މިފަދަ އަގުހުރި ޝަޚުޞިއްޔަތެއް، އަލުން ފެނުން ނާދިރު

 ދުނިޔެއަށް އުފަންވި އިންސާނަކު ދުނިޔޭގައި ލެހެއްޓެވި މުއްދަތު ހަމަވެ، އެ އިންސާނަކު އުޚުރަވީ ގޮވައްޗަށް ގެންދެވުމުން އެ އިންސާނެއްގެ ދުނިޔެވީ ޙަޔާތް ވެއަތުކުރީ ކިހިނެއް ކޮން ގޮތަކަށްތޯ ތިބީން ބަލައި ވާހަކަދައްކައި އުޅެތެވެ. މިގޮތުން ދިވެހިރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެންމެގިނަ ބަޔެއްގެ ތާރީފާއި ޙައްގު ޝުކުރު ލިބިވަޑައިގަތް އާދަޔާއި ޚިލާފު ޝަޚުޞިއްޔަތަކީ ސުމުއްވުލްއަމީރު ޢަބްދުއްސައްތާރު ފާމުލަދޭރި ކިލެގެފާނެވެ.

ގިނަ އަހަރުތަކެއް ވަންދެން ދިވެހި ގައުމަށްޓަކައި އެ ކިލެގެފާނު ކޮށްދެއްވި މަތިވެރި ޚިދުމަތުގެ ތެރޭ ތެދުވެރިކަމާއި އަމާނާތްތެރި ކަމާއި މީހުންނާއި މުޢާމަލާތް ކުރެއްވުމުގައި އެ ކިލެގެފާނުގެ ހިތްޕުޅު ހެޔޮފުޅުކަމާއި މެދު ދެބަސްވާ އެއްވެސް މީހަކު ނެތެވެ. ކުރުކޮށް ދެންނެވޭނީ އެފަދަ މާތް ދެވަނަ ޝަޚުޞިއްޔަތެއް ދެން އަލުން ފެނުމަކީ ނާދިރުކަމެއް ކަމަށެވެ.

ތިރީގައި ބަލައިލެވިފައި އެވަނީ، އައްޑޫ މީދޫ ޢަންބަރީވިލާ އފ. އަޙުމަދު ނާޞިޙާއި އަޅުގަނޑާއި ދެ އަޚުންގެ ރޯދަ ކުރުކުރުމެއްގެ ތެރެއިން އެކުލަވައިލި އެ ކިލެގެފާނުގެ ޢާއިލީ ވަނަވަރަކަށެވެ.

++++

އިސްދޫ ޢަލިރަސްގެފާނުގެ ޙަސަން ރަސްގެފާނުގެ ޢަލިމަނިކުފާނުގެ ބަނޑޭރި ޙަސަން މަނިކުފާނުގެ ޙުސައިންދީދީ ކައިވެނިކުރެއްވި އެއް ބޭފުޅަކީ ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ ޢާއިޝާ ކަނބާފާނުގެ ސިއްކަ ފާޠިމަތު ދީދީގެ ދޮންދީދީ އެވެ. މި ދެމަފިރި ކަނބަލުންނަށް އާމިނާ ދީދީ ލިބިވަޑައިގަތެވެ. މި އާމިނާ ދީދީ އާއި ހެންވޭރުގޭ މޫސާ ދީދީ ކައިވެނި ކުރައްވައިގެން ހެންވޭރުގޭ ދޮން ޙަސަންދީދީ(ހަކުރާ މަނިކުފާނު) ލިބިވަޑައިގަތެވެ.

މި ހަކުރާ މަނިކުފާނުގެ ދޮންދީދީގެ ދަރިކަލުން ޢަލީ (މާރަންދޫ ގަނޑުވަރު ދޮށީ މަނިއްޕުޅު)އާއި، ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ ޢާއިޝާ ކަނބާފާނުގެ މަރިޔަމްދީދީގެ ޙުސައިން ދީދީގެ ސަންފާ ދީދީގެ ސައްޔިދު މޫސާ ފާމުދޭރި ކިލެގެފާނު (ސައްޔިދު ކިލެގެފާނު)ގެ ތުއްތު ސިއްތިއާއި ކައިވެނި ކުރައްވައިގެން ޒުލައިޚާ ޢަލީ (މާރަންދޫ ގަނޑުވަރު ދޮށީ ގޮމާ) ލިބިވަޑައިގަތެވެ.

ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ ޢާއިޝާ ކަނބާފާނުގެ މަރިޔަމްދީދީގެ ޙުސައިންދީދީގެ މާވާ އާމިނާދީދީގެ ބޮޑުގަލުގޭ ޙައްވާދީދީ(ބޮޑުގަލުގޭ ދީދީ)ގެ އާގަޑުވަރު ދޮށީގޮމާގެ ޢާއިޝަތު ޢިމާދުއްދީން (އަލިރަސްގެފާނު ގަޑުވަރު ގޮމަފުޅު) އާއި ހެންވޭރުގޭ މުޙައްމަދު ޢަބްދުއްޞަމަދު ދީދީ ކައިވެނި ކުރައްވައި މޫސާ މުޙައްމަދު ދީދީ ލިބިވަޑައިގަތެވެ.

މުޙައްމަދު ޢަބްދުއްޞަމަދު ދީދީ އަކީ، ހެންވޭރުގޭ ޙަސަން ހަކުރާ މަނިކުފާނު، ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ ޢާއިޝާ ކަނބާފާނުގެ މަރިޔަމް ދީދީގެ ޙުސައިން ދީދީގެ މާވާ ފާޠިމަތު ދީދީގެ ދޮން ދީދީއާ ކައިވެނި ކުރައްވައިގެން ލިބިވަޑައިގަތް ބޭފުޅެކެވެ.

މޫސާ މުޙައްމަދު ދީދީ ކައިވެނިކުރެއްވީ މަތީގައިވާ ޒުލައިޚާ ޢަލީ (މާރަންދޫ ގަނޑުވަރު ދޮށީ ގޮމާ) އާއި އެވެ. މި ދެ ކަނބަލުންނަށް ލބިވަޑައިގަތް އެއް ބޭފުޅަކީ ޢަބްދުއްސައްތާރު ފާމުލަދޭރި ކިލެގެފާނެވެ.

ޢަބްދުއްސައްތާރު ފާމުލަދޭރި ކިލެގެފާނު ކައިވެނި ކުރައްވައި ބޭފުޅުން ލިބިވަޑައިގަތް އަނބިކަނބަލަކީ ޢާއިޝަތު އިބްރާހީމް ދީދީ އެވެ.

ޢާއިޝަތު އިބްރާހީމް ދީދީގެ ބައްޕައަކީ ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ ޢާއިޝާ ކަނބާފާނުގެ މަރިޔަމް ދީދީގެ ޙުސައިން ދީދީގެ ފާޠިމަތު ދީދީގެ އެއްގަމުގޭ ތުއްތު ޢަލިދީދީގެ އިބްރާހީމް ޢަލިދީދީ (އިބްރާހީމް ފާމުލަދޭރި ކިލެގެފާނު) އެވެ.

ޢާއިޝަތު އިބްރާހީމް ދީދީގެ މަންމަ އަކީ މާރަންދޫ ގަނޑުވަރު އިސްމާޢީލް ތުއްތު މަނިއްޕުޅުގެ ފާތިމަތު އިސްމާޢީލް (ތުއްތު ގޮމާ) އެވެ. މިތުއްތު ގޮމާގެ މަންމައަކީ ދިޔަމިގިލީ ރަދުންގެ އިބްރާހީމް ރަސްގެފާނުގެ ޢާއިޝާ ކަނބާފާނުގެ މަރިޔަމް ދީދީގެ ޙުސައިން ދީދީގެ ސަންފާ ދީދީގެ ސައްޔިދު މޫސާ ފާމުދޭރި ކިލެގެފާނު (ސައްޔިދު ކިލެގެފާނު)ގެ ތުއްތު ދޮން ސިއްތި އެވެ.

ސުމުއްވުލްއަމީރު ޢަބްދުއްސައްތާރު ފާމުލަދޭރި ކިލެގެފާނުގެ ފުރާނަފުޅު، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދި މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އާމީން.

             ---------------

ޢަބްދުﷲ ޙިލްމީ

30 މާރިޗު 2023މ.