ސުވާލު:
ނަމާދުގައި
އައްތަޙިއްޔާތަށް ތިބޭއިރު،
ބައެއް މީހުން، ކަނާތުގެ ޝަހާދަތް އިނގިލިން ބޮޅުއަޅަމުން ދާތަން ފެނެއެވެ. އަދި ބައެއް މީހުން، އެ އިނގިލި އޮލަނބަށް (ތިރިން މައްޗަށް، މަތިން ތިރިއަށް( ހަރަކާތްކުރަމުން
ގެންދާތަން ވެސް ފެނެ އެވެ. މި
ގޮތްގޮތަށް އިނގިލި ތެޅުވުމަކީ
ސުންނަތްވެގެންވާ ކަމެއްތޯ އެވެ؟
ޖަވާބު:
ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހުން ޔަޤީންކަމާއެކު ސާބިތުވެފައިވަނީ، އިތުރު އެކަލޭގެފާނު އައްތަޙިއްޔާތަށް އިންނަވާއިރު، ކަނާތްޕުޅުގެ ޝަހާދަތް އިނގިލިފުޅުން އިޝާރަތް ކުރައްވާ ކަމެވެ. (އެކި ގޮތްގޮތަށް އިނގިލިފުޅު ޙަރަކާތްކުރައްވާ ކަމެއް ނޫނެވެ.) އައްތަޙިއްޔާތަށް އިންނައިރު، ކަނާތުގެ ޝަހާދަތް އިނގިލިން އިޝާރަތްކުރަންޖެހޭ ގޮތާމެދު ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވެ އެވެ. ތިރީގައި މިވަނީ، އެކަމާމެދު ހަތަރު މަޛުހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތެވެ.
ޙަނަފީ މަޒުހަބު
ޝަހާދަތް
އިނގިލި އުފުލައިލަންވާނީ، ޝަހާދަތުގެ (لا) ކިޔާއިރުގައެވެ. ދެން (إلا الله)
ކިޔާއިރު ތިރިކޮށްލާނީ އެވެ.
ޝާފިޢީ މަޒުހަބު
ޝަހާދަތް
އިނގިލި އުފުލައިލާނީ (إلا الله)
މިހެން ކިޔާއިރުގަ އެވެ.
މާލިކީ މަޒުހަބު
އައްތަޙިއްޔާތު
ނިމެންދެން ކަނާތްފަރާތަށާއި
ވާތް ފަރާތަށް ޝަހާދަތް
އިނގިލި މަޑުމަޑުން ގެންދާނީ އެވެ.
ޙަންބަލީ މަޒުހަބު
އައްތަޙިއްޔާތުގައި
ﷲ ގެ އިސްމުފުޅު ނަންގަނެވޭ
ކޮންމެ ފަހަރަކު، ޝަހާދަތް އިނގިލިން އިޝާރަތް ކުރާނީ އެވެ. ދާއިމީ ގޮތެއްގައި ޙަރަކާތް ކޮށްގެނެއް ނުވާނެ އެވެ.
ހަތަރު މަޒުހަބުގައި ވާރިދުވެފައިވާ ރައުޔުތަކަށް ބަލާއިރު، ސުވާލުގައި ބަޔާންކުރައްވާފައިވާ ގޮތަށް އިނގިލި ތެޅުވުމަކީ، އެއްވެސް މަޒުހަބެއްގައި ނެތް ކަމެއްކަން އެނގެ އެވެ.
ތިރީގައި މިވަނީ އައްތަޙިއްޔާތަށް އިންނައިރު، ކަނާތުގެ ޝަހާދަތް އިނގިލި ތެޅުވުމާ ބެހޭގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.
އަލްބައިހަޤީ
އަލްއިމާމުލް
ބައިހަޤީ ވިދާޅުވެފައިވެ އެވެ. އައްތަޙިއްޔާތުގައި
ޝަހާދަތް އިނގިލި ޙަރަކާތްކުރުމަކީ، އެ އިނގިލިން އިޝާރަތްކުރުން ކަމަށް ލަފާކުރެވެ އެވެ. އެއީ (އައްތަޙިއްޔާތަށް އިންނައިރު) ދާއިމީ ގޮތެއްގައި ޝަހާދަތް އިނގިލި ޙަރަކާތް ކުރުމެއް ނޫނެވެ.
އިބްނުއްޒުބައިރުގެ އަރިހުން ރިވާވެފައިވެ އެވެ.
އިބްނުއްޒުބައިރުގެ އަރިހުން ރިވާވެފައިވެ އެވެ.
(كَانَ إِذَا قَعَدَ فِى التَّشَهُّدِ وَضَعَ كَفَّهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى وَأَشَارَ بِالسَّبَّابَةِ لاَ يُجَاوِزُ بَصَرُهُ إِشَارَتَهُ)
ރިވާކުރެއްވީ: އައްނަސާއީ.
ރިވާކުރެއްވީ: އައްނަސާއީ.
މާނައީ،
"ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އައްތަޙިއްޔާތަށް އިންނަވާއިރު، ވާތްތިލަފުޅު، ވާތުފައިންޕުޅުގެ ފަލަމަސްގަނޑުގެ މަތީގައި ބާއްވަވަ އެވެ. އަދި (ކަނާތްތިލަފުޅުގެ) ޝަހާދަތް އިނގިފުޅުން އިޝާރާތްކުރެއްވި އެވެ. އިތުރުއެކަލޭގެފާނުގެ
ނަޒަރުފުޅު، އެ އިނގިލިފުޅުގެ
އިޝާރަތް ފަހަނަޅައި ނުދެ އެވެ."
އިބްނުއްޒުބައިރުގެ އަރިހުން ރިވާވެފައިވާ އެހެން ރިވާޔަތެއްގައިވެ އެވެ.
(ِذَا قَعَدَ يَدْعُو وَضَعَ يَدَهُ الْيُمْنَى عَلَى فَخِذِهِ الْيُمْنَى وَيَدَهُ الْيُسْرَى عَلَى فَخِذِهِ الْيُسْرَى وَأَشَارَ بِإِصْبَعِهِ السَّبَّابَةِ)
ރިވާކުރެއްވީ: މުސްލިމު.
ރިވާކުރެއްވީ: މުސްލިމު.
މާނައީ،
"ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އައްތަޙިއްޔާތަށް އިންނަވާއިރު، ކަނާތްތިލަފުޅު، ކަނާތުފައިންޕުޅުގެ ފަލަމަސްގަނޑުގެ މަތީގައި ބާއްވަވަ އެވެ. އަދި ވާތްތިލަފުޅު، ވާތުފައިންޕުޅުގެ ފަލަމަސްގަނޑުގެ މަތީގައި ބާއްވަވަ އެވެ. އަދި (ކަނާތްތިލަފުޅުގެ) ޝަހާދަތް އިނގިފުޅުން އިޝާރަތްކުރެއްވި އެވެ."
އަލްފައުޒާން
ފަޟީލަތުއް ޝައިޚު ޞާލިޙު ބްނު އަލްފައުޒާން ވިދާޅުވެފައިވެ އެވެ. ﷲ ގެ އެއްކައުވަންތަކަމަށް އިޝާރަތްކޮށް، ޝަހާދަތް އިނގިލި އުފުލައިލާނީ، ކުޑަކުޑަކޮށް ނެވެ. އަދި އިނގިލިން އިޝާރަތް ކުރާނީ، ދުޢާވަޅުތަކުގައްޔާއި، ﷲ ގެ އިސްމުފުޅު ނަންގަނެވޭ ހިނދު، ވަރަށް މަޑުމަޑުންނެވެ. ދާއިމީ ގޮތެއްގައި އިނގިލިން ޙަރަކާތް ކޮށްގެނެއް ނުވާނެ އެވެ.
އިބްނު ޢުޘައިމީން
ފަޟީލަތުއް
ޝައިޚު މުޙައްމަދު ޞާލިޙު ބްނު ޢުޘައިމީން ވިދާޅުވެފައިވެ އެވެ.
އިނގިލި ޙަރަކާތް ކުރާނީ، ހަމައެކަނި ދުޢާވަޅުތަކުގަ އެވެ. ބައެއް މީހުން ދާއިމީ ގޮތެއްގައި އިނގިލި ތަޅުވަމުން ގެންދެ އެވެ. ނަމާދުގައި އެމީހުން އިނގިލިތަކުން ކުޅިވަރެއް ކުޅޭ ފަދަ އެވެ. އެގޮތަށް އިނގިލި ތެޅުވުމަކީ ސުންނަތެއް ނޫނެވެ. (ކަނާތުގެ ޝަހާދަތް) އިނގިލި ޙަރަކާތްކުރާނީ، އައްތަޙިއްޔާތުގައިވާ ދުޢާވަޅުތަކުގަ އެވެ. މިސާލަކަށް (رب اغفر لي)
މިހެން ކިޔާއިރުގައެވެ. ނުވަތަ (وارحمني) މިހެން ކިޔާއިރުގަ އެވެ. ދާއިމީ ގޮތެއްގައި އިނގިލިން، ބޮޅުއަޅާ ގޮތަށް ނުވަތަ އެނޫން ގޮތަކަށްވިޔަސް އިނގިލި ތެޅުވުމަކީ، އެކަން ކުރާ މީހުން ކުޅޭ ކުޅިވަރެކެވެ. އެއީ ނަމާދުގެ ޙަރަކާތްތަކުން ބޭރުވެގެންވާ ކަމެކެވެ.
ޙަރަކާތްކުރެއްވި ކަމަށް އޮންނަ ޙަދީޘްފުޅު
ކީރިތި ރަސޫލާ
(ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)
އައްތަޙިއްޔާތުގައި، (ކަނާތްޕުޅުގެ)
ޝަހާދަތް އިނގިލިފުޅު ޙަރަކާތްކުރެއްވި
ކަމަށް އޮންނަ ޙަދީޘްފުޅަކީ،
ވާއިލު ބްނު ޙުޖުރުގެ އަރިހުން
ރިވާވެފައިވާ ޙަދީޘްފުޅެކެވެ.
އެ ޙަދީޘްފުޅު 11 ބޭކަލުން
ރިވާކުރައްވާފައިވެ އެވެ. އޭގެ ތެރެއިން 10 ބޭކަލުންގެ ރިވާޔަތުގައި، ޙަރަކާތް ކުރެއްވި ކަމަކަށެއް ނޯވެ އެވެ. ޙަރަކާތް ކުރެއްވި ކަމަށް އޮންނަނީ އެންމެ ބޭކަލެއްގެ ރިވާޔަތުގަ އެވެ. އެއީ، ޞައްޙަ ޙަދީޘްފުޅެއް ނޫންކަމަށް، އަބޫބަކުރު އިބްނުލްޢަރަބީ އާއި މިޒަމާނުގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
އިޝާރާތްކުރެއްވި ކަމަށް އޮންނަ ޙަދީޘްފުޅު
ކީރިތި ރަސޫލާ
(ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)
އައްތަޙިއްޔާތަށް އިންނަވާއިރު،
(ކަނާތްޕުޅުގެ) ޝަހާދަތް އިނގިލިފުޅުން އިޝާރާތް ކުރެއްވި ކަމަށް އޮންނަ ޙަދީޘްފުޅަކީ، ޢަބްދު ﷲ ބްނުއްޒުބައިރުގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅެކެވެ. އެ ޙަދީޘްފުޅުގެ އެކި ރިވާޔަތްތަކަށް ބަލާއިރު، އޭގައިވަނީ، އިތުރު އެކަލޭގެފާނު، (ކަނާތްޕުޅުގެ) ޝަހާދަތް އިނގިލިފުޅުން
އިޝާރަތް ކުރެއްވި
ކަމަށާއި، އެ އިނގިލިފުޅުން އެހެން ޙަރަކާތެއް ނުކުރައްވާ ކަމަށެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ވާއިލު ބްނު ޙުޖުރުގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅުގައި، ޙަރަކާތް ކުރެއްވި ކަމަށް އޮތް ބަސްފުޅުގެ މުރާދައަކީ، އިޝާރަތް ކުރެއްވުމެވެ. އެހެނީ، އިޝާރަތް ކުރެވޭނީ ޙަރަކާތެއް ކޮށްގެންނެވެ. ނަންގަނެވިދިޔަ، މަޛުހަބުތަކާއި ޢިލްމުވެރިންގެ ރައުޔުތަކަށް ބަލާއިރު، ސުވާލުގައިވާ ގޮތަށް އިނގިލި ތެޅުވުމަކީ، ސުންނަތްވެގެންވާ ކަމެއް ނޫންކަމަށާއި، އެއީ ނަމާދުން ބޭރުވެގެންވާ ޢަމަލެއް ކަން އެނގެ އެވެ. މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ، ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރުމެވެ. ކުޅޭކުޅޭ ކުޅިވަރެއްހެން ނަމާދުކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.
-------------------
ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން