ޑިމޮކްރަސީގެ އިބްލީހުގެ ހަމަ

 

އާދަނުގެ ބައްޕަގެ މުސްކުޅިގެއާއި އެގޯތީގައިވާ އެންމެހައި ތަކެތި ޝަރުޢީ ހަމަތަކާ އެއްގޮތަށް ވާރިސުންގެ މެދުގައި ބެހުމަށް ނިންމާފައި ވަނިކޮށް، ފާރުތައް ކަނޑައިއުޅޭ ކަރަންޓު ކީހެއް ހިފައިގެން ގޮސް "މިއީ މަގޭބަޔޭ" ކިޔައިގެން އާދަނުގެ ބައްޕަގެ މުސްކުޅި ގޭގެ ބިތްގަނޑެއް ކީހަން ސިހުރޭ (ސާޙިރު) ފަށައިފިއެވެ.

(މިސާޙިރަކީ އާދަނުގެ (އެއްބަނޑުއެއްބަފާ) ބޭބެ ބަކުރުބެ ގެންގުޅެ ބޮޑުކުރި ކުއްޖެކެވެ. ބަކުރުބެ އެކަން ކުރީ، ސާހިރު ވަރަށް ކުޑައިރު އޭނާގެ ބައްޕަ ނިޔައުވީމާ އެބައްޕައާއި ބަކުރުބެއާއި އޮންނަ ރައްޓެހި ކަމަށްޓަކައެވެ. އެއީ ތިމާގެ ބަޔެއް ނޫނެވެ. އެދުވަހުއްސުރެ ބަކުރުބެ ބޭރު ދަތުރު ކުރަން ފެށިތާވެސް އަހަރުތަކެއް ވަންދެން ބަކުރުބޭގެ ގޭގައި ސާހިރު ހުރެފައި އޭނާ މާލެ ދިޔައީ ދިވެހިރާއްޖެއަށް ޑިމޮކްރަސީ ލައްގައި އޭތީގެ ބަނޑުން ފުލުފުލުން ޕާޓީތައް ވިހަން ފެށުމުންނެވެ. މިހާރު ސާހިރަކީ އޭގެތެރެއިން ކޮންމެވެސް ޕާޓީއެއްގެ ގްރާސްރޫޓޭ ކިޔާ ރޫޓެއްގެ ނުހަނު އަޑުގަދަ ނުލަފާ މީހެކެވެ. ޕާޓީތަކުގެ ޙަރަކާތާއި އެތަންތަނުގެ ގޮތްބާވަތް ދަންނަ އެންމެންގެ މެދުގައި މަޝްހޫރުވެފައިވާ "ސިހުރޭ"އެވެ.)

ބޮޑުކީހެއް ހިފައިގެން ސާހިރު ގޮސް އާދަނުގެ ބައްޕަގެ މުސްކުޅި ގޭގެ ބިތްގަނޑުތައް ކީހަމުންދާ ޚަބަރު ލިބިގެން އާދަނު އަވަސް އަވަހަށް އެތަނަށް ގޮސް "ސާހިރު ތިކުރަނީ ކީއްހޭ، މިގެއާއި ގޯތި ބެހުމުގެ ކަންތައް ކޯޓަށް ހުށަހަޅައިގެން އުޅޭކަން ނޭނގެނީހޭ" އެހުމުން ވަރަށް ނުރުހިފައި ސާހިރު ބުންޏެވެ.

"މާލޭގައި ހުރެފައި މިރަށަށް މިއައީ އެކަން އެނގިގެން މިގެއިން މަށަށްވީ ބައި ވަކިކޮށް އަތުލުމަށެވެ. މަގޭ ބައްޕަ މަރުވި ނަމަވެސް ބަކުރުބެ އޭނާގެ ގެއަށް އަހަރެން ނުގެނައި ނަމަ، މަގޭ މައިންބަފައިންގެ ގެ ހުރީހެވެ. އެ ގެ ހަލާކުވެ ދިޔައީ އެގޭގައި އަހަރެން ނެތުމުގެ ސަބަބުންނެވެ. އެހެންވީމާ ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް މިގެއިން ބަކުރުބެއަށް ލިބެންޖެހޭ ބަޔެއް ލިބެން ޖެހޭނީ އަހަންނަށެވެ. އެނޫން އެހެން އެއްވެސް ގޮތެއް ނޯނާނެއެވެ." 

ސާހިރުގެ ރުންކުރު ހަރުކަށި ޖަވާބު އަޑުއެހީމާ އާދަނަށް ވެސް ވާންވީ ގޮތެއް ވާނެތާއެވެ. އާދަނު ބުންޏެވެ.

"މީހެއްގެ ވާރުތަ މުދަލަކީ އެމުދަލެއް ޙައްގުނުވާ މީހަކަށް އިސްލާމީ ޝަރުޢީ ހަމަތަކާ އެއްގޮތަށް އިންޞާފުގެ މަގުން ލިބޭނޭ އެއްޗެއް ކަމެއް ނުދެނެ ހުރީމެވެ. އެކަމަކު ތިޔައީ ޖާހިލިއްޔަ ޒަމާނުގެ ބައެއް ޤަބީލާތަކުގެ ބަޔަކު ކޮށްއުޅުނު ކަމެކެވެ. ކޮންމެ ގަދަ މީހަކު އެއަށްވުރެ ބަލިމީހާގެ މައްޗަށް ގަދަވެގަނެ އެމީހާގެ މުދަލާއި އަނބިދަރީންނާއި ގޯތި ގެދޮރާއި ވެސް ނެގިއެވެ. އެހެންވީމާ ޑިމޮކްރަސީގެ ނަމުގައި މިރާއްޖޭގައި މިއޮތީ ޖާހިލިއްޔަ ޒަމާނުގެ ޤަބީލީ ހަމަތައް ކަމަށްވާ ނަމަ މުޅި މި ގެ ވެސް ކީހާލައިގެން ބޭނުން ތަނެއް ބޭނުން ވަރަކަށް ސާހިރަށް އަތުލެވި ދާނެއެވެ. އެކަމަކީ މިގޭގެ ޝަރުޢީ ވާރިސުން ނުރުހޭ ކަމެއް ނަމަ ސާހިރުގެ ޕާޓީ ކުދިންކޮޅެއް ފޮނުވައިގެން ޑިމޮކްރަސީގެ އިމުގެ ތެރެއިން އެއިމުން ބޭރުނުވެ އެވާރިސުންނަށް ބިރު ދައްކައި އެމީހުންގެ އަނގަމަތީ ޓޭޕް އެޅުވީމާ އެއޮތީ ނިމިފައެވެ.

އެކަމަކު ސާހިރު ދަންނަން ޖެހޭ ކަންކަމެއް އެބަ ހުއްޓެވެ. ޑިމޮކްރަސީއޭ ކިޔައިގެން މުޅި މުޖުތަމަޢު ބައިބައިކޮށް ފަސާދަ ވެއްޖެއެވެ. މައިންބަފައިންނާއި ދަރިންނާއި އަޚުން އުޚުތުން އެކަކު އަނެކާގެ މައްޗަށް ކުލުނެއް އަޅާލުމެއް ނެތް ހިސާބަށް ހިނގައްޖެއެވެ. ދީނޭ ގައުމޭ ރައްޔިތުންނޭ ޑިމޮކްރަސީއޭ ޕާޓީއޭ ކިޔައިގެން މިއުޅޭ ގިނަ ބަޔަކު އެ ބަލަނީ އެމީހުންނާއި އަދި އެމީހުންނާއި ގުޅިފައިވާ މަދު ބަޔެއްގެ ކުރިއެރުމާއި އަމިއްލަ ފައިދާއަށެވެ. އަމިއްލަ އެދުމާއި އަމިއްލަ މަޞްލަޙަތަށެވެ. މިކަންކަން ހުރީ މިބުނިގޮތަށް ނޫންތޯ އަޅެ ސާހިރުމެންނަށް ދެއްވައިފައިވާ ބުއްދިން ވިސްނައި ފިކުރު ކޮށްލިއްޔާ ދެރަވާނެ ހެއްޔެވެ. ތިޔައީ ވެސް އާދަމުގެ ދަރިއެކެވެ. އާދަމުގެ ދަރިން މިދުނިޔެއަށް ފޮނުއްވާފައި ވަނީ އެމީހުން ހިތަށްއެރި ގޮތަކަށް ހިތަށްއެރި ކަމެއްކޮށް ދުނިޔެ ތަޅައި ތިރިއަރުވާފައި ދާން ހެއްޔެވެ. ގޮސް ދެން ވަންނާނީ ކޮންތާކަށް ހެއްޔެވެ. އެދުވަހަކުން ދީނޭ ގައުމޭ ރައްޔިތުންނޭ ޑިމޮކްރަސީއޭ ޕާޓީއޭ ކިޔައިގެން މިދުނިޔޭގައި އުޅުނު ލުއްޗާ ކަމާއި ހެދި މަކަރާއި ފޮރުވޭނެ ހެއްޔެވެ."

އާދަނުގެ ވާހަކަ މުޅިން ނުނިމި އުޅެނިކޮށް ކީސް ބާއްވާފައި ސާހިރު އައިސް އާދަނުގެ ގާތުގައި ބުންޏެވެ.

"ބޭބެއެވެ. ބޭބެދެއްކީ ރަނގަޅު ވާހަކައެވެ. އަހަރެން ލައްވައި މިކަން ކުރުވަން އުޅުނީ ވެސް ބަޔެކެވެ. އެމީހުން ބޭނުންވީ ބޭބެއަށް ދެރަދީ ބޭބެ ރުޅިއަރުވައިލުން ހެން މިހާރު އެބަ ހީވެއެވެ. އެއީ ބޭބެއަކީ އެމީހުންގެ ޕާޓީ ފިކުރުގެ މީހަކަށް ނުވާތީއެވެ.  އަހަރެން ގާތު އެމީހުން ބުނެފައިވަނީ ނުލަފާކަން ދައްކައި މިކަހަލަ ކަންތައްގަނޑެއް ހިންގާލީމާ ބޭބެމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި މިކަން އެއަށްވުރެ މައްޗަށް ގެންދަން ވެސް ނުކެރޭނެ ކަމަށެވެ. އެމީހުންގެ ބަހަށް ހެއްލިގެން މިކުރެވުނު ގޯސް ވިޔާނުދާ ކަންތަކަށް އަހަންނަށް މާފުކުރާށެވެ."

ތެދެކެވެ. ޑިމޮކްރަސީގެ ނަމުގައި މިރާއްޖޭގައި މިއޮތީ ޖާހިލިއްޔަ ޒަމާނުގެ ޤަބީލީ ހަމަތައް ކަމަށްވާ ނަމަ މުޅި އެ ގެ ވެސް ކީހާލައިގެން ބޭނުން ތަނެއް ބޭނުން ވަރަކަށް ސާހިރަށް އަތުލެވި ދާނެއެވެ. އެކަމަކީ އެ ގޭގެ ޝަރުޢީ ވާރިސުން ނުރުހޭ ކަމެއް ނަމަ ސާހިރުގެ ޕާޓީ ކުދިންކޮޅެއް ފޮނުވައިގެން އެބުނާ ޑިމޮކްރަސީއެއްގެ އިމުގެ ތެރެއިން އެއިމުން ބޭރުނުވެ އެ ވާރިސުންނަށް ބިރުދައްކައި އެމީހުންގެ އަނގަމަތީ ޓޭޕް އެޅުވީމާ އެ އޮތީ އެ ކަން ނިމިފައިތާއެވެ. އެހެނީ ދިވެހިރާއްޖެ މިދެކެނީ ނަމޫނާ ޑިމޮކްރަސީއެއް ވިއްޔާއެވެ. ނަމޫނާއަކީ ޙަގީގަތެއް ނޫނިއްޔާއެވެ.

                             ------------------

ޢަބްދުﷲ ޙަސަން/ ހުޅުދުމައިގެ

12 މޭ 2022މ.