ހައްދުފަހަނަޅައި ދިއުމުގެ ފިކުރީ ސަބަބުތައް















ހައްދުފަހަނަޅައި ދިއުމުގެ ފިކުރީ ސަބަބުތަކެއްވެ އެވެ. އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ބައެއް ސަބަބުތަކަކީ:

1. އިސްލާމްދީނުގެ ގަވާއިދުތަކާއި އަދަބުއަޚުލާޤާއި ސުލޫކު ނޭނގުން.
2. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ނޭނގުން.
3. ވިސްނައި ފިކުރުކުރުމުގައި ޣުލުއްވުގެ ދަރަޖައަށް ދިއުން.
4. ބައެއް ޢިލްމުވެރިން، މީހުންނަށް ނަސޭހަތާއި އިރުޝާދު ދީ، ތެދު މަގުދެއްކުމަށް ފަސްޖެހުން.
5. ޢިލްމުވެރިންގެ އަރިހުން ދީން އޮޅުންފިލުވުމުގެ ބަދަލުގައި ޒުވާންކުދިން އެކަކު އަނެކަކަށް ދީން އޮޅުންފިލުވައިދިނުން  .

ތިރީގައިމިވަނީ މި ނުކުތާތަކުގެ ތަފްޞީލެވެ

1. އިސްލާމްދީނުގެ ގަވާއިދުތަކާއި އަދަބުއަޚުލާޤާއި ސުލޫކު ނޭނގުން

ޢާއްމުންގެ ކަންތައްތަކާ ބެހޭގޮތުންނާއި، ޤައުމުގެ ބޮޑެތި ކަންތައްތަކާ ބެހޭ ގޮތުން ތާފިހުން ވާހަކަ ދެއްކުމަކީ، ފަހުޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ. (ތާފިހުންނަކީ، ބޭނުމެއްނެތް، ބޭކާރު ވާހަކަތައް ދައްކައިއުޅޭ ބުއްދި މަދު މީހުންނެވެ.) އެފަދަ އަނެއް ޢަލާމާތަކީ، އިސްލާމީ މުޖުތަމަޢާ ބީރައްޓެހި ވިސްނުމާއި ފިކުރުން ބުއްދިއަށް ކާންދެވިފައިވާ މީހުން، ޒުވާނުން ތަރުބިއްޔަތުކޮށް، ޒުވާނުންނަށް މަގުދައްކަން އުޅުމެވެ. އެމީހުން ޒުވާނުންނާ މުޚާޠަބުކުރާއިރު، ކުޅެލާނީ ޒުވާނުންގެ އިޙުސާސްތަކާ އެވެ. އެގޮތުން އެބައިމީހުން ޒުވާނުންނަށް ފޯރުކޮށްދޭ ވިސްނުމާއި ފިކުރުގެ ސަބަބުން، ހެޔޮލަފާ ޞާލިޙު ޢިލްމުވެރިންގެ ބަސް އަޑުއަހާކަށް ޒުވާނުން ބޭނުމެއް ނުވާނެ އެވެ. ޖޯޝާއި ފޯރީގައި ޒުވާނުން ކުރިޔަށް ދާނީ، ޖާހިލުކަމުގެ އަނދިރީގަ އެވެ. 

ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވެ އެވެ. (مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِى الدِّينِ) ރިވާކުރެއްވީ: އަލްބުޚާރީ މާނައީ، "ﷲ އެމީހަކަށް ރަނގަޅު ގޮތް އެދިވޮޑިގެންފި މީހަކު، ދީނީ ޢިލްމުގައި ފިޤުހުވެރި ކުރައްވަތެވެ."

ދީނީ ޢިލްމުގައި ފިޤުހުވެރިވުމެއް ނެތި، ކަންތައްތައް އިޞްލާޙުކުރަން އުޅޭ ޖާހިލުންގެ ސަބަބުން، ނުރައްކާތެރި، ބޮޑެތި ފަސާދަތައް އުފެދެ އެވެ. އެމީހުންގެ މިސާލަކީ، ސުޢޫދީ ޢަރަބިއްޔާގެ އެއްވެސް ތަނެއްގައި ޣައިރު މުސްލިމަކު ހުރުމާ ދެކޮޅުހަދާ މީހުންނެވެ. ޣައިރު މުސްލިމުން ދިރިއުޅޭ ގެތައް ކަމަށް ހީކޮށް އެމީހުން ގޮއްވާލާ ތަންތާނގައި ޣައިރު މުސްލިމުންނާއި މުސްލިމުން ދިރިއުޅެ އެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވަނީ، ޙާކިމުގެ ފަރާތުން އަމާންކަން ހޯދައިގެން ތިބޭ ޣައިރު މުސްލިމުންނަށް ނުބައިކޮށް ނުހިތުމަށެވެ.

2. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ނޭނގުން

ޝަރީޢަތުގެ މަޤުޞަދުތައް ނުދަންނަ މީހުން، އެމީހުންނަށް ހީވާ ހީތަކުގެ މައްޗަށް ބުރަވެ އެވެ. ނުވަތަ ދީނީ ކަމެއްގެ މައްޗަށް ހިންގާލާ ފުރަތަމަ ނަޒަރާއެކު، ހީވާ ހީވުން، އެއީ ރަނގަޅު ގޮތްކަމަށް ބަލަ އެވެ. މިގޮތަށް ޢަމަލުކުރާ މީހުންގެ މިސާލަކީ، ޚަވާރިޖުންގެ މިސާލެވެ.

އަލްބައިހަޤީ ރިވާކުރައްވާފައިވެ އެވެ. "އެއްދުވަހަކު ޢުމަރުގެފާނުގެ ހިތްޕުޅަށް އެރި އެވެ. މިއުންމަތުގެ އަފުރާދުންގެ މެދުގައި ދެބަސްވުން އުފެދޭނީ ކިހިނަކުންތޯ އެވެ؟ މި އުންމަތުގެ ނަބިއްޔަކީ އެއް ނަބިއްޔެކެވެ. ފޮތަކީ އެއް ފޮތެކެވެ."

ޢުމަރުގެފާނު، މި ކަމާމެދު މަޝްވަރާކުރެއްވުމަށްޓަކައި އިބްނު ޢައްބާސްގެ އަރިހަށް މި މައްސަލަ ހުށަހެޅުއްވި އެވެ. އިބްނު ޢައްބާސް ވިދާޅުވި އެވެ. "މުއުމިނުންގެ އަމީރެވެ. މި ޤުރުއާން ބާވައިލެއްވި އިރު ތިބީ އަޅުގަނޑުމެންނެވެ. މި ޤުރުއާން އަޅުގަނޑުމެން ކިޔަވަނީ، އާޔަތްތައް ބާވައިލެއްވި ސަބަބުތައް ދެނެތިބި ޙާލުގަ އެވެ. އަޅުގަނޑުމެންނަށް ފަހުގައި އަންނާނެ ބަޔަކު މި ޤުރުއާން ކިޔަވާނީ، އާޔަތްތައް ބާވައިލެއްވި ސަބަބުތައް ނޭނގޭ ޙާލުގަ އެވެ. މިކަމުގެ ސަބަބުން ކޮންމެ ބަޔަކު ވަކި ރައުޔެއް ގެންގުޅޭނެ އެވެ. މިހެން ވެއްޖެނަމަ، އެމީހުންގެ މެދުގައި ޚިޔާލު ތަފާތުވުމާއި ދެބަސްވުން އުފެދޭނެ އެވެ."

އިބްނު ޢައްބާސް ވިދާޅުވީ ތެދުފުޅެކެވެ. އާޔަތްތަކާއި ސޫރަތްތައް ބާވައިލެއްވި ސަބަބުތައް ރަނގަޅަށް އޮޅުންފިލައިފި މީހަކަށް އެ ތައުވީލުކޮށް ޝަރަޙަކުރަން އެނގޭނެ އެވެ. އަދި އޭނާ، އޭގެ މަޤުޞަދުތައް ފަހަނަޅައި ދާނެ ޖާގައެއް ވެސް ނޯންނާނެ އެވެ. ނަމަވެސް އެވަރު ނުދަންނަ މީހެއްނަމަ، އޭނާއަށް ލަފާކުރެވޭ އެކި ގޮތްގޮތަށް، އެހެން މީހަކު ހީވެސް ނުކުރާ ފަދަ މާނަތަކެއް ނެރެފާނެ އެވެ. އެފަދަ މީހުންނަކީ ޞައްޙަ ގޮތް އޮޅުންފިލާ ވަރަށް ޢިލްމުގެ ތެރެއަށް ވަދެވިފައިވާ ބަޔެއް ނޫނެވެ. އެފަދަ މީހުންނަކީ، މަގުފުރެދިފައިވާ ޙާލު، އެހެން މީހުން މަގުފުރައްދާނެ ބަޔެކެވެ.

3. ވިސްނައި ފިކުރުކުރުމުގައި ޣުލުއްވުގެ ދަރަޖައަށް ދިއުން

މިޒަމާނުގައި ހައްދުފަހަނަޅައި ދިއުމޭ މިކިޔޭ ޣުލުއްވަކީ، ހުރިހައި މައިދާނެއްގައި ވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. ދީނުގެ ނަމުގައި ވެސް، ޣުލުއްވުގެ ދަރަޖައަށް ދިއުމަކީ، އެކަން ނުކުރުމަށް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޚަބަރުދާރުކުރައްވާފައިވާ ކަމެކެވެ.

އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. (إِيَّاكُمْ وَالْغُلُوَّ فِى الدِّينِ)
ރިވާކުރެއްވީ: އައްނަސާއީ މާނައީ، "ތިޔަބައިމީހުން ދީނުގައި ޣުލުއްވުގެ ތެރެއަށް ނުދާށެވެ!"

އަދިވެސް އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. (هَلَكَ الْمُتَنَطِّعُونَ)
ރިވާކުރެއްވީ: މުސްލިމު މާނައީ، "ހަރުކަށިވާ މީހުން ހަލާލުވެއްޖެ އެވެ."

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކަނޑައަޅުއްވާފައިވާ މި އިންތައް ފަހަނަޅައިދާ މީހުން ދީނީ ކަންކަމުގައި ޣުލުއްވުގެ ދަރަޖައަށް ވާޞިލުވެ އެވެ. ދީނުގައިވާ ނައްޞުތައް (އާޔަތްތަކާއި ޙަދީޘްތައް) ފަހުމްކޮށް ދެނެގަތުމުގައި ވެސް އެ ދަރަޖައަށް ވާޞިލުވެ، ޙައްދުފަހަނަޅައިދެ އެވެ. އަދި ބޮޑެތި ކަންތައްތައް ދޫކޮށްލާފައި، ކުދިކުދި ކަންތައްތަކުގައި ހިފަހައްޓައިގެން އުޅެ އެވެ. އެއީ، ޚަވާރިޖުންގެ ގޮތެވެ.

ފިކުރީ ގޮތުން ދަށުދަރަޖައަށް ވެއްޓުމާއި، ދީނުގެ ޢިލްމުގައި ހަރުދަނާކަމެއް ނެތުމާއި، އިސްލާމީ ޝަރީޢަތުގެ ތަނަވަސް މައިދާނަށް ލޯ ހުޅުވިފައި ނެތުމުގެ ޢަލާމާތްތަކެއްވެ އެވެ. ހަރުކަށިވުމާއި، ދީނުގެ ތަނަވަސް މައިދާން ހަނިކުރުމާއި، ގިނަކަންތައްތައް ޙަރާމްކަމަށް ބުނެ، ޙަރާމް ކަންތައްތައް ގިނަކުރަން މަސައްކަތްކުރުމަކީ، އެފަދަ ޢަލާމާތްތަކެވެ. ކީރިތި ޤުރުއާނާއި ސުންނަތުގައި ވަނީ، އެ ޢަލާމާތްތަކުން ދުރުހެލިވުމަށް އަންގަވާފަ އެވެ. މިޒަމާނުގައި ހަރުކަށިވެގެން މިއުޅޭ މީހުން އުޅޭ ގޮތަށް، ސަލަފުއްޞާލިޙުގެ ބޭކަލުން ނޫޅުއްވަ އެވެ.

މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. (وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلالٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَى اللَّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لاَ يُفْلِحُونَ) އައްނަޙުލު: 116
މާނައީ، "ﷲ އާ މެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ ޙަލާލު ކަމެކޭ، އަދި މިއީ ޙަރާމް ކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، ﷲ އާ މެދު، ދޮގުހަދާ މީހުން ނުދިންނަވާހުށްޓެވެ."

ކަނޑައެޅިގެން ޙަރާމްކަމެއްކަން، ބަޔާންކުރައްވާފައިވާ ކަމެއް ނޫނީ، ޙަރާމް ކަމެއް ކަމުގައި، ސަލަފުއްޞާލިޙުގެ ބޭކަލުން، ވިދާޅެއް ނުވެ އެވެ. ޙަރާމް ކަމެއް ކަމަށް ކަނޑައެޅިގެން ބަޔާންކުރައްވާފައި ނުވާ ކަމަކާމެދު، އެބޭކަލުން ވިދާޅުވެފައިވަނީ، އެއީ ތިމަން ބޭކަލުން ކުރައްވާ ހިތްޕުޅު ނުވާ ކަމެއް ކަމަށެވެ. ނުވަތަ މިފަދަ އެހެން ލުއި ބަސްފުޅެކެވެ. ފަހަރެއްގައިވެސް އެބޭކަލުން، އެފަދަ ކަމެއް، ޙަރާމްކަމުގައި ވިދާޅެއް ނުވެ އެވެ. ނަމަވެސް ހައްދުފަހަޅައިދާ މީހުންނަކީ، ޙަރާމްކުރުމަށް އަވަސްވެގަންނަ ބަޔެކެވެ.

އިމާމު އަޙުމަދު ރިވާކުރައްވާފައިވެ އެވެ. އެއްދުވަހަކު އިބްނު ޢުމަރުގެ އަރިހުގައި މީހަކު ދެންނެވި އެވެ. "މަދިރިއެއް މެރުމަކީ ކޮންކަހަލަ ކަމެއްތޯ އެވެ؟" އިބްނު ޢުމަރު ވިދާޅުވި އެވެ. "ތިބާއަކީ، ކޮންތާކުން އައި މީހެއް ހެއްޔެވެ؟" އެމީހާ ދެންނެވި އެވެ. "ތިމަންނާއަކީ، ޢިރާޤުކަރައިގެ މީހަކީމެވެ." އެހިނދު އިބްނު ޢުމަރު މީސްތަކުންނާ މުޚާޠަބުކުރައްވައި ވިދާޅުވި އެވެ. "ތިޔަބައިމީހުން މިހިރަ މީހާ ނިކަން ދެކިބަލާށެވެ! މީނާގެ ރަށުގެ މީހުން ވަނީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ (ކާފަ) ދަރިކަލުން ޤަތުލުކޮށްފަ އެވެ. މީނާ އައިސް މި ސުވާލުކުރަނީ، މަދިރިއެއް މެރުމުގެ ޙުކުމާ ބެހޭގޮތުންނެވެ." (މިބަސްފުޅުގެ މުރާދަކީ، މިހިރަ މީހާ، މިއުޅެނީ މުޅި އުންމަތަށް އަސަރު ފޯރާނެ ބޮޑު މައްސަލައެއް އޮއްވައި، އެކަން ދޫކޮށްލާފަ އެވެ. އަދި މީނާ، މި ސުވާލުކުރަނީ، އެއްވެސް މަންފާއެއް ނެތް މައްސަލައަކާ ބެހޭ ގޮތުންނެވެ. މިއީ، އެއްވެސް މުސްލިމަކު، ޢަމަލުކޮށްގެންވާނެ ގޮތެއް ނޫނެވެ..)

އިސްލާމީ އުންމަތާ ކުރިމަތިވާ ބޮޑެތި މައްސަލަތައް ދޫކޮށްލާފައި، ކުދިކުދި، ފަރުޢީ ކަންތައްތަކުގައި މަޝްޣޫލުވެގެން ބައެއް މީހުން އުޅެއެވެ. އެއީ، އެމީހުންނަށް، ޢިލްމުގެ ތެރެއަށް ވަދެވިފައި ނެތުމާއި، ދީނީ ކަންތައްތައް ދެނެގަތުމަށް އެމީހުން ނުކުޅެދިފައިވާ ކަމުގެ ޢަލާމާތެކެވެ.

އިސްލާމީ ފިޤުހުގައި ކަމަކާ ބެހޭގޮތުން ދެ ރައުޔު އޮންނަ ޙާލަތްތައްވެ އެވެ. މިސާލަކަށް، އެއިން އެއްރައުޔު ބުނަނީ އެއީ ހުއްދަ ކަމެއް ކަމަށެވެ. އަނެއް ރައުޔު ބުނަނީ، އެއީ މަކުރޫހަ ކަމެއް ކަމަށެވެ. މި ޙާލަތުގައި، ހައްދުފަހަނަޅައިފައިވާ މީހުން ނަގާނީ، މަކުރޫހަކަމަށް ބުނާ ރައުޔެވެ. އެއް ރައުޔުގައިވަނީ، މަކުރޫހަ ކަމެއް ކަމަށް ވެފައި، އަނެއް ރައުޔުގައި ވަނީ، ޙަރާމް ކަމެއް ކަމަށް ވަނީނަމަ، އެމީހުން ނަގާނީ ޙަރާމްކަމަށް ބުނާ ރައުޔެވެ.

ދީނުގެ ކަމެއްގައި ދެ ރައުޔު އޮންނައިރު، އެއްރައުޔަކީ، ލުއިފަސޭހަ ގޮތެއް ބުނެދޭ ރައުޔެއް ކަމަށް ވެފައި، އަނެއް ރައުޔަކީ ހަރުކަށި ގޮތެއް ބުނެދޭ ރައުޔެއް ކަމަށްވަނީނަމަ، އެމީހުން ބުރަވާނީ ހަރުކަށި ރައުޔަށެވެ. މިގޮތަށް ޢަމަލުކުރުމަކީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ނަހީކުރައްވާފައިވާ ކަމެކެވެ.

4. ބައެއް ޢިލްމުވެރިން، މީހުންނަށް ނަސޭހަތާއި އިރުޝާދު ދީ، ތެދު މަގުދެއްކުމަށް ފަސްޖެހުން

ދީނީ ނަސޭހަތާއި، ދީނީ އިރުޝާދުދީ، ތެދު މަގު ދެއްކުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ބަޔަކީ، ދީނީ ޢިލްމުވެރިންނެވެ. އެމީހުން މި މަސްއޫލިއްޔަތު އުފުލުމުން އެއްކިބާވާ ހިނދު، ޤައުމުތައް ޚަރާބުވެދެ އެވެ. ހިތްތަކަށް މަގުއޮޅި، ނަފުސުތައް ވާވަދެ ދެ އެވެ. ފިކުރުތައް ގަޑުބަޑުވެ ބާޠިލުގޮތްތައް ކުރިއަރައިދެ އެވެ. ނަތީޖާއަކަށްވަނީ، މަގުފުރެދުން ޢާއްމުވެގެން ދިއުމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. (فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ) އައްނަޙުލު: 43
މާނައީ، "ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާ ސުއާލުކުރާށެވެ!"

5. ޢިލްމުވެރިންގެ އަރިހުން ދީން އޮޅުންފިލުވުމުގެ ބަދަލުގައި ޒުވާންކުދިން އެކަކު އަނެކަކަށް ދީން އޮޅުންފިލުވައިދިނުން

އިބްނު މަސްޢޫދު ވިދާޅުވެފައިވެ އެވެ. ބަޔަކުމީހުން، އެބަޔެއްގެ ތެރޭގައިވާ ޢުމުރުން ދުވަސްވީ، އަމާނާތްތެރި، މުޢުތަބަރު ޢިލްމުވެރިންގެ އަރިހުން ދީން އޮޅުފިލުވާހައި ހިނދަކު، އެބަޔެއްގެ ޙާލަތު، ހެޔޮ ގޮތުގައި ދެމިއޮންނާނެ އެވެ. މިއާ ޚިލާފަށް، އެބަޔެއްގެ ތެރޭގައިވާ، ނުބައިކަން ބޮޑު، ރަނގަޅަށް ދީން ނުދަންނަ، ޒުވާނުންގެ ގާތުން ދީން އޮޅުން ފިލުވަން ފަށައިފިނަމަ، އެބަޔަކު ހަލާކުގެ ތެރެއަށް ވެއްޓިދާނެ އެވެ.

މިބަސްފުޅުގައިވާ ޢުމުރުން ދުވަސްވީ، އަމާނާތްތެރި މުޢުތަބަރު ޢިލްމުވެރިންނަކީ، ޢުމުރުން ދުވަސްވެ، ތަޖުރިބާ ލިބިވަޑައިގެންތިއްބެވި، ތަންދޮރު ދެނެވަޑައިގަންނަވާ، ހެޔޮލަފާ ޢިލްމުވެރިން ކަމަށް، އިބްނު ޤުތައިބާ ވިދާޅުވެފައިވެ އެވެ. އެހެނީ، ޢުމުރުން ދުވަސްވެ ތަޖުރިބާ ލިބުމަކީ، ޒުވާން ކަމުގެ ދުވަސްވަރު ހިތުގައި އުފެދޭ ވަގުތީ ޖޯޝާއި ފޯރިން އެއްކިބާވާނެ ކަމެކެވެ. އަދި ގިނަގުނަ ތަޖުރިބާ ލިބިފައިވުމަކީ، ޝައިޠާނާގެ ވަސްވާހާއި ހަވާނަފުސަށް ހެއްލުމުން ވެސް ސަލާމަތްވެވޭނެ ކަމެކެވެ.

ޝާފިޢީގެފާނު ވިދާޅުވެފައިވެ އެވެ. "ފޮތްފޮތުން ފިޤުހުވެރިވެއްޖެ މީހާ، ދީނުގެ ޙުކުމްތައް ނަގާލަ އެވެ. އެދުރަކީ، ހަމައެކަނި ފޮތް ކަމުގައި ވެއްޖެ މީހާގެ ދުލުން ބުނެވޭ ހެޔޮ ބަހަށްވުރެ، އޭނާގެ ދުލުން ބުނެވޭ ކުށް ބަސް ގިނަވެދެ އެވެ. އަދި އޭނާއަށް ކުރެވޭ ހެޔޮ ޢަމަލަށްވުރެ، އޭނާއަށް ކުރެވޭ ނުބައި ޢަމަލުތައް ވެސް ގިނަވެދެ އެވެ."

ދީންވެރިކަމުގެ ކުލަޖެހިގެން އުޅޭ ޒުވާނުންގެ ކިބައިގައި، ކަންތައްތަކާމެދު ފުންކޮށް ވިސްނައި ފިކުރުކުރުމުގެ ބާރު ދަށްވުމުގެ ނަތީޖާއަކީ، އެމީހުން ދެކޭ ގޮތް ނޫން އެހެން ގޮތަކަށް ދެކޭ ބަޔަކު ދައްކާ ވާހަކަ އަޑު ނޭހުމެވެ. އަދި އެމީހުން ދެކޭ ގޮތަކީ، ރަނގަޅު ގޮތްތޯ ބެލުމަށްޓަކައި، އެހެން މީހުންނާ ޚިޔާލު ބަދަލުކޮށް ވާހަކަ ދައްކަން ވެސް ޤަބޫލު ނުވުމެވެ.

ހައްދުފަހަނަޅައިފައިވާ ޒުވާނުން ޢަމަލުކުރާގޮތަށް ޢަމަލު ނުކުރުމަށް، ސަލަފުއް ޞާލިޙުގެ ބޭކަލުން ވަނީ ވިދާޅުވެފަ އެވެ. އެބޭކަލުން ވަނީ، ހަމައެކަނި ކީރިތި ޤުރުއާން ކިޔަވައި، އަމިއްލައަށް އެފޮތް ދިރާސާނުކުރުމަށް ވެސް ވިދާޅުވެފަ އެވެ. އެހެނީ، އެފޮތުގެ ޢިލްމާއި، އެފޮތް ކިޔެވުމުގެ ޢިލްމު ލިބޭނީ، އެ ޢިލްމުތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރިންގެ އަރިހަށް ގޮސްގެންނެވެ.

މާތްވެގެންވާ އިސްލާމްދީނަކީ، ފުރިހަމަ ދީނެކެވެ. މި ދީނުގައި، މި ދީނުގެ ޢަޤީދާއާއި، މި ދީނުގެ ޝަރީޢަތް ވެ އެވެ. އަދި މިދީނުގެ އަދަބު އަޚުލާޤާއި ސުލޫކު ވެސް ވެ އެވެ. ދީނަށް ގޮވާލުމަކީ، މިހުރިހައި އެއްޗަކަށް ގޮވާލުމެވެ. ދީނީ ގޮތުން ހައްދުފަހަނަޅައިފައިވާ ޖަމާޢަތްތަކުން، ޙައްޤު އިސްލާމްދީނަށް ގޮވާލާނަމަ، އެމީހުން ނާކާމިޔާބާ ކުރިމަތިލާކަށެއް ނުޖެހޭނެ އެވެ. އަދި ބައިބައިވެގެން ދާކަށެއް ވެސް ނުޖެހޭނެ އެވެ. މާތްވެގެންވާ އިސްލާމްދީނަކީ، މުޖުތަމަޢުގެ އަފުރާދުން ބައިބަޔަށް ބައިބައިކުރާ ދީނެއް ނޫނެވެ. އެކަމަކު، މިދީނަކީ، އެންމެންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކޮށް، އެންމެން އެކުވެރިކުރާ ދީނެކެވެ.
              -----------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން