މީހަކު ބުންޏެވެ. ޙިކުމަތްތެރިއެއްގެ ގާތުން ތިމަންނާ އެހީމެވެ.
އިންސާނުންގެ ކިބައިގައިވާ އެންމެ ޙައިރާންކުރުވަނިވި ކަމަކީ ކޮބައިހެއްޔެވެ؟
އޭނާ ޖަވާބުދިނެވެ.
އިންސާނުންނަކީ،
ޅަފުރާގެ ދުވަސްތައް ދެކެ ފޫހިވާ ބަޔެކެވެ.
އެހެންކަމުން އަވަހަށް ހެދިބޮޑުވާން
އިންސާނުން ބޭނުންވެ އެވެ.
އިންސާނަކު ބާލިޣުވެ ފުރާފުރިހަމަވެއްޖެނަމަ،
އޭނާގެ ހެދިބޮޑުވުން ހުއްޓި،
އޭނާ ޅަފުރާގެ ދުވަސްތަކަށް އެނބުރި
ރުޖޫޢަވެދެ އެވެ. އިންސާނުންނަކީ، ފައިސާއާއި މުދާ ހޯދުމަށްޓަކައި، އެމީހުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ނަގާލާ ބަޔެކެވެ. ފައިސާ ލިބިއްޖެނަމަ، ގެއްލުނު ދުޅަހެޔޮކަން އަނބުރާ ހޯދުމަށްޓަކައި ހޭދަކުރެ އެވެ.
އިންސާނުންނަކީ، މުސްތަޤުބަލާމެދު ކަންބޮޑުވާ ބަޔެކެވެ. އެމީހުން ދިރިއުޅެމުންދާ ޒަމާނުގެ މަތިން ހަނދާންނައްތާލަ އެވެ. އެހެންކަމުން، އެމީހުންނަކަށް ހާޒިރުގައިވާ ހާލަތާ ގުޅިގެނެއް ނޫޅެވެ އެވެ. އަދި މުސްތަޤުބަލަކު ވެސް ދިރިއެއް ނޫޅެވެ އެވެ.
އިންސާނުންނަކީ، ދުވަހަކުވެސް މަރުނުވާނެ ބަޔަކު ދިރިއުޅޭ ފަދައިން ދިރިއުޅޭ ބަޔެކެވެ. އެމީހުން މަރުވެދިއުމުން، އެމީހުން ދުވަހަކުވެސް މިދުނިޔޭގައި ދިރިނޫޅޭ ފަދަ އެވެ.
ޙިކުމަތްތެރިޔާގެ މި ޖަވާބު އަޑުއިވުމުން އިރުކޮޅަކު ހަނުހުރީމެވެ. އެއަށްފަހު އެހީމެވެ. މި ޙަޔާތުން އިންސާނުން އުނގެނެންވީ ފިލާވަޅުތަކަކީ ކޮބައިހެއްޔެވެ؟
ޙިކުމަތްތެރިޔާ ޖަވާބުދިނެވެ.
އެއްވެސް މީހަކު،
ތިބާދެކެ ލޯބިވުމަކީ، ތިބާއަށް
ގަދަކަމުން ކުރެވޭނެ ކަމެއް
ނޫންކަން ދަންނާށެވެ! ތިބާއަށް ކުރެވޭނެ ކަމަކީ، ތިބާއަކީ އަނެކުންގެ ގާތުގައި މަގުބޫލު މީހެއް ކަމުގައި ވާނެހެން މަސައްކަތްކުރުމެވެ.
ތިބާގެ އަމިއްލަ ނަފުސާ، އެހެން މީހުންނާ އަޅާނުބަލާށެވެ!
އަނެކުންނަށް މަޢާފުކުރާށެވެ!
އެންމެ މުއްސަނދި މީހަކީ، އެންމެ ގިނަ ފައިސާއާއި މުދާ، ލިބިފައިވާ މީހާއެއް ނޫނެވެ. އެކަމަކު، އެންމެ މުއްސަނދި މީހަކީ، މުހުތާދުތައް އެންމެ މަދު، ޒާހިދު މީހާ އެވެ! ތިބާދެކެ ވަރަށް ލޯބިވާ ބަޔަކު މިދުނިޔޭގައި ވާކަން ދަންނާށެވެ! ނަމަވެސް، އެމީހުން ތިބާ ދެކެ
ވާ ލޯބި ހާމަކުރާކަށް އެމީހުންނަކަށެއް
ނޭނގެ އެވެ.
އެއްކަމަކާމެދު ދެ މީހެއްގެ ޚިޔާލު ތަފާތުވެދާނެ އެވެ. އެކައްޗަކާމެދު ދެ މީހެއްގެ ރައުޔު ތަފާތުވުމަކީ ދެކޮޅުވެރިވާން ޖެހޭ ކަމެއް ނޫންކަން ދަންނާށެވެ! މީހެއްގެ ބޭރުފުށުން ފެންނަ މަންޒަރަށް ބަލައިގެން، އޭނާއާމެދު ގޮތެއް ނުނިންމާށެވެ! އަދި މީހަކާބެހޭ ގޮތުން އެހެން މީހުން ދައްކާ ވާހަކައަށް ބަލައިގެން ވެސް، އޭނާއާމެދު ގޮތެއް ނުނިންމާށެވެ! އޭނާއަކީ ކޮންކަހަލަ މީހެއްކަން ތިބާއަށް އެނގޭނީ، ތިބާ އަމިއްލައަށް އޭނާގެ ގޮތް ބަލައިލީމަ އެވެ. ބޭރުފުށަށާއި، އެހެން މީހުން ދައްކާ ވާހަކަތަކަށް ބަލައިގެން މީހަކާމެދު ގޮތެއް ނިންމައިފިނަމަ، އެމީހަކަށް އަނިޔާވެރިވެވިދާނެކަން ދަންނާށެވެ!
މީހަކަށް އަނިޔާއެއް ދީފައި ތިބާއަށް ސަލާމަތް ނުވެވޭނެކަން ވެސް ދަންނާށެވެ! މީހަކު ތިބާގެ ފަހަތުން
އައިސް ތިބާގެ ގަޔަށް ވަޅިއެއް
ހަރައިފިނަމަ، ތިބާ ހުރީ އޭނާއަށްވުރެ
ކުރީގައިކަން ދަންނާށެވެ!
-------------------
މުޞަންނިފު:
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން