ތަޢުލީމުގެ ތާރީޚީ ބައެއް ފަތްފުށްތަކަށް ނަޒަރެއް










ދިވެހިރާއްޖޭގެ ތާރީޚު ސާފުކޮށް އެނގެން އޮތީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ ނޫރު ވާޞިލުވާން ފެށި ހިސާބުން ފެށިގެންނެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ މުއައްސަސާތައް އުފެދުނު ގޮތްވެސް އޮޅުންފިލަން އޮތީ، މިރާއްޖޭގެ އިސްލާމީ ތާރީޚާއެކުގަ އެވެ. އޭގެ ކުރީގެ ތާރީޚަކީ، ދުނިޔޭގެ ނިސްބަތުން ބަލާއިރު ދުރު ތާރީޚެއް ނޫނެވެ. އެހެނަސް، އެ ތާރީޚުގެ ޞަފުޙާތައް ސާފުކޮށް އޮޅުންފިލާކަށެއް ނެތެވެ. މިކަމާމެދު ފިކުރު ހިންގައިލާއިރު، މޭރުންވާ އެއްޗަކީ، ދިވެހިރާއްޖެ، ޝަޚުޞިއްޔަތު ހުރި ޤައުމެއްގެ ގޮތުގައި އުފަންވެފައިވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތާ އެކުގައި ކަމެވެ.


މި މަޒުމޫނުގައި އަލިއަޅުވައިލާނީ، ދިވެހިރާއްޖޭގެ ތަޢުލީމުގެ ތާރީޚީ ބައެއް ޞަފުޙާތަކުގެ މައްޗަށެވެ. އެއީ، ހުކުރު މިސްކިތު ދޮރޯށީގެ ދަހުލީޒާއި، ވާދޫ ތަޢުލީމީ މުއައްސަސާ އާއި، ދަރުމަވަންތަ ރަސްގެފާނު ހިންގެވި ތަޢުލީމީ މަޝްރޫޢާއި، އައްޑު އަތޮޅު މީދޫ މަދްރަސާ އާއި، ޒަމާނީ ތަޢުލީމުގެ ފެށުމާއި، ރައީސް މައުމޫނު ހިންގެވި ތަޢުލީމާއި ތަރުބިއްޔަތުގެ ބިޔަ މަޝްރޫޢެވެ. އޭގެ ތެރެއަށް ދިއުމުގެ ކުރިން، މި މަޒުމޫނު ލިޔުމަށް މަގުދައްކަވައި އެހީތެރިވެދެއްވި ކަމަށްޓަކައި، ގދ. ތިނަދޫ މަޝްހޫރު ލިޔުންތެރިޔާ، އަލްފާޟިލް ޢަބްދުﷲ ޙިލްމީ (ޙިލްމީބެ) އަށް ހިތުގެ އެންމެ ފުންމިނުން އިޚުލާޞްތެރި ޝުކުރު ދަންވަމެވެ.

ހުކުރު މިސްކިތު ދޮރޯށި

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ދިވެހިރާއްޖޭގެ ފުރަތަމަ ރަސްމީ މަދްރަސާ އަކީ، މާލޭ ހުކުރު މިސްކިތުގެ ދެކުނު ދޮރޯށީގެ ދަހުލީޒެވެ. ދަހުލީޒަކީ، ދޮރޯށްޓާއި މައި ޢިމާރާތާ ދެމެދުގައި އޮންނަ ޖާގަ އެވެ. އެ ދޮރޯށި ބިނާކުރައްވައި، އެ ދޮރޯށީގެ ދަހުލީޒަކީ، މަދުރަސާއެއް ކަމުގައި ހައްދަވައި، ކިޔަވައިދެއްވާނެ ފިޤުހު ޢިލްމުވެރިޔަކު ލައްވައި، އެތަނަކީ ފަރުޟު ޢިލްމުގެ މަދުރަސާއެއް ކަމުގައި ހަމަޖެއްސެވީ، އައްސުލްޠާން އިބްރާހީމް އިސްކަންދަރެވެ. އެއީ، ދިވެހި ތާރީޚުގައި މަޝްހޫރު އިސްކަންދަރު ރަސްގެފާނެވެ.

ފަރުޟު ޢިލްމު އުނގަންނައިދޭނެ މަދްރަސާއެއް އުފެއްދެވުމުގެ ވިސްނުންފުޅު، އިސްކަންދަރު ރަސްގެފާނަށް ލިބިވަޑައިގަތީ، ހިޖުރީ ސަނަތުން 1078 ވަނަ އަހަރު (މީލާދީ ސަނަތުން 1668 ވަނަ އަހަރު) ޙައްޖަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ. އާދޭހެވެ. މައްކާގެ މާތް ޙަރަމްފުޅާއި، މަދީނާގެ ހައިބަހުރި މިސްކިތްތަކުގައި ދީނާއި ދުނިޔޭގެ ޢިލްމާއި ޢުލޫމް ކިޔަވައިދޭތަން ފެނިވަޑައިގަތުމުންނެވެ. އެއަށްފަހު، ޙައްޖުން އެނބުރިވަޑައިގެން، މާލޭ ހުކުރު މިސްކިތު ދެކުނު ދޮރޯށި ބިނާކުރައްވައި، އެ ދޮރޯށީގެ ދަހުލީޒު، މަދްރަސާއެއްގެ ގޮތުގައި އިފުތިތާޙުކޮށްދެއްވީ، ހިޖުރީ ސަނަތުން 1081 ވަނަ އަހަރު (އެ ރަދުންގެ ރަސްކަމުން 23 ވަނަ އަހަރު) ހުކުރު ދުވަހާ ދިމާވީ ޢާޝޫރާ ދުވަހު އެވެ. ޢާޝޫރާ ދުވަހަކީ، މުޙައްރަމް މަހުގެ 10 ވަނަ ދުވަހެވެ. މީލާދީ ސަނަތުން އެ ދުވަހާ ދިމާވަނީ، 30 މެއި 1670 އެވެ.

ތާރީޚުގެ ޞަފުޙާތަކުން އެނގޭ ގޮތުގައި، އިސްކަންދަރު ރަސްގެފާނު، ނަންގަނެވިދިޔަ މަދްރަސާ އިފްތިތާޙުކޮށްދެއްވިއިރު، ދިވެހިރާއްޖޭގައި ތަންދޮރު ނުދަންނަ ޖާހިލުން ވަރަށް ގިނަ އެވެ. އެހެނީ، އެ ރަދުން، އެ މަދްރަސާ އިފުތިތާޙުކޮށްދެއްވީ ވެސް، ތަންދޮރު ނުދަންނަ ޖާހިލުންނަށް ކިޔަވައިދެއްވުމުގެ މަތިވެރި މަޤުޞަދުގަ އެވެ. އޭރު ދިވެހިންނަކީ، މުސްލިމުން ކަމުގައި ވިޔަސް، ޠާހިރުވުމާއި، ނަމާދުކުރުމާއި، ރޯދަހިފުމާއި، ޙައްޖުވުމާއި، ޒަކާތްދިނުން ފަދަ ދީނީ ކަންތައްތައް އެނގިފައިވަނީ މަދު ބަޔަކަށެވެ. އެހެންކަމުން، އިސްކަންދަރު ރަސްގެފާނު ފެށްޓެވި ތަޢުލީމީ މަޝްރޫޢަކީ، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށްޓަކައި ފެށްޓެވި ހަރުދަނާ މަޝްރޫޢެއްކަން ޔަޤީނެވެ. މިކަން ކަށަވަރުވާ ހެކިތަކުގެ ތެރޭގައި، މަދްރަސާގައި ކިޔަވައިދެއްވާ، ފިޤުހުވެރިޔާ އަށް މުސާރަ ދެއްވަން ހަމަޖެއްސެވުމާއި، މިސްކިތަށް މުވައްޒަފުން ލެއްވުން ފަދަ ކިތަންމެ ކަމެއް ހިމެނެ އެވެ.

އިސްކަންދަރު ރަސްގެފާނު ރަސްކަންކުރެއްވީ، މީލާދީ ސަނަތުން 1648 އިން 1687 އަށެވެ. ހިޖުރީ ސަނަތުން އެއީ، 1058 އިން 1098 އާ ދެމެދުގައިވާ މުއްދަތެވެ. ރަސްކަންކުރެއްވި މުއްދަތަކީ، 39 އަހަރާއި 6 މަސްދުވަހެވެ. އަވަހާރަވީ، 15 ރަބީޢުލްއައްވަލް 1098 ވީ ހުކުރުވިލޭރޭގަ އެވެ.

މާތް ﷲ، އިސްކަންދަރު ރަސްގެފާނުގެ ފުރާނަފުޅަށް، މަތިވެރިވެގެންވާ ސުވަރުގޭގައި، ޖަންނަތުލްފިރުދައުސްގެ ނިމުމެއްނެތް ނިޢުމަތްތައް މިންވަރުކުރައްވާށި އެވެ! އާމީން!

ވާދޫ ތަޢުލީމީ މުއައްސަސާ

ތާރީޚުގެ ޞަފުޙާތަކުން އެނގޭ ގޮތުގައި، ދިވެހިރާއްޖޭގެ އިސްލާމްވުމަށްފަހު، އިސްލާމީ ތަޢުލީމަށް އެންމެ ބޮޑު އަހައްމިއްޔަތެއް ދެއްވި އެއް ރަސްކަލަކީ، އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑުތަކުރުފާނު) އެވެ. އިސްކަންދަރު ރަސްގެފާނަށްވުރެ މާކުރިން ބޮޑުތަކުރުފާނު ވަނީ، ރަސްމީ ސިފައެއްގައި ސަރުކާރުގެ ފަރާތްޕުޅުން އެކި ފެންވަރުގެ މަދްރަސާތައް ޤާއިމުކުރައްވާފަ އެވެ. އެއިން އެންމެ ހައިބަބޮޑު އެއް މަދްރަސާއަކީ، އަލްޢައްލާމާ މުޙައްމަދު ޖަމާލުއްދީން (ވާދޫ ދަންނަކަލޭގެފާނު) އާ ޙަވާލުކުރެއްވި މަދްރަސާ އެވެ.

ބޮޑުތަކުރުފާނު، ވާދޫ ދަންނަކަލޭގެފާނުގެ އަރިހުން އެދިވަޑައިގަތީ، އިސްލާމީ ކަންތައްތައް ހިންގަވައިދެއްވުމަށްޓަކައި (އެބަހީ: އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތުގެ މުއައްސަސާއެއް ހިންގަވައިދެއްވުމަށާއި އެފަދަ އެހެނިހެން ކަންތައްތައް ކޮށްދެއްވުމަށްޓަކައި) މާލޭގައި ހުންނެވުމަށެވެ. ނަމަވެސް، ވާދޫ ދަންނަކަލޭގެފާނު އެދިވަޑައިގަތީ، "އެކަހެށިން ފުށި ރަށެއްގައި" ހުންނަވައިގެން އެކަން ކުރެއްވުމުގެ ހުއްދަ ދެއްވުމަށެވެ. ދެން އެކަމަށް ބޮޑުތަކުރުފާނު ހުއްދަ ދެއްވި އެވެ. ދެން ބޮޑުތަކުރުފާނުގެ ސަރުކާރުގެ ރޭއްވެވުމުގެމަތިން، ވާދޫ ދަންނަކަލޭގެފާނު ވަޑައިގެންނެވީ، ހުވަދު އަތޮޅު ވާދޫ އަށެވެ. އެ ރަށުގައި ބޮޑުތަކުރުފާނުގެ ސަރުކާރުން އިފުތިތާޙުކުރެއްވި މަދްރަސާއަކީ، އިސްކަންދަރު ރަސްގެފާނު އިފުތިތާޙުކުރެއްވި މަދްރަސާއަށްވުރެ މާ ކުރީގެ މަދްރަސާއެކެވެ. މިރާއްޖޭގެ ކަންކޮޅުތަކުން އެތައް ބަޔަކު ވާދޫއަށް ގޮސް، އެ މަދްރަސާގައި ތަޢުލީމު ޙާޞިލުކޮށްފައި ވެ އެވެ. ދިވެހި ތާރީޚުގައި މަޝްހޫރު އެތައް ޢިލްމުވެރިންނެއް އެ މަދްރަސާއިން ދަސްވެނިވެވަޑައިގެންފައި ވެ އެވެ. އޭގެ ތެރޭގައި، އަބޫބަކުރު ފަނޑިޔާރުތަކުރުފާނާއި، އައްޑޫ ބޮޑު ފަނޑިޔާރުތަކުރުފާނު ވެސް ހިމެނިވަޑައިގަންނަވަ އެވެ. މިހާރު ދިވެހިރާއްޖޭގައި މިއޮތް ދީނީ ތަޢުލީމުގެ ބާނީއަކީ، ވާދޫ ދަންނަކަލޭގެފާނު ކަމަށް ބައެއް ލިޔުންތެރިން ލިޔުއްވަ އެވެ.

ބޮޑުތަކުރުފާނު، ރަސްކަންކުރެއްވީ، ހިޖުރީ ސަނަތުން 981 ވަނަ އަހަރުން 993 ވަނަ އަހަރަށެވެ. އެއީ، މީލާދީ ސަނަތުން 1573 ވަނަ އަހަރުން 1585 ވަނަ އަހަރަށެވެ. ރަސްކަންކުރެއްވި މުއްދަތަކީ، 12 އަހަރެވެ. އަވަހާރަވީ، ހިޖުރީ ސަނަތުން 993 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެވެ.

މާތް ﷲ، ބޮޑުތަކުރުފާނަށާއި، ވާދޫ ދަންނަކަލޭގެފާނަށް، މަތިވެރިވެގެންވާ ސުވަރުގެތަކުގައި، ޖަންނަތުލްފިރުދައުސްގެ ނިމުމެއްނެތް ނިޢުމަތްތައް މިންވަރުކުރައްވާށި އެވެ! އާމީން!

ދަރުމަވަންތަ ރަސްގެފާނުގެ މަޝްރޫޢު

ބޮޑުތަކުރުފާނަށްވުރެ ކުރިއަށް ޖެހިލާއިރު ވެސް، އެކި ޒަމާންތަކުގައި، އެކި ފެންވަރުގެ މަދްރަސާތައް އުފެދިފައިވާކަން އެނގެ އެވެ. އެއިން އެންމެ ކުލަގަދަ ގޮތެއްގައި ފެންނަ މަދްރަސާތަކަކީ، ދަރުމަވަންތަ ރަސްގެފާނު އުފެއްދެވި މަދްރަސާތަކެވެ. އެއީ، މިރާއްޖޭގެ ފުރަތަމަ މުސްލިމު ރަދުންނެވެ. އެ ރަދުން، ރަސްކަމަށް އިސްވެވަޑައިގަތީ، ހިޖުރީ ސަނަތުން 536 ވަނަ އަހަރު އެވެ. އެއީ، މީލާދީ ސަނަތުން 1142 ވަނަ އަހަރެވެ. އޭރު އެ ރަދުންގެ ދީނަކީ ބުދިޒަމެވެ. އެ ރަދުން، މާތްވެގެންވާ އިސްލާމްދީން ޤަބޫލުފުޅުކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް ވަނުމުގެ އަމުރު ނެރުއްވީ، ހިޖުރީ ސަނަތުން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރް މަހުގެ 2 ވަނަ ދުވަހު އެވެ. (އެއީ، މީލާދީ ސަނަތުން، 26 ޖޫން 1153 ވީ ހުކުރު ދުވަހެވެ.) ގިނަ މުއައްރިޚުން ބުރަވެވަޑައިގަންނަވާ ގޮތުގައި، ރަސްމީ ގޮތުން ދިވެހިރާއްޖެ އިސްލާމްވި ދުވަހަކީ، އެއީ އެވެ.

ދަރުމަވަންތަ ރަސްގެފާނު، ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު ފެތުރުއްވެވުމަށްޓަކައި ވަރަށް ބޮޑު މަޝްރޫޢެއް ހިންގެވި އެވެ. އެގޮތުން، އެބޭކަލެއްގެ އަތްޕުޅުމައްޗަށް އެ ރަދުން އިސްލާމްވެ ވަޑައިގަތް މާތް ވަލީވެރިޔާ، އައްޝައިޚު ޔޫސުފުގެ ލަފާފުޅުގެމަތިން، މިރާއްޖެ ހިންގާނޭ ޤަވާޢިދުތަކެއް ހައްދަވައި، އިސްލާމްދީނުގެ ޝަރީޢަތް ހިންގަވައި، ރަށްރަށަށް މީހުން ފޮނުއްވައިގެން އިސްލާމްދީން އުނގަންނައިދެއްވި ކަމަށް މުޢުތަބަރު މުއައްރިޚުން ވިދާޅުވެފައި ވެ އެވެ. މިއިން އެނގޭ އެއްޗަކީ، އެ ރަދުން އިސްލާމްވެ ވަޑައިގަތުމަށްފަހު، އޭރުގެ ސަގާފަތާ އެއްގޮތްވާ ގޮތުގެމަތިން، ދީނީ ތަޢުލީމު ކިޔަވައިދޭނޭ މުއައްސަސާތަކެއް އުފެއްދެވި ކަމެވެ. މިކަން ކަށަވަރުވާ އަނެއް ހެއްކަކީ، ޖަމާޢަތުގައި ހުކުރު ނަމާދު ކުރުމަށް ބޭނުންވާނޭ މިސްކިތްތައް، މިރާއްޖޭގެ ހުރިހައި ރަށެއްގައި ވެސް އެ ރަދުން ބިނާކުރެއްވި ކަމެވެ. އެ ޒަމާނަކީ، ކިޔަވައިދިނުމަށްޓަކައި މިސްކިތްތައް ބޭނުންކުރެވުނު ޒަމާނެކެވެ. އެހެންކަމުން، ދަރުމަވަންތަ ރަސްގެފާނު ހިންގެވި މަޝްރޫޢަކީ، އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު މިރާއްޖޭގެ ރަށްރަށުގައިވާ މުޖުތަމަޢުތަކުގެ ފުނަށް މޫލެއްވުމަށްޓަކައި ހިންގެވި، ބޮޑު މަޝްރޫޢެއްކަން އެބައެނގެ އެވެ.

ދަރުމަވަންތަ ރަސްގެފާނު، ދިވެހި ރާއްޖޭގައި ތަޢުލީމާއި ތަރުބިއްޔަތުގެ މަދްރަސާތައް އުފެއްދެވިކަން ސާފުކޮށް އޮޅުންފިލާ އެންމެ އަލިގަދަ ހެއްކަކީ، ރަށްރަށުގައި އިސްލާމީ ތަޢުލީމު ފެތުރުއްވެވުމަށްޓަކައި އެ ރަދުން ރަށްރަށަށް މީހުން ފޮނުއްވާފައިވާ ކަމެވެ. މިޒަމާނުގެ ބަހުން ބުނާނަމަ، އެއީ މުދައްރިސުންނެވެ. އެ ރަދުން ހިންގެވި އެ މަޝްރޫޢަކީ، ދިވެހި ތާރީޚުގައި، ދިވެހިރާއްޖޭގެ ރަށްރަށަށް މުދައްރިސުން ފޮނުވުމަށްޓަކައި، އެންމެ ފުރަތަމަ ހިންގުނު، އެންމެ ބޮޑު މަޝްރޫޢު ކަމަށް ޤަބޫލުކުރެވެ އެވެ. މިރާއްޖޭގެ ހުރިހައި ރަށެއް ރަސްމީކޮށް އިސްލާމްވެ، މިރާއްޖެއަކީ، ސައްތަ އިންސައްތަ މުސްލިމުންގެ ޤައުމަކަށް ވެގެން ދިޔައީ، އެ ރަދުން ހިންގެވި އެ ތަޢުލީމީ މަޝްރޫޢުގެ ސަބަބުން ކަމީ، ސިއްރުކުރެވޭނެ ޙަޤީޤަތެއް ނޫނެވެ. އެހެނީ، މި ޙަޤީޤަތަކީ، ހުރިހައި މުއައްރިޚުން ބަޔާންކުރައްވާފައިވާ، ފާޅުކަން ބޮޑު، ޞައްޙަ ޙަޤީޤަތެކެވެ.

މުޢުތަބަރު މަޞްދަރުތަކުން އެނގޭ ގޮތުގައި، ދަރުމަވަންތަ ރަސްގެފާނު ރަސްކަން ފެށުނީ، މީލާދީ ސަނަތުން 1142 ވަނަ އަހަރުގެ ތެރޭގަ އެވެ. ހިޖުރީ ސަނަތުން 536 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ރަދުން އިސްލާމްދީނަށް ވެދެވަޑައިގަތްއިރު، ރަސްކަންކުރައްވާފައިވަނީ، 11 އަހަރު ވަންދެނެވެ. އެއަށްފަހު، އެ ރަދުންގެ ރަސްކަން، 24 އަހަރުގެ މުއްދަތަށް ދިގުދެމިގެން ގޮސްފައި ވެ އެވެ. އެ ރަދުންގެ ރަސްކަން ނިމުނީ، މީލާދީ ސަނަތުން 1176 ވަނަ އަހަރު ހާ ތާނގަ އެވެ. އެ ރަދުން ރަސްކަން ދެމިއޮތް ޖުމުލަ މުއްދަތަކީ، 35 އަހަރު ކަމަށް މުޢުތަބަރު މަޞްދަރުތަކުގައި ވެ އެވެ.

މާތް ﷲ، ދަރުމަވަންތަ ރަސްގެފާނަށާއި، މާތް ވަލީވެރިޔާ އައްޝައިޚު ޔޫސުފަށް، މަތިވެރިވެގެންވާ ސުވަރުގޭގައި، ޖަންނަތުލްފިރުދައުސްގެ ނިމުމެއްނެތް ނިޢުމަތްތައް މިންވަރުކުރައްވާށި އެވެ! އާމީން!

އައްޑު އަތޮޅު މީދޫ މަދްރަސާ

ތަޢުލީމާއި ތަރުބިއްޔަތުގެ މަދްރަސާތައް ރަސްމީ ސިފައެއްގައި ހިންގަވަން ފެށްޓެވީ ދަރުމަވަންތަ ރަސްގެފާނު ކަމަށްވިޔަސް، އެއާއެކު ފާހަގަކޮށްލަންޖެހޭ އެހެން ޙަޤީޤަތެއް ވެ އެވެ. އެއީ، އޭގެ ކުރިން ވެސް، ސަރުކާރުގެ އެހީތެރިކަމެއް ނެތި، އަމިއްލަ ފަރާތްތަކުން މަދްރަސާތައް ހިންގާފައިވާ ކަމެވެ. އެ މަދްރަސާތައް ހިންގަން ފެށިފައިވަނީ، ދިވެހިރާއްޖޭގެ ރަށްތަކަށް، އިސްލާމީ ހިދާޔަތުގެ އަލިކަން ވާޞިލުވުމާ ގުޅިގެންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް މަދްރަސާއަކީ، އައްޑު އަތޮޅު މީދޫގައި، ޔޫސުފު ނާއިބު ހިންގެވި މަދްރަސާ އެވެ. އެކަލޭގެފާނަކީ، ފިލާގަނޑެއްގެ މަތީގައި މީދޫ އަށް ލެއްގި ބޭކަލެކެވެ. ދިވެހި ތާރީޚުގައި އަދި ވަކީން ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކުގައި އެކަލޭގެފާނު މަޝްހޫރު ނަންފުޅަކީ، ޔޫސުފު ނާއިބެވެ. އެކަލޭގެފާނަށް، އައްޝައިޚުލް ޢާލިމް ޔޫސުފުލް ޤާދިރީ ވެސް ކިޔަ އެވެ.

ނަސަބުގެ ގޮތުން ބަލާއިރު، އެކަލޭގެފާނަކީ، ޔަމަނުކަރައިގެ ޙަޟުރަމައުތުގެ ހައިބަހުރި މަހުޖަނު ސުލައިމާނުލް ޙަޟުރަމީ ގެ މުޙައްމަދުއް ސޫރީ ގެ ޢީސާ އަލްޢިރާޤީ ގެ ޔޫސުފުލް ޢިރާޤީ އަލްޙަޟުރަމީ އަލްޤާދިރީ އެވެ. އެކަލޭގެފާނު، ޢިރާޤަށް ނިސްބަތްވެ ވަޑައިގަންނަވަނީ، ޢިރާޤަށް އުފަންވެވަޑައިގަތީތީ އެވެ. ޙަޟުރަމައުތަށް ނިސްބަތްވެވަޑައިގަންނަވަނީ، ކާބަފައިންގެ ރަށް ކަމުގައިވީތީ އެވެ. އަލްޤާދިރީ އަށް ނިސްބަތްވެވަޑައިގަންނަވަނީ، ފާރިސްކަރައިގެ މަޝްހޫރު ޞޫފީ ޢިލްމުވެރިޔާ، ޢަބްދުލްޤާދިރުލްޖީލާނީގެ ދަރިވަރެއް ކަމުގައި ވީތީ އެވެ. ޒުވާން ޢުމުރުފުޅުގައި ދީނީ ތަޢުލީމު ޙާޞިލުކުރެއްވި އެވެ. އޭގެ އިތުރުން ޙަޟުރަމައުތަށް ވަޑައިގެން ކަނޑިއާއި ލޮންސި ފަދަ ހަތިޔާރުގެ ހެވިކަމާއި، ބަނޑުމުސާރައަށް ބެއްދުމުގެ ހުނަރުތައް މޮޅަށް ދަސްފުޅުކުރެއްވި އެވެ. އައްޑުއަތޮޅު މީދޫ އަށް ވަޑައިގެންނެވުނީ، ޢުމުރުފުޅުން ވިއްސަކަށް އަހަރުގައި، އަސޭކަރައިގެ އަހުލުންނަށް އިސްލާމްދީން ކިޔަވައިދެއްވުމަށްޓަކައި، މީލާދީ ސަނަތުން 1125 ވަނަ އަހަރު ކުރެއްވި ދަތުރުފުޅެއްގައި، ދަތުރުފުޅު ކުރެއްވި އުޅަނދު ޣަރަޤުވުމުންނެވެ.

ޔޫސުފު ނާއިބުގެ އަތްޕުޅުމައްޗަށް މީދޫ އެންމެން އިސްލާމްވެ ނިމުނީ، އެ ރަށުގެ ވެރިޔަކަށް ހުރި ކަޅިހާރު އިސްލާމްވިތާ އެއް މަސްދުވަހުގެ ތެރޭގަ އެވެ. އެކަން ހިނގާފައިވަނީ، މީލާދީ ސަނަތުން 1126 ވަނަ އަހަރު އެވެ. މީދޫ އެންމެން އިސްލާމްވުމުން، މައިގަނޑު ހަތަރު ކަމެއް ކުރުމަށް ޔޫސުފު ނާއިބު އެންގެވި އެވެ. އެއީ:

1. އޭރު ޙާލަތު އޮތް ގޮތުން މީހުން ޣައިރު ދީނަށް އެނބުރިދާނެތީ، އެކަމަށް ހުރި މަގުތައް ބަންދުކުރުމަށްޓަކައި، ބުދިޒަމްގެ އަސަރު ހުރި ތަންތަން ނެއްތައިލުމާއި،
2. މަރުވާ މީހުން އެންދުމުގެ ބަދަލުގައި، އިސްލާމީ ޝަރުޢުގައިވާ ގޮތުގެމަތިން ކަށުކަމާކެމީގެ ކަންތައްތައް ކޮށް، ވަޅުލުމާއި،
3. ޖަމާޢަތުގައި އެންމެނަށް ހުކުރު ނަމާދު ކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ހުކުރު މިސްކިތެއް ބިނާކުރުމާއި،
4. ދީނީ ޢިލްމު ކިޔަވައިދޭން ފެށުމެވެ.

މިއިން އެނގޭ އެއްޗަކީ، މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހިރާއްޖެ ރަސްމީ ގޮތުން އިސްލާމްވުމުގެ 27 އަހަރު ކުރިން، އައްޑު އަތޮޅު މީދޫގައި ވަނީ، މާތްވެގެންވާ އިސްލާމްދީނުގެ ތަޢުލީމު އުނގަންނައިދޭ މަދްރަސާއެއް ޤާއިމުކުރެވިފަ އެވެ. އެ މަދްރަސާގެ ތަޢުލީމު، މުޅި އައްޑުއަތޮޅަށް ފެތުރި، މުޅި އެ އަތޮޅުން ބުދިޒަމްގެ އަސަރު ފޮހެވިގެންދިޔަ އެވެ. އަދި އެ މަދުރަސާއިން ދެމުން ގެންދިޔަ ތަޢުލީމު އިތުރަށް ފުޅާވެ، އައްޑުއަތޮޅު ފަހަނަޅައި، އިސްލާމީ ހިދާޔަތުގެ އަލިކަން، ފުވައްމުލަކާއި، ހުވަދު އަތޮޅަށް ވެސް ފެތުރިގެން ދިޔަ އެވެ. އޭރު މިރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވީ، ކޮއިމަލާ އެވެ. މީގެ މާނައަކީ، ދިވެހިރާއްޖެ ރަސްމީ ގޮތުން އިސްލާމްވުމުގެ މާކުރިން، އައްޑު އަތޮޅާއި، ފުވައްމުލަކާއި، ހުވަދު އަތޮޅަށް ވަނީ އިސްލާމްދީން ވާޞިލުވެފަ އެވެ. އަދި އެ އަތޮޅުތަކުގައި ވަނީ، އިސްލާމީ ތަޢުލީމު ކިޔަވައިދޭނެ މަދްރަސާތައް ޤާއިމުވެފަ އެވެ.

ޔޫސުފު ނާއިބު އަވަހާރަވީ، މީލާދީ ސަނަތުން 1168 ވަނަ އަހަރު އެވެ. އޭރު ޢުމުރުފުޅަކީ، 63 އަހަރެވެ. އެކަލޭގެފާނު އަވަހާރަވީ، ދެކުނުގެ އަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކުން ފަރުޟު ފަސް ނަމާދުގެ ބަންގީގެ އަޑު އިވެންފެށިތާ ދިހަ ވަރަކަށް އަހަރު ފަހުންނެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުގެ ފަހު ދިހައިގެ އަހަރުތައް ހޭދަކުރެއްވީ، މީދޫ މާމިސްކިތުގައި ދީނީ ޢިލްމު ކިޔަވައިދެއްވުމުގަ އެވެ.

މާތް ﷲ، ޔޫސުފު ނާއިބަށް، މަތިވެރިވެގެންވާ ސުވަރުގޭގައި، ޖަންނަތުލްފިރުދައުސްގެ ނިމުމެއްނެތް ނިޢުމަތްތައް މިންވަރުކުރައްވާށި އެވެ! އާމީން!

ޒަމާނީ ތަޢުލީމުގެ ފެށުން

ދިވެހިރާއްޖޭގައި ޒަމާނީ ތަޢުލީމުގެ ފެށުން ކަމުގައި ބެލެވެން އޮތީ، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު، ފެށްޓެވި ތަޢުލީމީ މަޝްރޫޢެވެ. އެ މަޝްރޫޢުގެ ސަބަބުން ތަޢުލީމާއި ތަރުބިއްޔަތުގެ މައިދާނަށް ދިވެހިންގެ ލޯތައް ހުޅުވިގެންދިޔަ އެވެ. އަދި ދިވެހިންގެ ތެރެއިން އެތައް ބަޔަކަށް ތަޢުލީމު ޙާޞިލުކުރެވުނެވެ. އެހެނަސް، ރައީސް އަމީނުގެ ވެރިކަން ނިމުމާއެކު، އެ މަނިކުފާނު ފެށްޓެވި ތަޢުލީމީ މަޝްރޫޢު ވަޅުޖެހުނެވެ. އެމަނިކުފާނު ތަޢުލީމަށް ކުރެއްވި ބައެއް ޚިދުމަތްތައް ތިރީގައި މިވަނީ އެވެ.

1. މަޖީދީ ކުތުބުޚާނާ އުފެއްދެވުން.
2. ދާރުލް އިޤާމާގެ ނަމުގައި ދަނާލެއް ބިނާކުރެއްވުން.
3. ރާއްޖެއިން ބޭރަށް ދިވެހި ދަރީން ކިޔަވަން ފޮނުއްވެވުމަށްޓަކައި ސްކޮލަރޝިޕް ދެއްވަން ފެށްޓެވުން.
4. މަދަރުސަތުއް ސަނިއްޔާގެ ނަމުގައި ސްކޫލެއް ހުޅުވުން.
5. މާލޭގެ ހަތަރު އަވަށުގައި މަދްރަސާތައް އުފެއްދެވުން.
6. ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި މަދްރަސާއެއް އުފެއްދެވުން.
7. ރާއްޖޭގެ ކޮންމެ އަތޮޅަކުން 2 ކުދިން ބޮޑު އަތޮޅަކުން 3 ކުދިން މާލެ ގެންނަވައި، ސަރުކާރުގެ ދަނާލުގައި އެ ކުދިން ބައިތިއްބަވައި، އެ ކުދިންނަށް ތަޢުލީމު ދެއްވުން.
8. ރާއްޖޭގެ ކޮންމެ ރަށަކުން އަންހެން ކުއްޖަކާއި ފިރިހެންކުއްޖަކު ގެންނަވައި މާލޭގައި އެ ކުދިންނަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސަވައި، ސަރުކާރުގެ ޚަރަދުގައި ކިޔަވައިދެއްވުން.
9. ތަޢުލީމީ ރޮނގުން އެމަނިކުފާނު ކުރައްވާފައިވާ މިނޫން ޚިދުމަތްތައް ވެސް ވެ އެވެ.

ސުމުއްވުލްއަމީރު މުޙައްމަދު އަމީން، ބޮޑުވަޒީރުކަން ކުރައްވާފައިވަނީ، 22 އޭޕްރީލް 1951 އިން 31 ޑިސެމްބަރ 1952 އަށެވެ. ރައީސްކަން ކުރައްވާފައިވަނީ، 1 ޖެނުއަރީ 1953 އިން 21 އޮގަސްޓް 1953 އަށެވެ.

މާތް ﷲ، ރައީސް މުޙައްމަދު އަމީނަށް، މަތިވެރިވެގެންވާ ސުވަރުގޭގައި، ޖަންނަތުލްފިރުދައުސްގެ ނިމުމެއްނެތް ނިޢުމަތްތައް މިންވަރުކުރައްވާށި އެވެ! އާމީން!

އެންމެ ބިޔަ ތަޢުލީމީ މަޝްރޫޢު

ދިވެހި ތާރީޚު ދެކެފައިވާ އެންމެ ބިޔަ ތަޢުލީމީ މަޝްރޫޢު ހިންގަވާފައިވަނީ، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޢ.ޣ.ވ.) އެވެ. އެމަނިކުފާނު ދުރު މުސްތަޤުބަލަށް ޕްލޭންކުރައްވައިގެން ފެށްޓެވި އެ ބިޔަ މަޝްރޫޢަށްވުރެ ހައިބަހުރި އެހެން ތަޢުލީމީ މަޝްރޫޢެއް، މިރާއްޖޭގެ މުސްތަޤުބަލުގެ ތާރީޚުން ވެސް ފެނިދާނެ ކަމަކަށް ޤަބޫލެއް ނުކުރެވެ އެވެ. އެ މަޝްރޫޢުގެ ބިޔަކަމުން، މި މަޒުމޫނުގައި މުޅި އެ މަޝްރޫޢުގެ މައްޗަށް އަލިއަޅުވައެއް ނުލެވޭނެ އެވެ. އެކަމަށްޓަކައި، އެތައް ފޮތްތަކެއް ލިޔަންޖެހޭނެތީ އެވެ. އެހެންކަމުން، ނުކުޅެދުންތެރިކަމާއެކު މަޢާފުއެދެމުން، މިތާނގައި ފާހަގަކޮށްލާނީ، އެ ބިޔަ މަޝްރޫޢުގެ ތެރެއިން ނުކުތާތަކެކެވެ.

1. އަސާސީ ތަޢުލީމުގެ މަޝްރޫޢު: ރައީސް މައުމޫން، މި މަޝްރޫޢު އިޢުލާންކުރެއްވީ، 1 ޖެނުއަރީ 1980 ގަ އެވެ. މި މަޝްރޫޢަށް 10 އަހަރު ފުރުނުއިރު، މި ރާއްޖެއިން ވަނީ، ލިޔަންކިޔަން ނުދަތުން މުޅިން ކަހަލަ ގޮތަކަށް ނެއްތައިލެވިފަ އެވެ. އެހެނީ، އޭރު މި ރާއްޖޭގައި ވަނީ، ލިޔަންކިޔަން ނުދަންނަ ކަމަށް ބެލެވޭ އެންމެ ދެހާހެއްހައި މީހުންނެވެ. އަސާސީ ތަޢުލީމުގެ މަޝްރޫޢުން ޙާޞިލުވި އެންމެ ބޮޑު އެއް ކާމިޔާބީ އަކީ، ތަޢުލީމާމެދު ދިވެހިންގެ ފިކުރު މުޅިން ބަދަލުވެގެން ދިއުމެވެ. ދިވެހިންގެ މެދުގައި، ދަރީންނަށް މަތީ ތަޢުލީމު ދިނުމުގެ ފިކުރު އުފެދިގެން ދިޔައީ، އެ މަޝްރޫޢުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

2. މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އިފުތިތާޙުކުރެއްވުން: ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިސްލާމީ ޔުނިވަރސިޓީއެއް ޤާއިމުކުރުމުގެ މަތިވެރި މަޤުޞަދުގައި އުފެއްދުނު ހަމައެކަނި ތަޢުލީމީ މުއައްސަސާ އަކީ، އެ މަޢުހަދެވެ. އެ މަޢުހަދު ތަރައްޤީވެ، ކުއްލިއްޔާއެއްގެ ދަރަޖައަށް ވާޞިލުވެ، އެއަށްފަހު، މިހާރު އެވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަށް ބަދަލުވެފަ އެވެ.

3. މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން ޤާއިމުކުރެއްވުން: 1981 ވަނަ އަހަރު، އެ ކޮލެޖް ޤާއިމުކުރެއްވީ، ދިވެހި ރާއްޖޭގައި ދިވެހި ދަރީންނަށް ޔުނިވަރސިޓީ ތަޢުލީމު ޙާޞިލުކުރުމުގެ މަގު ފަހިކޮށްދެއްވުމަށްޓަކަ އެވެ. އެ ކޮލޮޖް ތަރައްޤީވެ، މިހާރު އެވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަށް ބަދަލުވެފަ އެވެ.

4. ސައިންސް އެޑިޔުކޭޝަން ސެންޓަރ އުފެއްދެވުން: 1979 ވަނަ އަހަރު، ރައީސް މައުމޫން، މި ސެންޓަރ އުފެއްދެވީ، ދިވެހިރާއްޖޭގައި ސާނަވީ ތަޢުލީމު ފުރިހަމަކުރާ ދިވެހި ދަރީންނަށް ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމަށްޓަކަ އެވެ.

5. ސަރުކާރުގެ ސްކޫލްތައް ގިނަކުރެއްވުން: ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވި އިރު، ދިވެހިރާއްޖޭގައި ވަނީ، ސަރުކާރުން ހިންގަވާ އެންމެ 4 ސްކޫލެވެ. އެމަނިކުފާނުގެ ވެރިކަމުގެ މުއްދަތުގައި، އެ ޢަދަދު ވަނީ 221 އަށް އިތުރުކުރައްވާފަ އެވެ!!!

6. މުޅި ރާއްޖެއަށް ސާނަވީ ތަޢުލީމު ފެތުރުއްވުން: ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވިއިރު، ދިވެހިރާއްޖޭގައި ވަނީ، ސާނަވީ ތަޢުލީމު ދޭ އެންމެ ދެ ސްކޫލެވެ. އެމަނިކުފާނުގެ ވެރިކަމުގެ މުއްދަތުގެ ތެރޭގައި ވަނީ، މުޅި ރާއްޖޭގެ ހުރިހައި ރަށްތަކަކަށް ސާނަވީ ތަޢުލީމު ޢާންމުކުރައްވާފަ އެވެ.

7. އަލްމަދްރަސަތުލް ޢަރަބިއްޔަތިލް އިސްލާމިއްޔާ އުފެއްދެވުން: 1987 ވަނަ އަހަރު، ރައީސް މައުމޫން އުފެއްދެވި މި މަދްރަސާގެ ސަބަބުން ދިވެހިރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު އިތުރަށް ހަރުދަނާވެ ފުޅާވެގެން ދިޔަ އެވެ. ޢަރަބިއްޔާގެ ނަމުން މަޝްހޫރުވެގެންދިޔަ މި މަދުރަސާގެ އަމާޒަކީ، މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާގެ ސާނަވީ މަރްޙަލާގައި ކިޔަވާނެ ދަރިވަރުން އުފެއްދުމެވެ.

ލިޔެވިދިޔައީ، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޢ.ޣ.ވ.) ހިންގެވި ބިޔަ ތަޢުލީމީ މަހާ މަޝްރޫޢުގެ ތެރެއިން ކުޑަކުޑަ ތިއްކަކަށްވުރެ ވެސް ކުޑަ މިންވަރެކެވެ. އެމަނިކުފާނު ރައީސްކަމަށް ވަޑައިގެންނެވިއިރު، މުޅި މިރާއްޖޭގައި ވެސް ތިބީ، ޔުނިވަރސިޓީ ތަޢުލީމު ޙާޞިލުކޮށްފައިވާ ފަސްދޮޅަހަކަށް ދިވެހިންނެވެ. އެމަނިކުފާނުގެ ވެރިކަމުގެ މުއްދަތުގައި، އެ ޢަދަދު ވަނީ، 3000 (ތިން ހާސް) އަށްވުރެ މައްޗަށް އަރާފައި ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ. އެހެނަސް، އެ ޢަދަދުން ކަމުގެ ޙަޤީޤަތް އޮޅުމެއް ނުފިލަ އެވެ. ޙަޤީޤަތް އޮޅުންފިލާނެ ޢަދަދަކީ، އެމަނިކުފާނުގެ ޒަޢާމަތުގައި، ޔުނިވަރސިޓީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދިޔަ މީހުންގެ ޢަދަދެވެ. އެ ފުރުޞަތު ލިބި، އެތައް ބަޔަކު އެ ފުރުޞަތުގެ ބޭނުންކޮށްފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.

ރައީސް މައުމޫން، ދިވެހި ދަރީންގެ ތަޢުލީމާއި ތަރުބިއްޔަތަށްޓަކައި ކުރެއްވި މިންނެތް މަސައްކަތްޕުޅުތައް، ދިވެހި ތާރީޚުގައި ރަން އަކުރުން ފަވާލަންޖެހެނީ، އަލިމަހުގެ ފިލާތަކުގައި ބިންވަޅުނަގައި، ޖަވާހިރުން އަތްކަން އަޅައިގެންނެވެ. މިވަރުން ވެސް، އެމަނިކުފާނަށް ޙައްޤުވެގެންވާ ޝުކުރާއި ތަޢުރީފު އަދައެއް ނުކުރެވޭނެ އެވެ. ދިވެހި ތާރީޚުގެ އެއްވެސް ހިސާބެއްގައި، އެއްވެސް މީހަކު، އެމަނިކުފާނާ ގާތްކުރެވޭ މިންވަރަކަށް، ދިވެހި ދަރީންގެ ތަޢުލީމާއި ތަރުބިއްޔަތަށް ޚިދުމަތް ކޮށްފައެއް ނުވެ އެވެ.

އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވުނީ، 11 ނޮވެމްބަރ 1978 ގަ އެވެ. ދިވެހިރާއްޖޭގެ ރައްޔިތުން ވަނީ، އެމަނިކުފާނު އެ މަޤާމަށް ވިދިވިދިގެން 6 ދައުރު އިންތިޚާބުކޮށްފަ އެވެ. އެމަނިކުފާނުގެ އެންމެ ފަހު ދައުރު ނިމިފައިވަނީ، 11 ނޮވެމްބަރ 2008 ގަ އެވެ. އެމަނިކުފާނު ރައީސްކަން ކުރެއްވި މުއްދަތަކީ، 30 އަހަރެވެ. އެހެނަސް، ތަޢުލީމާއި ތަރައްޤީގެ ގޮތުން، އެ 30 އަހަރަކީ، ދިވެހިރާއްޖެ އިސްލާމްވި ފަހުން އެމަނިކުފާނުގެ ރައީސްކަމާ ހަމައަށް ދިވެހި ތާރީޚުން އެނގެން އޮތް 825 އަހަރާ ނުބައްދަލު 30 އަހަރެކެވެ.

މާތް ﷲ، ރައީސް މައުމޫނު، ދިވެހި ދަރީންގެ ތަޢުލީމާއި ތަރުބިއްޔަތަށްޓަކައި ކުރެއްވި އަގުހުރި މަސައްކަތްޕުޅުތަކުގައި ބަރަކާތް ލައްވައި، އެމަނިކުފާނަށް ދެދުނިޔޭގެ ނިމުމެއް ނެތް ބާއްޖަވެރިކަމާއި، ރަޙުމަތާއި، ބަރަކާތް މިންވަރުކުރައްވާށި އެވެ! އާމީން!

ނިންމުން

މި މަޒުމޫނުގައި ބަޔާންވެދިޔަ މަޢުލޫމާތުގެ މައްޗަށް ނަޒަރު ހިންގައިލާއިރު، ފާހަގަކޮށްލަންޖެހޭ ނުކުތާތަކެއް ވެ އެވެ. އެ ނުކުތާތަކަކީ:

1.       ދިވެހިރާއްޖޭގެ ފުރަތަމަ ރަސްމީ މަދްރަސާ އަކީ، މާލޭ ހުކުރު މިސްކިތުގެ ދެކުނު ދޮރޯށީގެ ދަހުލީޒުގައި، އިސްކަންދަރު ރަސްގެފާނު ޤާއިމުކުރެއްވި މަދްރަސާއެއް ނޫނެވެ.

2. އިސްކަންދަރު ރަސްގެފާނަށްވުރެ ކުރިން، ބޮޑުތަކުރުފާނު ވަނީ، ސަރުކާރުގެ ފަރާތްޕުޅުން ހުވަދު އަތޮޅު ވާދޫގައި ހައިބަތުހުރި ތަޢުލީމީ މުއައްސަސާއެއް ޤާއިމުކުރައްވާފަ އެވެ. ވާދޫ ދަންނަކަލޭގެފާނު އިސްވެހުންނަވައިގެން ބޮޑުތަކުރުފާނުގެ އަމުރުފުޅާއެކު ޤާއިމުކުރެއްވި އެ މަދްރަސާއަކީ ވެސް، ދިވެހިރާއްޖޭގެ ފުރަތަމަ ރަސްމީ މަދްރަސާ ކަމުގައި ނުވެ އެވެ.

3. ދިވެހިރާއްޖެ ރަސްމީކޮށް އިސްލާމްވުމަށްފަހު، ދަރުމަވަންތަ ރަސްގެފާނު ވަނީ ފުޅާ ދާއިރާއެއްގައި ތަޢުލީމީ ޙަރަކާތެއް ހިންގަވާފަ އެވެ. އެހެނީ، އެ ރަދުން ވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ހުކުރު މިސްކިތްތައް ބިނާކުރައްވާފަ އެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ ތަޢުލީމު އުނގަންނައިދޭނެ އެދުރުން، މީހުން ދިރިއުޅޭ ރަށްރަށަށް ފޮނުއްވުމުގެ ބޮޑު މަޝްރޫޢެއް ހިންގަވާފަ އެވެ. އެ ޒަމާނަކީ، މަދްރަސާގެ ގޮތުގައި މިސްކިތްތައް ބޭނުންކުރެވުނު ޒަމާނެކެވެ. އެހެންކަމުން، އެ ރަދުން ބިނާކުރެއްވި މިސްކިތްތަކަކީ، މިރާއްޖޭގެ ފުރަތަމަ ރަސްމީ މަދްރަސާތައް ކަމަށް ޤަބޫލުކުރެވެ އެވެ.

4. ދިވެހިރާއްޖެ ރަސްމީކޮށް އިސްލާމްވުމުގެ ކުރިން، އަމިއްލަ ފަރާތްތަކުން އިސްލާމީ މަދްރަސާތައް ހިންގާފައި ވެ އެވެ.
އެއިން އެންމެ އިހުގެ އެއް މަދްރަސާއަކީ، އައްޑު އަތޮޅު މީދޫގައި، ޔޫސުފު ނާއިބު ޤާއިމުކުރެއްވި ހައިބަތުހުރި މަދްރަސާ އެވެ. އެ މަދްރަސާއިން ވަނީ، އައްޑުއަތޮޅާއި، ފުވައްމުލަކާއި، ހުވަދު އަތޮޅުގައި އިސްލާމްދީން ފަތުރާފަ އެވެ.

5. ދިވެހިރާއްޖޭގައި ޒަމާނީ ތަޢުލީމުގެ ފިކުރު އުފެއްދެވި ބާނީ އަކީ، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނެވެ.

6. ދިވެހި ތާރީޚު ދުވަހަކުވެސް ދެކިފައިނުވާ ދަރަޖައަކަށް، ދިވެހި ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގެ ބިޔަ މަޝްރޫޢެއް ހިންގެވި ހަމައެކަނި ވެރިޔަކީ، ރައީސް މައުމޫނެވެ. އެމަނިކުފާނަށްވުރެ ފުރިހަމައަށް އެފަދަ މަޝްރޫޢެއް ހިންގެވި އެއްވެސް ވެރިޔަކު، ދިވެހިރާއްޖޭގައި ވެރިކަން ކުރައްވާފައެއް ނުވެ އެވެ. ދިވެހި ދަރީންނަށް، ބޯފެނާއި ކާބޯތަކެތި ލިބޭ ފަދައިން، ތަޢުލީމާއި ތަރުބިއްޔަތު ލިބެންޖެހޭނެ ކަން ޤަބޫލުފުޅުކުރައްވައި، އެކަން ޙަޤީޤަތަކަށް ހެއްދެވީ އެމަނިކުފާނެވެ. ދިވެހިރާއްޖޭގައި ސާނަވީ ތަޢުލީމާއި، މަތީ ތަޢުލީމު ޢާއްމުކުރެއްވީ އެމަނިކުފާނެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮލެޖްތައް އުފެދި، އެއަށްފަހު، ޔުނިވަރސިޓީތައް އުފެދިގެންދިޔައީ ވެސް، އެމަނިކުފާނު ހިންގެވި ބިޔަ ތަޢުލީމީ މަޝްރޫޢުގެ ތެރެއިންނެވެ.

މާތް ﷲ، ދިވެހި ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދެއްވުމަށްޓަކައި މަސައްކަތްކުރެއްވި އެންމެހައި ބޭފުޅުންނަށް ރަޙުމަތާއި ބަރަކާތް ލައްވާށި އެވެ! މި ދުޢާގައި ވަކީން ޚާއްޞަކޮށް، ޔޫސުފު ނާއިބާއި، ދަރުމަވަންތަ ރަސްގެފާނާއި، ދިވެހިރާއްޖެ އިސްލާމްކުރެއްވި ޢިލްމުވެރި ވަލީވެރިޔާ އާއި، ބޮޑުތަކުރުފާނާއި، ވާދޫ ދަންނަކަލޭގެފާނާއި، އިސްކަންދަރު ރަސްގެފާނާއި، ރައީސް މުޙައްމަދު އަމީނާއި، ރައީސް މައުމޫނުގެ ނަންފުޅު ފާހަގަކުރަމެވެ. މާތް ﷲ، މިއެންމެ ބޭކަލުންނަށް ނިމުމެއް ނެތް ރަޙުމަތާއި ބަރަކާތް، މަތިމައްޗަށް މިންވަރުކުރައްވާށި އެވެ! އާމީން!
                ---------------------

މުޞަންނިފު: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން