ޔަހޫދީންނާއި ޢަރަބީންގެ ތިމާގެކަމުގެ ގުޅުން













ޔަހޫދީން ނުވަތަ ބަނޫ އިސްރާއީލު ބާގައިގެ މީހުންނާއި ޢަރަބީންނަކީ ތިމާގެކަމުގެ ވަރުގަދަ ގުޅުމަކުން ގުޅިފައިވާ ބަޔެކެވެ. އެއްބަޔަކު އަނެއްބަޔަކަށް ދުޝްމަންކަން ދެއްކިއަސް، ޙަޤީޤަތުގައި އެ ދެބައިމީހުންގެ ދެމެދުގައިވަނީ، ދެބެއިންގެދެދަރިކަމުގެ މައްޗަށް ބިނާވެފައިވާ ބަދަހި ތިމާގެކަމުގެ ގުޅުމެކެވެ. މިކަން ކީރިތި ޤުރުއާނުގެ ދެ އާޔަތަކުން ކަށަވަރުވެ އެވެ. އެއިން އެއް އާޔަތަކީ، އައްޞާއްފާތު ސޫރަތުގެ 101 ވަނަ އާޔަތެވެ. އަނެއް އާޔަތަކީ، އައްޒާރިޔާތު ސޫރަތުގެ 28 ވަނަ އާޔަތެވެ.

މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
(فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ) އައްޞާއްފާތު: 101
މާނައީ، "ފަހެ، ތިމަންރަސްކަލާނގެ (އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި) ޙިލްމުވެރި ދަރިކަލަކު ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނަށް ދެއްވީމެވެ."

މާތް ﷲ، ސަލާމްލެއްވި އިބްރާހީމުގެފާނަށް މި އުފާވެރި ޚަބަރު ދެއްވީ، އެކަލޭގެފާނު ކުރެއްވި ދުޢާފުޅަކާ ވިދިގެންނެވެ. އެކަލޭގެފާނު ކުރެއްވި ދުޢާފުޅު، އައްޞާއްފާތު ސޫރަތުގެ 100 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެ އެވެ.
(رَبِّ هَبْ لِي مِنَ الصَّالِحِينَ) އައްޞާއްފާތު: 100
މާނައީ، "އަޅުގެ ވެރި ރަސްކަލާކޮ! މިއަޅާ އަށް ޞާލިޙު ދަރިކަލަކު ދެއްވާނދޭވެ!"

އައްޞާއްފާތު ސޫރަތުގެ 101 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ދަރިކަލުންނަކީ، ސަލާމްލެއްވި އިސްމާޢީލުގެފާނު ކަމަށް މުފައްސިރުން ވިދާޅުވެފައި ވެ އެވެ. އަދި ސަލާމްލެއްވި އިބްރާހީމުގެފާނަށް ފުރަތަމަ ލިބިވަޑައިގަތް ދަރިކަލުންނަކީ، ސަލާމްލެއްވި އިސްމާޢީލުގެފާނު ކަމަށާއި، އޭރު އިބްރާހީމުގެފާނުގެ ޢުމުރުފުޅަކީ، 86 އަހަރުފުޅު ކަމަށް ވެސް ރިވާވެފައި ވެ އެވެ. 

މާތް ﷲ، ސަލާމްލެއްވި އިސްމާޢީލުގެފާނަށް ދެއްވާފައިވާ ސިފަފުޅަކީ، ޙިލްމުވެރިކަމުގެ ސިފަފުޅެވެ. އެއީ، ވަރަށް މާތް ސިފަފުޅެކެވެ. އެ ސިފަފުޅުގެ ތެރޭގައި ހިމެނެނީ، ކެތްތެރިކަމާއި، ނަފުސު ކޮންޓްރޯލްކުރުމާއި، ހަމަހިމޭންކަމާއި، ޚުޝޫޢަތްތެރިކަމާއި، ހެޔޮލަފާ ބުއްދި އެވެ. އަނެކުންގެ ޙައްޤުތަކަށް އަރައިގަތުމާއި، އަނެކުންނަށް ދުއްތުރާކުރުން ފަދަ ނޭއްގާނީ ސިފަތައް، "ޙިލްމު" ގެ މާނަތަކުގެ ތެރޭގައި ނުހިމެނެ އެވެ. އެކަމަކު، އޭގެ މާނަތަކުގެ ތެރޭގައި ހިމެނެނީ، ތަޤުވާވެރިކަމުގެ ގިއުގަނޑުގެ ތެރޭގައި ހިމެނޭ މާތް ސިފަތަކެވެ.

ސަލާމްލެއްވި އިބްރާހީމުގެފާނަށް ދެވަނަ ދަރިކަލަކު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރުގެ ވާހަކަ ބަޔާންކުރައްވާފައިވަނީ، އައްޛާރިޔާތު ސޫރަތުގެ 28 ވަނަ އާޔަތުގަ އެވެ.
(وَبَشَّرُوهُ بِغُلَامٍ عَلِيمٍ) އައްޛާރިޔާތު: 28
މާނައީ، "އަދި އެ މެހުމާނުން އެކަލޭގެފާނަށް ޢިލްމުވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވޫ އެވެ."

މި އާޔަތުގައި ބަޔާންކުރައްވާފައިވާ ޢިލްމުވެރި ދަރިކަލުންނަކީ، ސަލާމްލެއްވި އިސްޙާޤުގެފާނު ކަމަށް މުފައްސިރުން ވިދާޅުވެފައި ވެ އެވެ. މި އާޔަތުގައި ބަޔާންކުރައްވާފައިވާ މެހުމާނުންނަކީ، މަލާއިކަތްބޭކަލުން ކަމަށާއި، އެއީ، ޖިބްރީލުގެފާނާއި، މީކާއީލުގެފާނާއި، އިސްރާފީލުގެފާނު ކަމަށް ވެސް ބައެއް މުފައްސިރުން ވިދާޅުވެފައި ވެ އެވެ. ސަލާމްލެއްވި އިބްރާހީމުގެފާނަށް ސަލާމްލެއްވި އިސްޙާޤުގެފާނު ލިބިވަޑައިގަތްއިރު، އެކަލޭގެފާނުގެ ޢުމުރުފުޅަކީ، 99 އަހަރުފުޅު ކަމަށް ރިވާވެފައި ވެ އެވެ.

މާތް ﷲ ސަލާމްލެއްވި އިސްޙާޤުގެފާނަށް ދެއްވި ޢިލްމުވެރިކަން ވަނީ، އެކަލޭގެފާނުގެ ފުށުން، ސަލާމްލެއްވި ޔަޢުޤޫބުގެފާނުގެ ފުށުން، ބަނޫއިސްރާއީލު ބާގައިގެ މީހުންނަށް ވާރުތަވެފަ އެވެ. އެމީހުން އެ ޢިލްމުގެ ބޭނުން ހިފަންޖެހޭނީ، މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި، ހެޔޮ ޢަމަލު ކުރުމަށެވެ. އެހެނަސް، އެމީހުންގެ ތެރެއިން ގިނަ ބަޔަކު އެ ޢިލްމުގެ ބޭނުންކުރަނީ، ދުންޔަވީ ޙަޔާތުގެ މާއްދީ ފައިދާތައް ޙާޞިލުކުރުމަށްޓަކަ އެވެ. އެކަމުގެ ސަބަބުން އެމީހުން ވަނީ، އެމީހުންގެ އަމިއްލަ ނަފުސުތަކަށް ވެސް އަނިޔާވެރިވެފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ސައިންސާއި، ޢުލޫމުގެ މައިދާނުގައި، އިސްރާއީލު ވަނީ، ޢަރަބި ޤައުމުތަކަށްވުރެ މާކުރީގަ އެވެ. ޢަރަބި ޤައުމުތަކުން ޢުލޫމުގެ ތަޙުޤީޤުތަކަށް ހޭދަކުރަނީ، އިސްރާއީލުން ހޭދަކުރާވަރަށްވުރެ މާ މަދުންނެވެ. ޢަރަބި ޤައުމުތަކުގެ މީހުން ފޮތް ކިޔަނީ، އިސްރާއީލުގެ މީހުން ފޮތް ކިޔާ ވަރަށްވުރެ މާ މަދުންނެވެ. ޢަރަތްބަކު މުޅި އަހަރުދުވަހުގެ ތެރޭގައި ބައި ޞަފުޙާ ކިޔާ ކަމަށްވަނީނަމަ، ޔަހޫދީއަކު މުޅި އަހަރުދުވަހުގެ ތެރޭގައި 40 ފޮތް ކިޔާ ކަމަށް ބައެއް ތަފާސްހިސާބުތަކުން ދައްކަ އެވެ. ޢަރަބި ސައިންޓިސްޓުންނަށްވުރެ، ޔަހޫދީންގެ ސައިންޓިސްޓުން ނިސްބަތުން މާގިނަ އެވެ.

މިއަދު، ޔަހޫދީންނާއި، ޢަރަބީންގެ މެދުގައިވާ ހަނގުރާމައިގެ ޙާލަތު ނާޒުކު ފައްތަރަކަށް ވާޞިލުވެފައިވިޔަސް، އެ ދެބައިމީހުންގެ ދެމެދުގައި ވަނީ، ވަރަށް ބަދަހި ތިމާގެކަމުގެ ގުޅުމެކެވެ. އެ ދެބައިމީހުންނަށް އެންމެ އައުލާކަންބޮޑީ އަޚުވަންތަކަން އަލުން ދިރުވައި، އެކުވެރިކަމާއެކު، އެއްބިމެއްގައި، ސާބިތުކަންމަތީ ދިރިއުޅުމެވެ .

                -----------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން