ޝައިޠާނާއާ އެކު ދެއްކި ވާހަކަކޮޅެއް


ކަނު އަނދިރި ރެއެއްގައި، ރަޖަމްކުރެވިގެންވާ ޝައިޠާނާއާ މުޙާވަރާކުރީމެވެ. އެރޭ ފަތިހު ބަންގީގެ އަޑުއިވުމުން ފަތިސް ނަމާދަށް ދިއުމަށްޓަކައި ތެދުވީމެވެ. 

އެހިނދު ޝައިޠާނާ ބުންޏެވެ. "އަދި އިރުކޮޅަކު އޮށޯންނާށެވެ! ރޭގަނޑުގެ ވަގުތުތައް އަދިވެސް ލައްކަ ގިނައިރުވަންދެން ދެމިއޮންނާނެ އެވެ!"

އަހުރެން ބުނީމެވެ. "ފަރުޟު ނަމާދު ފާއިތުވެދާނެތީ ބިރުވެތިވަމެވެ."

ޝައިޠާނާ ބުންޏެވެ. "ހާސްނުވާށެވެ! ވަގުތަކީ، ނުހަނު ތަނަވަސް، އަދި އެހައިމެ ފުޅާ އެއްޗެކެވެ."

އަހުރެން ބުނީމެވެ. "ޖަމާޢަތުގައި ނަމާދުނުކުރެވިދާނެތީ ބިރުވެތިވަމެވެ."

ޝައިޠާނާ ބުންޏެވެ. "ކިޔަމަންގަތުމުގައި ހަރުކަށިވެ، ތިބާގެ ނަފުސަށް ދަތިނުކުރާށެވެ!"
ދެން ޝައިޠާނާގެ ބަހަށް ހެއްލި އިރުއަރަންދެން ނިދާފައި އޮތީމެވެ. ހެނދުނު ހޭލެވުނު ހިނދު، ޝައިޠާނާ އައިސް ކަންފަތްދޮށުގައި ވައިއަޑުން ބުންޏެވެ. 
"ފާއިތުވެއްޖެ ވަގުތަކާމެދު ހިތާމަނުކުރާށެވެ! މުޅި ދުވަހަކީ ވެސް ވަގުތުތަކެއް ނޫން ހެއްޔެވެ؟"

ދެން ޒިކުރުކުރުމުގެ ނިޔަތުގައި، ޒިކުރު ފޮތެއް ނަގައިގެން އިށީނީމެވެ. އެހިނދު، ޝައިޠާނާ އައިސް ފިކުރު ފޮތެއް ހުޅުވައިދިނެވެ!

އަހުރެން ބުނީމެވެ. "ބޭކާރު ކަންތައްތައް ތިބާ އަހުރެންގެ ހިތަށް ވައްދަނީ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ޒިކުރުކިއުމާއި، ދުޢާކުރުން ހަވީރުގެ ވަގުތަކަށް ފަސްކޮށްލާށެވެ!"
ދެން ތައުބާވުމަށް ޢަޒުމުކަނޑައެޅީމެވެ.

އެހިނދު ޝައިޠާނާ ބުންޏެވެ. "ޒުވާން ޢުމުރުގައި އުފާތައް ޙާޞިލުކުރާށެވެ!"

އަހުރެން ބުނީމެވެ. "ތައުބާނުވަނީސް މަރުވެދާނެތީ ބިރުވެތިވަމެވެ."

ޝައިޠާނާ ބުންޏެވެ. "ތިބާގެ ޢުމުރު، ތިޔަ ހީކުރާހައި ކުރެއް ނުވާނެ އެވެ."

ދެން އަހުރެން އަލްޙަމްދުން ފަށައިގެން ކީރިތި ޤުރުއާން ކިޔަވަން ފެށީމެވެ.

އެހިނދު ޝައިޠާނާ ބުންޏެވެ. "މިއުޒިކާއި ލަވައިން ތިބާގެ ހިތަށް ހަމަޖެހުން ހޯދާށެވެ!"

އަހުރެން ބުނީމެވެ. "މިއުޒިކާއި ލަވަ އަޑުއެހުމަކީ ޙަރާމްކަމެކެވެ."

ޝައިޠާނާ ބުންޏެވެ. "އެއީ، ބައެއް ޢިލްމުވެރިން ދައްކަވާ ދޮގު ވާހަކައެކެވެ."

އަހުރެން ބުނީމެވެ. "އެއީ ޙަރާމްކަމެއް ކަމަށް ވާރިދުވެފައިވާ ޙަދީޘްފުޅުތައް ދައްކަން ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އެ ހުރިހައި ޙަދީޘްތަކަކީ، ބަލިކަށި ޟަޢީފު ޙަދީޘްތަކެކެވެ."

އެހިނދު އަހަރެމެންގެ ކުރިމަތިން ރީތި ޖިންސްލަޠީފަކު ކުރިކަނޑައިލާތަން ފެނުމުން އިސްދަށަށްޖެހީމެވެއެހިނދު ޝައިޠާނާ ބުންޏެވެ. 
"ތިބާ އިސްދަށަށްޖެހީ ކީއްވެ ހެއްޔެވެ؟"

އަހުރެން ބުނީމެވެ. "ޖިންސްލަޠީފުންގެ ޢައުރަ ބެލުމަކީ ޙަރާމްކަމެއް ކަމެއްކަމުގައި ވާތީ އެވެ."

ޝައިޠާނާ ބުންޏެވެ. "ޖިންސްލަޠީފުންގެ ރީތިކަމާމެދު ފިކުރުކުރާށެވެ! ފިކުރުކުރުމަކީ، ޙަލާލުކަމެއް ނޫންހެއްޔެވެ؟"

އަހުރެން ގެފުޅަށް ދަނިކޮށް، މަގުމަތިން ބައްދަލުކޮށް، ޝައިޠާނާ ބުންޏެވެ.
"ތިބާ ތިޔަކުރަނީ ކޮން ދަތުރެއް ހެއްޔެވެ؟"

އަހުރެން ބުނީމެވެ. "މިދަނީ ޢުމުރާވުމަށް ނިޔަތްގަނެގެން، ކަޢުބަތުﷲ ގެފުޅަށެވެ."

ޝައިޠާނާ ބުންޏެވެ. "ޢުމުރާގެ ދަތުރަކީ، ގިނަގުނަ ދަތިތަކާ ކުރިމަތިލާންޖެހޭނެ ދަތުރެކެވެ. ޢުމުރާއަށް ނުގޮސް ކުރެވިދާނެ ގިނަގުނަ ހެޔޮކަންތައްތައް އެބަހުއްޓެއް ނޫންހެއްޔެވެ؟"

އަހުރެން ބުނީމެވެ. "އިޞްލާޙުވުމަށްޓަކައި މިފަދަ ޢަމަލުތައް ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ."

ޝައިޠާނާ ބުންޏެވެ. "މީހާ ކުރާ ޢަމަލަކީ، އޭނާ ސުވަރުގެއަށް ވައްދައިދޭނެ އެއްޗެއް ނޫނެވެ."

ބަޔަކަށް ނަޞީޙަތް ދިނުމުގެ ނިޔަތުގައި އަހުރެން ދިޔައީމެވެއެހިނދު ޝައިޠާނާ އައިސް ބުންޏެވެ. 
"ފަޟީޙަތްވާން ނުދާށެވެ!"

އަހުރެން ބުނީމެވެ. "ނަޞީޙަތް ދިނުމަކީ، މީހުންނަށް ފައިދާކުރާނެ ކަމެކެވެ."

ޝައިޠާނާ ބުންޏެވެ. "ތިކަމުގެ ސަބަބުން ތިބާއަށް ޝުހުރަތެއް ލިބިދާނެތީ ބިރުވެތިވަމެވެ. ޝުހުރަތަކީ، ފަސާދައިގެ ބޮލެވެ."

އަހުރެން ބުނީމެވެ. "ބައެއް ބޭކަލުންނާމެދު ތިބާ ދެކޭ ގޮތް ބުނެދީފާނަން ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ކިތަންމެ ބަޔަކާއި، ކިތަންމެ ކަމަކާމެދު ތިމަން ދެކޭ ގޮތް ބުނެދީފާނަމެވެ."

އަހުރެން ބުނީމެވެ. "އިމާމު އަޙްމަދު ބްނު ޙަންބަލް އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ހިފެހެއްޓުމަށް އޭނާ ވިދާޅުވި ބަސްފުޅުން ތިމަން ކަތިލި އެވެ."

އަހުރެން ބުނީމެވެ. "އިބްނު ތައިމިއްޔާ އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ކޮންމެ ދުވަހަކުމެ އޭނާ ތިމަންގެ ބޮލުގައި ތަޅުއްވަ އެވެ."

އަހުރެން ބުނީމެވެ. "އިމާމު ބުޚާރީ އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އޭނާގެ ފޮތް، ތިމަންގެ ގެދޮރު އަންދައި އަޅިޔަށް ހަދައިލި އެވެ."

އަހުރެން ބުނީމެވެ. "ޙައްޖާޖު ބްނު ޔޫސުފު އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "މިދުނިޔޭގައި އެއްހާސް ޙައްޖާޖު ހުންނާނެ ނަމަ އެވެ. އޭނާގެ ސީރަތަކީ، ތިމަންމެންގެ ހިތްތަކަށް އުފާލިއްބައިދޭ ވާހަކައެކެވެ. އޭނާގެ މަންހަޖަކީ، ތިމަންމެންގެ ބަލިތަކަށް ޝިފާ ލިއްބައިދޭ ފަރުވާއެކެވެ."

އަހުރެން ބުނީމެވެ. "ފިރުޢައުނާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ތިމަންމެން އޭނާއަށް ވާގިވެރިވެ، ނަޞްރުދިނީމު އެވެ."

އަހުރެން ބުނީމެވެ. "ޙިއްޠީން ހަނގުރާމައިގެ ބަޠަލު، ޞަލާޙުއްދީނުލް އައްޔޫބީ އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އޭނާގެ ވާހަކަ ނުދައްކާށެވެ! އޭނާގެ ފައިދަށުވެ ތިމަންމެން ވަނީ ވެއްޔާ މޮޑެވިފަ އެވެ."

އަހުރެން ބުނީމެވެ. "މުޙައްމަދު ބްނު ޢަބްދުލްވައްހާބު އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އޭނާގެ ގޮވައިލެއްވުން، ތިމަންމެންގެ ގައިގައި ހުޅުޖަހައި، ތިމަންމެންގެ ބޮލަށް ގިނިހިލަ އޮއްސައިލި އެވެ."

އަހުރެން ބުނީމެވެ. "އަބޫޖަހުލު އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އޭނާއަކީ، ތިމަންމެންގެ ނުހަނު ގާތް އަޚެކެވެ. ތިމަންމެންގެ ޢާއިލާ ފުރިހަމަވަނީ، އޭނާ ހިމަނައިގެންނެވެ."

އަހުރެން ބުނީމެވެ. "އަބޫލަހަބު އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އޭނާ ދިޔަ ކޮންމެ ތަނަކަށް ތިމަންމެން ދިޔައީމު އެވެ."

އަހުރެން ބުނީމެވެ. "ލެނިން އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ތިމަންމެން ވާނީ، ސްޓާލިން އާއެކު އޭނާ ވެސް ޖަހަންނަމަ އަށް ފޮނުވައިލާފަ އެވެ."

އަހުރެން ބުނީމެވެ. "ބަދުއަޚުލާޤީ ނޫސް މަޖައްލާތަކާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ތިމަންމެންގެ ދީނާއި، މަންހަޖާއި، ޝަރީޢަތް ވާނީ އޭގަ އެވެ."

އަހުރެން ބުނީމެވެ. "ޑިޝް އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އޭގެ ޒަރީޢާއިން، ތިމަންމެން އިންސާނުން ވަލުޖަނަވާރުގެ ދަރަޖައަށް ވައްޓައިލަމު އެވެ."

އަހުރެން ބުނީމެވެ. "ސައިހޮޓާތަކާއި، ކޮފީޝޮޕްތަކާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އާވާރާވެގެން އެތަންތަނަށް ދާ ކޮންމެ މީހަކަށް ތިމަންމެން މަރްޙަބާ ކިޔާނަމު އެވެ."

އަހުރެން ބުނީމެވެ. "ޝައިޠާނުން ޒިކުރުކުރަނީ ކޮންއެއްޗަކުން ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "މިއުޒިކާއި ލަވައިންނެވެ."

އަހުރެން ބުނީމެވެ. "ޝައިޠާނުންގެ މަސައްކަތަކީ ކޮބައިހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ވަސްވާސްދިނުމާއި، މަގުފުރެއްދުމެވެ."

އަހުރެން ބުނީމެވެ. "ބާޒާރުތަކާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އެތާނގެ އަހުލުންނަށް މަކަރާއި ޙީލަތް ދަސްކޮށްދެމު އެވެ."

އަހުރެން ބުނީމެވެ. "ތިބާ، ފިރިހެނުން މަގުފުރައްދަނީ ކިހިނަކުން ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ޝައްކާއި، ވަހުމާއި، އެދުންވެރިކަމާއި، ކުޅިވަރާއި، ލަވައާއި، ވަސްވާހުންނެވެ."

އަހުރެން ބުނީމެވެ. "ތިބާ، އަންހެނުން މަގުފުރައްދަނީ ކިހިނަކުން ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ބަރަހަނާވުމާއި، ޙަރާމްކަންތައް ކުރުމާއި، އަމުރަށް ނުކިޔަމަންތެރިވުން ޒީނަތްތެރިކޮށްދީގެންނެވެ."

އަހުރެން ބުނީމެވެ. "ތިބާ، ޢިލްމުވެރިން މަގުފުރައްދަނީ ކިހިނަކުން ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ތިމާއަށް ތިމާފެނުމާއި، ކަންދެއްކުމާއި، ކިބުރުވެރިކަމާއި، މޭ ފުރޭވަރަށް އޮއްސައިލާ ޙަސަދައިންނެވެ."

އަހުރެން ބުނީމެވެ. "ތިބާ، އާންމުން މަގުފުރައްދަނީ ކިހިނަކުން ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ޣީބަބުނުމާއި، ދެބައޮޑުވުމާއި، ޔޯލަވާހަކަ ދެއްކުމާއި، ބޭކާރު ކަންތައްތަކުންނެވެ."

އަހުރެން ބުނީމެވެ. "ތިބާ، ވިޔަފާރިވެރިން މަގުފުރައްދަނީ ކިހިނަކުން ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ރިބާ ކެއުމާއި، ޞަދަޤާތް ނުދިނުމާއި، ޒަކާތްދިނުމުން މަނާވެގަތުމާއި، އިސްރާފުކުރުމުންނެވެ."

އަހުރެން ބުނީމެވެ. "ތިބާ، ޒުވާނުން މަގުފުރައްދަނީ ކިހިނަކުން ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ޢިޝްޤާއި، ޝަހުވާނީ އެދުންވެރިކަމާއި، ދީނަށް ފުރަގަސްދިނުމާއި، ޙަރާމްކަންތައްތަކަށް އަރައިގަތުމުންނެވެ."

އަހުރެން ބުނީމެވެ. "ތިބާ، ޔަހޫދީންގެ ދައުލަތް ކަމުގައިވާ އިސްރާއީލާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ނަމަނަމަ ތިބާ ޣީބަ ނުބުނާށެވެ! ޣީބަ ބުނުމަކީ، މުޞީބާތެކެވެ. އިސްރާއީލަކީ، ތިމަންމެންގެ ހިތްތަކާ ނުހަނު ގާތް، ލޯބިވެތިކަންބޮޑު ޤައުމެކެވެ."

އަހުރެން ބުނީމެވެ. "އަބޫ ނުއްވާސް އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ތިމަންމެން، ލޮލުން ބޮލުން އޭނާގެ ޤަދަރު މަތިވެރިކުރަމު އެވެ. އަދި އޭނާގެ ޅެންތަކުން ތަންތަންކޮޅު ނަގައިގެން މީހުން މަގުފުރައްދަމު އެވެ."

އަހުރެން ބުނީމެވެ. "މިޒަމާނުގެ ޒަމާނީ މީހުންނާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އެމީހުންނަށް ތަޢުލީމު ލިބިފައިވަނީ، ވާރުތަވުމުގެ ޒަރީޢާއިން ސީދާ ޝައިޠާނުންގެ ތަރިކައިންނެވެ."

އަހުރެން ބުނީމެވެ. "ޢަލްމާނީންނާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ތިމަންމެންގެ އީމާންކަން ބިނާވެފައިވަނީ ޢަލްމާނީ ފިކުރުގެ މައްޗަށެވެ. ޢަލްމާނީންނަކީ، ދައްޖާލުގެ އަހުލުވެރިންނެވެ."

އަހުރެން ބުނީމެވެ. "ވޮޝިންޓަނާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ތިމަންގެ ބޯއީފްރެންޑާއި ގާލްފްރެންޑް ވާނީ އެތާނގަ އެވެ. ތިމަންގެ ލަޝްކަރާއި ޢަސްކަރު ވެސް ވާނީ އެތާނގަ އެވެ. އެއީ، ތިމަންގެ އުފަން ސަހަރެވެ."

އަހުރެން ބުނީމެވެ. "ސީދާވެގެންވާ ތެދުމަގަށް ގޮވައިލާ މީހުންނާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އެމީހުން ތިމަންނައަށް ލައްކަ ގިނަ އަނިޔާތައް ކޮށްފި އެވެ. ތިމަން ބިނާކުރާ ކޮންމެ ބިނާއެއް އެމީހުން ފުނޑުފުނޑުކޮށްލަ އެވެ. ތިމަން ލަވައެއް ކިޔައިފިނަމަ، އެމީހުން ޤުރުއާން ކިޔަވަ އެވެ. ތިމަން ކައިރިވެއްޖެނަމަ، އެމީހުން އަޢޫޛު ކިޔަ އެވެ."

އަހުރެން ބުނީމެވެ. "ނޫސް މަޖައްލާތަކާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އެއާއެކު ބޭކާރު ގޮތުގައި ވަގުތު ނަގައިލުމަށް ތިމަންމެން މަގުދައްކަމު އެވެ. އެގޮތުގައި މުއްސަނދިން ޢުމުރު ހޭދަކުރުމަށް ތިމަންމެން ބާރުއަޅަމު އެވެ. ނޫސް މަޖައްލާތަކުގެ ޒަރީޢާއިން އެތައް ބަޔެއްގެ މުދާތައް ވެސް ތިމަންމެން ނިގުޅައިގަންނަމު އެވެ."

އަހުރެން ބުނީމެވެ. "ބީބީސީ އާމެދު ބުނަނީ ކީކޭ ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އެއީ، ތިމަންމެން ދުނިޔޭގެ ކަންކޮޅުތަކަށް ވިހަލުމަށް ބޭނުންކުރާ ވަސީލަތެކެވެ. އަދި އެއީ، ތިމަންމެން ޢަރަބީންނާއި ޢަޖަމީންގެ ތެރޭގައި ހަނގުރާމަކުރުމަށް ބޭނުންކުރާ ކަނޑިއެކެވެ."

އަހުރެން ބުނީމެވެ. "ތިބާ ކާޅަށް ދިނީ ކޮން ވަސްވާހެއް ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އެސޮރުގެ އަޚާ ޤަތުލުކޮށް ވަޅުލުމަށް ވަސްވާސްދިނީމެވެ."

އަހުރެން ބުނީމެވެ. "ތިބާ ޤާރޫނަށް ދިނީ ކޮން ވަސްވާހެއް ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އޭނާގެ ގާތުގައި ބުނީމެވެ. މަކަރުވެރި މުސްކުޅިޔާގެ ދަރިޔާ އެވެ! ތިބާގެ މުށުތެރެއަށް ޚަޒާނާތައް ލާށެވެ! ފަހެ، ތިބާއަކީ، ބޮޑުންގެ ތެރެއިންވާ ހައިބަތުހުރި ރަމްޒެކެވެ."

އަހުރެން ބުނީމެވެ. "ތިބާ ފިރުޢައުނަށް ދިނީ ކޮން ވަސްވާހެއް ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އޭނާގެ ގާތުގައި ބުނީމެވެ. ގަނޑުވަރުގެ މާތް ސާހިބާ އެވެ! މިޞްރުގެ ވެރިކަން އޮތީ ތިބާގެ މުށުތެރޭގައި ކަމަށް ބުނާށެވެ! ނަޞްރު ލިބޭނީ ތިބާއަށް ކަން ކަށަވަރެވެ."

އަހުރެން ބުނީމެވެ. "ބަނގުރާ ބޯ މީހުންނަށް ތިބާ ދެނީ ކޮން ވަސްވާހެއް ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އެމީހުންގެ ގާތުގައި ބުނަމެވެ. މޭބިސްކަދުރުގެ ދިޔައިން ހަދާފައިވާ ފަނިތަށްޓެއް ބޯލާށެވެ! އޭރުން ހިތްހަމަޖެހުން ލިބި، މުނިއަވަސްފިލާނެ އެވެ. އެއަށްފަހު، ތައުބާވެވިދާނެ އެވެ."

އަހުރެން ބުނީމެވެ. "ތިބާގެ ހަލާކު ލައްވާފައިވަނީ ކޮން އެއްޗެއްގައި ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "ތިމަންގެ ހަލާކު ލައްވާފައިވަނީ، ކުރުސި އެވެ، ކިޔާ އާޔަތުގަ އެވެ. އެ އާޔަތް ކިޔަވަން ފެށުމުން ތިމަންގެ ނޭވާ ހޮޅިއަށް އެޅި، ފުރާނަ ހަށިގަނޑުން ވަކިވާން އުޅެ އެވެ."

އަހުރެން ބުނީމެވެ. "ތިބާގެ ގާތުގައި އެންމެ މަޤުބޫލުކަން ބޮޑު ބަޔަކީ ކޮބައި ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "އެއީ، ލަވަކިޔާ މީހުންނާއި، ދޮގުބަހުން ޅެން ހަދާ މީހުންނާއި، އުރެދޭ މީހުންނާއި، ފާޖިރުންނާއި، މުޖުރިމުންނާއި، ނުބައި ކަންކަމަށް ލޯބިކުރާ މީހުންނެވެ."

އަހުރެން ބުނީމެވެ. "ތިބާ އެންމެ ބޮޑަށް ރުޅިއަންނަނީ ކޮން ބަޔަކު ދެކެ ހެއްޔެވެ؟"
ޝައިޠާނާ ބުންޏެވެ. "އެއީ، ނަމާދުކުރާ މީހުންނާއި، އަޅުކަންކުރާ މީހުންނާއި، މާތް ﷲ ގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ މީހުންނެވެ."

ޝައިޠާނާ މިހެން ބުނުމުން އަޢޫޛު ކިޔަން ފެށީމެވެއެހިނދު އެސޮރު ހުރިތަނަށް ގަންބަވައިގަތް އެއްޗެއްހެން ޣާއިބުވެއްޖެ އެވެ! ކައްޒާބުންގެ ޖަޒާއަކީ އެއީ އެވެ!
                ------------------

މުޞަންނިފު: 
ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބްނު ޢަބްދުﷲ އަލްޤަރްނީ

ތަރުޖަމާ: 
އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން

މަޞްދަރު:  كتاب مقامات القرني
ފަޟީލަތުއްޝައިޚު ޑރ. ޢާއިޟު ބްނު ޢަބްދުﷲ އަލްޤަރްނީ (عائض بن عبد الله القرني)
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 31 ޑިސެމްބަރ 1959 ގައި، ސަޢޫދީ ޢަރަބިއްޔާގަ އެވެ. އޭނާއަކީ، ދީނީ ކަންކަމުގައި މެދުމިނަށް ލޯބިކުރައްވާ، ސުންނަތްޖަމާޢަތުގެ ޢިލްމުވެރިއެކެވެ. ކުޅަދާނަ ޚަޠީބެކެވެ. ހުނަރުވެރި އަދީބެކެވެ. ޙިލްމުވެރި ޝާޢިރެކެވެ. އޭނާ ލިއުއްވާފައިވާ ފޮތްތަކުގެ ޢަދަދު، 50 (ފަންސާސް) އަށްވުރެ ގިނަ އެވެ.