ދުނިޔޭގެ ދަހިވެތިކަމާއި
ދުނިޔޭގެ އެދުން ބޮޑުވުމަކީ މީހާގެ ބުއްދި ކަސިޔާރުވެ އަތްފައިން ގޯސް ހަދާ ހިސާބަށް
ކަންތައް ހިގައިދާނެކަމެކެވެ. މީހާގެ ބުއްދި ކަސިޔާރުވެ އަތްފައިން ގޯސްހަދާ ހިސާބަށް
ކަންކަން ދިޔުމުގެ ސަބަބުތަކުގެތެރޭ އެއްކަމަކީ ތިމާގެ އަތްފައިން ކުރި ޙަލާލު މަސައްކަތެއްގެ
އުޖޫރައަކަށްނުވާ އެހެންކޮންމެވެސް ނުބައިކުރެއްވި މަގަކުން ތިމާއާއި ހަމައަށް ފޯރަމުންދާ
ކަންފަސޭހައާއި މަންފާތަކެއް ތިމާއަށް ނުލިބޭގޮތެއްވުމެވެ. ނުވަތަ އެމަންފާއެއް ތިމާގެކިބައިން
ބީވެގެންދިޔުމެވެ. ނުބައިކުރެއްވި މަގުމަގުން ތިމާއާއި ހަމައަށް ވާޞިލުވާ ކަންފަސޭހައާއި
މަންފާތަކަކީ އޭގެ ބޭނުންކުރުން ހެޔޮވެގެންނުވާނޭ ފާފަވެރިކަން ބޮޑު ކަމެކެވެ. މިއީ
ފުރިހަމަ މުސްލިމެއްގެ ކިބައިގައި ހުރެގެންވާނެ ސިފައެއްނޫނެވެ. އެކަންކަމުގެ ސަބަބުން
ތިމާގެ ދުނިޔެވީފަސޭހަތަކާއި ޖާހާއި ލައްޒަތު ކިތަންމެބޮޑުވެގެން ދިޔަ ނަމަވެސް މީގެ
ފެށުންވަނީ ވޭންދެނިވި ޢަޒާބުގެ ތެރެއިންނެވެ. ފެށުން ނުބައިވެއްޖެނަމަ އޭގެ ނިމުންވެސް
ރަގަޅެއްނުވާނެއެވެ.
މަތިވެރި ﷲ ސުބްޙާނަހޫ
ވަތަޢާލާގެ ވަޙީބަސްފުޅެއްގައިވެއެވެ.
وَلَتَجِدَنَّهُمْ أَحْرَصَ النَّاسِ عَلَىٰ حَيَاةٍ وَمِنَ الَّذِينَ أَشْرَكُوا ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِ مِنَ الْعَذَابِ أَنْ يُعَمَّرَ ۗ وَاللَّهُ بَصِيرٌ ( سورة البقرة – 96)
އަދިހަމަ މިހެންމެ،
ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.
(فَوَ اللهِ مَا الْفَقْرَ أخْشَيْ عَلَيْكُم وَلَكِنِّي أخْشَي عَلَيْكُم أنْ تُبْسَطَ الدُّنْيَا عَلَيْكُم كَمَا بُسِطَتْ عَلَي مَنْ كَانَ قَبْلكُم فَتَنَافَسُوهَا كَمَا تَنَافَسُوهَا وَتُهْلِكَكُم كَمَا أهْلَكَتْهُمْ)
"މާތްﷲ ގަންދެއްވައި
ވިދާޅުވަމެވެ. ތިޔަބައިމީހުން، ފަޤީރު ވެދާނެތީ، ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަންނަވައެވެ. އެހެނެއްކަމަކު،
ތިމަންކަލޭގެފާނު ބިރުފުޅު ގަންނަނީ، ތިޔަބައިމީހުންގެ ކުރީގައި، އިސްވެދިޔަ އުއްމަތްތަކަށް،
ދުނިޔޭގެ ތަނަވަސްކަމާއި، ދުނިޔޭގެ އަރާމް ލިބުނު ފަދައިން، ތިޔަބައިމީހުންނަށްވެސް،
އެކަންތައް ލިބިފައި، އެބައިމީހުން އެކަންތައް ހޯދައި ގަތުމަށް ވާދަކޮށް، އެކަމުގެ
ސަބަބުން އެބައިމީހުން ހަލާކުވެ ދިޔަފަދައިން، ތިޔަބައިމީހުންވެސް އެކަމުގައި ވާދަކޮށް
ހަލާކުވެ ދާނެތީއެވެ."
ކަންހުރިމަގަކީ
މިއެވެ. މިދުނިޔެއަކީ ފަނާވަނިވި ދުނިޔެއެކެވެ. އަދި ތިމާގެ ޢުމުރަކީވެސް ނިމެންއޮތް
އެއްޗެކެވެ. ކަންހުރިމަގަށް ވިސްނައިބަލާށެވެ. ތިމާގެ މައިންބަފައިން ކޮބައިހެއްޔެވެ.
އެމީހުން މިއަދު ދިރިދުނިޔޭގައި ތިބިނަމަ އެމީހުންގެ މައިންބަފައިން މިއަދު ކޮބައިހެއްޔެވެ.
މިއެންމެން ހަމައަށް އެބަތިބިހެއްޔެވެ. މިބައިމީހުންގެ ޢުމުރަށް ނިމުމެއްނާދޭހެއްޔެވެ.
އެމީހުން ކޮބައިހެއްޔެވެ. މިކަމުންއެގެނީވެސް އެހެންދުނިޔެއެއް އެބައޮތްކަމެވެ. އެއީ
ފަނާވުމެއް ނިމުމެއްނެތް ދުނިޔެއެވެ. މިފަނާވަނިވި ދުނިޔޭގައި ތިމާކުޅަ އެންމެހައި
ކަންކަމާމެދު ތިމާ ފުރިހަމައަށް މަސްއޫލުވާންޖެހޭ ދުނިޔެއެވެ. އެދުވަހަށްޓަކައި
ވިސްނާށެވެ.
ފަނާވަނިވި މިދުނިޔޭގެ
ދަހިވެތިކަމާއި އެދުން ބޮޑުވެގެންގޮސް ބުއްދި ޣާފިލުވެ ހަމަމަގުން ކަސިޔާރުވެ އަތްފައިން
ގޯސް ހަދާ ހިސާބަށް ކަންތައްނުގެންދާށެވެ. ތިމާގެ އަތްފައިން ކުރި ޙަލާލު މަސައްކަތެއްގެ
މަންފާއަކަށްނުވާ ނުބައިކުރެއްވި މަގަކުން ތިމާއާއި ހަމައަށް ފޯރަމުންދާ މަންފާތަކެއްގެ
ސަބަބުން ވޭންދެނިވި ޢަޒާބާއި ޖަހަންނަމަ ޚިޔާރުނުކުރާށެވެ.
-----------------
ލިޔުއްވީ: އިބްރާހީމް
އާދަމް