ދީނާއި ޤައުމަށްޓަކައި ބޭނުންވެފައިވާ ކޮންމެވެސް ޚިދުމަތެއް ކުރުމުގައި ވަކި ފަންތީއެއްގެ ވަކި ޢުމުރެއްގެ މީހަކަށް ވުމަކީ ލާޒިމުކަމެއް ނޫނެވެ. މިހެންމެ އެ ޚިދުމަތެއް ކުރާ ފަރާތަކީ ޚިދުމަތުގެ ނިސްބަތުގައި ޢިލްމީ ގޮތުންނާއި ތަނަވަސްކަމުގެ ގޮތުން ވަކި ބުރަދަނެއް ހުރުން ލާޒިމު ފަރާތަކަށްވެސް ނުވެއެވެ. ދުނިޔެއަށް އުފަންވާ ކޮންމެ މީހަކީވެސް އެމީހެއްގެ ފެންވަރުގައި އެމީހެއްގެ ދީނާއި ޤައުމަށްޓަކައި ކޮންމެވެސް ޚިދުމަތެއް ކުރެވިދާނެ މީހެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅު ތަކުން ފެންނަން ހުރި ކަންކަމެވެ. ޤައުމީ ފެންވަރާއި ޖަމާޢަތުގެ ފެންވަރާއި ފަރުދީ ފެންވަރުގައެވެ. އެ ޚިދުމަތެއް ކުރާ ފަރާތާއި އެ ޚިދުމަތެއްގެ ބޭނުން ކުރަންޖެހޭ ފަރާތެއްގެ އެ އިރެއްގެ ޙާލަތާއި ފެންވަރުގައެވެ.
ދެއްވަދޫގެ ތާރީޚު ދެމެހެއްޓުމުގެ މާތް މަޤުޞަދުގައި އިންޓަރނެޓް ސައިޓްތައް ހައްދަވައި އެމަސައްކަތް ކުރެއްވުމުގައި ދެއްވަދޫ ދޭލިޔާގޭ އަލްފާޟިލް މައުމޫން އިބްރާހީމްގެ އުއްމީދަކީ ދެއްވަދޫގެ ޢުމުރުން ދުވަސްވީ ފަރާތްތަކުން ކިޔުއްވައި ދެއްވައިފައި ހުރި ރަށާއިބެހޭ ތާރީޚީ ވާހަކަ ތަކާއި އޭގެ އިތުރަށް ތާރީޚީ ލިޔުންތެރިން ދެއްވަދޫ އާއި ގުޅޭގޮތުން ލިޔުއްވައިފައިވާ ތާރީޚީ ލިޔުއްވުންތައް އެ ސައިޓް މެދުވެރިކޮށް ގެނެސް ދެއްވުމެވެ. އަދި އޭގެ ފަހުން އޭނާ މި ދުނިޔެ ދޫކުރެއްވި ކަމުގައި ވިއަސް ދެއްވަދޫގެ ފަހުގެ ޖީލުތަކަށް ދެއްވަދޫގެ ތާރީޚު އެނގެން އޮތުމަކީ އޭނާއަށް ކޮށްދެއްވޭ އަގުހުރި މަސައްކަތަކަށް ވާނެކަމަށް ވެސް އޭނާ އުއްމީދު ކުރައްވައެވެ.
ދެއްވަދޫ ނިއުސް ބްލޮގްސްޕޮޓް (http://dhevvadhoonews.blogspot.com) ގައި އަލްފާޟިލް މައުމޫން އިބްރާހީމް، އޭނާގެ ތަޢާރަފްގައި ލިޔުއްވަނީ "މަމީބު ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު (ދެއްވަދޫ ދޮން ދަލޭކަ ކަނބުލޭގެފާނުގެ މަރިޔަމް ކަނބުލޭގެފާނުގެ ދެއްވަދޫ ގަނޑުވަރު ދޮން ދަލޭކަ ކަނބުލޭގެފާނު)ގެ ފުތް ޙަސަން މަނިކުފާނާއި ކޮނޑޭ ޢަލިމަނިކުފާނުގެ ދި ކޮނޑޭދީދީ (ދޮންދީދީ، ނުވަތަ ފާޠިމާދީދީ) އާއި ދެމަފިރިންގެ ފުތް، މުޙައްމަދު ދީދީގެ ފުތް، އިބްރާހީމް ދީދީގެ ފުތް ޢަބުދުﷲ ދީދީގެ ދި، މަރިޔަމް ދީދީގެ ފުތް، މުޙައްމަދު އަނީސްގެ ދި އާމިނާ މަނިކުގެ ފުތް މައުމޫނު އިބްރާހިމް" އެވެ.
އަލްފާޟިލް މައުމޫން އިބްރާހީމްގެ މި ވަނަވަރަށް ބަލައިލުމުން އޭނާ ކުރައްވަން ފައްޓަވައިފައި ވަނީ ޢާއިލީ މުހިއްމު ޚިދުމަތެއް ކަން ފާހަގަ ކުރެވެއެވެ. މިހެނީ އެ ޢާއިލާއަކީ އެ ޢާއިލާގެ އެކި ފަރާތްޕުޅު ތަކަށް ބެލިކަމަށް ވިޔަސް އެއިރެއްގައި އެ ތަނެއްގެ ނިސްބަތުގައި އެތަނަކަށް ބޭނުން ވެފައިވާ ކަންކަމުގެ ތެރެއިން ގިނަ ކަންކަމެއްގައި ޚިދުމަތުގެ ގޮތުން ޝުކުރު ޙައްޤު މަސައްކަތްޕުޅު ތަކެއް ކުރައްވައިފައިވާ ކަން އެނގެން ހުރި ފަރާތްޕުޅު ތަކެވެ. އޭގެބައެއް ފަރާތްޕުޅުތަކުގެ ތެރޭ އަބޫބަކުރު ފަނޑިޔާރު ކަލޭގެފާނާއި، ދެއްވަދޫ ރަސްގެފާނާއި، ޙާޖީ ބަންޑާރައިންނާއި އެރަދުންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނަކީ ޤައުމީ ފެންވަރުގެ ޚިދުމަތުގައި ފާހަގަކުރެވޭ އުސް އަލިތަކެވެ. މިހެންމެ މުޡުހިރުއްދީން ރަދުންގެ ހޫރުކާފަ ދަރިކަލުން ކޮނޑޭ ޢަލިމަނިކުފާނާއި އޭނާގެ ދަރިކަނބަލުން ދޮންދީދީ(ކޮނޑޭދީދީ) އާއި މި ދޮންދީދީގެ ދަރިކަލުން މުޙައްމަދު ދީދީގެ އިބްރާހީމް ދީދީގެ ޢަބުދުﷲ ދީދީގެ މަރިޔަމް ދީދީގެ މުޙައްމަދު އަނީސް އަކީ ވެސް ޚިދުމަތުގައި ފާހަގަ ކުރެވޭ ބޭފުޅުންނެވެ.
އަލްފާޟިލް މައުމޫން
އިބްރާހީމް ވަނީ އޭނާގެ ބްލޮގްގައި ދެއްވަދޫގައި މިވަގުތުވެސް ހުންނެވި އެންމެ
ދުވަސްވީ މުޙައްމަދު ދީދީގެ ފޮޓޯއާއި އެކީ މުޙައްމަދު ދީދީގެ ބައެއް މަޢުލޫމާތު
ލިޔުއްވައިފައެވެ. އޭނާ ލިޔުއްވާ ގޮތުން "އައްޑުއަތޮޅު މީދޫ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ، އަލްޤާޟީ ޙުސައިން
ޤުޠުބުއްދީނުގެ، އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ، މީދޫ ގެދަރު އާމިނާ
މަނިކުފާނުގެ، ޢާއިޝާފާނުގެ،
އައިސާބީގެދަރު ޚަދީޖާފާނު(ޚަދީޖާމަނިކެ)ގެ، ޢަލިމަނިކުފާނު(ހުޅުދޫ ރަހާ)ގެ،
ޢީސާފުޅު ކަލޭގެފާނުގެ ދޮން މަނިކުފާނުގެ އަޙުމަދު ދީދީ ގެ މުޙައްމަދު ދީދީ އަކީ ބެލެވޭ ގޮތުގައި މިހާރު
ދެއްވަދޫގައި ހުންނެވި
ޢުމުރުން އެންމެ ދުވަސްވީ ބޭފުޅާއެވެ. މުޙައްމަދު ދީދީ ވިދާޅުވާގޮތުން ނަމަ މީހާރު އޭނާއަށް 100 ކޮންމެވެސް
އަހަރެއް ވެދާނެއެވެ. ނަމަވެސް މުޙައްމަދު ދީދީގެ އައިޑީ ކާޑުގައި ވާގޮތުން މުޙައްމަދު ދީދީ ގެ އުފަންތާރީޚަކީ 06/04/1920 އެވެ. އެހެންކަމުން ހިނގަމުން
މިދާ 2012 ވަނަ އަހަރު މުޙައްމަދު ދީދީގެ އުމުރަކީ 92 އަހަރެވެ."
އަދިވެސް މައުމޫން އިބްރާހީމް ލިޔުއްވައެވެ. "އޮނަވިހި ސަތޭކަ ވިހިވަނަ އަހަރު އުފަންވި މީހުންގެ އުފަންވި އަހަރާއި ދުވަހެއް ސީދާ ނޭނގޭނެއެވެ. ނަމަވެސް އައިޑީ ކާޑު ހަދަން ޖެހުމުން ކޮންމެ މީހެއްގެވެސް އުފަންވި އަހަރާއި ދުވަސް ޖަހަން އޮންނާތީ އެންމެ ބޮޑަށް ޔަޤީންވާ ތާރީޚެއް ޖަހަނީއެވެ. އެގޮތުން މުޙައްމަދު ދީދީ ގެ އުފަން ތާރީޚެއްގެ ގޮތުގައި 06/04/1920 ޖެހީ ކަމަށް ވެދާނެއެވެ. މުޙައްމަދު ދީދީ އާއި އަދިވެސް ދެއްވަދޫގެ ދުވަސްވީ މީހުން ބުނާގޮތުން މުޙައްމަދު ދީދީ އަށް 100 އަހަރު ވެދާނެއެވެ. މުޙައްމަދު ދީދީގެ ފުރަތަމަ ކައިވެންޏަކީ ދާންދޫގައި ހުންނަވައިގެން އެރަށު އޮޅަކައިދާގެ ދޮންކަމަނާ އާއި ކުރެއްވި ކައިވެންޏެވެ. މިކައިވެނީގެ ދަރިއަކީ މަރިޔަމްދީދީ އެވެ. ދޮންކަމަނަ ނިޔައުވުމުން މުޙައްމަދު ދީދީ ދެއްވަދޫގައި ވަޒަންވެރިވެވަޑައިގެން ދެއްވަދޫ ވާރުގޭ ތުއްތުދީދީގެ، ރެކިދީދީގެ، ދެއްވަދޫ ކަރަންކާގޭ ފާޠިމާދީދީ އާއި ކައިވެނި ކުރެއްވީއެވެ. މިކައިވެނީގެދަރިއަކީ ދޮންދީދީ އެވެ. މުޙައްމަދު ދީދީ އަކީ ދީނީ ކަންތަކަށް ވަރަށް ފަރުވާ ބަހައްޓަވާ ބޭފުޅެކެވެ. ފުރިހަމަ ސިއްޙަތެއްގައި ހުންނެވިއިރު ޖަމާޢަތުގައި ބަރާބަރަށް ފަސްނަމާދު ކުރެއްވި ބޭފުޅެކެވެ. މަގުމަތީ ހިންގަވާފައި ވަޑައިގަންނަވާއިރު ވެސް ޤުރުއާން ކިޔަވައި ވިދާޅުވަމުން، ނޫނީ ތަސްބީޙަ ކިޔުއްވަމުން ގެންދަވައެވެ. ދުވަހަކުވެސް މުހައްމަދު ދީދީ ޚަތިމެއް ނަންގަވައިގެން އިންނަވައިގެން ޤުރުއާން ކިޔަވައި ވިދާޅުވަމުން ގެންދެވި ތަނެއް މައުމޫން އިބްރާހީމް ދެކިވަޑައިނުގަންނަވައެވެ. އޭނާ ދެކިވަޑައިގެންފައި ވަނީ ޚަތިމެއް ނުބައްލަވައި ޤުރުއާން ކިޔަވައި ވިދާޅުވަމުން ގެންދަވާ ތަނެވެ."
މައުމޫން އިބްރާހީމް
ލިޔުއްވައިފައިވާ މުޙައްމަދު ދީދީގެ ޢާއިލީ ވަނަވަރު އޭނާ ލިޔުއްވައިފައި ވަނީ
އަޅުގަނޑު ލިޔެފައިވާ "ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ ޢާއިލާ" ގެ
ވަނަވަރުން މަޢުލޫމާތު ހޯއްދަވައިގެންނެވެ. މިހެންކަމުން މުޙައްމަދު ދީދީ އަކީ
މައުމޫން އިބްރާހީމާއި ކިހާވަރެއްގެ ގާތް ބޭފުޅެއްކަމެއް "ގައުމާތުގޭ ޢީސާފުޅު
ކަލޭގެފާނުގެ ޢާއިލާ" ގެ ވަނަވަރުން އެކަނި މައުމޫން އިބްރާހީމަށް
އެނގިވަޑައިނުގަންނަވާނެއެވެ. ނަމަވެސް މުޙައްމަދު ދީދީ އާއި މައުމޫން
އިބްރާހީމާއި ދެމެދު އޮތް ޢާއިލީ ގުޅުމެއް މިހާރު އަޅުގަނޑު ވާނީ މައުމޫން
އިބްރާހީމަށް ދަންނަވައިފައެވެ.
ދެއްވަދޫ ދޭލިޔާގޭ މައުމޫން އިބްރާހީމަކީ ދެއްވަދޫ ގަނޑުވަރު ދޮންދަލޭކަ ކަނބުލޭގެފާނު (ދެއްވަދޫ ދޮން ދަލޭކަ ކަނނބުލޭގެފާނުގެ މަރިޔަމް ކަނބުލޭގެފާނުގެ ދެއްވަދޫ ގަނޑުވަރު ދޮން ދަލޭކަ ކަނބުލޭގެފާނު)ގެ ޙަސަން މަނިކުފާނާއި ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިކަނބަލުން ދޮންދީދީ (ކޮނޑޭދީދީ) އާއި ދެ ކަނބަލުންގެ މުޙައްމަދު ދީދީގެ އިބްރާހީމް ދީދީގެ ޢަބުދުﷲ ދީދީގެ މަރިޔަމް ދީދީގެ މުޙައްމަދު އަނީސްގެ އާމިނާމަނިކެގެ މައުމޫން އިބްރާހީމް" އެވެ. ކޮނޑޭ ޢަލިމަނިކުފާނުގެ ދަރިކަނބަލުން ދޮންދީދީ (ކޮނޑޭދީދީ)ގެ މަންމާފުޅަކީ ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާ ދީދީ(ދޮށީދީދީ) އެވެ.
ދެއްވަދޫ ކަރަންކާގޭ މުޙައްމަދު ދީދީ އަކީ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ، އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ، އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ، މީދޫ ގެދަރު އާމިނާ މަނިކުފާނުގެ، ޢާއިޝާފާނުގެ، އައިސާބީގެދަރު ޚަދީޖާފާނު(ޚަދީޖާމަނިކެ)ގެ، ޢަލިމަނިކުފާނު(ހުޅުދޫ ރަހާ)ގެ، ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ ދޮން މަނިކުފާނުގެ އަޙުމަދު ދީދީގެ މުޙައްމަދު ދީދީ އެވެ. ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ ދޮން މަނިކުފާނުގެ އަޙުމަދު ދީދީގެ މަންމާފުޅަކީ ޙާޖީ ބަންޑާރައިންގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާ ދީދީ(ދޮށީދީދީ) ގެ ކަތްދާ ދީދީގެ ދަރިކަނބަލުން ފާޠިމާ ދީދީ އެވެ.
ދެއްވަދޫގެ މިހިނގާ ޖީލާއި
އަންނަ އޮތް ޖީލުގެ މަޢުލޫމާތަށްޓަކައި ދެއްވަދޫ ދޭލިޔާގޭ އަލްފާޟިލް މައުމޫން
އިބްރާހީމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ އެކަމުގެ އަގު ވަޒަންކުރަން ޖެހޭ
ޝުކުރާއި ތާރީފު ޙައްޤު މަސައްކަތްޕުޅެކެވެ. އޭނާގެ މިމަސައްކަތްޕުޅަށް
އެހީތެރިވެދެއްވެން އޮތް ރޮނގަކުން އެހީތެރިކަން ދެއްވެން އޮތް ފަރާތްޕުޅުތަކުން
އެހީތެރިކަން ދެއްވުމަކީވެސް ތާރީޚާއި ހަނދާނާއި މަޢުލޫމާތު އިތުރަށް
މުއްސަނދި ވެގެންދާނޭ ކަމެކެވެ.
ދެއްވަދޫ ދޭލިޔާގޭ
އަލްފާޟިލް މައުމޫން އިބްރާހީމްގެ މިއަގުހުރި މަސައްކަތްޕުޅަށް އިތުރު
މުއްސަނދިކަމާއި ކުރިއެރުން އެދެމެވެ.
----------------------
ޢަބުދުﷲ ޙިލްމީ
12 އޯގަސްޓް 2013