މަޑަވެލީގެ ރަށްވެހިކަން - ފުރަތަމަބައި













މަޑަވެއްޔަކީ، ހުވަދުއަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެތެރެއިން ރަށެކެވެ. ވުމާއެކު، މިބަޔާނުގައި ގެނެސްދީފައިމިވަނީ އެރަށުގެ ރަށްވެހިކަމުގެ ބައެއް މަޢުލޫމާތެވެ. ހުވަދު އަތޮޅު އޮންނަނީ، (އުތުރު އަރުޟުން 0°  .11.30 Nއާއި 0°  .55.01 N އާއި އިރުމަތީ ޠޫލުން 72°  .56.00 E އާއި 73°  .31.00 E އާއި) ދެމެދުއެވެ. ހުވަދު އަތޮޅު އޮތީ، އީކްއޭޓަރުގެ އުތުރުގައެވެ. އީކްއޭޓަރުގެ ދެކުނުގައިއޮތީ، ފުވައްމުލަކު އަތޮޅެވެ. ފުވައްމުލަކާ ޖެހިގެން ދެކުނަށްއޮތީ، އައްޑު އަތޮޅެވެ. ހުވަދޫ ކަނޑާ، ފުވައްމުލައް ކަނޑާ ދެމެދު އޮތް ހުވަދު އަތޮޅަކީ،އެއްއަތޮޅެއްގެގޮތުގައި (މުރަކައިން އުފެދިފައިއޮތް) އެންމެ ބޮޑު އަތޮޅެވެ.


 ހުވަދު އަތޮޅަކީ، ހައްދުންމަތީގެ ދެކުނުން ގާތްގަނޑަކަށް 54 މޭލު ދެކުނުގައި ހުވަދޫ ކަނޑު ތެރޭގައި ވަކި އުސްގަނޑެއްގައި އުފެދިފައި އޮތް އަތޮޅެކެވެ. މި އަތޮޅަށް ހުވަދުންމަތި އަދި ސުވައިދު ވެސް ކިޔާފައިވެއެވެ. މި އަތޮޅަކީ، ރާއްޖޭގައި އޮތް އެންމެ ފުޅާ އަދި އެންމެ ހަލަބޮލި ކަނޑު ހުރަސްކޮށްގެން ދެވޭ އަތޮޅެވެ. އެ އަތޮޅުގެ އެންމެދިގު ގޮތަކީ، އުތުރު ދުނީގައި އޮތް މާފަރު ފަޅުގެ ބޭރުން، އަތޮޅުގެ ދެކުނު ދުނީގައި އޮތް މާފަރެސް މުލީގެ ދެކުނު ބޭރަށެވެ. މި ދެމެދުގައި ހުރީ 42.5 މޭލެވެ. އެންމެފުޅާގޮތަކީ ދިޔަދޫ އިރުމަތީ ބޭރުން މަޑަވެލީ ބޭރަށެވެ. މި ދެމެދުގައި ހުރީ 34 މޭލެވެ. އެންމެ ހަނި ގޮތަކީ، އެކެފަރު މުލީގެ އިރުމަތީ ބޭރުން ބޭރުމައުއްޑޫ ބޭރަށެވެ. މި ދެމެދުގައި ހުރީ 22.5 މޭލެވެ. 

މަޑަވެއްޔަށް ދެވިފައިވާ އިނގިރޭސި އަކުރަކީ Q-1 އެވެ. އެރަށް އޮތީ، ހުވަދުއަތޮޅު (ގއ،ގދ.އަތޮޅު) ގެ ހުޅަނގުފަރުގައި އުތުރުން ދެކުނަށެވެ. އެއީ އެ އަތޮޅުގެ އެންމެ ފުޅާ ދެމެދެވެ. މަޑަވެލި އޮތީ، ކާނޑެއްދޫ ކަނޑާ ޖެހިގެން ދެކުނަށް އޮތް ފަރުގަ އެވެ. އެއީ ދިވެހި ރާއްޖޭގައި އެއްފަރެއްގެ ގޮތުގައި އޮތް އެންމެ ދިގު ފަރެވެ. އެފަރުގެ ދިގުމިނަކީ 19 މޭލެވެ. އެ ފަރު ނިމެނީ ގދ.ފިޔޯރީގެ ދެކުނަށެވެ. ގދ.އަތޮޅުގެ ހުޅަނގުދެކުނު ދުނީގައި ފިޔޯރީއާ ޖެހިގެން އޮތީ ފިޔޯރީ ކަނޑެވެ. އެއީ ހުވަދުއަތޮޅުގެ ހުޅަނގުދެކުނު ދުންޏެވެ.  

ގދ.އަތޮޅުގެ ހުޅަނގު ދުނީގައި ނުވަތަ އެއްފަރެއްގައި އޮތް މީހުން އުޅޭ ރަށްތަކަކީ (އުތުރުން ދެކުނަށް) މަޑަވެލި، ހޯނޑެއްދޫ، ނަޑެއްލާ، ރަތަފަންދޫ، ފިޔޯރީ އެވެ. އެރަށްތަކަށް (ފަރުމަތިން ހިނގާފައި) މީހުން ގޮސްއައިސް އުޅެއެވެ. (ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު)

    
"މަޑަވެލި" މި ބަހުގެ މާނަ، ދެނެގަތުމަކީ، އެހާ އުނދަގޫ ކަމެއް ނޫނެވެ. "މަޑަ" ކިޔާފައި އޮތަސް އެއީ މަޑު ކަމަށް ލަފާކުރެވެ
އެވެ. އެއީ ފިލި ޖެހުމުގައި އައިސްފައިވާ ބަދަލެކެވެ. (މިސާލަކަށް: ކިއުމުމުގައި ކިޔަނީ، ނަޑައްލާ އެވެ. ނަމަވެސް ލިޔުމުގައި އޮންނަނީ "ނަޑެއްލާ" އެވެ.) 

ވެލި އެއީ އިނގިރޭސިބަހުން ކިޔާ "ވެލީ" އެއް ނޫނެވެ. އެއީ ދިވެހިބަހުން މިކިޔާ ވެއްޔެވެ. ވުމާއެކު، އެ ރަށުގެ ނަމަކީ "މަޑުވެލި" (Soft Sands)   އެވެ. އެ ރަށުގެ ބިމުގެ ބޮޑުމިނުގެ 3/2 (ޖުމްލަގޮތެއްގައި) ވަރަށް މަޑެވެ. ނަމަވެސް ރަށުގެ ހުޅަނގު ފަރާތް އެހާމަޑެއް ނޫނެވެ. ގަދަފަދަ އާނުގަނޑެއްގެމަތީގައި އަކިރިން އުފެދިފައިވާ އެބައިގެ ފެންފަށަލަ ވެސް އެހާތިލައެއް ނޫނެވެ. ކޮންމެއަކަސް "މަޑަވެލި" އެނަމަކީ، އެރަށާ ވަރަށް ގުޅޭ ނަމެކެވެ. ރަށަކީ، ފަސްގަނޑު ވަރަށްމަޑު ވެލިއަކިރިން އުފެދިފައިވާ ރަށެކެވެ. ޢާއްމުގޮތެއްގައި ރަށުގެ ފެންފަށަލަ ވަރަށްތިލަ އެވެ. ރަށުގެ އިރުމަތީ ބައިގެ އަތިރިމައްޗާއި ކައިރި ހިސާބުގެ ބިންގަނޑު ވަރަށް މަޑެވެ. އަތްފޯރާ ފަށުގައި އާނުގަނޑެއް ނެތޭ ބުނާހާ ވެސް ބިންގަނޑު މަޑުމަށް ބުނެވިދާނެ އެވެ. އެރަށުގެ ފެން ވަރަށް ބަރުކަމަށް ފާހަގަ ކުރެވެއެވެ. ފެންތައްޓެއް ވަރު ބޮއިފިނަ ބަނޑަށް ކިލޯއެއްގެ ބަރުދަން ވަރު އިތުރުވެއްޖެ ކަމުގެ އިޙްސާސް ކުރެވޭނެ އެވެ. 


މީލާދީން 1980މ. ގެ އަހަރުތައް ފެށުނުއިރު ވެސް ބޯން ބޭނުންކުރަނީ، މިސްކިތު ވަޅުންން ނުވަތަ ބިމުން ނަގާ ފެނެވެ. ބައެއް ފަހަރަށް ފެންބޯން ބޭނުންކުރާ ވަޅުގެ ކައިރީގައި ޤަބުރެއް ވަޅުލާތާ ދެތިން ހަފުތާފަހުން ކާފޫރުވަސް ދުވައެވެ. އަދި ފާޑެއްގެ "ފާ" ރަހައެއް ހުރެ އެވެ. ފެންތައްޓެއްވަރު "ބޮއިފިނަމަ" ކިލޯއެއްވަރުގެ ބަރުދަން ބަނޑަށް އިތުރުވެއްޖެ ކަމުގެ އިޙްސާސް ކުރެވޭނެ އެވެ. ރަށުގެ މީހުންނަށް ބޯން ޢާއްމުކޮށް ވާރޭ ފެން ލިބެން ފެއްޓީ 1986މ. ވަނަ އަހަރު ޔޫ.އެން.ސީ.ޑީ.އެފް. ގެ އެހީގައި ފޯރުކޮށްދެއްވި ފައިބަރގްލާސް (10 ހާސް ލީޓަރ) ދެ ތާނގީ ބެހެއްޓުމުން ނެވެ. ބައު އިސްކޫލު ދޮށުގައި އެ ދެ ތާނގީ ބެހެއްޓީ، އެމް.ޑަބްލިޔޫ. އެސް ސީ އާއި، އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ނެވެ. އެ ދެ ތާނގީ އުވާލީ 2010މ. ވަނަ އަހަރު އެވެ. މިހާރު ބޯފެނުގެ ޙާލަތަށް ބަލާ އިރު ރަށުގެ ކޮންމެ ގެއެއްގައި ވެސް މަދުވެގެން 5 ހާސް ލީޓަރުގެ 2 ތާނގީ (ކަޅުހަން) ހުންނާނެ އެވެ. ވަޅުފެން ބުއިމުގެ ޒަމާން އެއީ މިހާރު މާޒީވެ ހަނދާން ނެތިފައިވާ ކަމެކެވެ. 


އެރަށަކީ، ބިންގަނޑު ވަރަށްފަގީރު ރަށެކެވެ. ވުމާއެކު، ދަނޑުވެރިކަންކުރުމަށް އެކަށޭނަބިމެއް ނެތްކަމުގައި ދަންނަވަން ޖެހެއެވެ. އާދެ! ރަށުގެ ވެށީގެ ބައެއް މަޢުލޫމާތަށްބަލާއިރު، ރަށުގެ ހުރިހާ ފަރާތަކުން ވެސް ރަށް ގިރަ އެވެ. އަދި ކޮންމެވެސް ވަރަކަށް ވޮޑެ އެވެ. އެ ރަށު ހުޅަނގު ދެކުނު ފަރާތު ޖެހިގެން އޮތް ކުދެހުޅައްދުވަކީ، ކޮންމެ ވެސް ޒަމާނެއްގައި އެ ރަށުގެ ބައެއްކަމަށް ބެލެވޭނެ ފުރުޞަތު އެބައޮތެވެ. ފުލޯކް ވާހަކަތަކުނާއި އަދި އަޅުގަނޑުގެ ކާފަގެ ފަރާތުން އެނގިފައިވަނީ، އެބައި (ކުދެހުޅައްދޫ) ވަކިވީ، ކޮންމެ ވެސް ޒަމާނެއްގައި (އިންޑޮނޯޝިއާގެ "ބަންޑާ އަޗޭ) އަސޭކަރަޔަށް ކުރިމަތިވި ބިންހެލުމުގެ ޙާދިޘާއެއްގައި ބޮޑުރާޅުއެރުމުގެ ސަބަބުން ކަމަށެވެ. 

ރަށްގިރުމުގެ މިންވަރު އަންދާޒާކުރާއިރު 1960މ. ގެ އަހަރުތައް ނިމުނުއިރު އެރަށުގެ ހުޅަނގު ދެކުނުގައި އޮންނަ އާނުގަނޑެއް
ކަމަށްވާ "ފޮޅާނެގަލެއްހުއްޓާ" އެވެ، ކިޔާ އާނުގަނޑާއި، ރަށުގެ ހޭޅިފަށާ ދެމެދު ހުންނާނީ، ގާތްގަނޑަކަށް ތިރީހަކަށް ފޫޓެވެ. ނަމަވެސް މިހާރު (2010މ.) އެބަޔާއި ހޭޅިފަށާ ދެމެދުގެ ދުރުމިނަކީ، ގާތްގަނޑަކަށް އައްޑިހަވަރަކަށް ފޫޓެވެ. ހުޅަނދު ފަރާތު އަޑިގުޑާމަގުގެ (އިރުފެންނަގޭގެ މަގު) އަތިރިން ފަންސާހަކަށް ފޫޓު ގިރާފައިވާކަމަށް ބެލެވެ އެވެ. އަދި ހުޅިދޮއްވީމަގުގެ (ރަތްވިލާމަގު) އަތިރިން ވެސް ހަމަ އެވަރަށް ގިރާފައިވާކަމަށް ބެލެވެ އެވެ. އެ މަގުގެ ހުޅަނގުފަރާތު މައި ތޮށީގައި ފުޅާ ކެންޑުމެއް އޮވެއެވެ. (އެތަނުގެ ނަމަކީ، "ބަޑެބެއްޔާ ހެރު ދަނގާ" އެވެ.) ކަނުކޮޑުން (ރަށުގެ ހުޅަނގު އުތުރު) ސަތޭކަވަރަކަށް ފޫޓު ގިރާފައިވާއިރު، ރަށުގެ އިރުއުތުރު ކޮޅުގައި ކުރިން އޮތް "ބޮޑުކުޅީ" ގެ އުތުރުން ސަތޭކަ ވަރަށް ފޫޓުގެ ބޮޑު ބިމެއް، ކުރިން އޮތްކަމަށް ވިއަސް މިހާރު އެބައި ވަނީ، މުޅިން ގިރައިގެންގޮސް މޫދަށްވެ އަދި ކުޅި ވެސް ހަލާކު ވެފަ އެވެ. މި ކުޅީގެ އިރުދެކުނަށް ހަނި އަދި ތިލަ ކެންޑުމެއް އޮވެ އެވެ. އެބައި އޮންނަނީ، ކަނޑުފެންނަގޭގެ އުތުރުން 200 ވަރަކަށް ފޫޓު އުތުރުން އަދި 50 ފޫޓު އިރުމަތީގަ އެވެ. ފޮއިދިޔައިގައި އެބައި އިތުރަށް ފުޅާވެ ކުޅީގެތެރެއަށް ލޮނުގަނޑު ދެމިގެންދާތީ އެދުވަސްވަރު ރައްޔިތުން ނިކުމެ އެތަން ޙިމާޔަތްކުރެ އެވެ. ކުޅި ޙިމާޔަތްކުރުމުގެމަސައްކަތް އެންމެފަހުން ކޮށްފައިވަނީ 1971މ. ހާ ތަނުގަ އެވެ. އެދުވަސް ރަށުގެ ކަތީބަކީ، ސީނާޒް އަލްމަރްޙޫމް ޢަބްދުލްހާދީ އެވެ. (ނުނިމޭ)