ރައީސް ނާޞިރުގެ ބިސްތާނައިގައި އިސްކަންދަރު ރަސްގެފާނަށް ނިސްބަތްވާ ސިއްކައެއް


ރައީސް އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވެ، މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި އެ ކިލެގެފާނު ފަސްދާނުލައްވައި އެ ތާނގައި ހައްދަވާފައިވާ ބިސްތާނައިގެ ބޭރުގައި އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރެވޭ ސިއްކައެއް އެ ހުރީ ކީއްވެތޯ ހިތަށް އަރަ އެވެ.

މިހެން ދެންނެވީ އިސްކަންދަރު ރަސްގެފާނަށް ނިސްބަތް ކުރެވޭ ސިއްކައެއް އެހެން ބޭފުޅެއްގެ ޒިޔާރަތެއްގައި ނުވަތަ ބިސްތާނައެއްގައި ހުރުމަކީ ވެގެންވާނެ ކަމެއްނޫން ކަމަށް ދެކިގެން ނޫނެވެ. އަދި މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި ހުރި އިސްކަންދަރު ރަސްގެފާނުގެ ދަރިކަލުން ސުލްޠާން މުޙައްމަދުގެ ޒިޔާރަތުގައި ވެސް ނުވަތަ މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި ހުރި އެހެން އެއްވެސް ޒިޔާރަތެއްގައި ވެސް އެ ސިއްކަ ނެތުމަކުން ނޫނެވެ. މީގެ އިތުރަށް އިސްކަންދަރު ރަސްގެފާނާއި ރައީސް އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނާއި ދެ ބޭފުޅުންގެ ވަކިވަކި ބުރަދަނަށް ބަލާފައި ވެސް ނޫނެވެ. ދެންނެވި އެއްޗެއް ދަންނަވާފައި އެ ވަނީ ރައީސް އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބިސްތާނައިގައި އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރެވޭ ސިއްކައެއް ޖައްސަވާފައި އެ ވަނީ އެ ބިސްތާނަ ހެއްދެވި ބޭފުޅުންނަށް ނޫނީ ހެއްދުވި ބޭފުޅުންނަށް އެ ކުރެއްވޭ ކަމެއް ރަނގަޅަށް އެނގިވަޑައިގެންތޯ ނޫނީ ނޫންތޯ ހިތަށް އަރާތީ އެވެ. 


އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރެވޭ ސިއްކަ ތަކެއް މާލޭ ހުކުރުމިސްކިތާއި މުންނާރާއި އަދި އެ ރަދުންގެ ޒިޔާރަތުން ފެނެ އެވެ. މީގެ ތެރެއިން މުންނާރާއި އެ ރަދުންގެ ޒިޔާރަތުން ފެންނަނީ އެއްގޮތް ސިއްކައެކެވެ. ރައީސް އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބިސްތާނައިގައި ޖައްސަވާފައި ވަނީ މި ސިއްކަ އެވެ. ހުކުރުމިސްކިތުގައި ހުރި އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރެވޭ ސިއްކަތަކުގައި ތަފާތު ކުރެހުންތަކެއް ހުރެ އެވެ. 


މި ފޮޓޯގައި މަތީގައި އެވަނީ މާލޭ ހުކުރުމިސްކިތުގެ މުންނާރުގައިވާ އިސްކަންދަރު ރަސްގެފާނަށް ނިސްބަތްވާ ސިއްކަ އެވެ. ތިރީގައި ވަނީ އިސްކަންދަރު ރަސްގެފާނުގެ ޒިޔާރަތުގައިވާ އެ ރަދުންނަށް ނިސްބަތްވާ ސިއްކަ އެވެ. އެއްގޮތް ދެ ސިއްކަ އެވެ.

މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި އެންމެފަހުން ފަސްދާނުލައްވާފައި ވަނީ 29 އޮކްޓޫބަރ 1961މ. ގައި އެއިރުގެ ވަޒީރުލް އައުގާފު ޝައިޚް އިބްރާހީމް ރުޝްދީ އަވަހާރަވުމުން އެ މަނިކުފާނު ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ. އެއީ މުހިއްމު ދެ ކަމަކުން ފާހަގަ ކުރެވޭ ތާރީޚީ ޖަނާޒާއެކެވެ. ފުރަތަމަ ކަމަކީ ޝައިޚު އިބްރާހީމް ރުޝްދީގެ ސަންދޯއްޕުޅު އޭނާ ހުންނެވި ގެއިން ނެރެއްވުމުގައި އޭރުގެ ރަސްގެފާނު މުޙައްމަދު ފަރީދާއި ބޮޑުވަޒީރު އިބްރާހީމް ނާޞިރާއި އަދި ވަޒީރުން ޢަމަލީގޮތުން ބައިވެރިވެ ވަޑައިގަތްކަމެވެ. ދެވަނަ ކަމަކީ އެންމެފަހުން ހަވަރަށް ބެރުޖަހާފައި ވަނީ ޝައިޚު އިބްރާހީމް ރުޝްދީ ޖަނާޒާއާއި ގުޅިގެން ކަމެވެ. އޭގެ އަނެއް ދުވަހުގެ ހެނދުނު 7 ޖެހިއިރު އެވެ.

މީގެ ތެރެއިން ފުރަތަމަ ކަމަކީ ދުނިޔެ ދެމިއޮތްހާ ދުވަހަކު އަލުން އިޢާދަ ނުވާނޭ ކަމެކެވެ. ސަބަބަކީ އެ ރަސްގެފާނާއި އެ ބޮޑުވަޒީރާއި އެ ވަޒީރުން ދުނިޔޭގައި ނެތުމުގެ އިތުރަށް ޝައިޚު ރުޝްދީގެ ޖަނާޒާއެއް ވެސް ދެން ބޭއްވެން ނެތުމެވެ.

އަނެއްކަމުގެ އެއްބައި ދިވެހި ދައުލަތުން ބޭނުންފުޅުވެއްޖެ ނަމަ އިޢާދަ ވެދާނެ އެވެ. އެއީ އަލުން "ހަވަރު" އުފެއްދުމާއި ހަވަރަށް ބެރު ޖެހުމެވެ. ބޭފުޅަކު އަވަހާރަވުމުން ހަވަރަށް ބެރު ޖަހާނީ އެވެ. މިއީ ކުރެވިދާނެ ކަމެކެވެ. މީގެތެރެއިން ވެސް އިޢާދަ ނުވާނޭ ބަޔަކީ ހަވަރަށް ބެރު ޖަހާކަށް އަވަހާރަވާނޭ އެ ޝައިޚު ރުޝްދީއެއް މިހާރު ދުނިޔޭގައި ނެތުމެވެ. އެ މަނިކުފާނު އަވަހާރަވީތާ ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

22 ނޮވެމްބަރ 2008މ. ގައި އަލްއަމީރު އިބްރާހީމް ނާޞިރު އަވަހާރަވެ މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި އެ ކިލެގެފާނު ފަސްދާނު ލެއްވުމާއި ހަމައަށް ޝައިޚް އިބްރާހީމް ރުޝްދީގެ ފަހުން ދުނިޔެ ދޫކުރެއްވި އެއްވެސް ނަފުސެއް އެ ގަބުރުސްތާނުގައި ވަޅުލިކަމެއް އެނގޭކަށް ނެތެވެ. މި ދެންނެވި ދެ ތާރީޚުގެ ދެ މެދުގައި ރާއްޖޭގެ އެންމެ މަތީ ވެރިކަން ކުރެއްވި ދެ ބޭފުޅަކު ވެސް މާލޭގައި އަވަހާރަވެފައިވެ އެވެ. އެއީ ސުލްޠާން މުޙައްމަދު ފަރީދާއި ސުލްޠާން ޙަސަން ނޫރައްދީން (2) އެވެ. މި ބޭފުޅުން ފަސްދާނު ލެއްވީ ގަލޮޅު ގަބުރުސްތާނުގަ އެވެ.

ނިންމާލަމުން ވެސް ދަންނަވަމެވެ. އިސްކަންދަރު ރަސްގެފާނަށް ނިސްބަތްކުރެވޭ ސިއްކައެއް ރައީސް އަލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ބިސްތާނައިގައި ޖައްސަވާފައި އެ ވަނީ އެ ކަން ކުރެއްވި ބޭފުޅުންނަށް ނޫނީ ކުރުއްވި ބޭފުޅުންނަށް އެ ކުރެއްވޭ ކަމެއް ރަނގަޅަށް އެނގިވަޑައިގެންތޯ ނޫނީ ނޫންތޯ ހިތަށް އަރަ އެވެ. އެނގިވަޑައިގެން ނަމަ ދަންނަވާނޭ އެއްޗެއް އަދި ނޭނގެ އެވެ. ނޫންނަމަ ދަންނަވާނޭ އެއްޗެއް އެބަ އޮތެވެ. 
                 ---------------------

ޢަބުދުﷲ ޙިލްމީ
17 މޭ 2016މ.