ޓޮކްސޯޕްލާޒްމޯސިސް (Toxoplasmosis) އަކީ ބުޅާ ފަދަ ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ޖަރާސީމުގެ ބާވަތެއް ކަމުގައިވާ ޕެރަސައިޓަކުން ޖެހޭ ބައްޔެކެވެ. ދިފާޢީ ނިޒާމު ރަގަޅަށް ހުންނަ މީހުންގެ ހަށިގަނޑަށް މި ޖަރާސީމު ވާޞިލުވިޔަސް، މި ބަލީގެ ޢަލާމާތްތައް ނުފެނިހުރެއެވެ. ނަމަވެސް ދިފާޢީ ނިޒާމު ބަލިކަށިވެއްޖެނަމަ، ބަލީގެ ޢަލާމާތްތައް ފާޅުވެ، ބަލީގެ އުނދަގޫތައް ކުރިމަތިވެއެވެ. މި ބަލީގެ ނުރައްކާތަކުގެ ތެރޭގައި ލޮލަށް ގެއްލުންވުން ހިމެނެއެވެ. އަދި މާބަނޑު އަންހެނުންނަށާއި ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވެ، ދަރިފުޅުގެ ގައިގައި ޢައިބު އުފެދުން ވެސް ހިމެނެއެވެ. މި ބަލި ޖައްސާ "ޕެރަސައިޓް" އަކީ ޓޮކްސޯޕްލާޒްމާ ގޮންޑީ (Toxoplasma gondii) އެވެ.
ދުނިޔޭގެ އާބާދީގެ ދެބައިކުޅަ
އެއްބައި މީހުންނަށް ވަނީ، ޓޮކްސޯޕްލާޒްމޯސިސް ޖެހިފައެވެ. އެ އެންމެންގެ ކިބައިން
ބަލީގެ ޢަލާމާތްތައް ފާޅެއް ނުވެއެވެ. ނަމަވެސް އެއީ މި ބައްޔާމެދު ފަރުވާކުޑަކުރަންޖެހޭ
ކަމެއް ނޫނެވެ. އެހެނީ ދިފާޢީ ނިޒާމު ބަލިކަށި ޙާލަތެއްގައި ބަލި ޖެހިއްޖެނަމަ، ބޮޑެތި
ގެއްލުންތައް ލިބިދެއެވެ. ގެދޮރުގައި ބުޅާ ގެންގުޅުމަކީ މި ބަލިޖެހުމަށް މެދުވެރިވާ
މައިގަނޑު އެއް ސަބަބެވެ.
ބަލިޖެހޭގޮތް:
ޓޮކްސޯޕްލާޒްމޯސިސް ޖެހެނީ ޓޮކްސޯޕްލާޒްމާ
ގޮންޑީ ގެ ބިސް އިންސާނާގެ ހަށިގަނޑަށް އެތެރެވުމުންނެވެ. އެއީ ބުޅަލުގެ ނަޖިހުގައި
ހުންނަ ޖަރާސީމެކެވެ. އެ ޖަރާސީމު، ބުޅަލުގެ ނަޖިހުގެ ޒަރީޢާއިން އެހެން ޖަނަވާރުތަކަށާއި،
އިންސާނުންނަށް ވާޞިލުވެއެވެ. ބަލީގެ ޖަރާސީމު ހަށިގަނޑަށް އެތެރެވުމަށް މެދުވެރިވާ
ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
1. ބުޅާ އަރައިއުޅޭ ފުރާޅުތަކުން ނަގާ ވާރޭފެން ބުއިން.
2. ރަނގަޅަށް ނުދޮވެ ފަތްޕެލި ކެއުން: ގަސްކާނާގެ ގޮތުގައި ބޭނުންކުރާ
ގެރިގުއި ފަދަ ތަކެތީގައި ޖަރާސީމު ހުރެފައި، އެ ތަކެތި ފަތްޕިލާވެލީގައި ހޭކިފައި
ހުންނަ ޙާލަތުގައި އެއިން ވެސް ބަލިޖެހިދެއެވެ.
3. ޓޮކްސޯޕްލާޒްމާގެ ބިސް ހިމެނޭ އެއްގަމު މަސް ކެއުން: އެފަދަ
މަސް ކާނަމަ، ރަނގަޅަށް ކައްކަންޖެހެއެވެ.
4. މައިމީހާގެ ކިބައިން ދަރިފުޅަށް ބަލި ނަޤުލުވުން: މާބަނޑު އަންހެނަކަށް
ބަލި ޖެހިފައި ވާނަމަ، އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ވެސް ބަލި ޖެހިދެއެވެ.
5. ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުގެ ގުނަވަނެއް އެހެން މީހެއްގެ
ގަޔަށް ނަޤުލުކުރުން.
ބަލީގެ މައިގަނޑު ޢަލާމާތްތައް:
ޓޮކްސޯޕްލާޒްމޯސިސް ޖެހުމުން
ފުރަތަމަ ފެންނަން ފަށާ ޢަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
1. ހުން ވައްތަރު ވެފައި ހުންނަ ކަހަލަ އިޙްސާސެއްވުން.
2. ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ކަރުތެރޭގައި ރިއްސުމާއި
ކަރުތެރޭގައި ގޮށްލުން.
3. ލޮލަށް ފެނުމުގައި ފުސްކަމެއް ހުރުން.
4. ކުނޑިކޮޅުތަކެއް ލޮލުގެ ކުރިމަތިން ފެންނަހެން ހީވުން.
ބަލީގެ ނުރައްކާ:
ޓޮކްސޯޕްލާޒްމޯސިސް ޖެހުމުން
ކުރިމަތިވާ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
ބަނޑުގައިވާ ދަރިފުޅަށް ބަލީގެ
އަސަރުކުރުން: މާބަނޑު ދުވަސްވަރު މި ބަލި ޖެހުމުން ބަނޑުގައިވާ ދަރިފުޅަށް ބަލީގެ
އަސަރު ކުރެއެވެ. ބަލިވެ އިންނަތާ ކުރީކޮޅު، މި ބަލީގެ ޖަރާސީމު ހަށިގަނޑަށް ވާޞިލުވެއްޖެނަމަ،
މި ބަލީގެ ނުރައްކާ ދަރިފުޅަށް ކުރިމަތިވާ މިންވަރު ބޮޑެވެ. އޭގެތެރޭގައި: ބައިގެންދިއުމާއި،
ލޮލުގެ ރެޓިނާ ފަށަލަ ދުޅަވެ ލޮލުގެ ފެނުމަށް ބަދަލުއައުމާއި، ސިކުނޑީގައި ފެން އުފެދުމާއި،
ދަރިފުޅު ހެދިބޮޑުވަމުންދާއިރު އޭނާގެ ބުއްދިއަށް ހީނަރުވުމާއި، އޭނާގެ ކަންފަތުގެ
އިވުމަށް މައްސަލަ ޖެހުމާއި، ޗިސްމެއާއި ހުންކޮށި ދުޅަވުމާއި، އުފަންވުމާއެކު ރީނދޫވުމުގެ
ފުރުޞަތު އިތުރުވުން ހިމެނެއެވެ.
ކުރިން ޓޮކްސޯޕްލާޒްމޯސިސް ޖެހިފައިވާ
އަންހެނަކު މާބަނޑުވާނަމަ، ބަނޑުގައިވާ ދަރިފުޅަށް ބަލިޖެހުމާއި ބަލީގެ ނުރައްކާތެރިކަން
ފޯރުމުގެ ފުރުޞަތު ކުޑައެވެ.
ލޮލުގެ ފެނުމަށް އަސަރުކުރުން:
ބަލިޖެހޭތާ ކުރީކޮޅު ފަރުވާ ނުކުރެވިއްޖެނަމަ ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުކުރުމަކީ
ކުރިމަތިވެދާނެ ކަމެކެވެ. ލޮލަށް ލިބޭ ގެއްލުން ބިނާވެފައިވަނީ ބަލީގެ އަސަރުކުރާ މިންވަރާއި،
ފަރުވާ ކުރުމުގެ ކުރިން ހޭދަވާ މުއްދަތުގެ މައްޗަށެވެ. ބަލިޖެހުމާއެކު އަވަހަށް ފަރުވާ
ނުކުރެވިއްޖެނަމަ، ލޮލުގެ ކޮޔަށް ލިބޭ ގެއްލުމުގެ ސަބަބުން ލަކުނުލައި ލޮލުގެ ފެނުމަށް
ބުރޫއެރުމާއި، އެއަށްފަހު ލޮލުގެ ފެނުން ނެތިދިއުމަކީ ވެދާނެ ކަމެކެވެ.
ބަލި ދެނެގަތުން:
ބަލި ޖެހިފައިވޭތޯ ބެލުމަށްޓަކައި
ލޭ ނަގައިގެން ޓެސްޓުކުރެވެއެވެ.
ބަނޑުގައިވާ ދަރިފުޅަށް ބަލީގެ
އަސަރު ކޮށްފައިވޭތޯ ބެލުމަށްޓަކައި ފެންދުލިން އެތިކޮޅެއް ނަގައިގެން ޓެސްޓުކުރެވެއެވެ.
ބަލިން ރައްކާތެރިވުން:
ތިރީގައި މިވަނީ ޓޮކްސޯޕްލާޒްމޯސިސް
ޖެހުމުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންކަމެވެ.
1. ގޭތެރޭގައި ބުޅާ ނުގެންގުޅުން.
2. ބުޅަލުގެ ނަޖިހުން ރައްކާތެރިވުން.
3. ބުޅަލުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން
ނޫނީ ފުރާޅުން ފެން ނުނެގުން.
4. ފުރާޅުން ނަގާ ފެން ކައްކައިގެން ނޫނީ ބޭނުންނުކުރުން.
5. ތަރުކާރީ އާއި މޭވާ އަދި ޚާއްޞަކޮށް ރޮލާ ހުންނަ ފަތް، ވަރަށް
ރަގަޅަށް ދޮވެގެން ނޫނީ ބޭނުންނުކުރުން.
6. ރޮލާ ހުންނަ ކިރާއި އެއްގަމު މަސް ރަނގަޅަށް ކައްކައިގެން ނޫނީ
ބޭނުންނުކުރުން.
ބައްޔަށް ފަރުވާކުރުން:
ޓޮކްސޯޕްލާޒްމޯސިސްގެ އުދަގޫތައް
ނުވާނަމަ، ޢާންމު ގޮތެއްގައި ފަރުވާކުރުމަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ހަށިގަނޑުގެ
ދިފާޢީ ނިޒާމު ބަލިކަށިވެ، ބަލީގެ އުދަގޫ ކުރިމަތިވާނަމަ، އަވަހަށް ޑޮކްޓަރަށް ދައްކަންޖެހެއެވެ.
ބައްޔަށް ފަރުވާކުރުމުގައި ބޮޑަށް އިސްކަން ދެވެނީ މާބަނޑު އަންހެނުންނަށާއި އަލަށް
ވިހާފައިވާ ތުއްތު ކުދިންނަށެވެ. މި ބަލީގެ އަސަރު ލޮލަށް ކޮށްފިނަމަ، ލަސްނުކޮށް އަވަހަށް
ފަރުވާކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
------------------
މުޞަންނިފު: އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން
މަޢުލޫމާތުގެ މައިގަނޑު މަޞްދަރު:
ވިކިޕީޑިއާ.