ހަވަރުތިނަދޫ އިސްމާޢީލް ޙާޖީ

 ހުވަދުއަތޮޅުގެ ޤަދަރުވެރި ޢިއްޒަތްތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަވަރުތިނަދޫ އަލްމަރުޙޫމު އިސްމާޢީލްތަކުރުފާނު އަކީ މެދުއަވަށު ދޮންމޫސާކަލޭގެ ދަރިކަލުން ރައްކަލާކަލޭގެ ދި އާމިނާފުޅާއި ހަވޮއްޑޭދޮންބެއާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރައްވައިފައިވުމުން އެޒަމާނުގައި ޢާއްމުކޮށް ބޭނުންކޮށްއުޅުނު ނަމަކީ އިސްމާޢީލްޙާޖީއެވެ. އިސްމާޢީލްޙާޖީއަކީ އެޒަމާނުގައި ލިބެންހުރި އެއްމެއެކަށޭނަ ފެންވަރަކަށް ތަޢުލީމު ޙާޞިލުކުރައްވާފައިވާ، މާލިމީކަންވެސް ދެނެވަޑައިގަންނަވާ ގެއިންބޭރުގައި އުޅުއްވުންދުރު، ވަރަށްބަސްމަދު، ޚުލްޤުރަނގަޅު ހެޔޮލަފާ، މަޑުމައިތިރި، ރައްޔިތުންގެ އިޙުތިރާމާއި، ލޯބި، ވަރަށްބޮޑަށް ލިބިވަޑައިގެންނެވި ބޭފުޅެއްކަމަށްވެއެވެ.

އިސްމާޢީލްޙާޖީއަކީ ހަވަރުތިނަދޫއާއި ހުވަދުއަތޮޅުގެ ގިނަބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވައި ގޭގައި ކައްކައި ރަށަށްއަންނަ ބީރައްޓެހިންނަށާއި އަދި ޢާއްމުގޮތެއްގައި ރަށުގެ ނިކަމެތިންގެ ވަރަށްގިނަބަޔަކަށް ކާންދެއްވައި ހެއްދެވުމުގައި ޢުމުރުގެ ދުވަސްތައް ހޭދަކުރައްވާފައިވާ ދީލަތިބޭފުޅެއްގެ ގޮތުގައިބެލެވޭ ބޭފުޅެކެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ޒަމާނުގައި  ހަވަރުތިނަދޫގައި ކުރެވުނު ރަށްވެހިކަމުގެ މަސައްކަތްތަކަށް ދީލަތިކަމާއެކު އެހީތެރިވެދެއްވުމާއި އަދި އޭރުގެ ޝާރިޢުލްއަމީނު މަގުގެ ކޮޅުގައި ކުޅިހުރަސްކޮށް ކުޅީގެތެރެއިން އެއްފަރާތުން އަނެއްފަރާތަށް އެޅި ލަކުޑިފާލަމުގެ މަސައްކަތުގައި އުޅުނު ރައްޔިތުންގެ ކޮއްމެމީހަކަށް އެއްރުފިޔާގެއެހީއެއް އިސްމާޢީލްޙާޖީ ދެއްވި ވާހަކައަކީވެސް އިސްމާޢީލްޙާޖީގެ ދީލަތިކަމުގެ ވާހަކައިގެތެރޭ އެޒަމާނުގެ ވަރަށްގިނަބަޔަކު ދެއްކިވާހަކައެއްކަން ފާހަގަކުރަމެވެ.

އަލްމަރުޙޫމު އިސްމާޢީލްޙާޖީއަކީ ހުވަދުއަތޮޅުގައި އޭރުތިއްބެވި މުއްސަނދިބޭބޭފުޅުންގެ ތެރެއިންވެސް ފާހަގަކުރެވޭ މުއްސަނދި ބޭފުޅެކެވެ. ބޭރުދަތުރުކުރާ ދެއޮޑިއާއި މަސްދޯނިފަހަރާއި ވިޔަފާރިމުދަލާއި ނޯކަރުންގިނަ ކާރޫބާރުބޮޑު ދިރިއުޅުއްވުމެއްގައި އުޅުއްވިބޭފުޅެކެވެ. އޭގެއިތުރަށް އިސްމާޢީލްޙާޖީގެ އަމިއްލަފުޅު ގެދޮރަކީވެސް ދިރިއުޅުއްވުގެ ފަސޭހަތައް ލިބިވަޑައިގަންނަވާފަދަ ރަނގަޅު ފެންވަރުގައި ހެދިފައިހުރި ގެތަކެއްކަމަށް ބެލެވެއެވެ.

ބޮޑުގޯއްޗެއްގައި އެއްބަރިއަކަށް ހެދިފައިހުރި ތިންގެ އިސްމާޢީލްޙާޖީގެ ހުރެއެވެ. އޭގެތެރެއިން އެއްމެފަހުން ހައްދަވާފައިވާ އިސްމާޢީލްޙާޖީގެ ފައްކާގެއަކީ ވަރަށްވަރުގަދަ ބޮޑުޢިމާރާތެކެވެ. ވަށައިގެން ފުރާޅުނުފެންނަގޮތަށް ހަދާފައިވާ މިޢިމާރާތުގެ ތަޅުންއަޅާފައިވަނީވެސް ތިންފޫޓުގެ އުސްމިނުގައެވެ. ގޭގެ ދެފަރާތުއަރިމަތިން ގޭގެމެދަށްވާގޮތަށް ދެފެންޑާލެވި، ގޭގެދެކޮޅުގައި ނިދާކޮޓަރިތައް އެކުލެވިގެންވާ ގޮތަށް ހަދާފައިވާ މިބޮޑުޢިމާރާތުގެ މެދުތެރެ އޮންނަނީ ބޮޑުހޯލަކަށްބާއްވާފައެވެ. އިސްމާޢީލްޙާޖީ ނިޔާވުމުން އިސްމާޢީލުޙާޖީގެ ދަރިކަލުން ޙަސަންޙަބީބު ޤަޞްދު ކުރަށްވާފައިއޮތްކަމަށްވަނީ މިދެންނެވުނު ފައްކާގެ  ބައިސްކޯފުދައްކާ ތިއޭޓަރަކަށް ބަދަލު ކުރެއްވުމަށް ކަމަށްވެއެވެ. ހަވަރުތިނަދޫގައި ހިނގައިދިޔަ ފުރަތަމަ ދެކޮޅުވެރިކަމުގެ ކަންތައްގަނޑަށްފަހު ސަރުކާރުސިފައިން ހަވަރުތިނަދޫއަށް އައި އިރު އެގެ ވަނީ މިދެންނެވި ބަދަލުގެނައުމުގެ މަސައްކަތް ފަށާފައިކަމަށް އެދުވަސްވަރުގެ މީހުންގެފަރާތުން ލިބިފައިހުރި މަޢުލޫމާތުން އެނގެއެވެ. ނަމަވެސް ޙަސަންޙަބީބު މާލެ ގެނެވި ޖަލުގައި ބަންދުކުރެވިގެންދިއުމުން އެކަންފުރިހަމަނުވީ ކަމަށްވެއެވެ. ސަރުކާރު ސިފައިން ތިނަދޫގައި ތިބިއިރު އެގޭގައި މިއުޒިކުޝޯ ބާއްވާ އުޅުނުކަމަށްވެސް ވާހަކަދެކެވެއެވެ.  

މަޢުލޫމާތުލިބޭގޮތުގައި އިސްމާޢީލްޙާޖީގެ މިދެންނެވުނު ފައްކާގެ ހަދާފައިވަނީ ހަވަރުތިނަދޫގައި ކުރިންވެރިކަންކުރެއްވި ޢާއިލާއެއްކަމުގައިވާ ކަތީބުމުޙައްމަދުފުޅުގެ ޢާއިލާ ދިރިއުޅުއްވަމުންގެންދެވި ސަރަޙައްދުގައިހުރި  ކަތީބުމުޙައްމަދުފުޅުގެ ގެއާއި، މުޙައްމަދުފުޅުގެ ދަރިކަލުން ކަތީބުދޮންޢަލިތަކުރުފާނުގެ ގެއާއި، އަދި އެގޭ މަރިޔަމްފާނާއި މިބޭބޭފުޅުންގެ ގެތައް ރަށްވެހިކަމުގައި މަގުހަދަމުންދިޔައިރު ރަށުގެ ދިގަށްހެދި ބައްތިރީސް ފޫޓުގެފުޅާ ބޮޑުމަގު "ޝާރިޢުލްއަމީން" އާއި ރަށުގެ ހުރަހަށްހެދި ފަންސަވީސް ފޫޓުފުޅާ މަގެއްކަމުގައިވާ "އޯކިޑުމަގު" ހެދުމުގައި އެގެތައް އެއްކޮށް ހަލާކުވެ މުޅިގޯތި ހަތަރުބަޔަށް ބައިވެ އޭގެތެރެއިން އިސްމާޢީލްޙާޖީގެ ގޯތީގެތެރެއަށް ވަދެގެންދިޔަ ބިމުގައިކަމަށްވެއެވެ. ކަތީބުމުޙައްމަދުފުޅުގެ ގޯތި ހަތަރުބަޔަށް ބެހުނުއިރު ބޮޑުމަގުގެ އިރުމަތީފަރާތުން އިރުދެކުނު ކަނަށްވީބައިވެސް ނަންގަވާފައިވަނީ އިސްމާޢީލްޙާޖީއެވެ. އެބިމުގައިވެސް ބޮޑުގެއެއް ޢިމާރާތްކުރައްވައި ފަހުން އެތާނގައި ދިރިއުޅުއްވަމުންގެންދެވީ އިސްމާޢީލްޙާޖީގެ ދަރިކަނބަލުން ކަތްދާމަނިކެއެވެ. އޭރު ކަތީބުމުޙައްމަދުފުޅާއި އެޢާއިލާގެ އިސްކޮށް ތިއްބެވިބޭފުޅުން ނިޔާވެފައިވުމުން އެޢާއިލާގައި ދެންތިއްބެވި ބޭފުޅުން އެތަން ދޫކުރަށްވައި އެބޭފުޅުން ގޯތިހޯއްދެވީ ރަށުގެ އެހެންހިސާބުތަކުންނެވެ.

އަލްމަރުޙޫމު އިސްމާޢީލްޙާޖީއަކީ ހިޖުރައިން 1352 އިން 1355 އަށް ހުވަދުއަތޮޅުގައި އަތޮޅުވެރިކަންވެސްކުރެއްވި ބޭފުޅެކެވެ. ދުވަސްވަރަކީ ހުވަދުއަތޮޅު ހޯޑެއްދޫގައިހުރި "ވާރުގެ"  ޙާޖީމުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ފުރަތަމަބުރުގައި ހަވަރުތިނަދޫއަށް ބަދަލުކުރެއްވެވި ދުވަސްވަރެވެ. އެދުވަސްވަރު ދިވެހިރަސްކަމުގައި ހުންނެވި ސަމްޝުއްދީން ރަދުން ކޮއްމެވެސް ސަބަބަކާހުރެ ރަސްކަމުން ދުރުކުރެވިގެންދިޔައިރު ޙާޖީމުޙައްމަދު ކަލޭގެފާނުގެ އަތޮޅުވެރިކަންވެސް ބަދަލުވެ އިސްމާޢީލުޙާޖީއަށް އަތޮޅުވެރިކަން ލިބިވަޑައިގަތީއެވެ. ހޯޑެއްދޫގައި ވާރުގެ ހުރިދުވަސްވަރު އަތޮޅުގެ ވަކީލު ނުވަތަ އަތޮޅުވެރިޔާގެ އެހީތެރިއާގެ ގޮތުން ދާއިމީގޮތެއްގައި ހޯޑެއްދޫގައި ހުންނަވައިގެން ވާރުގެ ބަލަހައްޓަވަމުންގެންދަވަނީ ހަވަރުތިނަދޫ ކަތީބު މޫސާފުޅެވެ. އަދި ހަމައެހެންމެ އަތޮޅުގެ އެއްމެހައި ކަންތައްތައް ބަލަހައްޓަވައި އަތޮޅުވެރިން އަދާކުރަށްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ގޮތުން ވަރަށްގިނަފަހަރު އަތޮޅުތެރެއަށް ދަތުރުކުރެއްވުމާއި އެމަސައްކަތުގައި އިސްކޮށް  ޙަރަކާތްތެރިވެ އުޅުއްވަނީ ހުވަދުއަތޮޅުގެ ވަކީލުގެ ޙައިސިއްޔަތުން ހަވަރުތިނަދޫ ކަތީބު މުޙައްމަދުފުޅު ކަމަށްވެއެވެ. އިސްމާޢީލްޙާޖީއަށްވުރެ ކުރިން އަލްމަރުޙޫމު ޙާޖީމުޙައްމަދުކަލޭގެފާނު އަތޮޅުވެރިކަންކުރެއްވި އިރުވެސް އެކަންއޮތީ އެގޮތުގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އަލްމަރުޙޫމު އިސްމާޢީލްޙާޖީ އަތޮޅުވެރިކަމުގައި އުޅުއްވާފައިވަނީ ގާތްގަނޑަކަށް ތިންއަހަރެއްހާ ދުވަހުކަމަށް ބެލެވެއެވެ. އިސްމާޢީލްޙާޖީގެ އަތޮޅުވެރިކަމުގެ ދުވަސްވަރަކީ ހުވަދުއަތޮޅުގެ އެކިހިސާބަށް ވަރަށްގިނަ މާވަހަރު ލެއްގި ދުވަސްވަރެއްކަމުގައި ލިބިފައިހުރި މަޢުލޫމާތުތަކުން އެނގެއެވެ. އަދި ކެދެރޭ ދިގުފަރު ކިޔާ ފަރަކަށް ވަރަށްބޮޑު "ބޮޑުމަހެއް" ލައްވެގެން އެމަހުން ގިނަޢަދަދަކަށް ތެޔޮ ނަގާފައިވާކަމުގެ މަޢުލޫމާތުވެސް ލިބިފައިވެއެވެ. މި މަހުގެ ބޮޑުކަމުން މަހުގެ ނޭފަތުން އެތެރެއަށް ވަދެ ނުކުމެ އުޅެވޭކަމުގެ ވާހަކަވެސް ދެކެވެމުން ގޮސްފައިވާކަން ފާހަގަކުރެވިފައިވެއެވެ.

އިސްމާޢީލްޙާޖީގެ އަތޮޅުވެރިކަމުގެތެރޭގައި ހިނގައިދިޔަ މުހިއްމު އެހެންކަމަކަށް ބަލާއިރު ހިޖުރައިން 1354 ވަނައަހަރު ސަރުކާރުން ފޮނުއްވި ބޭރުގެ ޑޮކްޓަރަކު ހަވަރުތިނަދޫއަށް އައިސްގެން ހުވަދުއަތޮޅުގައި ޖުޒާމްބަލީގެ މީހުން ބައިތިއްބާފައިވާ ހުނަދޫއާއި، ހަވޮއްޑާގައިތިބި ބަލިމީހުންގެތެރެއިން ބަލިނެތްކަމަށް ވާހަކަދެކެވުނުމީހުން ބައްލަވައި އެމީހުން ހަވަރުތިނަދޫއަށް ގެނެސް ޑޮކްޓަރ ދެވަނަފަހަރަށް ބެއްލެވުމަށްފަހު އެމީހުންގެ ތެރެއިންވެސް ބަލިހުރިކަމަށް ގަބޫލުކުރެވުނު ބައެއްމީހުން އަނބުރާ އެރަށްތަކަށް ފޮނުވާލައްވާފައިވެއެވެ.  ދެންތިބި މީހުން ހަވަރުތިނަދޫގައި އެދުވަސްވަރު މީހުން ނޫޅޭހިސާބެއް ކަމުގައިވާ ހަވަރުތިނަދޫ ދަނޑުކޮޅުގައި ވަކިން ބޭތިއްބިކަން ފާހަގަވެގެން ގޮސްފައިވެއެވެ. މިޑޮކްޓަރ ހަވަރުތިނަދޫގައި އުޅުއްވާފައިވަނީ ވާރުގޭގައެވެ. މިކަމުގެތެރޭގައި އުޅުއްވަނިކޮށް ޑޮކްޓަރު ވަރަށްބޮޑަށް ބަލިވެ ބުއްދި ހަމަނުޖެހޭ ހިސާބަށްގޮސްގެން ޑޮކްޓަރ މާލެ ގެންދިޔައީ ހަވަރުތިނަދޫ އައްޝައިޚު މުދިމްޙުސައިން ތަކުރުފާނުގެ ބަރަކަތުއްރަޙުމާނު އޮޑިންނެވެ. ޑޮކްޓަރާއިއެކު މާލެ ވަޑައިގެންނެވީ ހަވަރުތިނަދޫ އޮޅަދީދި ކަތީބެވެ.

އިސްމާޢީލްޙާޖީ އަތޮޅުވެރިކަމުން ވަކިކުރަށްވާފައިވަނީ އޮޅުދޫކަރަޔަށް (ސިލޯނަށް) ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި ރާއްޖެވަޑައިގެންނެވިއިރު ލަކުޑިންހަދާފައިވާ ކުޑަ ނީލަގެރިއެތެއް (އެލިފަންޓެއް) އިސްމާޢީލްޙާޖީ ގެންނެވުމާއިގުޅިގެން އެއީ އޭރު ރާއްޖެއެތެރެކުރުން މަނާތަކެތީގެ ތެރޭގައިހިމެނޭ އެއްޗަކަށްވުމާއެކު އެކަމުގެ ކުށުގައެވެ. އޭރު އަނެއްކާވެސް އައްސުލްތާނު މުޙައްމަދު ސަމްޝުއްދީންއަށް ރަސްކަން ލިބިވަޑައިގެންފައި ވުމާއެކު އިސްމާޢީލްޙާޖީއަށްފަހު އަނެއްކާވެސް އަތޮޅުވެރިކަން ދެއްވީ އަލްމަރުޙޫމު ޙާޖީމުޙައްމަދުކަލޭގެފާނަށެވެ.

އިސްމާޢީލްޙާޖީ ފުރަތަމަ ކައިވެނި ބައްލަވައިގަތީ ހަވަރުތިނަދޫ ޙަސަންބެއްޔަގެ ދޮންކަމަނަ (ދޮންކަމެންދައިތަ)އާއެވެ. މިޢާއިލާގެ އިތުރުތަފްޞީލެއް އެނގޭކަށްނެތެވެ. މިކައިވެންޏަށް ދެބޭފުޅަކު ލިބިވަޑައިގަތެވެ. އެއީ މަރިޔަމްފާނާއި، މޫސާތަކުރުފާނެވެ. މި މަރިޔަމްފާނު ހަވަރުތިނަދޫ މުޝްތަރީގެ އާދަމްމާލިމީއާއި ކައިވެނިބައްލަވައިގެން އުޅުއްވަނިކޮށް ނިޔާވީއެވެ. އޭގެފަހުން އާދަމްމާލިމީ ކައިވެނިބައްލަވައިގަތީ ހަވަރުތިނަދޫ ގޮއިވެރިމުޙައްމަދުދީދީގެ އައިސާދީދީއާއެވެ. މޫސާތަކުރުފާނު ކައިވެނިބައްލަވައިގެން އުޅުއްވީ ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާގެ ކުދެބެއްޔާގެ ރެކިދިޔެ (ތިނަދޫ ކެނދިފަށުވިގޭ ރެކިދައިތަ)އާއެވެ. މިދެކަނބަލުންގެ ކައިވެންޏަށް އަންހެންބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ. އެއީ ތިނަދޫ ވެސްޓުލައިޓް އަލްމަރުޙޫމާ އަނީސާ މޫސާއެވެ.

އަލްމަރުޙޫމު އިސްމާޢީލްޙާޖީ ކައިވެނިބައްލަވައިގެން އުޅުއްވި ދޮންކަމެންދައިތަ، އިސްމާޢީލްޙާޖީ ވަރިކުރެއްވުމުން ފަހުން ކައިވެނި ބައްލަވައިގެންނެވީ ހަވަރުތިނަދޫ އަލިކަލޭގެ ދަރިކޮޅުން ދައިތަގެ  ކުދެބެއްޔަ(ކުދެކަލޯ)ގެ ޔޫސުފު (ކަޅިއްޔަބެއްޔާ)އާއެވެ. އިބުރާހީމް ނާޞިރު ތިނަދޫއަށް ބަޑިޖެހުމުގެތެރޭ ބޮލަށްބަޑީގެ ވަޒަންއަރައިގެން ނިޔާވި އަލްމަރުޙޫމު ޙުސައިންތަކުރުފާނު (ކަޅިއްޔަގެ ޙުސައިންފުތު)އަކީ މި ދެކަނބަލުންގެ ދަރިކަލެކެވެ.

އަލްމަރުޙޫމު އިސްމާޢީލްޙާޖީ އޭގެފަހުން ކައިވެނިބައްލަވައިގެންފައިވަނީ ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ ޙައްވާދައިތައާއެވެ. ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ޙުސައިންތަކުރުފާނު، ޙަސަންޙަބީބު، ޚަދީޖާ އިސްމާޢީލް (ކަތްދާމަނިކެ) އެވެ. މިއީ ވަރަށްހުނަރުވެރި މަސައްކަތްތެރި ފަންނީ ބޭފުޅުންނެވެ. މީގެތެރެއިން އިސްމާޢީލްޙާޖީގެ ޙުސައިންތަކުރުފާނު ހަވަރުތިނަދޫގައި އުޅުއްވިއިރު ބިއްލޫރިފުޅީގެ އެތެރޭގައި އުނދޯލި އެލުވުމާއި ބިއްލޫރިފުޅީގެ އެތެރޭގައި މާގަސްހެދުން ފަދަ ތަފާތު ކަވިމަސައްކަތް ކުރަށްވާއުޅުއްވިކަމުގެ މަޢުލޫމާތުލިބިފައިވެއެވެ. އަދި ރައްޔިތުންގެ ބޮޑުމައުލޫދު އޮންނަދުވަހަށް މައުލޫދުހަރުގެ ތައްޔާރުކޮށްދިނުމުގައި ޙުސައިންތަކުރުފާނު ކުރަށްވާފައިހުންނަ މަސައްކަތްތަކަށް އެދުވަސްވަރުގެ ގިނަބަޔަކު ތަޢުރީފުކޮށް ވާހަކަދައްކާފައިވާކަން އެނގެއެވެ. އިސްމާޢީލްޙާޖީގެ ޙުސައިން ތަކުރުފާނު މައުލޫދުހަރުގެ ޒީނަތްތެރިކުރުމަށް ކުރެއްވި މަސައްކަތްތަކުގެތެރޭ އެއްމެބޮޑަށް ފާހަގަވެގެންދިޔަ ކަމެއްގެގޮތުގައި ވާހަކަދައްކައި އުޅުނު އެއްކަމަކީ މައުލޫދުކިއުމަށާއި، ކެއުމުގެމަޖިލީހަށް މައުލޫދުހަރުގެއަށްވަންނަ މީހުންގެ ފައިދޮވެވޭގޮތަށްހެދުމަށް ކުރެއްވި މަސައްކަތުގެ ވާހަކައެވެ. މައުލޫދުހަރުގެއަށް ވަންނަންހުންނަ ދޮރުގެ ވަކިހަރުފަތަކަށް މީހާ އެރުމުން ކައިރީގައި ބެހެއްޓިފައި ހުންނަ ފެންކުރައަކުން، މީހެއްގެ އެހީއަކާނުލައި ފަޔަށްފެންއެޅިގެން ފައިދޮވެވޭގޮތަށް ހެދިފައި ހުރިއިރު ކުރައިން ފެންހުސްވާ ވަރަކަށް ފެންނަންހުރި މީހަކާނުލައި ކުރަޔަށް ފެންއެޅޭގޮތަށް ތައްޔާރުކޮށްފައިވާ މަސައްކަތެވެ. މިކަމަކީ މިޒަމާނުގައި މިގެންގުޅޭ ފެންމޯޓަރުތަކާއި ހިޔަނިއެޅުމުން ފެންފައިބާގޮތަށް ހެދިފައިހުންނަ ފެންއިސްކުރުތައް ނެތް ދުވަސްވަރެއްގައި އިސްމާޢީލްޙާޖީގެ ޙުސައިންތަކުރުފާނު ކުރެއްވި ވަރަށް ޓެކްނިކަލް މަސައްކަތެއް ކަމުގައިދެކެމެވެ.

އިސްމާޢީލްޙާޖީގެ ޙުސައިންތަކުރުފާނަށް މަތީތަޢުލީމާއި ތަމްރީނު ދިނުމުގެ ބޭނުންފުޅުގައި އިސްމާޢީލްޙާޖީ މި ޙުސައިންތަކުރުފާނު އިންޑިއާއަށް ފޮނުއްވިއެވެ. އެގޮތުން އިންޑިއާގައި ހުންނަވައި އިތުރަށް ތަޢުލީމުޙާޞިލު ކުރެއްވުމަށްފަހު  އެތަނުގެ އަންހެނަކާއި ކައިވެނި ބައްލަވައިގެން ދިރިއުޅުއްވަމުންގެންދެވީ އިންޑިއާގައި ކަމަށްވެއެވެ. ނަމަވެސް ފަހުން އޭނާގެ ދިރިއުޅުއްވުންހުރި ގޮތާއި އިންޑިއާގައި އޭނާގެ ޢާއިލާ އޮތްކަން ނުވަތަ ނެތްކަންވެސް އެނގޭކަށްނެތެވެ. ފަހަރުގައި މި މަޢުލޫމާތު ނުލިބިދިޔައީ ތިނަދޫގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ސަބަބުން ކަންތައްވަމުންދިޔަގޮތުން ކަމަށްވުމީ އެކަށީގެންވާކަމަކަށް ވެދާނެއެވެ. ކޮއްމެއަކަސް ޙުސައިންތަކުރުފާނު މިހާރުވަނީދުނިޔެ ދޫކުރަށްވާފައި  ކަމަށްބެލެވެއެވެ.

އިސްމާޢީލްޙާޖީގެ ޙަސަންޙަބީބުވެސް މަތީތަޢުލީމުޙާޞިލުކުރުމަށް އިންޑިއާއަށް ފޮނުއްވިއެވެ. ނަމަވެސް ދުވަސްކޮޅަކު އިންޑިއާގައި އުޅުއްވުމަށްފަހު އިންޑިއާގައި ހުންނެވުމަށްވެސް އަދި އިންޑިއާއިން ތަޢުލީމު ޙާޞިލުކުރައްވަންވެސް އަލްމަރުޙޫމު ޙަސަންޙަބީބު ބޭނުންފުޅު ނުވުމުން އެނބުރި ރާއްޖެވަޑައިގަތީއެވެ. ކުރިންވެސް ދެންނެވުނު ފަދައިން އިސްމާޢީލްޙާޖީގެ މި ތިންބޭފުޅުންނަކީ މަސައްކަތްތެރިކަމަށް ލޯބިކުރަށްވާ ހުނަރުވެރި ބޭފުޅުންނަށްވުމުން ޙަސަންޙަބީބުވެސް ބޭނުންފުޅުވީ އޭނާއަށް ޤުދުރަތުން ދެއްވާފައިވާ ހުނަރުވެރިކަން އިތުރަށް ކުރިއަރުވައި ފަންނީ އިތުރު މަސައްކަތް ދަސްކޮށް އެރޮނގުން ތަޢުލީމުޙާޞިލު ކުރުމަށެވެ. މިހެންވެ ސިލޯނަށް (ސްރީލަންކާ) ވަޑައިގެން އެރޮނގުން ތަޢުލީމުޙާޞިލު ކުރަށްވައި ތަމްރީނުހޯއްދަވާފައިވެއެވެ.

އިސްމާޢީލްޙާޖީގެ ޙަސަންޙަބީބު ސިލޯނުން ޙާޞިލުކުރަށްވާފައިވާ ތަޢުލީމާއި ތަމްރީނުގެ ތެރެއިން އެއްމެބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ފޮޓޯނަގައި ފޮޓޯސާފުކުރުމުގެ މަސައްކަތެވެ. ހަވަރުތިނަދޫގައި ފޮޓޯސާފުކުރާ އަމިއްލަ ސްޓޫޑިއޯއެއް ގޭގައި ހައްދަވައިގެން ވަރަށް ރަނގަޅު ފެންވަރެއްގައި އެމަސައްކަތް ކުރަށްވާފައިވެއެވެ. އަދި އެމަސައްކަތް ކުރެއްވިއިރު ޙަސަންޙަބީބުގެ ޙިކުމަތާއި ހުނަރުވެރިކަމުގެތެރެއިން އަމިއްލައަށް އުފެއްދެވި އެންލާޖަރެއް ބޭނުންކޮށްގެން ފޮޓޯބޮޑުކުރުމުގެ މަސައްކަތްވެސް އެސްޓޫޑިއޯގައި ޙަސަންޙަބީބު ކުރަށްވަމުން ގެންދެވިކަން ފާހަގަކުރަމެވެ.

މާލޭ މ.ނެދުންގޭ އަލްމަރުޙޫމު ޢަލީ ނަޖީބު އެއްދުވަހެއްގައި އަޅުގަނޑާއި ބައްދަލުވެ ދެކެވުނު ވާހަކައެއްގެ ތެރޭގައި ޢަލީނަޖީބު ވިދާޅުވީ ޙަސަންޙަބީބުއާއި ޢަލީނަޖީބުއާ ދެބޭފުޅުން ސިލޯނުގައިތިއްބަވައިގެން ފޮޓޯނެގުމާއި ސާފުކުރުމުގެ މަސައްކަތް ދަސްފުޅުކުރެއްވީ ދެބޭފުޅުން އެކުގައިކަމަށެވެ. އެއީ ރާއްޖެއިން އެއްމެފުރަތަމަ އެމަސައްކަތް ދަސްކުރެއްވި ދެބޭފުޅުންކަމަށާއި  ޙަސަންޙަބީބަކީ ފޮޓޯނަގައި ފޮޓޯސާފުކުރުމުގެ މަސައްކަތަށް ވަރަށްމޮޅު ބޭފުޅަކަށްވުމުގެ އިތުރަށް ކުޅަދާނަ ހުނަރުވެރި ފަންނީބޭފުޅެއްކަމުގައި ވިދާޅުވެ ޙަސަންޙަބީބުއަށް ވަރަށްބޮޑަށް ތަޢުރީފު ކުރައްވައި ޢަލީނަޖީބު ވާހަކަފުޅު ދެއްކެވިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އެދުވަސްވަރު ރާއްޖޭގައި ތިއްބެވި މިމަސައްކަތުގެ އެއްމެމޮޅު ބޭފުޅުންނަކީވެސް ޢަލީނަޖީބުއާ ޙަސަންޙަބީބު ކަމުގައިވެއެވެ.

އަޅުގަނޑަށް ޢަލީނަޖީބުއާއި ބައްދަލުވެ މިވާހަކަ ދެކެވޭގޮތްވީ އަޅުގަނޑު އަތުގައިއޮތް އަޅުގަނޑުގެ ބޮޑުބޭބެ ހަވަރުތިނަދޫ އަލްމަރުޙޫމު އިބުރާހީމް ޝިހާބުގެ ވަރަށްބޮޑަށް ހަލާކުވެފައިވާ ފޮޓޯގަނޑަކުން ރަނގަޅު ފޮޓޯއެއް ހެއްދޭތޯ މާލޭގައިހުރި ފޮޓޯސާފުކުރާ ގާތްގަނޑަކަށް ހުރިހާތަނަކަށް ގޮސްގެންވެސް އެކަން ނުކުރެވިގެން އުޅެނިކޮށް އެތަނުން އެއް ސްޓޫޑިއޯއެއްގެ މީހަކު ބުނީ ތިފޮޓޯ ހަދާލެވޭނެ ހަމައެކަނި މީހަކަށް މާލޭގައި ހުންނާނީ މ.ނެދުންގޭ ޢަލީނަޖީބު ކަމަށެވެ. އެހެންވެ އެފޮޓޯގަނޑު ހިފައިގެން ޢަލީނަޖީބުއަރިހަށްގޮސް އަޅުގަނޑު ހައްދަންބޭނުންވި ފޮޓޯ ދިއްކޮށްލުމަށްފަހު، މިއީ ވަރަށްބޮޑަށް ހަލާކުވެފައިވާ ފޮޓޯއެއް ކަމަށާއި މިފޮޓޯގަނޑު ނޫނީ އަޅުގަނޑުއަތުގައި މިބޭފުޅާގެ އެހެން ފޮޓޯއެއްނެތަތީވެ މިފޮޓޯހައްދަން އަޅުގަނޑު ބޭނުންވަނީ ކަމުގައި ޢަލީނަޖީބަށް ދެންނެވީމެވެ. އަދި އެފޮޓޯ އަޅުގަނޑަށް ހައްދަވައި ދެއްވަފާނަންތޯވެސް ޢަލީނަޖީބަށް ދެންނެވީމެވެ.

އަޅުގަނޑުއަތުން އެފޮޓޯގަނޑު އަތުލައްވައި އިރުކޮޅަކު ބައްލަވަން ހުންނެވުމަށްފަހު ޢަލީނަޖީބު ވިދާޅުވީ މިފޮޓޯގަނޑުގައިވާ ބޭފުޅަކީ ތިމަންނަ ވަރަށް އިޙުތިރާމުކުރާ ގާތްބޭފުޅެއްކަމުގައެވެ. ދެންވިދާޅުވީ ދިހަވަރަކަށް ދުވަސްފަހުން ޚަބަރުބަލާލާށެވެ. ވުމާއެކު ދިހަވަރަކަށްދުވަސް ފަހުން އަޅުގަނޑުދިޔައިރު ވަނީ އެފޮޓޯ ވަރަށްރީތިކޮށް ހައްދަވައި އެއިން އާފޮޓޯއެއް ނަންގަވައި ސާފުކުރަށްވާފައެވެ. އަޅުގަނޑު އޭގެއަގަކީ ކޮބައިތޯ ދެންނެވުމުން ޢަލީނަޖީބު ވިދާޅުވީ އެފޮޓޯހައްދަވާފައިވަނީ ވަރަށްބޮޑު މަސައްކަތެއް ކުރަށްވައިގެން ކަމަށާއި އަގެއް ކިޔާނަމަ ވާނީ ވަރަށްބޮޑު އަގަކަށް ކަމަށެވެ. ތިމަންނަ މިކަންކޮށްދިނީ މިފޮޓޯގައިވާ ބޭފުޅާ (ޝިހާބު)ގެ ޝަރަފަށްޓަކައި ކަމަށާއި އެއްވެސް އަގެއް ބޭނުން ނޫން ކަމަށެވެ.

އަލްމަރުޙޫމު ޢަލީނަޖީބުއާ ކުރެވުނު މި މުޢާމަލާތުން އަޅުގަނޑަށް ދެކަމެއް އެނގިގެންދިޔައެވެ. ފުރަތަމަކަމަކީ އިސްމާޢީލްޙާޖީގެ ޙަސަންޙަބީބުގެ ހުނަރުވެރިކަމާއި އަދި ފޮޓޯނެގުމުގެ މަސައްކަތުގައި ޙަސަންޙަބީބަށް ލިބިވަޑައިގެންފައިވާނޭ ހުނަރާއި ކުޅަދާނަކަމުގެ މިންވަރު ވަޒަންކުރެވުމެވެ. ދެވަނަކަމަކީ ތިނަދޫގައި އެދުވަސްވަރު ކުރިޔަށްތިއްބެވި ތިނަދޫގެޝަރަފުވެރިންނާއި މާލޭގައި އުޅުއްވާ މާލޭގެ ޢިއްޒަތްތެރި ބޭބޭފުޅުންނާއި ދެމެދު އެޒަމާނުގައި އުފެދިފައިވި ގާތްކަމާއި ކުރަށްވާ އިޙުތިރާމާއި އަދި އެދެމެދުގައި އޮތް ފުރިހަމަ ގުޅުމެވެ.

އިސްމާޢީލްޙާޖީގެ ޙަސަންޙަބީބު ސިލޯނުން އެނބުރިވަޑައިގަތްއިރު ބައްޕާފުޅު އިސްމާޢީލްޙާޖީގެ ވިޔަފާރި ފުޅާކުރަށްވައި ޒަމާނީ ބަދަލުގެންނެވުމުގެ ގޮތުން ސޮޑާ،އަދި ޑޮންޑޮން ފަދަ ބުއިންތައް ތައްޔާރުކޮށްދޭ މެޝިން ސިލޯނުން ގެންނަވައިގެން ވަރަށްފުޅާ ދާއިރާއެއްގައި އެބުއިންތައް އުފައްދައި ތިނަދޫއަށާއި އަތޮޅުގެ ރަށްރަށަށް ވިއްކުމުގެ މަސައްކަތް އިސްމާޢީލްޙާޖީގެ ގޭގައި ކުރަށްވާފައިވެއެވެ.

އިސްމާޢީލްޙާޖީގެ ޙަސަންޙަބީބުއަކީ ވަރަށް ޚިޔާލުތަނަވަސް ރީތި ދިރިއުޅުއްވުމެއް އުޅުއްވި ބޭފުޅެކެވެ. ވަރަށްބޮޑަށް މިއުޒިކާއި ލަވަޔަށް ލޯބިކުރެއްވި އެޒަމާނުގައި ލަވަޖަހަންގެންގުޅުނު ގްރެމޯފޯނު (ލަވަޖަހާފޮށި) ގެ ވަރަށްބޮޑު ގްރެމޯފޯނެއް ގެއަށްގެނެސްގެން ވަރަށްއަޑުގަދަކޮށް އޭރުގެ މަޝްހޫރު ހިންދީލަވަޖެހުމަކީ އިސްމާޢީލްޙާޖީގެ ގޭގައި ޢާއްމުކަމެކެވެ. ކުރިންވެސްދެންނެވުނުފަދައިން އިސްމާޢީލްޙާޖީގެ ޙަސަންޙަބީބަކީ ވަރަށްހުނަރުވެރި ބޭފުޅަކަށް ވުމުން ހަވަރުތިނަދޫގައި އެދުވަސްވަރު ބާއްވާ މަދަރުސާގެ އިނާމުދިނުމުގެ ޖަލްސާތަކުގައާއި ޚާއްޞަ އިޙުތިފާލުތަކާއި އެނޫނަސް ގިނަކަންކަމުގައި ޙަސަންޙަބީބުގެ ހުނަރުވެރިކަމުގެ ތަފާތުގިނަކަންތައްތަކެއް ފެނިގެންގޮސްފައިވާކަމީ މިއަދުވެސް އެތައްބައެއްގެ ހަނދާނުގައި އެކަންކަން ހަރުލާފައިވާ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވެއެވެ. ވަކިންޚާއްޞަގޮތެއްގައި މަދަރުސަތުލް އަމީރުއިބުރާހީމު ހުޅުވުމުގެ ޖަލްސާއަށް ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބުރާހީމް ފާމުލަދޭރިކިލެގެފާނު ވަޑައިގަންނަވާތީވެ މަދަރުސާގެ ގޯތިތެރޭގައި ފެންއަރުވާވަޑާމެއް ހެދުމާއި ގަސްއިންދައި މުޅިގޯތިތެރެ ޒީނަތްތެރިކޮށް ފުރިހަމަކުރެއްވުމުގެ އިތުރަށް ސީލިންގފަންކާއެއް ހައްދަވައި މަދަރުސާހޯލުގައި ހަރުކުރައްވައި ކަރަންޓާއިނުލައި އަނބުރާލާނެ މެކޭނިޒަމްއެއް އުފައްދަވައިގެން ފަންކާ ބޭނުންކުރުންފަދަ މުހިއްމު ކަންތައްތަކެއް އެދުވަހު ޙަސަންޙަބީބުގެ ހުނަރުވެރިކަމުގެ ތެރެއިން ފެނިގެންދިޔަކަން ގިނަބަޔަކު ފާހަގަކުރެއެވެ.

ހަވަރުތިނަދޫގައި ހިނގައިދިޔަ ސަރުކާރާއިދެކޮޅު ފުރަތަމަ ހަމަނުޖެހުމުގެ ދުވަސްކޮޅެއް ކުރިން ހިޖުރައިން 1377 ވަނައަހަރުގެ ރަބީޢުލްއައްވަލުމަހުގެ 3 ވަނަދުވަހު އިސްމާޢީލްޙާޖީ ވަނީ ދުނިޔެ ދޫކުރައްވާފައެވެ. އެދުވަހު ހަވަރުތިނަދޫގެ ވަރަށްގިނަބަޔަކު އެހިތާމާގައި ބައިވެރިވެ ޖަނާޒާގެ ކަންތައް ފުރިހަމަކޮށްފައިވެއެވެ. އިސްމާޢީލްޙާޖީ ނިޔާވުމާއެކު އިސްމާޢީލްޙާޖީގެ މުދަލުގެތެރެއިން އެއްއޮޑިއާއި ބައެއް މަސްދޯންޏާއި އެހެނިހެން މުދަލުންވެސް އެގޭ ކަތްދާމަނިކެއަށް ދެއްވުމަށްފަހު ގޭގެ ވިޔަފާރިއާއި އެހެނިހެން ކަންކަމުގެ މަސްއޫލިއްޔަތު ޙަސަންޙަބީބު އުފުއްލަވަމުން ގެންދަވަނިކޮށް ހަވަރުތިނަދޫގައި ފެށުނު ހަމަނުޖެހުމާއި ގުޅިގެން ހަވަރުތިނަދޫއިން މާލެގެނެވި ޖަލުގައި ބަންދުކުރެއްވި ބޭފުޅުންގެތެރޭގައި އިސްމާޢީލްޙާޖީގެ ޙަސަންޙަބީބުވެސް މާލެގެންނަވައި ޖަލުގައި ބަންދުކުރެއްވިއެވެ. ނަމަވެސް ދުވަސްކޮޅަކު ޖަލުގައި ބޭތިއްބުމަށްފަހު އެފަހަރު ޖަލަށްލެވުނު ހަވަރުތިނަދޫގެ އެއްމެންޖަލުންނެރެ މާލޭގައި ބަންދުކުރެއްވިއެވެ.

މާލޭބަންދުގައި ތިބިތިބުމުގެތެރޭ ޙަސަންޙަބީބު ސައިހޮޓަލެއް ހިންގެވުމަށް ޤަޞްދުކުރަށްވައި ވަރަށްރަނގަޅަށް އިންތިޒާމުކުރެއްވުމާއެކު އެހޮޓާ މާލޭމަޖީދީމަގުގައި ހުޅުއްވިއެވެ. މިހޮޓަލުގެ ވެއިޓަރުންގެ ގޮތުގައި ލައްވާފައިތިބީ ރީތިޔުނިފޯމެއްގައި ތިބޭޒުވާން އަންހެންކުދިންނެވެ. ހޮޓަލުގައި އަޑުގަދަކޮށް ލަވަޖެހުމާއި ހޮޓަލުގެ ކައިރީގައި ކެރަމް އަދި ރާޒުވާ ފަދަ ކުޅިވަރު ކުޅެވޭނެގޮތް ހަމަޖައްސާފައި ވުމުން އެޒަމާނުގައި މާލޭމީހުންނަކީވެސް ލަވަޔާއި އަދި އެފަދަ ކުޅިވަރުތަކަށް ވަރަށްބޮޑަށް ދެވިހިފާފައިތިބި ބަޔަކަށްވާތީވެ، މިތަން ވަރަށްބޮޑަށް މަޝްހޫރުވެ މާލޭގެ ވަރަށް ގިނަބަޔަކު މިހޮޓަލަށް ޒިޔާރަތް ކުރަންފެށިއެވެ. މިހެންވުމުން އޭރުގެ މަޙުކަމަތުލް އަމަންޢާއްމުން ސިފައިންފޮނުވައި ކުޑަދުވަސްކޮޅެއްގެ ތެރޭ މިހޮޓާ ބަންދުކުރެއްވިއެވެ. ގިނަބަޔަކު ވާހަކަ ދައްކާގޮތުންނަމަ މިހޮޓާ ވެގެންގޮސްފައިވަނީ މިފަދަގޮތަކަށް މާލޭގައި ހިންގުނު ފުރަތަމަ ސައިހޮޓާކަމަށެވެ.

އިސްމާޢީލްޙާޖީގެ ޙަސަންޙަބީބު މާލޭބަންދުގައި ހުންނެވިއިރު އެގޭ ދެއޮޑި މާލެއަށް ކުރި ދަތުރެއްގެ ތެރެއިން ކުޑައޮޑި ބެހިގެން އެފްރިކާގެ ހިސާބެއްކަމުގައިވާ މުކައްލާއަށް ދިޔައެވެ. އެދުވަސްވަރަކީ ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް ސަރުކާރާއި ދެކޮޅުވެރިވުމުގެ ކަންތައް ފެށުނު ދުވަސްވަރަށްވުމާއެކު މާލެއާއި އަދި ފަޅުއޮޑިފަހަރުގައި ތިބި ހުވަދުއަތޮޅަށް ނިސްބަތްވި އެއްމެންނާއި، ރަށަށްދިއުމަށް މާލެއިން ފުރައިގެންގޮސް  ވައިނުލިބިގެން މާލެއަތޮޅުގެ އެކިހިސާބުތަކުގައި ތިބި އޮޑިފަހަރާއި އެއޮޑިފަހަރުގެ މީހުންވެސް ސަރުކާރުގެ ސިފައިންފޮނުވައިގެން މާލެގެނެސް ޖަލަށްލީއިރު،  ޙަސަންޙަބީބުގެ ބޮޑުއޮޑިވެސް ރަށަށްދާން މާލެއިން ފުރައިގެންގޮސް މާލެއަތޮޅު ޅޮހީގެބޭރުގައި އޮއްވާ އޮޑިމާލެގެނެސް އެއޮޑީގެމީހުންވެސް ޖަލަށްލިއެވެ. އޭރު ޙަސަންޙަބީބުވެސް ވަނީ ދެވަނަފަހަރަށް ޖަލަށްލާފައެވެ. ވުމާއެކު ބެހިގެންދިޔަ އިސްމާޢީލްޙާޖީގެ ކުޑައޮޑި ރާއްޖެގެނައުމުގެ މަސައްކަތްކުރެވޭނެ އެ ޢާއިލާގެ ހަރުމީހަކުނެތެވެ. އޭގެ ދުވަސްކޮޅެއްފަހުން އިސްމާޢީލްޙާޖީގެ އެއޮޑި ރާއްޖެ ގެނައުމަށްޓަކައި އެކަމަށް ޚަރަދުކުރާނެ ފައިސާ ހޯއްދެވުމުގެ ގޮތުން މާލޭފަޅުގައިއޮތް އިސްމާޢީލްޙާޖީގެ ބޮޑުއޮޑި ސަރުކާރުން ވިއްކަވައިލެއްވި ކަމުގެ ވާހަކަތަކެއްވެސް އިވިގެން ގޮސްފައިވެއެވެ. ނަމަވެސް އެކަމުގެ މާކަބޮޑު ޙަޤީގަތެއް ނޭގެއެވެ. އަދި ބެހިގެން ދިޔައޮޑިވެސް ރާއްޖެގެނެވިފައި ވާ ކަމަކަށް ނުވެއެވެ. އޮޑިއާއެކު ބެހުނުމީހުން ރާއްޖެ ގެންނެވުން އެއީ ސަރުކާރުން ކުރަށްވަން ޖެހިވަޑައިގަންނަވާނޭ ކަމެއްކަމުގައިވިޔަސް އެމީހުން ރާއްޖެ ގެންނެވުމުގައި ސަރުކާރުން ކަންތައްކުރަށްވާފައިވާގޮތެއް ސަރުކާރުން އެ ޢާއިލާއަށް ސާފުކޮށްދެއްވާފައިވާކަމަކަށް ނުވެއެވެ.

އިސްމާޢީލްޙާޖީގެ ޙަސަންޙަބީބު ފުރަތަމަ ކައިވެނިބައްލަވައިގަތީ ހަވަރުތިނަދޫ ބޮޑުކަތީބު ކަލޭގެފާނުގެ ޢާއިލާއިން އަޙުމަދު ކަތީބު ކަލޭގެފާނުގެ މުޙައްމަދު ކަތީބުކަލޭގެފާނުގެ ޙަސަންތަކުރުފާނުގެ އައިސާފާނުގެ އާމިނާދީދީއާއިއެވެ. ލިބިވަޑައިގެންފައިވާ ބޭފުޅަކީ ޙަބީބާ ޙަސަންޙަބީބެވެ. އޭގެފަހުން މިކައިވެނިރޫޅި އާމިނާދީދީ ކައިވެނިބައްލަވައިގެން އުޅުއްވީ ވާދޫ ގަތްދަޑުގޭ ޢަބުދުﷲ ލަތީފުއާއެވެ. ރާއްޖޭގެ ޞިއްޙީދާއިރާއިން މަޝްހޫރުކަން ހޯއްދަވާފައިވާ ޑރ.ޢަލީލަތީފުގެ މައްމާފުޅަކީވެސް މި އާމިނާދީދީއެވެ. ޙަސަންޙަބީބު ދެން ކައިވެނި ބައްލަވައިގެންފައިވަނީ ހިރިހަމައިދިކަލޭފާނުގެ ޙައްވާމަނިކެއާއެވެ. އިސްމާޢީލް ޙަބީބުއަކީ މިދެކަނބަލުންގެ ދަރިކަލެކެވެ. ޙައްވާމަނިކެ ނިޔާވުމުން ޙަސަންޙަބީބު ކައިވެނިކުރެއްވީ ހިރިހަމައިދިކަލޭފާނުގެ ނަފީސާމޫސާއާއެވެ. މިދެކަނބަލުންގެ ކައިވެންޏަށް ދެބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ. އެއީ މުޙައްމަދު ޙަބީބުއާއި، މަރިޔަމްޙަބީބާއެވެ. އޭގެތެރެއިން މުޙައްމަދު ޙަބީބުވަނީ ވަރަށްކުޑައިރު ނިޔާވެފައެވެ. އިސްމާޢީލްޙާޖީގެ ކަތްދާމަނިކެ ކައިވެނިބައްލަވައިގެންނެވީ ހަވަރުތިނަދޫ ބޮޑުކަތީބުކަލޭގެފާނުގެ މުޙައްމަދު ކަތީބުލޭގެފާނުގެ އަޙުމަދުކަލޭގެފާނު (މުދިމްބެއްޔާ)ގެ ދޮންބީފާނުގެ ޙަސަންދީދީ (ވާރުގޭ ޙަސަންދީދީ)އާއިއެވެ. ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ޢަލީފަހުމީ އާއި ޢާއިޝަތުފަހުމީ އެވެ. އިސްމާޢީލްޙާޖީގެ ޙަސަންޙަބީބުއާ ކަތްދާމަނިކެއަށް ލިބިވަޑައިގެންނެވި މިހާރު ދުނިޔޭގައިތިއްބެވި ހުރިހާބޭފުޅުންނަކީވެސް ފާހަގަކުރެވޭ ހުނަރުވެރި މަސައްކަތްތެރި ބޭބޭފުޅުންނެވެ. މީގެތެރެއިންވެސް ޢަލީފަހުމީއަކީ ކުޅަދާނަ އާޓިސްޓެއްގެ އިތުރަށް އިންޓަރނޭޝަނަލް ނެވިގޭޓަރެއްވެސްމެއެވެ. މިއެއްމެހައި ބޭފުޅުންވެސް ދިރިއުޅުއްވަމުން ގެންދަވަނީ މާލޭގައި ކަމަށްވެއެވެ. އިސްމާޢީލްޙާޖީގެ ޙަސަންޙަބީބު ދުނިޔެދޫކުރައްވާފައިވަނީ މާލޭޖަލުގައި ލިބިވަޑައިގެންނެވި އަނިޔާގެ ތެރޭގައި 1381 ވަނައަހަރުގެ ރަމަޟާންމަހުގެ 6 ވަނަދުވަހުއެވެ. މިލިއުމުގައި ބަޔާންކުރެވިދިޔަ މިއަދު ދުނިޔެއާއި ވަކިވެވަޑައިގެންފައިވާ އެއްމެބޭފުޅުންނަށް މަތިވެރިވަންތަ ﷲގެ ފުއްސެވުމާއި ރުއްސެވުން މިންވަރުކުރައްވާށިއެވެ. އާމީން.

           -----------------------

މަޢުލޫމާތުހޯއްދަވައި ލިޔުއްވީ:

މުޙައްމަދު ޒުހައިރު  މާގަލާ / ތިނަދޫ

20 ޖެނުއަރީ 2016