ނަމާދުކުރުމަކީ، އަލްޒައިމަރ ބަލިން ސަލާމަތްވާ ކަމެއް















އަލްޒައިމަރ ބައްޔަކީ، ސިކުނޑިއަށް ޖެހޭ ބައްޔެކެވެ. އެ ބަލި ޖެހި، ބޮޑުވަރުމުން، ސިކުނޑީގައިވާ ހުރިހައި ހަނދާންތަކެއް ފޮހެވިދެ އެވެ. އަދި އުނގެނުމާއި ސަމާލުކަންދިނުމުގެ ބާރުވެސް ކެނޑިދެ އެވެ.

ދާދި ފަހުން އެމެރިކާއާއި އިސްރާއީލުގެ ސައިންޓިސްޓުންގެ ޖަމާޢަތަކުން ކޮށްފައިވާ ޢިލްމީ ދިރާސާއަކުން އެނގުނު ގޮތުގައި، ނަމާދުކުރުމަކީ، އަލްޒައިމަރ ބަލި (Alzheimer's disease) ޖެހުން މަނާކުރާ ކަމެކެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި، ހަނދާން ނެތުމާއި، އަލްޒެއިމަރ ބަލި (AD) ޖެހުމު ފުރުޞަތު، ނަމާދުކުރާ މީހުންނަށް ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދެ އެވެ. މީގެ މާނައަކީ، ނަމާދުކުރާ މީހުންގެ 50 އިންސައްތަ އަކީ، ހަނދާން ނެތުމާއި، އަލްޒައިމަރ ބަލި ޖެހުމުގެ ނުރައްކަލުން ސަލާމަތްވެފައިވާނެ ބަޔެކެވެ.

ނަމާދު ކުރުމުން ލިއްބައިދޭ ފަދަ ހެޔޮ އަސަރެއް، ތަޢުލީމު ޙާޞިލުކުރުމުން ވެސް ލިއްބައިދެ އެވެ. ނަމަވެސް ނަމާދުގެ ފަހި އަސަރަށްވުރެން ތަޢުލީމު ޙާޞިލުކުރުމުގެ ފަހި އަސަރު، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑަ އެވެ. އެހެނީ، ތަޢުލީމު ޙާޞިލުކުރުމުގެ ސަބަބުން އަލްޒައިމަރ ބަލިން ސަލާމަތްވެފައިވާ ނިސްބަތަކީ، 24 އިންސައްތަ އެވެ.

އަލްޒައިމަރ ބައްޔަކީ، ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނަށް ޖެހޭ ބައްޔެއްކަން ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އަންހެނުންނަށް އެބަލި ޖެހޭ މިންވަރު، ފިރިހެނުންނަށް އެބަލި ޖެހޭ މިންވަރަށްވުރެ، 50 އިންސައްތަ އިތުރެވެ. ތަޢުލީމީ މުއައްސަސާތަކުގައި، އެއް އަހަރާ ދެއަރާ ދެމެދުގެ މުއްދަތަކަށް ތަޢުލީމު ޙާޞިލުކޮށްފައިވާ، އަންހެނުންނަށް އަލްޒައިމަރ ޖެހިފައިވާ ނިސްބަތާއި، ހަތަރު އަހަރު ދުވަހު ތަޢުލީމު ޙާޞިލުކޮށްފައިވާ ފިރިހެނުންނަށް އެބަލި ޖެހިފައިވާ ނިސްބަތް އެއްވަރުކަން ވެސް އެނގުނެވެ. 

ނަމާދުކުރަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. މުސްލިމުންނާއި، ޔަހޫދީންނާއި، ކްރިސްޓިއަނުން ވެސް ނަމާދުކުރެ އެވެ. ނަމަވެސް އެއިން އެއް ދީނެއްގެ ބަޔަކު ނަމާދުރާ ގޮތް، އަނެއް ދީނެއްގެ ބަޔަކު ނަމާދުކުރާ ގޮތާ ތަފާތެވެ. އެހެންކަމާއެކުވެސް ނަމާދުކުރުމުން އެ އެންމެނަށް ވެސް ހެޔޮ އަސަރުކުރެ އެވެ. އެ އެންމެން ވެސް އަލްޒައިމަރ ބަލިން ސަލާމަތްވެ އެވެ. މިކަމުގެ ސަބަބަކީ، ނަމާދުކުރުމުން ވިސްނުމާއި ފިކުރަށް ލިބޭ ހީވާގިކަމާއި، ރޫޙާނީ ހަކަތަ ކަމަށް ޕްރޮފެސަރ ރިފްކާ ވިދާޅުވެފައިވެ އެވެ.

މި ނަތީޖާތައް ލިއްބައިދިން ދިރާސާ ކުރެވިފައިވަނީ، 65 އަހަރުން މަތީގެ 892 މީހެއްގެ މައްޗަށެވެ. އެމީހުންގެ ތެރެއިން 497 މީހުންނަކީ ހަނދާންނެތުމާއި އަލްޒެއިމަރ ބަލީގެ އެއްވެސް އަސަރެއް ނެތް ދުޅަހެޔޮ ބަޔެކެވެ. އެއިން 303 މީހުންނަކީ، ވަރަށް ކުޑަ މިންވަރަކަށް، ހަނދާން ނެތޭ ބަޔެކެވެ. ތަޙުޤީޤުގައި ހިމެނުނު، 892 މީހުންގެ ތެރެއިން އަލްޒައިމަރ ބަލި ޖެހިފައިވަނީ، އެންމެ 92 މީހުންނަށެވެ! މިއިން ކަށަވަރުވި ޙަޤީޤަތަކީ، ނަމާދުކުރުމުން އަލްޒައިމަރ ބަލި ޖެހުމުގެ ފުރުޞަތު ކުޑަވެ، އެބަލިން ސަލާމަތްވެވޭ ކަމެވެ. ދިރާސާގައި ހިމެނުނު ފިރިހެނުންގެ ތެރެއިން 90 އިންސައްތައަކީ ބަރާބަރަށް ނަމާދުކުރާ މީހުންނެވެ. އަންހެނުންގެ ތެރެއިން ބަރާބަރަށް ނަމާދުކުރަނީ، 60 އިންސައްތަ އެވެ.

ޣައިރު މުސްލިމުން ކުރާ މިފަދަ ދިރާސާތަކުން، އިސްލާމްދީނަކީ، ޙައްޤު ދީންކަން އެމީހުންނަށް ވެސް ހާމަވަމުންދެ އެވެ. އެހެނީ، މާތް ވެގެންވާ އިސްލާމްދީނަކީ، އަޅުކަންކުރުމަށާއި، ތަޢުލީމު ޙާޞިލުކުރުމަށާއި، ހެޔޮ ކަންތައް ކުރުމަށް، އެންމެ ފުރިހަމަ ގޮތުގައި، އެންމެ ބޮޑަށް ގޮވާލާ ދީނެވެ. މުސްލިމުންގެ މައްޗަށް އޮތީ، ނުހަނު ފަޚުރުވެރިކަމާއެކު، އިސްލާމްދީނުގެ ސާފު ސީދާ ތެދު މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމެވެ. ޚާއްޞަކޮށް، މި މާތް ދީނުގެ ރުކުނެއް ކަމަށްވާ ނަމާދާމެދު ފަރުވާތެރިވެ، އެ އަޅުކަން ޤާއިމުކުރުމުގައި ދެމިތިބުމެވެ. 

ނޯޓް:
 އަލްޒައިމަރ ބައްޔަކީ، ސިކުނޑިއަށް ޖެހޭ ބައްޔެކެވެ. އެ ބަލި ޖެހި، ބޮޑުވަރުމުން، ސިކުނޑީގައިވާ ހުރިހައި ހަނދާންތަކެއް ފޮހެވިގެން ހިނގައިދެ އެވެ. އަދި އުނގެނުމާއި ސަމާލުކަންދިނުމުގެ ބާރުވެސް ކެނޑިގެން ހިނގައިދެ އެވެ. އޭގެ އިތުރުން، އެ ބަލި ޖެހިފައިވާ މީހާގެ ޝަޚުޞިއްޔަތަށް ވެސް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އެފަދަ ބަދަލުތަކުގެ ތެރޭގައި، އިންތިހާ ދަރަޖައަށް ރުޅިގަދަވުމާއި، ވަގުތީ ގޮތަކަށް މޮޔަވުން ފަދަ ކަންތައްތައް ވެސް ހިމެނެ އެވެ. މިއަދާ ހަމައަށް ވެސް އަލްޒައިމަރ ބައްޔަށް، ޑަކުޓަރީ ފަރުވާއެއް ހޯދިފައެއް ނުވެ އެވެ. މަތީގައި ނަންގަނެވުނު ދިރާސާގެ އަލީގައި ބުނެވެން އޮތީ، އަލްޒައިމަރ ބަލިން ސަލާމަތްވާން އެދޭނަމަ، ބަރާބަރަށް ނަމާދުކުރާށެވެ!
              ----------------------
މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން