ހުވަދުއަތޮޅުގައި އުފެދުނު ދިވެހިބަހުގެ ޢިލްމުވެރިންގެ ތެރެއިން ހަވަރުތިނަދޫ ޙަސަން ޙަލީމްއަކީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ދުވަސްވަރު އުފެއްދެވި ދާރުލްއިޤާމާއަށް އަތޮޅުތަކުން ކިޔަވަން ކުދިން ފޮނުވުނުއިރު ހުވަދުއަތޮޅުން ފޮނުއްވި ކުދިންގެތެރޭ ހިމެނިވަޑައިގަތް ބޭފުޅެކެވެ. އެބޭފުޅާ، މަދުރަސަތުލް މަޖީދިއްޔާއިން އެދުވަސްވަރުގައި ދެވޭ އެންމެމަތިން ތަޢުލީމް ޙާސިލްކުރައްވާފައިވެއެވެ
ޙަސަން ޙަލީމަކީ މަދުރަސަތުލް މަޖީދިއްޔާގައި ތަޢުލީމް ޙާޞިލުކުރެއްވިއިރު އޮނަރަބަލް އަލްއުސްތާޒު ޢަބުދުﷲ ޙަމީދާއި، ދިވެހިބަހުގެ ކުޅަދާނަ ޢިލްމުވެރިއެއްކަމުގައިވާ އަލްފާޟިލު ޢަބުދުﷲ ޞާދިގު (ޞޯދުބެ) އާއެކު އެއްކުލާހެއްގައި ކިޔަވަންއުޅުއްވި ބޭފުޅެކެވެ. ހަމައެހެންމެ ޙަސަން ޙަލީމަކީ އެދެބޭފުޅުންނާ އެއްފަދަ، ދިވެހިބަހަށް ފަރިތަ ޅެންހެއްދެވުމަށާއި ލިއުއްވުންތެރިކަމަށްވެސް މޮޅު ހުނަރުވެރި ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ޙަސަން ޙަލީމުގެ ލިއުއްވުންތަކާއި ޅެންތައް އެދުވަސްވަރުގެ މަޖައްލާއެއްކަމުގައިވާ އައްރާބިތާގައި ޝާއިޢުކުރައްވާފައިވެއެވެ. މަދުރަސަތުލް މަޖީދިއްޔާގެ ޚާއްސަޕާޓީގައި ހިމެނިވަޑައިގަތުމުގެ ސަބަބުން ކުޅިވަރަށް ސަމާލުކަން ދެއްވެވި އެކިކުޅިވަރުތަކުގައި ވަރަށްބޮޑަށް ޙަރަކާތްތެރިވެއުޅުއްވި އަދި ޙާއްސަޕާޓީގެ ފުރަތަމަ ކޮމާންޑަރަކީވެސް ޙަސަންޙަލީމެވެ. އެހެންވީމާ އެއީ ތާރީޚުން އެނގޭގޮތުގައި ދިވެހިރާއްޖޭގެ ފުރަތަމަ ކެޑޭޓް ކޮމާންޑަރެވެ
ޙަސަން ޙަލީމު ދުނިޔޭގައި ހުންނެވިނަމަ
އަލްފާޟިލު ޢަބުދުﷲ ޞާދިގު (ޞޯދުބެ) މެންފަދަ ދިވެހިބަހަށް ޚިދުމަތް ކުރެއްވެވުމުގައި
އެންމެކުރީސަފުގައި އުޅުއްވާނެ ބޭފުޅެއްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. މަޖީދިއްޔާއިން
ތަޢުލީމް ޙާޞިލު ކުރައްވާ ނިމިވަޑައިގަތުމުން އޭރުގެ ވުޒާރަތުއް ދާޚިލިއްޔާގެ ސެކެޓްރީކަމުގެ
ވަޒީފާ ސަރުކާރުން ދެއްވެވިއެވެ. ނަމަވެސް އެވަޒީފާ ދޫކުރައްވައި އަމިއްލަ އުފަންރަށަށް
ޚިދުމަތް ކުރުމަށްޓަކައި ހަވަރުތިނަދޫ އަށް ވަޑައިގެން އެރަށުގައި އޭރުހިންގި މަދުރަސާ
ކަމުގައިވާ މަދުރަސަތުލް އަމީރުއިބުރާހީމްގެ ހިންގާސެކެޓްރީގެ މަގާމު ފުރުއްވިއެވެ. އަދި އެމަދަރުސާގެ ފުރަތަމަ ކުޅިވަރު މުރުޝިދަކީވެސް
ޙަސަން ޙަލީމެވެ.
މަދުރަސަތުލް އަމީރު އިބްރާހީމް ހިންގެވުމުގައި
ވަރަށް ކުޅަދާނަކަމާއި ހީވާގިކަމާއެކު އިދާރީގޮތުން
މަދަރުސާ ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވުމުގެއިތުރަށް ދިވެހިބަހާއި އަދަބިއްޔާތާއި،
ކުޅިވަރުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް އެމަދަރުސާއަށް ޙަސަން ޙަލީމުވަނީ ކޮށްދެއްވާފައެވެ.
މަދަރުސާގެ ކުލާހަކަށް މުދައްރިސަކަށް ވަޑައިނުގެންނެވޭފަދަ ޢުޒުރެއް މެދުވެރިވެވަޑައިގަންނަވާ
ޙާލަތްތަކުގައި، އެމަދަރުސާގައި ގަޑިފުރުއްވާނެ އިތުރު މުދައްރިސުން ހަމަޖެހިފައި ތިބުމާއެކުވެސް،
އެފަދަ ވަގުތުތަކުގައި ޙަސަންޙަލީމަށް ފުރުއްވޭފަދަ ގަޑިތައް ނަންގަވައި އެގަޑިތައް
ޙަސަން ޙަލީމު ފުރުއްވާހައްދަވައެވެ. ޙަސަން ޙަލީމަކީ ވަރަށް ތަރުތީބުކޮށް ހުރިހާކަމެއްވެސް
ކުރައްވަވާ އަދި ހަމައެހެންމެ ގެންގުޅޭ ފޮތްތަކާއި، ޔުނިފޯމު ސާފުތާހިރުކޮށް ރީތިކޮށް
ގެންގުޅުމަށް ދަރިވަރުންނަށް ނަސޭޙަތްތެރިވެ އެކަމަށް ވަރަށްބޮޑަށް ބާރުއަޅުއްވައި
ހެއްދެވި ބޭފުޅެކެވެ. މަދަރުސަތުލް އަމީރުއިބްރާހީމަކީ ހަވަރުތިނަދޫގެ އިތުރަށް ހުވަދުއަތޮޅުގެ
އެކިރަށްރަށުންނާއި އަދި އެހެން އަތޮޅުތަކުގެ ކުދިންވެސް ތަޢުލީމު ޙާޞިލުކުރަމުންދިޔަ
މުޅިރާއްޖެއަށް މަޝްހޫރުވި މަދަރުސާއެކެވެ. މިމަދަރުސާއަކީ ހުވަދުއަތޮޅުގައި ތިއްބެވި
ތަނަވަސް އެއްމެހައި ބޭފުޅުންގެ ދީލަތި އެހީފުޅާއި، އެބޭފުޅުންގެ ފުރިހަމަ ބައިވެރިވުމާއެކު
ހިންގެވި އަތޮޅު މަދަރުސާއަކަށްވުމުން، މަދަރުސާގެ ހުރިހާކަމެއްވެސް ކުރައްވާފައިވަނީ
ވަރަށްބޮޑަށް ބެލެހެއްޓިގެން ފުރިހަމައަށް އިންތިޒާމު ކުރެވިގެންނެވެ. މިކަންތައްތައް
މިހާފުރިހަމައަށް ކުރެވިފައިވަނީ ޙަސަން ޙަލީމުގެ ކުޅަދާނަކަމާއި، ހިންގުންތެރިކަމުން
ކަމުގައިވުމީ އެދުވަސްވަރުގެ އެއްވެސްބޭފުޅަކު އެކަމާ ދެބަސްވެވަޑައިނުގަންނަވާނެ ޙަގީގަތެއްކަމުގައި
ދަންނަވަމެވެ.
މަދަރުސާގެ ނާޒިރު ޢަބުދުﷲ ކަތީބާއި،
ޙަސަން ޙަލީމުގެ މައިގަނޑު މަގުޞަދަކީ މަދަރުސާ ނިންމާފައި ނުކުންނަ ކޮންމެ ދަރިވަރަކީވެސް
މުސްތަގުބަލުގައި އަތޮޅުގެއެކިކަންކަމާ ޙަވާލުވެ މަސްއޫލިއްޔަތު އަދާކުރެވޭ ފެންވަރުގެ
ދަރިވަރަކަށް ކޮންމެ ދަރިވަރަކުވެސް ހެއްދެވުންކަމުގައި އެދުވަސްވަރު ތަޢުލީމުޙާޞިލުކުރެއްވި
ވަރަށްގިނަބޭފުޅުން ވިދާޅުވެއެވެ. މަދަރުސަތުލް އަމީރުއިބްރާހީމްއަކީ ދަރިވަރުންގެ ޔުނިފޯމުއެއް
ކަނޑައެޅިގެން ހިންގެވި އެއަތޮޅުގެ ފުރަތަމަ މަދަރުސާއެވެ. ޔުނިފޯމު ހޯދަން ދަތިވާކުދިންނަށް
ޔުނިފޯމުދެއްވަނީ މަދަރުސާގެ ފަރާތުންނެވެ. އަދި މަދަރުސާގެ މުވައްޒަފުންނަށް ޔުނިފޯމު
ހަމަޖައްސަވައި ދެއްވުމުގެއިތުރަށް، ދުއްވާނެ ބައިސިކަލްވެސް މަދަރުސާގެ ފަރާތުން މުވައްޒަފުންނަށް
ހަމަޖައްސަވާފައިވެއެވެ. މިމަދަރުސާގެ ނަން ނިސްބަތްވެފައިވަނީ ރާއްޖޭގެ ބޮޑުވަޒީރުކަމުގެ
މަގާމު ފުރުއްވެވި ބޭފުޅެއްކަމުގައިވާ އަލްއަމީރު އިބުރާހީމް ފާމުލަދޭރިކިލެގެފާނުގެ
ނަންފުޅަށެވެ.
ހަވަރުތިނަދޫ އިބުރާހީމް ޝިހާބުއާއެކު
އެރަށުގެ ކުޅިވަރު ތަރައްގީކުރެއްވުމަށް ޙަސަން ޙަލީމު ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ.
ހަވަރުތިނަދޫގައި ކުޅިވަރާއި އިޖުތިމާޢީ ކަންތައްތައް ކުރިއަރުވައި އާލާކޮށް ހަވަރުތިނަދޫގެ
ތަރައްގީއަށް މަސައްކަތް ކުރެއްވުމުގެގޮތުން ކްލަބެއް ރަޖިސްޓްރީ ކުރެއްވުމަށްވެސް
އިބުރާހީމް ޝިހާބާއެކު ޙަސަން ޙަލީމް މަސައްކަތް ކުރެއްވެވިއެވެ. މިކްލަބް ރަޖިސްޓްރީކުރެއްވުމަށް
ސަރުކާރަށް ހުށަހެޅުއްވުމުން އިބްރާހިމް ޝިހާބާއި ޙަސަން ޙަލީމާ ދެބޭފުޅުންނާމެދު ހިތުގައި
ނުތަނަވަސްކަމެއްއޮތް ބަޔަކު ކުރިރިޕޯޓަކާ ގުޅިގެން މިދެބޭފުޅުން ކުށްވެރިންގެ ގޮތުގައި
ގޭގައި ބަންދުކުރެއްވެވިއެވެ.
ޙަސަން ޙަލީމަކީ ރަށުގެ އެކި ޢުމުރުފުރައިގެ މީހުންނާވެސް ވަރަށް ގުޅުންބޮޑު ގިނަބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންނެވި، މީހުންނާއެކު އުޅުއްވަން ދެނެވަޑައިގަންނަވާ ސަމާސާ މިޒާޖެއްގެ ބޭފުޅެކެވެ. އަދި ހަވަރުތިނަދޫގެ ގޭގެއަށް ނަންކިއުމަށް ހަވަރުތިނަދޫ އޮފީހުން އެކުލަވާލި ކޮމިޓީގެ އިސްބޭފުޅަކަށް ހުންނަވައިގެން ގޭގެއަށް ނަންކިޔާފައިވަނީވެސް ޙަސަން ޙަލީމު ކަން ފާހަގަކުރަމެވެ. ހަވަރުތިނަދޫގެ އެދުވަސްވަރު ގޭގެއަށް ނަންދެއްވުމަށް ގޭގެއަށް ޒިޔާރަތްކުރައްވަމުން ގެންދެވިއިރު ދިމާވާ ޙާލަތާއި، ގޭގެނަމާގުޅޭ ގޮތުން މީހުންދައްކާ ވާހަކައަށް ޙަސަން ޙަލީމުގެ ކުޅަދާނަ ޙާޒިރު ޖަވާބުން ދެއްވި ނަންތައް މިހާރުވެސް ތިނަދޫގެ އެކި ގޭގެއަށް ކިޔަމުން އެބަދެއެވެ.
ޙަސަން ޙަލީމުގެ އެންމެގާތް އެކުވެރިއަކީ
ހަވަރުތިނަދޫ އައްޝައިޚް މުދިމް ޙުސައިންތަކުރުފާނުގެ އިބުރާހީމް ޝިހާބެވެ. ޙަސަން
ޙަލީމް ކައިވެނި ބައްލަވައިގަތީވެސް އިބްރާހިމް ޝިހާބުގެ އެއްބަނޑުއެއްބަފާ ކޮއްކޮ
ހަވަރުތިނަދޫ އައްޝައިޚް މުދިމް ޙުސައިންތަކުރުފާނުގެ ކަތްދާމަނިކެއާއިއެވެ. ލިބިވަޑައިގަތް
ބޭފުޅުންނަކީ ޢަދުނާނު ޙަލީމުއާއި މުއުމިނާ ޙަލީމުއެވެ.
ޙަސަން ޙަލީމުގެ ބައްޕާފުޅަކީ ހަވަރުތިނަދޫ
ކައްބޮއްލޭ ދޮން މުޙައްމަދު ބެއްޔާގެ މޫސާ ތަކުރުފާނެވެ. މަޝްހޫރުވެފައިވަނީ ދޮން މުޙައްމަދު
ބެއްޔަގެހުތާގެ ނަމުންނެވެ. މިއީ ހަވަރުތިނަދޫގެ ވަރަށް މަޝްހޫރު ވަޑިއެކެވެ. ހަވަރުތިނަދޫގެ
ކުރީގެ ހުކުރުމިސްކިތުގެ އިތުރުން ވާދޫއާއި ފިޔޯރީއާއި ފުވައްމުލަކުގައިވެސް މާވަޑިއެއްގެ
ގޮތުން މިސްމިތްތައް ބިނާކުރެއްވުމުގައި އެހީވެ މަސައްކަތް ކުރައްވާފައިވެއެވެ. އަދި
ހަވަރުތިނަދޫ އާއި ވިލިނގިލީގައިވެސް އެޒަމާނުގެ ހައިވަކަރު ގެތައް ޢިމާރާތް ކުރައްވައި
މީހުންނަށް މަސައްކަތް ދަސްކޮށްދެއްވައި ހެއްދެވިއެވެ.
މިޢާއިލާގެ ވަޑާމަށް މޮޅު ބޭފުޅުންގެތެރޭގައި
ހަވަރުތިނަދޫ ފޭރުމާގޭ ޙަސަންދީދީ އާއި މާލޭގައި އުޅުއްވާ އެލިޔާގެ މާވަޑި ތަކުރުފާނުގެ
ގޮތުން މަޝްހޫރުވި ހ. ކާމްސީ މުޙައްމަދު ތަކުރުފާނުއާއި ހަވަރުތިނަދޫ ހެޕީސައިޑް ކާސިންތަކުރުފާނު
ހިމެނިވަޑައިގަންނަވައެވެ.
ޙަސަން ޙަލީމުގެ މަންމާފުޅަކީ ހަވަރުތިނަދޫ
ވަލުގޭ ދޮން ޙުސައިންތަކުރުފާނުގެ އައިސާފާނުގެ މަރިޔަމްފާނުއެވެ. ޙަސަން ޙަލީމުއާއި
އެއްބަނޑުއެއްބަފާގައި އިންނެވީ އެންމެ އަންހެން ބޭފުޅެކެވެ. އެއީ ޙަސަން ޙަލީމުގެ
ދައްތަ ޚަދީޖާ މޫސާ (ތިނަދޫ ސީވިޔު ކައިދާފާނު، ގަޒީރާ މުޙައްމަދު ރަޝީދުގެ މަންމާފުޅު)އެވެ.
ޙަސަން ޙަލީމުގެ މަންމާފުޅު މަރިޔަމްފާނު ފަހުން ހަވަރުތިނަދޫ އޮޅަދީދި ކަތީބާއި ކައިވެނި
ބައްލަވައިގެން ޙަސަން ޙަލީމާއި އެއްބަނޑަށް އެހެން ބޭފުޅުންތަކެއް ލިބިވަޑައިގެންފައިވެއެވެ.
އެއީ އާމިނާދީދީ، އައިސާދީދީ، ޙަސަންދީދީ، ފާތުމާދީދީ އަދި ދޮންދީދީއެވެ.
ހަވަރުތިނަދޫގައި ދިވެހި ސަރުކާރާއި
ދެކޮޅަށް އުފެދުނު ދެވަނަ ބަޣާވާތުގެތެރޭ އިބްރާހިމް ޝިހާބާއި ޙަސަން ޙަލީމާއި ދެބޭފުޅުންނަކީ
ދިވެހިސަރުކާރަށް ވަފާތެރި ދިވެހިސަރުކާރާއި އެއްކޮޅަށް ތިއްބެވި ދެބޭފުޅުންކަން ބަޣާވާތުގެ
ބައިވެރިންނަށް އެނގުމާއެކު ރައްޔިތުންގެ ތެރެއިން ބަޔަކުނުކުމެ ޙަސަން ޙަލީމު ގަޔަށް
އަރައިގަނެ ތަޅައި ވަރަށްބޮޑަށް އަނިޔާކޮށްފައިވެއެވެ. އެކަމުގެތެރޭ އިބްރާހިމް ޝިހާބާއި
ޙަސަން ޙަލީމު އައްޑުއަތޮޅަށް އަރުވާލެއްވުމަށް ބަޣާވާތުގެވެރިން ނިންމައި އައްޑު އަތޮޅަށް
އެދެބޭފުޅުން ފުރުވާލި ދަތުރުގެތެރެއިން ފިއްލަވައިގެން މިދެބޭފުޅުން މާލެވަޑައިގަތެވެ.
މިދަތުރުކުރައްވާފައި ވަނީ އިބްރާހިމް ޝިހާބު އެދިވަޑައިގަތުމާއިގުޅިގެން އިބްރާހިމް
ޝިހާބުގެ އަމިއްލަފުޅު މަސްދޯންޏެއްގައެވެ. މިދަތުރުގައި ޙަސަން ޙަލީމް ފިއްލަވައިގެން
މާލެއަށް ވަޑައިގަތުމާއެކު ބަޣާވާތްތެރީން ޙަސަން ޙަލީމްގެ ގެ ތަޅާލީ އެގޭތެރޭގައި
ޙަސަން ޙަލީމްގެ އަނބިކަބަލުންނާއި، ކުޑަދަރިކަލުން ޢަދުނާނު ޙަލީމް ތިއްބައި އެމީހުންނަށްވެސް
އެއްވެސް އަޅާލުމެއް ބެލުމެއްނެތިއެވެ.
މިދަތުރު ކުރެއްވެވިއިރު ހުވަދޫކަނޑުގައިވި
ފަހުރޭގައި ޝިހާބަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއްގެ ވާހަކަ އަނެއްދުވަހުގެ ހެނދުނު
އިބްރާހިމް ޝިހާބު، ޙަސަން ޙަލީމާއި ޙިއްޞާ ކުރެއްވެވިއެވެ. މިހުވަފެންފުޅުގައި
ފެނިވަޑައިގެންނެވި ކަންކަމުގެ ބައެއް ވާހަކަތައް އިބްރާހިމް ޝިހާބު ވިދާޅުވުމުން އެވާހަކަތަކުގެ
މައްޗަށް ޙަސަންޙަލީމު އިރުކޮޅަކު ވިސްނާވަޑައިގަތުމަށްފަހު އިބްރާހިމް ޝިހާބަށް ދެންނެވީ
މާލެނުގޮސް ދޯނީގެ މިސްރާބު ބަދަލުކުރައްވައި އިންޑިއާއަށް ދިއުން ރަނގަޅުކަމަށް ފެނިވަޑައިގަންނަވާ
ކަމުގައެވެ. ނަމަވެސް މިދެބޭފުޅުންގެ ނިމުން މިފަދަ ދެރަ ގޮތަކަށް މެދުވެރިވެދާނެ ކަމަށް
ކުޑަކޮށްވެސް ހިތްޕުޅަށްއަރާވަޑައިނުގަތުމުން، ޖަވާބުގައި އިބްރާހިމް ޝިހާބު ވިދާޅުވީ
މިހާރު ރާއްޖެއާއި ބޭރު ގައުމުތަކާއި ޑިޕޮލަމެޓިކް ގުޅުން އޮންނަގޮތުން ކޮންމެތަނަކަށް
ދިޔަކަމުގައިވިޔަސް މާލެގެންނާނެކަމަށެވެ. ވީމާ ރަނގަޅުގޮތަކީ މާލެގޮސް ހުރިހާކަމެއް
ނިމުނީމާ ދެން ބޭރަށްދިއުން ރަނގަޅުކަމަށެވެ.
ހުވަދޫ ކަނޑުގައި ދެރެއާއި އެއްދުވަހުގެ
ދަތުރަކަށްފަހު ކޮޅުމަޑުލު ވޭމަންޑޫ އަށް ދޯނި ލެފުމުން އެއްމެން ބާލައިގެން އަތޮޅުގެއަށް
ގެންގޮސް އެތާނގައި ވަކިންހުރި ގެއެއްގައި ބަންދު ކުރެއްވިއެވެ. ހަފްތާއެއްހާ ދުވަހު
ބަންދުގައި އެތާގައި ބެހެއްޓުމަށްފަހު އެއަތޮޅު ހިރިލަންދޫ ނާލު ބައްތެއްޔަކާއެކު ބަންޑާރަދަތުރު
ދޯންޏަކުން ޙަސަންޙަލީމާއި އިބްރާހީމް ޝިހާބު އާއި އަދި މިދަތުރުގައި އެކުގައި ގެންދެވި
އެންމެން މާލެއަށް ފޮނުވައި ލެއްވިއެވެ.
ކޮންމެއަކަސް މިދެބޭފުޅުން މާލެވަޑައިގަތުމުން
ދަތުރާއި ބެހޭގޮތުން އޭރުގެ މަޙުކަމަތުލް އަމަންޢާއްމުއިން ސުވާލުކުރެއްވިއެވެ. ނަމަވެސް
އެބޭފުޅުންދެއްކެވި އެއްވެސް ވާހަކަފުޅަކަށް ބެއްލެވުމެއްނެތި ދެބޭފުޅުންވެސް ބިޑިއަޅުވައި
އިބްރާހިމް ޝިހާބު ޖަލަށް ފޮނުވާލައްވައި ޙަސަން
ޙަލީމު ބަނޑޭރިގޭ ގޯތިތެރޭގައި ހުރި އަށިގެއެއްގައި ބަންދުކުރެއްވީއެވެ. އަދި އޭގެ
ހަފްތާއެއްފަހުން ޙަސަން ޙަލީމުވެސް ޖަލަށް ގެންދެވިއެވެ. އެއްވެސް ތަޙްޤީގެއް ހިންގުމެއްނެތި
ގިނަ ދުވަސްތަކެއްވަންދެން ޖަލުގައި ބޭތިއްބުމަށްފަހު ޙަސަން ޙަލީމު ޖަލުން ނެރުނުއިރު ޝިހާބުވަނީ މިދުނިޔެ
ދޫކުރައްވާފައެވެ.
ޙަސަން ޙަލީމު ޖަލުން ނެރެގެން ތިނަދޫ
ޕާމްޝޭޑް އަޙުމަދު ޙަބީބުއާއި ދެބޭފުޅުން ތ. އަތޮޅު ވިލުފުށްޓަށް ފޮނުއްވާލުމަށްޓަކައި
އެއަތޮޅު ދޯންޏަކަށްލައި ފުރުވާލެއްވިއެވެ. ނަމަވެސް ވިއްސާރަވެ ވަރަށްބޮޑަށް މޫސުން
ގޯސްވުމުގެ ސަބަބުން ދަތުރު ނުކުރެވިގެން މާލެކައިރީގައި އޮންނަ ވެލައްސަރާއަށްލަފައި
އެރަށު ފަޅުތެރޭގައި ތިބޭތާ ފަސްވަނައަށްވީ ދުވަހު ޙަސަން ޙަލީމު މިދުނިޔެ ދޫކުރައްވައިފިއެވެ.
އެއީ ހިޖުރައިން 1381 ވަނައަހަރުގެ ޒުލްޙިއްޖާމަހުގެ 21 ވަނަދުވަހެވެ. އޭރު ޙަސަން
ޙަލީމުގެ ޢުމުރުފުޅަކީ 34 އަހަރެވެ.
މާތްﷲ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ
ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން
-----------------------
މަޢުލޫމާތުހޯދައި ލިއުނީ:
މުޙައްމަދު ޒުހައިރު، މާގަލާ/ ގދ. ތިނަދޫ
ތާރީޚް:
17 މާރޗް 2015