޮޑެތި ބޯޑުތައް ރާއްޖޭގެ ކޮންމެ ކަނޑުއޮޅިއެއްގައި ހަރުކުރުމާ ބެހޭ މާސްޓަރޕްލޭން ތައްޔާރު ކުރުމަށްޓަކައި 10 އަހަރު ދުވަހުގެ ޚިޔާލީ އަސާސީ މަޝްވަރާ ބައްދަލުވުމެއް ބޭއްވޭނެއެވެ.

(ނުނިމޭ)

                       ---------------

ޢަބްދުﷲ ޙަސަން، ހުޅުދުމައިގެ

16 ޖޫން 2013މ.