ތުރަވާ މަސް ކެއުމަކީ ހުއްދަ ކަމެއްތޯ












ވިހެއުމަށްފަހު، ތުރަވާ މަސް ކެއުމަކީ، ހުޅަނގުގެ މުޖުތަމަޢުގެ އަންހެނުން ކުރާ ކަމެކެވެ. އެމީހުން ދެކޭ ގޮތުގައި އެއީ މައިމީހާގެ ހަށިގަނޑަށް ނުހަނު ފައިދާހުރި ކަމެކެވެ. އެހެނަސް ހޮސްޕިޓަލްތަކުން ދެކެނީ، ތުރަވާ މަހަކީ، އެއްލާލަންޖެހޭ އެއްޗެއް ކަމަށެވެ. އެފަދަ އެއް ހޮސްޕިޓަލަކީ، (River Oaks Hospital) އެވެ. އެ ހޮސްޕިޓަލުގެ އާންމު އުޞޫލަކީ، ވިހެއުމަށްފަހު ތުރަވާ މަސް، މައިމީހާގެ އަތަށް ނުދީ، އެއްލާލުމެވެ. އެކަމާ ދެކޮޅު ހެދި އެއް އަންހެނަކީ، ޖޯޑަން (Jordan Thiering) އެވެ. ވިހެއުމަށްފަހު، ތުރަވާ މަސް ގެއަށް ގެންދަން ބޭނުން ކަމަށާއި، އޭތި ކެއުމަށް ބޭނުންވާކަން އޭނާ ޑަކުޓަރަށް ހާމަކުރި އެވެ. ޑަކުޓަރު އިރުޝާދު ދެއްވީ، ހޮސްޕިޓަލުގައި ޢަމަލުކުރަމުންދާ އުޞޫލުތަކަށް ބެލުމަށެވެ.


އެ ހޮސްޕިޓަލަކީ، ތުރަވާ މަސް މައިމީހާގެ އަތަށް ދޫކުރާ ހޮސްޕިޓަލެއް ނޫންކަން އެނގުމުން، ޖޯޑަން ދިޔައީ ކޯޓަށެވެ. ކޯޓުން ޙުކުމްކުރީ، ޖޯޑަން ވިހެއުމަށްފަހު ތުރަވާ މަސް ހިފައިގެން ގެއަށް ދިއުމުގެ ހުއްދަ ދިނުމަށެވެ. އެ އާ އެއްގޮތަށް ހޮސްޕިޓަލުން ޢަމަލުކުރި އެވެ. އެހެނަސް އެ ހޮސްޕިޓަލުގެ ޑަކުޓަރުން ވިދާޅުވަނީ، ތުރަވާ މަހަކީ އެ ކެއުމުން މައިމީހާއަށް އެއިން ފައިދާއެއް ލިއްބައިދޭނެ އެއްޗެއް ނޫން ކަމަށެވެ.

ޖޯޑަންގެ ޙާލަތަކީ، ހުޅަނގުގެ މުޖުތަމަޢުގައި ކުރިމަތިވި އެފަދަ ފުރަތަމަ ޙާލަތެއް ނޫނެވެ. ވިހެއުމަށްފަހު ތުރަވާ މަސް ކެއުމަކީ، އެ މުޖުތަމަޢުގެ ވަރަށް ގިނަ އަންހެނުން ކުރާ ކަމެކެވެ. އެމީހުން އެކަން ކުރަނީ، ގާތުން ކިރުދޭ ބައެއް ޖަނަވާރުތައް ކޮޕީކުރުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. ވިހެއުމަށްފަހު ތުރަވާ މަސް ކެއުމަކީ، އެމީހުންގެ ނަޒަރުގައި މައިމީހާގެ ހަށިގަނޑަށް ނުހަނު ފައިދާހުރި ކަމެކެވެ. އެކަން ކުރުމަށް ހުޅަނގުގެ ފޫޅުމައިން އިރުޝާދު ދެ އެވެ. ބައެއް ފޫޅުމައިން، އެ މަސް ހިއްކައިގެން ވިއްކާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ. ކްލޯޑިއާ ބޯކަރ އަކީ، އެކަން ކުރާ ފޫޅުމަޔެކެވެ. އޭނާ ބުނެފައިވަނީ، ހިއްކާފައިވާ މަހެއް އޭނާ ވިއްކަނީ، 270 ޔޫއެސް ޑޮލަރަށް ކަމަށެވެ.

ތުރަވާ މަހަކީ، މީރު އެއްޗެއް ނޫން ކަމާއި، އެ ކެއުމަށްޓަކައި އެއަށް އިތުރު އެއްޗެހި އަޅަންޖެހޭ ކަމަށް އެކަން ކުރާ ބައެއް އަންހެނުން ބުނެފައި ވެ އެވެ. އޭގެ ރަހަ މީރުކުރުމަށްޓަކައި އެއަށް ކިރާއި މާމުއި އަޅަ އެވެ. ބައެއް އަންހެނުން އެއާއި ޗޮކްލެޓާ އެއްކޮށްގެން ކައެވެ.

އިސްލާމީ ނަޒަރަކުން ބަލާއިރު، ހުޅަނގުގެ ޣައިރު މުސްލިމު އަންހެނުން، ތުރަވާ މަސް ކާ ގޮތަށް އެ ކެއުމަކީ ހުއްދަ ކަމެއް ނޫނެވެ. އެހެނީ، އެއީ މިނިމަހުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

ތުރަވާ މަސް ކެއުމުގެ ޙުކުމަކީ ކޮބާކަން ދެނެގަތުމަށްޓަކައި، ޔޫއޭއީގެ ޖެނެރަލް އޮތޯރިޓީ އޮފް އިސްލާމިކް އެފެއާޒަށް ސުވާލެއް ހުށަހެޅިފައި ވެ އެވެ. އެ ސުވާލުގެ ޖަވާބުގައި އެ އޮތޯރިޓީން ނެރުއްވި ފަތުވާއެއްގައި ވެ އެވެ.

ވިހެއުމަށްފަހު ކުއްޖާގެ ގައިން ވަކިކުރެވޭ މަހަކީ، އޭނާގެ ހަށިގަނޑުން ބަޔެކެވެ. އެއީ، މިނިމަހެވެ. އެހެންކަމުން އެ ކެއުމަކީ، (މިނިމަސް ކެއުމަށް އިސްލާމީ ޝަރުޢު ހުއްދަކުރައްވާފައިވާ) ޟަރޫރީ ޙާލަތުގައި ނޫނީ ހުއްދަ ކަމެއް ނޫނެވެ.

ރާބިޠަތުލް ޢާލަމިލް އިސްލާމީގެ މަޖުމަޢުލް ފިޤުހިލް އިސްލާމީ އިން ވަނީ، ތުރަވާ މަސް ކެއުމަކީ ޙަރާމް ކަމެއް ކަމަށް ކަނޑައަޅުއްވާފަ އެވެ. އެ މަޖުމަޢުން ނެރުއްވި ޤަރާރުގައި ވަނީ، ތުރަވާ މަހުން އުފައްދާ ބޭސް ކެއުމަކީ ވެސް ހުއްދަ ކަމެއް ނޫން ކަމަށެވެ.

ޖޯޑަންގެ ދާރުލްއިފުތާއި އިން ނެރުއްވާފައިވާ ފަތުވާއެއްގައި ވެ އެވެ.

ބޭސްފަރުވާ ކުރުމަށާއި، ރީތިވާ ސާމާނު އުފެއްދުމަށްޓަކައި، ވިހެއުމަށްފަހު ތުރަވާ މަސް ބޭނުންކުރުމަކީ، ޙަރާމް ކަމެކެވެ. އެ ނޫން އެއްޗެއް ނެތް ޙާލަތެއްގައި ނޫނީ ބޭސްފަރުވާ ކުރުމަށްޓަކައި އޭގެ ބޭނުމެއް ނުކުރެވޭނެ އެވެ. އެހެނަސް އެ ޙާލަތުގައިވެސް ރީތިވާ ސާމާނު އުފެއްދުމަށްޓަކައި އޭގެ ބޭނުމެއް ނުކުރެވޭނެ އެވެ.

އެ ފަތުވާގައި ވަނީ، ބޭސްފަރުވާ ކުރުމަށްޓަކައި ވިޔަސް، ތުރަވާ މަސް ވިއްކުމަކީ ޙަރާމްކަމެއް ކަމަށެވެ.

މުސްލިމުންގެ ފަތުވާގެ މަޞްދަރުތަކަށް ބަލާއިރު، އަންހެނަކު ވިހެއުމަށްފަހު ތުރަވާ މަސް ކެއުމަކީ، ޙަރާމް ކަމެއްކަން އެނގެ އެވެ. ބަވަނަވަމުންދާ ދުނިޔޭގައި މުސްލިމުންނަށް މިކަން އެނގިފައި އޮތުމަކީ، ނުހަނު ބޭނުންތެރި ކަމެކެވެ. އެހެން ސަގާފަތުތަކުގެ އާދަކާދަތައް ނަކަލުކުރެވެމުންދާއިރު، ތުރަވާ މަސް ކެއުމުގެ އާދަ ވެސް މުސްލިމުންނަށް ނަކަލުކުރެވިދާނެތީ އެވެ.
             ------------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން